ސަފާރީ އާއި ގެސްޓްހައުސްތަކުގައި އޮޕަރޭޓް ކުރަމުންދާ އެނދުގެ ފަރަގު ބޮޑު ނަމަވެސް މިދިޔަ ޖޫން މަހު ސަފާރީތަކާއި ގެސްޓްހައުސް ތަކުން ގްރީން ޓެކުހަށް ލިބުނު އަދަދު އެއްވަރުވެއްޖެ އެވެ.
ގްރީން ޓެކުހަށް ލިބޭ އާމްދަނީ ޖަމާ ކުރާ "ގްރީން ފަންޑު" ރިޕޯޓް ދައްކާ ގޮތުން ގެސްޓްހައުސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ އެވެ. އަދި ސަފާރީ ތަކުން ވެސް ލިބިފައި ވަނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އެވެ.
ސަފާރީތަކާއި ގްރީން ގެސްޓްހައުސް ތަކުން ގްރީން ޓެކުހަށް ލިބުނު އާމްދަނީ އެއްހަމަވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ހިންގާ ސަފާރީ އާއި ގެސްޓްހައުސްތަކުގެ ނަމްބަރުގައި ބޮޑު ފަރަގެއް އެބަހުއްޓެވެ.
ބޯޑަރު ހުޅުވިފަހުން މިހާތަނަށް 517 ގެސްޓްހައުސްގައި 9،072 އެނދު އޮޕަރޭޓް ކުރަމުން އެބަދެ އެވެ. އަދި 142 ސަފާރީގައި 2،786 އޮޕަރޭޓް ކުރެ އެވެ. އަދި ކަރަންޓީން ވާން އަންނަ މީހުންގެ ސަބަބުން ރާއްޖޭގެ ގިނަ ގެސްޓްހައުސްތައް ފުރިފައި ހުންނަތާ ދެ މަހެއްހާ ދުވަސް ވެއްޖެ އެވެ. މީގެ ބައެއް ސަފާރީތަކުގައި ވެސް ޗުއްޓީ ހޭދަކުރެ އެވެ. ނަމަވެސް ގެސްޓްހައުސްތަކާ އެއްވަރުގެ ލޯޑެއް ސަފާރީތަކަށަށް ކަރަންޓީން މާކެޓަކުން ނެތެވެ.
ގްރީން ފަންޑު ރިޕޯޓް ދައްކާ ގޮތުން ޖޫން މަހު އެންމެ ގިނައިން ގެސްޓްހައުސްތަކުން ގްރީން ޓެކްސް ލިބިފައިވަނީ 380,043.84ރ. ލިިބުނު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުންނެވެ. ދެވަނައަށް އެންމެ ގިނައިން ލިބުނީ މާލޭގޭގައި ހިންގާ ގެސްޓްހައުސްތަކުންނެވެ.
ޖޫން މަހު ފަންޑަށް ޖުމްލަ ލިބިފައިވަނީ 59 މިލިއަން ރުފިޔާ އެވެ. އަދި ޖޫންގެ ނިޔަލަށް ގްރީން ފަންޑުގެ ޖުމްލަވަނީ އެއް ބިލިއަން ރުފިޔާ އަށްއަށްވުރެ މަތިވެފަ އެވެ. މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް ލިބިފައިވާ ޖުމްލަ އަދަދަކީ 398 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރުގެ މިހާތަނަށް މި ފަންޑުން 184 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޖޫން މަހު އެކަނި މި ފަންޑުން އެކި ކަންކަމަށް 25 މިލިއަން ހޭދަކޮށްފައިވެ އެވެ. އާއްމުކޮށް މި ފަންޑު ހޭދަކުރަނީ ތިމާވެއްޓާއި މަގުހެދުން އަދި ފެނުގެ މަޝްރޫއުތަކަށެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ގްރީން ޓެކްސް ނަގަން ފެށީ، ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދާށެވެ. މި ފަންޑަށް ޖަމާވި ފައިސާގެ އަދަދު މިހާތަނަށް ތިން ބިލިއަން ރުފިޔާ އަށް ވުރެ އިތުރެވެ. ނަމަވެސް މި ފައިސާ ހޭދަ ކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތުމުން މިހާތަނަށް ކުނީގެ މައްސަލަ ހައްލު ކުރަން މި ފައިސާ ރަނގަަޅަށް ހޭދަ ކުރަމުން ގެންގޮސްފައެއް ނުވެއެވެ.