އެމެރިކާ ޑޮލަރު

ޑޮލަރުގެ އަގު 16.75ރ. އަށް ވެއްޓިއްޖެ

ރާއްޖޭގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އެރުމަށް ފަހު ޑޮލަރުގެ އަގު ދަށްވެ، 16.75ރ. އަށް ވެއްޓިއްޖެ އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ "ޑޮލޮރައިޒް އިކޮނޮމީ" އަކަށްވުމުން އަބަދު ވެސް ޑޮލަރަށް ޑިމާންޑް އޮވެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޑޮލަރުގެ އަގު ވަނީ ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް މަތި ވެފަ އެވެ. ޑޮލަރުގެ އަގު މަތި ވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި ޑޮލަރު ތާށިވި ވަގުތު މިކަން ބޮޑު ވަގު ވިޔަފާރިއެއް ގެ ގޮތުގައި ކުރަން ފުރުސަތު އޮތުން ހިމެނެ އެވެ.

އެހެންވެ ޑޮލަރެއްގެ އަގު 20ރ. އަށް އަރައިގެން ދިޔަ އެވެ. ނަމަވެސް މިއަދު ބާޒާރުގައި ޑޮލަރު ވިއްކަނީ 16.70ރ. އާއި 16.80ރ. އާ ދެމެދުގަ އެވެ.

ރާއްޖޭގެ މާކެޓް ރެގިއުލޭޓް ކުރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު ދަށްވުމުގައި ދެ ކަމެއް ފާހަގަ ކުރެވެ އެވެ. އެއް ކަމަކީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވެފައިމެ، ބޭރު ފައިސާގެ ތާށިކަން އައުމާއެކު މަރުކަޒީ ބޭންކުން ރާއްޖޭގެ ބޭންކް ތަކަށް ފޯރުކޮށްދޭ ޑޮލަރު އަދަދު އިތުރު ކުރުން ހިމެނެ އެވެ. އަނެއް ކަމަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެފައިވުމެވެ.

ޑޮލަރުގެ އަގު ދަށްވެގެން ގޮސްފައިވާއިރު ރާއްޖޭގައި ޓޫރިޒަމް ވަނީ ރަނގަޅުވާން ފަށާފަ އެވެ. މިދިޔަ އަހަރު 555،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިހާތަނަށް ރާއްޖެއަށް 192،378 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް 90،000 ޓޫރިސްޓުން އަންނަ ކަމަށް ހިސާބު ތަކުން ދައްކަ އެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށްވުމުގައި އިމްޕޯޓް ޑިމާންޓް ނެތުމަކިީ އެއް ސަބަބެކެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ އިމްޕޯޓް ވަނީ 24 ޕަސެންޓް ދަށްވެފަ އެވެ.

ސަރުކާރުން ވަނީ ޑޮލަރު މައްސަލަ އަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ގެންނަ ބަދަލުތަކުގެ މައުލޫމާތު ސަރުކާރުން އަދި ބުނެފައެއް ނުވެ އެވެ.