ދަރަނި އަދާކުރަން ދަރަނި ނަގަމުން ގޮސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް ގޮސްފައިވާ ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ދަރަނި 99 ބިލިއަން ފަހަނައަޅާ ވަނީ ގޮސްފައެވެ. އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނި އަދާކުރަން ދަރަނި ނަގަމުން ގޮސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ދަރަނީގެ މި ވިހަ ބުރުން މިންޖުނުވެއްޖެނަމަ ބޮޑެތި ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވެރިކަމަށް ހަތަރު އަހަރު ނުވަނީސް 37 ބިލިއަންގެ ދަރަނި ވަނީ އިތުރުވެފައެވެ. މިއީ ފަހުގެ ތާރީހެއްގައި މި މިންވަރުގެ މުއްދަތެއްގައި ދަރަނި މި މިންވަރަށް އުފެއްދި ފުރަތަމަ ފަހަރެވެ.
ފިނޭންސުން ބުނި ގޮތުގައި ދަރަނި އިތުރުވި މައިގަނޑު ސަބަބަކީ ހަރަދުތައް ހަމަޖެއްސުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ނެގި ލޯނު އިތުރުވުމެވެ.
ދައުލަތުގެ ދަރަނި 99 ބިލިއަން ފަހަނައަޅާ ގޮސް އެކަމުގެ ކަންބޮޑުވުން އޮތްއިރު މިއަހަރާ އަދި ކުރިއަށް އޮތް ދެ އަހަރުވެސް ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށެވެ.
އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅުއްވޭނެ ފިޔަވަޅުތައް ގެންދަވަނީ އަޅުއްވަމުންނެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ރިޒޯޓުތަކުން ނަގާ ލޭންޑް ރެންޓް ކުޑަކުރުމަށް ނިންމާފައި އޮތް ނިންމުން މިވަގުތަށް މަޑުޖައްސާލަން ނިންމެވި ނިންމެވުމެވެ. އަދި އެ ނޫން ފިޔަވަޅުތައްވެސް ކުރިއަށްއޮތްތާ އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް ކަމަށާ މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުވެސް ދަރަނި ދެއްކުމުގައި ދައްޗެއް ނެތި ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އިގްތިސާދީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް އެ ދަތިތަކާ އެކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާ އެކީ ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާ އެކީގައި ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް. އެގޮތުން މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ތިޔަބޭފުޅުންގެ މައުލޫމާތަށްޓަކައި ޔަގީންކަމާއެކުގައި އަޅުގަނޑު ދަންނަވާލަން. އަދި ހަމަ އެއާއެކުގައި ކުރިއަށް އޮތް އަހަރު 2023 ވަނަ އަހަރު 2024 ވަނަ އަހަރުވެސް އެކަމުގައި ދައްޗެއް ނެތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް އެރޭ ވިދާޅުވިއެވެ.