ރާއްޖޭގައި އެންމެ ގިނަ ދުވަހު މިހާރު ޗުއްޓީ ހޭދަ ކުރަން މަޑުކުރާ ބަޔަކީ ރަޝިއާ އާއި ޖަރުމަނު މީހުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ( އެމްއެމްއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑަށް ދިރުން ގެނެސްދޭ ސިނާއަތް ކަމަށްވާ ޓޫރިޒަމް ދާއިރާ އަށް އަންނަ ކުރިއެރުންތަކާބެހޭ ގޮތުން އެމްއެމްއޭ އިއްޔެ ދިން ޕްރެޒެންޓޭޝަންގައިވާ ގޮތުން ރާއްޖޭގައި މިހާރު އެންމެ ގިނަ ދުވަހު މަޑު ކުރާ ބަޔަކީ ރަޝިއާ އާއި ޖަރުމަނު މީހުނެވެ. އެ ދެ ގައުމުގެ މީހުން އެވްރެޖުކޮށް 11 ދުވަހު ރާއްޖޭގައި މަޑު ކުރެ އެވެ. މި އަހަރު ނިމޭއިރު ޖުމްލަ ބެޑް ނައިޓްސް ނުވަތަ ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު 7.4 މިލިއަންގައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
"އެންމެ ގިނަ ދުވަހު މަޑުކުރާ މީހުންގެ ގޮތުގައި ފާހަގަ ކުރެވިފައި މިވަނީ ޔޫރަޕިން މާކެޓް،" އެމްއެމްއޭ އިން ޕްރެޒެންޓޭޝަން ދިން އޮފިޝަލް ވިދާޅުވި އެވެ.
ޕްރެޒެންޓޭޝަންގައިވާ ގޮތުން މި އަހަރު ނިމޭއިރު ޖުމްލަ ބެޑްނައިޓްސް ނުވަތަ ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު 7.4 މިލިއަންގައި ހުންނާނެ އެވެ. އަދި ކުރިން ރާއްޖޭގައި އެވްރެޖުކޮށް ޓޫރިސްޓަކު ހަ ރެއާއި ފަސް ރޭ ނުވަތަ 6.5 ރޭ މަަޑުކުރި ނަމަވެސް މިހާރު މި އަދަދު ވަނީ 9.1 އަށް އިތުރު ވެފަ އެވެ.
އެމްއެމްއޭ އިން ވަނީ ޓޫރިޒަމަށް އަންނަމުންދާ މި ކުރިއެރުމާއެކު މި އަހަރު އަންނާނެ ކަމަށް ލަފާކުރާ ޓޫރިސްޓުންގެ ޖުމްލަ އަދަދެއް ވެސް އާއްމު ކޮށްފަ އެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި މި އަހަރު ނިމެންވާއިރަށް އަންނާނެ ކަމަށް ބެލެވެނީ 1.1 މިލިއަން މީހުނެވެ. އަދި ޓޫރިޒަމް ކުރީގެ ހާލަތަށް އަންނާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. އެ މިނިސްޓްރީން ފަހުން ބުނީ ޓޫރިޒަމް އެރައިވަލްގެ އަދަދު މިހާރުގެ ހާލަތަށް ބަލައި ރިވިއު ކުރަމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ވަނީ 705،024 ޓޫރިސްޓުން އައިސްފަ އެވެ.