އެމްއެމްއޭ

އިންޑިއާ އިން ދިން ކަރަންސީ ސްވޮޕްގެ 150 މިލިއަން ޑޮލަރު ދައްކައިފި

އިންޑިއާ އިން ރާއްޖެ އަށް ހަމަޖައްސައިދިން، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ 150 މިލިއަން ޑޮލަރު ދައްކައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްއެއް ހަމަޖެއްސުމުގައި، ރާއްޖޭގެ މަރުކަޒީ ބޭންކް އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ހުންނެވިއިރު އެވެ. ކަރަންސީ ސްވެޕް އެއްބަސްވުމަކީ ދެ ގައުމެއްގެ ފައިސާ ބަދަލު ކުރަން ހަދާ އެއްބަސްވުމެކެވެ. މި އެއްބަސްވުން ގާއިމްކުރާނީ ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އިންޑިއާ އިން ހަމަޖަސައިދިން ކަރަންސީ ސްވޮޕްގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި ބާކީހުރި 250 މިލިއަން ޑޮލަރު ވެސް ވަރަށް އަވަހަށް ދައްކާނެ ކަމަށެވެ.

"މި ޑިޒިޝަން ނެގީ ވެސް އޮޕްޓިމެސްޓިކް ސިނާރިއޯއެއް [އިކޮނޮމީ ރަނގަޅުވާކަމުގެ ނިޝާނެއް] ފެނިގެން. އެހެންވެ އަނެއް 250 މިލިއަން ރީޕޭ ކުރާ [ދައްކާ ގޮތަށް] ރާވާފައި މިއޮތީ. މި ޑިސިޝަން ނެގީ ރެގިއުލޭޓްރީ ޗޭންޖާއި ގްރޯތްރޭޓަށް އަންނަ ބަދަލަށް ބަލާނެ. އެހެންވެއެއްވެސް ކަހަލަ ދަތިކަމެއް ޝޯޓް ޓާމްގައި ހިއެއް ނުވޭ އަންނާނެ ހެނެއް،" އަލީ ހާޝިމް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަރަންސީ ސްވޮޕްއެއް ހަމަޖައްސަދިނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން 2020 ޑިސެމްބަރު މަހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެއްގެ ގޮތުގައެވެ.

ކަރަންސީ ސްވޮޕްގެ ސަބަބުން ރިޒާވު ބޮޑުވުމަށް މަގު ފަހިވެ އެވެ. ނަމަވެސް މިގޮތަށް ކަރަންސީ ސްވޮޕަށް ނަގާ ފައިސާ ދައްކަން ޖެހެ އެވެ. މި ފައިސާ ދައްކާނީ ރިޒާވް އިންނެވެ. އެހެންވެ މި ފައިސާ ދައްކުމާއެކު ރިޒާވްއަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެމްއެމްއޭއިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ހުރީ 851 މިލިއަން ޑޮލަރެވެ.