މާލޭގައި ސްޕާ ހިންގުމަށް ހުއްދަ ދިނުމާ މެދު ގޮތްތަކެއް ނިންމުމަށް މާލެ ސިޓީ ކައުންސިލްގައި މަޝްވަރާކޮށްފި އެވެ.
ލާމަރުކަޒީ ގާނޫނާއި އަދި އެހެން ބައެއް ގާނޫނުތައްވެސް ހުރި ގޮތުން މާލޭގައި ސްޕާ ހިންގާނަމަ އެކަމަށް ހުއްދަ ދޭންޖެހޭ އިދާރާއަކީ މާލެ ސިޓީ ކައުންސިލް އެވެ. ސްޕާ ހިންގަން ބޭނުންވާ އިތުރު ހުއްދަތަކަށް އެހެން އިދާރާތަކުގައި އެދެވޭނީ މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ ހުއްދަ ލިބުމަށްފަހު އެވެ.
އެހެންވެ މާލޭގައި ސްޕާ ހިންގުމަށް ހުއްދަ ދިނުމާ މެދު މާލެ ސިޓީ ކައުންސިލުން ގޮތްތަކެއް ނިންމުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލްގައި އެދިފަ އެވެ.
މާލޭގައި ސްޕާ ހިންގުމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް މާލެ ސިޓީ ކައުންސިލްގައި ވަނީ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ. ކޮމިޓީގެ ނިންމުން ކައުންސިލްގެ ރަސްމީ ޖަލްސާއަށް އަންނަ ހަފުތާގައި ހުށަހެޅުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު އެދިވަޑައިގެންނެވި އެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ބާއްވާ ކައުންސިލް ބައްދަލުވުމަށް މައްސަލަ އެޖެންޑާ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާލޭގައި މިހާރުވެސް ގާނޫނާއި ގަވައިދާ ހިލާފަށް އެކި ނަންނަމުގައި އެކި ގޮތްގޮތަށް ސްޕާ ހިންގަމުންދެ އެވެ. ސްޕާތަކުގައި ހަށިވިއްކުމުގެ ޖިނާއީ ކުށްތައް ހިންގާ ކަމަށް ބުނެ އާންމުން އަބަދުވެސް ޝަކުވާ ކުރެ އެވެ.