ދައުލަތުގެ ހަރަދު ފޫބަށްދަން ވިއްކަމުން ގެންދާ ޓީބިލާއި ބޮންޑު ވިއްކުމުގެ އިދާރީ މަސައްކަތް އެމްއެމްއޭ އިން ފިނޭންސް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދަރަނި ނެގުމުގެ އެންމެހާ އިދާރީ ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޓްރެޒަރީ ބިލާއި ބޮންޑް ރަށްވެހި ބާޒާރަށް ވިއްކުމުގެ އިދާރީ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސަށް ބަދަލު ކޮށްފައިވާ ކަމަށެވެ.- ކުރިން މި މަސައްކަތް ކުރަމުން ގެންދިޔައީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިންނެވެ.
މިބަޔާނުގައި ބުނީ މި ބަދަލު ގެނެސްފައިވަނީ ބައިނަލްއަގުވާމީ ހަމަތަކާއި ވޯލްޑް ބޭންކު އަދި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ލަފާގެ މަތިން ދަރަނި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.
ޓީބިލާއި ބޮންޑް ފުރަތަމަ ތައާރަފް ކުރެވުނީ ސެޕްޓެމްބަރު 10، 2006 ގައެވެ. ޓީބިލާއި ބޮންޑް ތައާރަފު ކުރެވުނީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، ރަށްވެހި ބާޒާރު [ސެކިއުރިޓީޒް ވިއްކުން] ތަރައްގީކުރުމަށާއި ދަރަނީގެ ޕޯޓްފޯލިއޯ ޑައިވާސިފައި ކުރުމަށެވެ. އަދި މިކަން މިހާތަނަށް ކުރަމުން އައިސްފައިވަނީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެޖެންޓެއްގެ ހައިސިއްޔަތުން މަރުކަޒީ ބޭންކުންނެވެ. ނަމަވެސް ސެކިއުރިޓީސް އާއި ގުޅުންހުރި ދަރަންޏާއި ދައުލަތުގެ ޖުމްލަ ދަރަނި ރިކޯޑްކޮށް ބެލެހެއްޓަމުގެ އެންމެހާ މަސައްކަތް މިހާތަނަށް ކުރަމުން އައިސްފައިވަނީ ފިނޭންސް މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން ބުނީ ދައުލަތުގެ ދަރަނި ބަލަހައްޓާ ނިޒާމު ހަރުދަނާ ކުރުމަށް ގެނައި މި ބަދަލުގެ ދަށުން އެތެރޭގެ ބާޒާރަށް ޓްރެޒަރީ ބިލާއި ބޮންޑު ވިއްކުމުގެ ވަސީލަތްތައް، ބައިނަލްއަގުވާމީ އިދާރާތަކުގެ އެހީތެރިކަމާއި އެކު އެ މިނިސްޓްރީގައި ބިނާކުރެވިފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ގެނެވުނު ބަދަލަކީ ހެޔޮ ބަދަލެއް ކަމަށާ، މި ބަދަލާއި ގުޅިގެން މިނިސްޓްރީ އާއި ދައުލަތުގެ ޓީ ބިލާއި ބޮންޑު ފަދަ ތަކެތި ގަންނަ ފަރާތްތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރަށްވެހިބާޒާރު ފުޅާކޮށް ތަރައްގީ ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. މީީގެއިތުރުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ތަންފީޒ ކުރުމުގައި މަރުކަޒީ ބޭންކަށާއި އަދި ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
ރަށްވެހި ބާޒާރަށް ވިއްކާ މިފަދަ ދައުލަތުގެ ސެކިއުރިޓީތަކުގެ ރެގިއުލޭޓާ އަކީ ކުރިއެކޭ ވެސް އެއްގޮތަށް މަރުކަޒީ ބޭންކެވެ. އަދި މި ސެކިއުރިޓީތަކުގެ ސެޓްލްމަންޓް ވެސް ހިންގާނީ މަރުކަޒީ ބޭންކުންނެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ މާލީ ރަށްވެހި ބާޒާރު އިތުރަށް ހަރުދަނާ ކުރުމަށް މަރުކަޒީ ބޭންކާ އެކު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ރަށްވެހި ބާޒާރަށް އާ ޓީބިލް ސެކިއުރިޓީތައް ތައާރަފް ކުރުމާއި ސެކިއުރިޓީ ވިއްކުމުގެ ކަންކަން ހަރުދަނާ ކުރުމަށް އިންފްރާސްޓަރަކްޗާ ބިނާ ކުރުމާއި ގާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެ އެވެ.