ވިޔަފާރި

ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން، ދާއިމީ ހައްލެއް ގެންނަނީ

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރު ކަޅު ބާޒާރުގެ މައްސަލަ ހައްލު ކުރަން މިހާރު ގެންނަން ނިންމާފައިވާ ބަދަލުގެ ސަބަބުން މި މައްސަލަ ދާއިމީކޮށް ހައްލު ލިބޭނެ ސަރުކާރުން ކަމަށް ބުނެފި އެވެ.

އިގްތިސޯދު ހީނަރުވާ ކޮންމެ ފަހަރަކު ޑޮލަރު މައްސަލަ ގޯސްވަމުންދާ މައްސަލަ ހައްލު ކުރަން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން މިހާރު ގެންނަން ނިންމާފައިވާ ބަދަލާއެކު ޑޮލަރު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ. ނަމަވެސް ގެންނަން އުޅެނީ ކޮން ބަދަލެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

"ކޮންމެ ބޭފުޅަކު ވެސް ބޭނުން ވާނީ 15.42ރ. ހިފައިގެން ދިޔައީމަ އެ އަގުގައި ޑޮލަރު ލިބުން. އަޅުގަނޑުމެން މިހާރު އެމްއެމްއޭއާއެކު ވެސް މަސައްކަތް ތަކެއް އެބަ ކުރަން، ކެބިނެޓަށް އޭގެ ތަފްސީލްތައް ހުށަހަޅައި އެންޑޯޒް ވެސް ވަނީ ލިބިފައި. ގުޅުންހުރި ހުރިހާ ފަރާތް ތަކުން މީގެ [ޑޮލަރުގެ މައްސަލަ ހައްލު ކުރުމު] ގެ މަސައްކަތް ތަކެއް ވެސް އެބަކުރޭވޭ. މީގެ އެންޑް ރިޒަލްޓަކީ ކޮންމެ ބޭފުޅަކު ވެސް 15.42ރ. ހިފައިގެން ދިޔައީމަ އެއް ޑޮލަރު ލިބުން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ހޯދަން ބޭނުންވާ ޔަގީން ކަމަކީ 15.42ރ. އަށް ޑޮލަރު ލިބޭނެކަން ކަމަށާ، މިހާރުގެ މަސައްކަތުން އެ ޔަގީންކަން ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"ރާއްޖެއަކީ ޒަމާނުރެން ފެށިގެން ވެސް ވަރަށް ޑޮލޮރައިޒް އިކޮނޮމީއެއް. ބޭރުގެ އެކި ފަރާތްތަކުން ވެސް އެބަ ބުނޭ މި [ޑޮލަރުގެ މައްސަލަ] އަށް އެބަޖެހޭ ހައްލު ގެންނަން. މިނިވަން އިންޑިޕެންޑެންޓް މާލީ ސިޔާސަތެއް ހިންގެން އޮތީ މި ކަންކަން ހައްލު ކުރެވިގެން. ހަގީގަތުގައި މިހާރު އެ ކަންކަމަށް ގޮންޖެހުން ތަކެއް އެބަހުރި. އެއީ މިވަރަށް އިގްތިސޯދު ޑޮލޮރައިޒް ވެފައި އޮތީމަ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެންނަ ބަދަލުގެ ތަފުސީލުތައް ސަރުކާރުން ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ރާއްޖެއަށް ގިނަ މައްސަލަ ތަކެއް ކުރިމަތިވެ އެވެ. މި މައްސަލާގެ ސަބަބުން ރާއްޖޭގައި މުދަލުގެ އަގުތައް މަތި ވެގެން ދެ އެވެ. އަދި އެކްސްޗޭންޖު ވިޔަފާރިއަކީ ރާއްޖޭގައި ރެގިއުލޭޓް ނުކުރެވި ނަމަވެސް ފުޅާކޮށް ކުރާ ބޮޑު ވިޔަފާރި އެކެވެ. އެހެންވެ ޑޮލަރު މާރު ކުރުމުގައި މިހާރު ހަރަކާތްތެރިވަނީ ރާއްޖޭގައި އެކި މަސައްކަތް ކުރަން ކޯޓާ ލިމިގެން އައިސްތިބި ބިދޭސީންނެވެ.

ބިދޭސީގެ މި ވިޔަފާރީގައި ހަރަކާތްތެރިވާ ގޮތް ގިނަ ބަޔަކަށް އެނގިގެން ދިޔައީ އަވަސް އަށް ހެދި ޑޮލަރުގެ ކަޅު ބާޒާރު ގެ މައްޗަށް އަވަސް އިން ހެދި އިންވެސްޓިގޭޓިވް ރިޕޯޓަކުންނެވެ.