ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިހާތަނަށް އުފެއްދި 37 ބިލިއަން ރުފިޔާގެ ދަރަންޏަކީ ސިޔާސީ ނާޗަރަންގީއަށް ކުރި ހަރަދުތަކުގެ ނަތީޖާ ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ދައުލަތުގެ ދަރަނި 99 ބިލިއަން ފަހަނައަޅާ ދިއުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައެވެ. ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ދެއްކެވި ވާހަކަތަކުގައި ރައީސް ސޯލިހް ވަނީ ސިޔާސީ މަގާމުތަކަށް ކުރައްވާ ހޭދަ ބޮޑުތަނުން ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީ ސިޔާސީ މަގާމުތަކަށް ކުރައްވާ ހޭދަ ބޮޑު ކަމުން ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 400 އިން މައްޗަށް ނުގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޖަމީލް ވަނީ ޑަޒަނުން ސިޔާސީ މަގާމުތަކަށް ހަރަދު ކުރައްވަން ނުޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަށާ އަދި ސިޔާސީ މަގާމުތަކުގެ އަދަދު 400 އިން މައްޗަށް ނުގެންދަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު 1،300 ވުރެ ގިނަ ސިޔާސީ މަގާމުތައް އެމަނިކުފާނު އުފައްދަވާ ކަމަށް ވިދާޅުވިއެވެ.
މިއީ މި ފަހުން އެކުލަވާލެވުނު އެންމެ މަތިބަރު ސަރުކާރެވެ. ސިޔާސީ މަގާމުތަކަށް ބޮޑު ހޭދައެއް ކުރާތީ ސަރުކާރަށް ވަރަށް ބޮޑު ފާޑުކިއުމެއް އޮވެއެވެ. ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ވެރިކަމަށް ހަތަރު އަހަރު ނުވަނީސް 37 ބިލިއަންގެ ދަރަނި އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ދަރަންޏަކީ ސިޔާސީ ނާޗަންރީއަށް ހޭދަކުރި ފައިސާ ކަމަށް ވިދާޅުވިއެވެ.
"ގައުމު އިފްލާސްވާއިރުވެސް ސަރުކާރު ގާފިލުވެ ހަދާނެ ގޮތް ނޭންގިފައި،" ޖަމީލް ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނި 99 ބިލިއަން ފަހަނައަޅާ ގޮސް އެކަމުގެ ކަންބޮޑުވުން އޮތްއިރު މިއަހަރާ އަދި ކުރިއަށް އޮތް ދެ އަހަރުވެސް ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި އިގްތިސާދުގެ އަމާޒު ހުރީ ރަނގަޅަށެވެ.
އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅުއްވޭނެ ފިޔަވަޅުތައް ގެންދަވަނީ އަޅުއްވަމުންނެވެ. އެއް ކަމަކަށް ފާހަގަ ކުރެއްވީ ރިޒޯޓުތަކުން ނަގާ ލޭންޑް ރެންޓް ކުޑަކުރުމަށް ނިންމާފައި އޮތް ނިންމުން މިވަގުތަށް މަޑުޖައްސާލަން ނިންމެވި ނިންމެވުމެވެ. އަދި އެ ނޫން ފިޔަވަޅުތައްވެސް ކުރިއަށްއޮތްތާ އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް ކަމަށާ މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުވެސް ދަރަނި ދެއްކުމުގައި ދައްޗެއް ނެތި ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
އިގްތިސާދީ ގޮތުން ދަތިތަކެއް ހުރި ނަމަވެސް އެ ދަތިތަކާ އެކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާ އެކީ ހަރަދުތައް ކުޑަކޮށް އަޅަންޖެހޭ ފިޔަވަޅުތަކާ އެކީގައި ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން ދައްކަމުންދާ އެއްޗެއް. އެގޮތުން މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ތިޔަބޭފުޅުންގެ މައުލޫމާތަށްޓަކައި ޔަގީންކަމާއެކުގައި އަޅުގަނޑު ދަންނަވާލަން. އަދި ހަމަ އެއާއެކުގައި ކުރިއަށް އޮތް އަހަރު 2023 ވަނަ އަހަރު 2024 ވަނަ އަހަރުވެސް އެކަމުގައި ދައްޗެއް ނެތި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން،" ރައީސް އެރޭ ވިދާޅުވިއެވެ.