މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ސިޓީ ކައުންސިލުން ހުއްދަ ނެތި ވިޔަފާރިކުރާތީ ފިޔަވަޅު އަޅަނީ

Oct 18, 2022
2

ތަފާތު ވައްތަރުގެ ގަހާއި ގަސްކާނާ ވިއްކުމަށް މާލެ ސިޓީ ކައުންސިލުން ފިހާރައެއް ހުޅުވައިގެން ހިދުމަތް ދެނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްގެން ކަމަށް ނުވާތީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

މާލޭގެ ކާނިވާ ސަރަހައްދުގައި "މާލެ ފެހި"ގެ ނަމުގައި ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވީ މިމަހުގެ އަށްވަނަ ދުވަހު އެވެ.

މާލެ ސިޓީ ކައުންސިލުން ފިހާރައެއް ހަދައިގެން ގަސް ވިއްކާ މައްސަލައިގައި އަވަސް އިން ސުވާލުކުުރުމުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިޓީ ކައުންސިލުން ވިޔަފާރި ކުރާނަމަ އެކަން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ކަމަށެވެ. ނަމަވެސް ވިޔަފާރި ކުރުމަށް ސިޓީ ކައުންސިލުން ވިޔަފާރި ހުއްދައެއް ނަގާފައި ނުވާ ކަމުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރި ހުއްދަ ނުނަގައި ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮންނަ އާންމު އުސޫލުގެ ތެރެއިން ސިޓީ ކައުންސިލަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިކަމުގައި އަމަލުކުރާނެ ގޮތެއް ވިދާޅުވެފައެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށްވެސް އެބަހުރި ސިޓީ ކައުންސިލުން ގަސްވިއްކަން ފިހާރައެއް ހުޅުވުމުން ޝަކުވާ ލިބިފައި. އެކަމަކު ސިޓީ ކައުންސިލުން އެފަދަ ވިޔަފާރިއެއް ކުރަން މިނިސްޓްރީން ހުއްދަ ދީފައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މާލޭގައި ގަސް ވިއްކުމުގެ ވިޔަފާރިއަކީ އާންމު ވަރަށް ގިނަ މީހުން ކުދި އަދި މެދު ފަންތީގެ ގިންތީގައި ހިމަނައިގެން ކުރަމުންދާ ވިޔަފާރިއެކެވެ. މިފަދަ ވިޔަފާރިއަކަށް ސިޓީ ކައުންސިލް ފަދަ ދައުލަތުގެ އިދާރާއަކުން ވަނުމުން އާންމު ރައްޔިތުންގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެފަދަ ވިޔަފާރި ކުރާ ބައެއް މީހުން ބުނެ އެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ މާލެ ސިޓީ ކައުންސިލް ކަހަލަ ބަޖެޓު ލިބިގެން ހިންގާ ބޮޑު އިދާރާއެއްގެ ވިޔަފާރިއާ ވާދަކުރާނީ. ސިޓީ ކައުންސިލުން ގަސް ފިހާރަ ހިންގަން ފެށުމާ އެކު އަޅުގަނޑުމެން މިކުރާ ގަސް ވިއްކުމުގެ ވިޔަފާރި ހަލާކުވާނެ،" މާލޭގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރައެއްގެ ވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ގަސް ފިހާރައެއް ހަދައި އެ ވިޔަފާރި ތެރެއަށް ވަނުމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އަދި ސިޓީ ކައުންސިލްގެ އެ ވިޔަފާރި ހުއްޓުވަން ޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓްގައި 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެން އެބަހުއްޓެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އާންމުންނަށް ގަސް ގަނެވޭނެ ގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިވެގެންދާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.