ބިދޭސީން

މައްސަލަ ސާފުވެއްޖެ، ހައްލު ކުރަން ކެރޭނެ؟

ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު ނޫނީ އެންމެ ބޮޑު އެއް މައްސަލަ އެވެ. ގާނޫނާ ގަވާއިދުތަކާ ހިލާފަށް ބިދޭސީންގެ އެތައް ހާހެއް ރާއްޖޭގައި އެބަ އުޅެއެވެ. އެ އަދަދު ލައްކައަށްވުރެ އިތުުރުވާނެ ކަމަށްވެސް ބައެއް ނަމްބަރުތަކުން ލަފާ އަންދާޒާއެއް ބުނެ ދެއެވެ. ނަމަވެސް ސަރުކާރުގެ ހިސާބުތަކުން އެ އަދަދެއް ނުދައްކަ އެވެ. ފަހަރެއްގައި ސިޔާސީ ސަބަބަކަށްޓަކައި ނުވަތަ ވިޔަފާރިވެރިންގެ ނުފޫޒުގެ ސަބަބުން އެއަދަދު ބުނެދޭން ބޭނުން ނުވަނީ އެވެ.

ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ގެއްލުންތައް ވެއެވެ. އަދި އިޖްތިމާއީ އެތައް މައްސަލަތަކެއް އުފެދި އެކަން ކަމުގައި އަތް ނުލެވޭ ވަރަށް ގޯސްވެފައި ވެއެވެ. ކުށުގެ ވެށި މުޅީން ބަދަލުވެ އަހުލާގީ އެތައް މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.

ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖެއާ ދިވެހިންނާއި ދިވެހި ސަގަފާތާ ބީރައްޓެހި އެތައް މައްސަލަތަކެއް ކޮންމެ ދުވަހަކު ދަނީ އުފަންވެ ބޮޑުވަމުންނެވެ. މިހުރިހާ ކަމާއެކު ބިދޭސީންގެ މައްސަލަ ހައްލު ނުވެ، ދިގުލައި އެ މައްސަލަތައް އުސް ފުންޏަކަށް ޖެހިފައި ވަނީ ގައުމީ އެންމެ ބޮޑު މައްސަލަ ފުނީގެ ގޮތުގަ އެވެ.

ކޮވިޑް-19 އާއެކު ދުނިޔެއަށް އައި ކުއްލި ބޮޑު ބަދަލާއެކު ރާއްޖެ ވެސް މިވަނީ ބޮޑުވެގެންވާ ފުރޮޅުމެއްގެ ތެރޭގަ އެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާ ފެތުރިދާނެ ކަމުގެ ބިރަށް ރާއްޖެއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ބޮޑު ފޯކަސް އެއް ސަރުކާރަށް ކުރަންޖެހިފައި އޮތް ދިމާއަކީ ވެސް ބިދޭސީ މަސައްކަތު އާބާދީ އެވެ. ރާއްޖޭގައި ބަލި ފެތުރިގެންފި ހާލަތެއްގައި ވެރިރަށްވ މާލޭގައި އެންމެ ބޮޑު ނުރައްކަލަކަށް ވާނީ ވެސް ބިދޭސީންގެ މައްސަލަ އެވެ. ބިދޭސީންގެ ދިރިއުޅުގެ ހާލަތާއި ދިރިއުޅެމުންދާ ގޮތުން ކޮވިޑް-19 ފަދަ ބައްޔެއް މާލެ ތެރެއަށް ދޫވެ، ދުއްވައިގެންފިނަ ކޮންޓްރޯލް ކުރުމަކީ ވަރަށް ބޮޑު ދައްޗަކަށް ވެގެން ދާނެ އެވެ.

އެހެންވެ ސިއްހީ ދާއިރާގެ ލަފަޔަށް ސަރުކާރުން މިވަގުތު ބިދޭސީން އުޅޭ ހާލަތުގެ ބޮޑު ބައެއް ބަލައިފި އެވެ. އަދި މިހާރު ވެސް އިތުރަށް ބަލަމުން ގެންދާ ކަމަށް އެ އިދާރާތައް ބުނެ އެވެ.

މިދިޔަ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލުން ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ބިދޭސީން ދިރިއުޅޭ އެތައް ސަތޭކަ ތަނެއް ބަލައި ފާސްކޮށްފަ އެވެ. މާލެއިން އެކަނިވެސް 536 ތަނެއް ބެލި އެވެ. ވިލިމާލެއިން 51 ތަނެއް ބެލިއެވެ.

އެ ތަންތަނުން ލައްކަ ކަންކަން ސިޓީ ކައުންސިލަށް ވާނީ ފެނިފަ އެވެ. މިހާތަނަށް އެ ފަރާތުން ދެއްކި ވާހަކައިން އެނގުނީ އެ އިދާރާތަކުގެ މަސައްކަތުން ބިދޭސީންގެ އެތައް ކަމެއް ކުރިޔަށް ވުރެ ސާފު ވެއްޖެ ކަމެވެ. ބިދޭސީންގެ ދިރިއުޅުމުގެ ހާލަތާއި އުޅޭ ތަންތަނުގެ ފެންވަރާއި އުޅުމާއި ގުޅުންތައް އޮންނަ ގޮތެވެ.

މާލޭގައި ބިދޭސީންގެ އަނދިރި ދިރިއުޅުން ބައްޓަން ވެފައިވާ ގޮތެވެ. ސާފުތާހިރުކަމެއް ނެތުމާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިއުމާއި އެކަން ކަމާއި ނެޓްވޯކް މަސައްކަތް ކުރާ ގޮތެވެ. ރާއްޖޭގައި ބިދޭސީންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ ކަންކަމާއި މަސައްކަތްތަކާއި ވަޒީފާތަކެވެ. ދިވެހި އިގްތިސޯދަށް އެ މީހުންގެ ނުފޫޒު އޮތް މިންވަރެވެ. ބިދޭސީންނާ ހެދި ކުށުގެ ވެށި ބަދަލުވެ ދިވެހި އިޖްތިމާއީ ފޭރާން ދާވެފައިވާ މިންވަރެވެ.

"ބިދޭސީންގެ ހާލަތު ބަލަމުން ދިޔައިރު އަޅުގަނޑުމެންނަށް ފާހަގަވި ތިން ޝިފްޓަށް ބަހާލައިގެން ނިދާ މީހުން ވެސް. މިއީ ހަމަ ވަރަށް ވެސް އިންސާނިއްޔަތުކަން ކުޑަ ކަމެއް އެހެން ނޫންތޯ؟ އެކަށީގެންވާ ފާހާނާއެއް އަދި ބަދިގެ އެއް ނެތް ތަންތަން ވެސް ވަރަށް ގިނަ. އިންސާނުން އުޅެން ހެޔޮ ނުވާ ވަރުގެ އެތަށް ތަނެއް އެބަހުރި މާލޭގަ. މިއީ މިފަދަ ދަނޑިވަޅެއްގައި ބަލި ފެތުރިގެންދާން ނުލާހިކު ފަސޭހަ ހާލަތެއް،" މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.

މިއީ ކޮވިޑްގެ ކަންބޮޑުވުން އޮތް ދުވަސްވަރު ކަމުން ނޫސްތަކުގެ ސުރުހީއަށް މޭޔަރު ގެންނެވީ ބަލި ފެތުރިއްޖެ ހާލަތެއްގައިކަން ވެދާނެ ގޮތުގެ ވާހަކަ އެވެ. ކިހާ ބިރުވެރި ހެއްޔެވެ؟

އެއީވެސް މުޖްތަމައުގެ އެއްބައެވެ. ބައްޔެއް ފެތުރިއްޖެނަމަ އެކަމެއް ބިދޭސީންގެ އެ ގޮޅީގެ ތެރެއަކު ނޯންނާނެ އެވެ. މިރާއްޖޭގެ ކޮންމެ ކަމެއްގައި ބިދޭސީންގެ ބައިވެރިވުން އެބައޮތެވެ. ވީއިރު އެމީހުންގެ ތެރެއިން ބަލި ފެތުރެން ނަގާނީ މަދު ވަގުތުކޮޅެކެވެ.

ބިދޭސީންގެ އެ މައްސަލަ ހައްލު ކުރުމަށް ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި އުޅެމުންދާ ބިދޭސީން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ވަނީ ފަށާފަ އެވެ. އަމާޒު އޮތީ 5000 ބިދޭސީންނަށް އެކަށީގެންވާ ތަންތަން ހޯދައި ދިނުމެވެ. އަދި ދޭސީން ގެންގުޅޭ ފަރާތްތަކަށް އެ ހާލަތުގައި އެމީހުން ނުގެން ގުޅެން ވެސް ދަނީ އަންގަމުންނެވެ.

މާލޭގެ މޭޔަރު ވިދާޅުވި ގޮތުގައި މިހާރު މިއޮތް ހާލަތުގައި ވެސް ގިނަ ފަރާތްތަކުން ބިދޭސީ މީހާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ވެއެެވެ. ބައެއް ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން އައި ބިދޭސީންނަށް ފުރޭނެ ގޮތެއް ވަންދެން އެ ބިދޭސީން ރިސޯޓުތަކުގައި ބޭތިއްބޭނެ އިންތިޒާމެއް ހަމަ ނުޖައްސާ ދޫކޮށްލާފައި ވެއެވެ. އޭގެ ގިނަ ބަޔަކު ވަނީ މިހާރުވެސް މާލެ އަރާފަ އެވެ.

މިކަން ހިނގާ ގޮތް ސިޓީ ކައުންސިލާއި ސަރުކާރަށް ވެސް އެނގޭނެ އެވެ. މިހާރުވެސް ބެލިއަސް ގިނަވާނީ ކޮންމެވެސް ރިސޯޓަކުން ނުވަތަ ސަފާރީއަކުން މާލެއަށް ފޭބި މީހުނެވެ. ވަޒީފާ ގެއްލުމުން މާލެތެރެއަށް ދޫކޮށްލީ އެވެ. ދެން އޮތީ ބިދޭސީ އެޖެންޓެއް ހޯދައިގެން ގަވާއިދާ ހިލާފަށް އުޅެން ފެށުމެވެ. އެކަމަށް ފުރުސަތު އޮތް މިންވަރު އެމީހުންގެ މީހުން އެ މީހުންނަށް އެ ދަނީ ކިޔައިދެމުންނެވެ.

މިހާރުވެސް ރިސޯޓްތަކާއި ސަފާރީތަކުން 9600 ވުރެ ގިނަ މުވައްޒިފުންގެ ދޫކޮށްލައިފި އެވެ. އޭގެ ތެރޭގައި އެތައް ބިދޭސީނެއް ވެސް ހިމެނެ އެވެ. ދުނިޔޭގެ ދަތުރުފަތުރު ހުއްޓިފައިވާ މިދަނޑިވަޅުގައި އެމީހުން ރަށުން ބާލައިފިނަމަ ދެން އަރަން އޮތީ ވެސް މާލެއެވެ. ކަން ހިނގަނީވެސް އެހެންނެވެ.

ބިދޭސީން ފޮނުވާލުމުގެ ޕްރޮގްރާމް

މިއީވެސް ކޮންމެ ސަރުކާރަކުން ފަށާ ޕްރަގްރާމެކެވެ. އެކަކުވެސް ރާއްޖެއިން ފޮނުވައެއް ނުލައެވެ. އެ ޕްރޮގްރާމް އިފްތިތާހު ކުރުމަށްފަހު އިތުރު އެތައް ސަތޭކަ ބަޔަކު ރާއްޖެ ގެނެސް އަޅާލަނީ އެވެ. އެކަމުގެ ހެއްކަކީ އަހަރުން އަހަރަށް ރާއްޖޭގައި އުޅޭ ބިދޭސީން ގިނަވުމެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ އަދަދު ބޮޑު ތަނުން ދަނީ ވެސް އިތުރުވަމުންނެވެ.

އަމިއްލައަށް ގައުމަށް ދާން ބޭނުންވެފައި ތިބި މީހުން ރާއްޖެއިން ފޮނުވާލަން ސަރުކާރުން މިފަހަރު ފެށި މަސައްކަތަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެކެވެ. ސަރުކާރުން ބުނަނީ ސަރުކާރުގެ ހަރަދުގައި އެކަން ކުރަން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް އެ ބިދޭސީން އެތެރެކުރިއިރު ބަހައްޓާފައިވާ ޑިޕޮޒިޓް ފައިސާވީ ސަރުކާރުގަ އެވެ. ބަޔަކު އޭގައި ޖެހިފައި ނެތްނަމަ އެ ފައިސާ ހުންނަންވާނެ އެވެ. އެމީހުން އެ ފައިސާއިން ފޮނުވާލެވޭނެ އެވެ.

އެންމެ ފަހުގެ ޕްރޮގްރާމްގެ ދަށުން ގައުމަށް ދާން ބޭނުން ވެގެން ރަޖިސްޓްރީކުރީ 837 މީހުންނެވެ. އެމީހުންގެ ތެރޭ އަތުގައި ޕާސްޕޯޓެއް ވެސް އޮތީ 130 މީހުންނެވެ. އޭގެ މާނައަކީ ގިނަ ބައިވަރު މީހުންތައް އެ އުޅެމުން ގެންދަނީ އެއީ ކާކުކަން އަންގައިދޭ ލިޔެކިޔުމެއް ވެސް ނެތިއެވެ.

ރާއްޖޭގައި އެންމެ ގިނައިން އުޅެމުންދަނީ ބަންގްލަދޭޝްގެ މީހުން ކަމަށްވާތީ، އެ ގައުމަށް ނިސްބަތްވާ މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގައި ބަންގްލަދޭޝްގެ އެހީތެރިކަމަށް ވެސް ސަރުކާރުން އެދިފައި ވެއެވެ.

ބިދޭސީން ފޮނުވާލުމުގެ މަސައްކަތުގެ ކުރިން ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގަަވާއިދަށް ފެއްތުމުގެ ބޮޑު ޕްރަގްރާމެއް ވެސް ހިންގާފަ އެވެ. އެ ޕްރަގްރާމްގެ ދަށުން 40،000 ބިދޭސީން ރަޖިސްޓްރީވެ، އެ "ހެދި އެއްޗެއް" ހެދުމަށްފަހު ގަވާއިދުގެ ތެރެއަށް ފައްތައިފި އެވެ. އެ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ. ސުވާލަކީ މިހާރު އެކަން އެދަނީ ރަނގަޅު މަގުން ބާވައެވެ؟

އެކަމަކު މިހާރު މި އޮތީ ބިދޭސީންގެ ހުރިހާ ކަމެއް ނުވަތަ ބޮޑު ބައެއް ސަރުކާރަށް، ކަމާބެހޭ ފަރާތްތަކަށް ރަނގަޅަށް ސާފުވެފަ އެވެ. މިއީ ރައްކާތެރިކަމަށްޓަކައި، ރާއްޖޭގެ މުސްތަގްބަލަށްޓަކައި ފިޔަވަޅު އަޅައި ބިދޭސީންގެ މައްސަލަ ފުނި ބިމާ ހަމަކޮށްލަންވީ ވަގުތެވެ. މިހާތަނަށް އަޅާނުލާ ދޫކޮށްލެވިފައި އޮތް ބިދޭސީންގެ ހުރިހާ މައްސަލަތައް ހައްލުކުރަން ފަށަންވީ ވަގުތަކީ މިއީ އެވެ. މިއީ ބިދޭސީން ގަވާއިދަށް ފައްތާ، ވަޒީފާ ހޯދައިދޭން ސަރުކާރުން މަސައްކަތް ފަށަންވީ ވަގުތެއް ނޫނެވެ. ފަހަރަކު ކަމެއް، ފަހަރަކު ކަމެއް ހައްލު ކުރަން މަޑު ކުރާނެ ކަމެއް ނެތެވެ. ހުސް ވާހަކަތައް ދެއްކުން ހުއްޓާލާ، ނަތީޖާއެއް ނުނެރެވޭ ކެންޕޭންތަކަށް ނިމުން ގެނެސް، ރަނގަޅަށް މައްސަލައަށް ފޯކަސް ކޮށްލައި އެކަތި ފަހަރުން ނިންމާލަންވީ ވަގުތަކީ މިއީ އެވެ. މި މައްސަލަ ހައްލުކޮށްލަން މިކަހަލަ ދަނޑިވަޅެއް ދެން ނުލިބޭނެ އެވެ.