ޓޫރިޒަމް

ފެބްރުއަރީ: ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ 73 ޕަސެންޓުގައި

މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ - ޓޫރިޒަމް ފެސިލިޓީތަކުގެ އެނދުތައް ފުރިފައިވާ އަދަދު، ހުރީ 73 ޕަސެންޓުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފެބްރުއަރީ މަހާ ހަމައަށް ނެރެފައިވާ މާޗް މަހުގެ އިކޮނޮމިކް އަޕްޑޭޑް ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ޓޫރިޒަމް އޮކިޕެންސީ 73 ޕަސެންޓުގައި ހުރި ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ބަލާނަމަ މި އަދަދު ހުރީ 60 ޕަސެންޓުގަ އެވެ.

އެމްއެމްއޭ އިން ބުނި ގޮތުން މި މުއްދަތުގައި ރާއްޖެއަށް ޓޫރިސްޓުން ރާއްޖެ އައިސްފައިވާ އަދަދާއި ބެޑްނައިޓް، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާނަމަ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ޓޫރިސްޓުން އަންނަ އަދަދު 54 ޕަސެންޓް އިތުރުވެ ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު ވަނީ 45 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.

ޓޫރިޒަމަށް ލިބިފައިވާ މި ކުރިއެރުމަކީ ކޮވިޑް-19 ގެ ކުރީގައި ޓޫރިޒަމްގެ ރެކޯޑް ހެދި 2019 ވަނަ އަހަރާއެއްވަރުގެ އަދަދެކެވެ. އެ އަހަރު 1.7 މިލިއަން މީހުން އައިސްފައިވެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 149,008 ޓޫރިސްޓުން އައިސްފައިވާއިރު، މި އަދަދަކީ 2019 ވަނަ އަހަރާ އަޅާބަލާނަމަ 12 ޕަސެންޓުގެ ދަށްވުމެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ފެބްރުއަރީ މަހާ ހަމައަށް ބަލާނަމަ ރާއްޖޭގެ ޓޫރިޒަމްގެ ސޯސް މާކެޓުތައް ކަމަށްވާ ރަޝިއާ އާއި އިނގިރޭސިވިލާތް އަދި އިޓަލީ އިން ވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސްފަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަސް ވަކިން ބަލާނަމަ ޓޫރިޒަމަށް ވަނީ 49 ޕަސެންޓުގެ ކުރިއެރުމެއް ލިބި ބެޑްނައިޓް 39 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ކިޔާނަމަ މި އަދަދު އުޅެނީ 42 ޕަސެންޓް ދަށުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 23 ގެ ނިޔަލަށް ރާއްޖެ އަށް 394،200 ޓޫރިސްޓުން އައިސްފައިވެ އެވެ.