އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މިވަނީ ތައްޔާރުވެފަ އެވެ. ހަމަ ދެންމެ ދެންމެ ދަތުރުތައް ފަށާފާނެ އެވެ. މި ކަން ވެގެންދާނީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް "ފެރީގެ ހިދުމަތް" ފަށާ ފުރަތަމަ ފަހަރަށެވެ. މިއީ ތާރީހީ ކަމެކެވެ. މިއޮއްފަދަ ޒަމާނުގައި އިންޑިއާ އާ ރާއްޖެއާ ދެމެދު ފެރީ ދަތުރުތަކެއް ފެށުމަކީ އާ ތާރީހެއް ލިޔެވުން ކަމަށް ވިޔަސް އެއީ ކޮން ކަހަލަ ކަމެއްގެ ފެށުމަކަށް ވެދާނެ ހެއްޔެވެ؟ އިގްތިސޯދީ އިޖުތިމާއީ ނަޒަކުން ބަލާއިރު މިއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ މި ކަމުގެ ނެގެޓިވް އަދި ޕޮޒިޓިވް އާ މެދު ހޯދާ ބަލާފައިވާ ދިރާސާއެއް އެބައޮތް ހެއްޔެވެ؟
މިހާ ހިސާބުން ދާން ދެން ޖެހޭނީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދުގެ ތަޖުރިބާކާރުންނާ ދިމާއަށެވެ. އެހެންކަން ކުރަން ބަލާއިރު "ކޮޗިން ފެރީއޭ" ބުންޏަސް ވިޔަފާރި އާއި ތަޖުރިބާކާރުން ސުވާލުތައް އުފައްދަ އެވެ. އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރެއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟
އެފަދަ ބައެއް ބޭފުޅުންގެ ނަޒަރުގައި ފަށަން ތައްޔާރުވާ ރާއްޖެ - ކޮޗިން ފެރީ ދަތުރުތަކުން ދިވެހި ރާއްޖެއަށް ކުރާނެ ފައިދާއަށް ވުރެ މުސްތަގުބަލަށް ލިބޭނެ އިއާދަ ނުކުރެވެނެ ގެއްލުން ބޮޑުވާނެ އެވެ. މި ފެރީގެ ހިދުމަތާއެކު ރާއްޖެއަށް އެތެރެވާ މުދަލަށްވުރެ "އިމްޕޯޓް" ގެ ނުތަނަވަސްކަން މާ ބޮޑެވެ. -- މިއީ ވަރަށް ޓެކްނިކަލް ވާހަކައެކެވެ.
"ކޮޗިން، ކުޅުދުއްފުށި ފެރީއިން އުތުރަށް ތަރުކާރީ ގެނެވިދާނެ. އެކަމަކު އަޅުގަނޑަކަށް ނުފެނޭ އިގްތިސޯދީ ގޮތުން ބަލާއިރު މިއިން ރާއްޖެއަށް އޮތް މާ ބޮޑު ފުރުސަތެއް.... ދެން މައިގަނޑު އެއްޗަކަށް ވަނީ ތަރުކާރުކާރީއާ މޭވާ... އެހާ ހިސާބުން ސުވާލަކީ އޭގެ ސަބަބުން ރާއްޖޭގައި މިހާރު ވެސް އޮތް ނާޒުކު ދަނޑުވެރިކަމުގެ ޕްރޮޑަކްޝަނަށް ވާނީ ކިހިނެއް ތޯ؟ އެ އާބާދީއަށް ވަނީ ކިހިނެއްތޯ؟ މިސާލަކަށް ށ. ފީވަކަށް ވާނީ ކިހިނެއްތޯ؟ އެ މީހުންގެ ދަނޑުވެރިކަން ފީވެގެން ދާނީތޯ؟ .... އަދި ރާއްޖޭން ކާގޯއަށް އެ ވަރަށް ޑިމާންޑު އޮންނާނެ ބާ؟ ހީއެއް ނުވޭ!" ރާއްޖެއަށް އެންމެ ގިނައިން މުދާ ގެންނަ އެއް ކުންފުނި ކަަމަށް ސެންޗޫރިއަންގެ ޗެއާމަން، އަހުމަދު މައުމޫން (ކެޕްޓަން މާން) ވިދާޅުވި އެވެ.
އިންޑިއާގެ ކޮޗިން އިން ރާއްޖެ އަށް މި ފެރީ އަންނާނީ އެރޭބިއަން ސީ ހުރަސްކޮށްފަ އެވެ. މި ދޭތެރޭ ދިގު މިނަކީ ކޮޗިން އާ މާލެ އާ ދެމެދަށް 700 ކިލޯ މީޓަރު ނުވަތަ 493 ނޯޓިކަލް މޭލެވެ. އަދި ކޮޗިން އިން ކުޅުދުއްފުއްޓަށް 500 ކިލޯ މީޓަރު، 149 ނޯޓިކަލް މޭލެވެ.
ވެރިރަށް މާލެ އަށް ކޮޗިން އިން ދެ ދުވަހުން އާދެވޭނެ ކަމަށް ބެލެވޭއިރު، ކުޅުދުއްފުށީ ދަތުރުގެ ދިގު މިނަކީ އެއް ދުވަހެވެ. ނަމަވެސް މިއަށް ވުރެ ލަސްވުމާއި އަވަސް ވުން އޮންނަނީ ދަތުރު ފަށާ ފެރީގެ ބާވަތަށް ބަލާފަ އެވެ. ގާތްގަނޑަކަށް ގަޑިއަކު 20 މޭލު ދުވާ އުޅަނދެއްނަމަ ދެ ދުވަހުން ރާއްޖޭގެ އައްސޭރި އަތުވާނެ އެވެ.
ފެރީ: ދިވެހިންނަށް ފޫހި ނިޒާމެއް!
ކޮޗިން އިން މާލެއަށް ފްލައިޓުގައި ދޮޅު ގަޑިއިރުން ދެވެ އެވެ. އިންޑިއާގެ، އިންޑިގޯ އެއާލައިނުން 200 ޑޮލަރު ވަރަށް ކޮޗިން އަށް ރިޓާން ލިބެ އެވެ. އަދި މޯލްޑިވިއަން އިން ދަތުރު ފެށުމާއެކު މި އަގު ވަނީ 150 ޑޮލަރު ވަރަށް ވަނީ ވެއްޓިފަ އެވެ. މިހާ ފަސޭހައިން ދެވެން އޮއްވައި ފެރީއެއްގައި ކަނޑު މަގުން ދަތުރުކޮށްފައި ދިވެހިން އިންޑިއަށް ގޮސްފާނެތޯ މިއީ ވެސް ސުވާލެކެވެ. ދާން އުޅެނީ ވެސް ކޮން ބައެއް ހެއްޔެވެ؟
"ތިޔައިން ވާނެ އެއްވެސް ފައިދާއެއް މަންފާއެއް ނޯންނާނެ. ތިޔައިން ވާނީ ގެއްލުން. އެ ގެއްލުމަކީ ރާއްޖެގެ ކުދި ވިޔަފާރިވެރީން އިނދަޖެހި ރާއްޖެއަށް އެހެން ނުފޫޒުތަކާއި އިންޑިއާގެ ސަގާފާތްތަކާއި އިސްލާމް ދީނާ ބީރައްޓެހި ކަންކަން ހުރަހަކާ ނުލައި އުތުރަށް އިންޕޯޓްވުން. އާހިރު ނަތީޖާއަކަށް ވާނީ ސަރުކާރު ދެކެ އުތުރު މީހުން ރުޅި އައުން،" ކުޅު ދުއްފުށީގެ ޒުވާނަކު ބުންޏެވެ.
އެންމެ އުތުރުގެ ތުރާކުނަށް ނިސްބަތްވެ ވަޑައިގަންނަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި މިހާރު ބަދަލުވެފައިވާ ގޮތުން ކަނޑު މަގުން އިންޑިއާ އަށް ދާނެ ކަމަށް ނުބެލެވެ އެވެ.
"ފެރީ އިން ޑޮމެސްޓިކް ކޮށް ދަތުރުކޮށްލަން ވެސް މިވަނި ދަތި ކަމަށް. އެހެންވެ 30 މިނެޓުން ދެވޭ ރާސްތާގައި މި އެއާޕޯޓު އަޅަނީ. ދިވެހިން އިންޑިއާއަށް ދާ މައިގަނޑު ސަބަބަކީ ބޭސް ފަރުވާއަށް. އާސަންދަ ލިބޭތީ. ގޮސްފައި ވެސް ބަލަނީ ބޭސް ކޮށްގެން އަވަހަށް އަންނަން. ސުވާލަކީ ފެރީގައި ދެ ދުވަހުން އެ ގައުމަށް ކުޑަކުދިން ގޮވައިގެން ދާނެ ހޭ؟" ސައީދު ސުވާލު ކުރެއްވި އެވެ.
މި ދަތުރާ މެދު އިންޑިއާގެ މީޑިއާތަކުގައި ހަބަރު ފަތުރާފައިވާ ގޮތަށް ބަލާއިރު، މި ދަތުރުތަކުގެ ސަަބަބުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ވެގެން ދާނެ އެވެ. އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެއް މާކެޓެވެ. އެހެންވެ، މި ފެރީ ފެށުމުން މި މާކެޓުން އަންނަ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަަމަށް އެމީހުން ދެކެ އެވެ. ރާއްޖެއަށް އަމާޒުކޮށް އެ މީހުން މި ވާހަކަ ކޮޅު ޕްރޮމޯޓް ކުރެ އެވެ.
އަދި ރައީސް އަބްދުﷲ ޔާމީންގެ އިރަށް މޫނު އަނބުރާލައިގެން އޮތް ސަރުކާރަކަށްފަހު މިހާރުގެ ސަރުކާރަކީ "އިންޑި ފަސްޓް ޑިޕްލޮމަސީ" ގެ ސަރުކާރަކަށްވާތީ "މަޑުކޮށްލަ ބަލާށޭ... ކޮންޗިން ފެރީއަކީ ކޯންޗެއް ހެއްޔޭ" އަހާކަށް ދިވެހި ސަރުކާރަކަށް ނުކެރުނެވެ. އޭގެ ކުރިއަށް އިންޑިއާއިން އޮތީ ރަނގަޅު ތަނަށް ރަނގަޅު އެތި ކޮށްޕާލާފަ އެވެ.
އިންޑިއާގެ ނޫސްތައް މެދުވެރިކޮށް ކޮޗިން ފެރިއާ ޓޫރިޒަމާ ގުޅުވައި "ހެސް ކިޔާފައި" ޕްރޮމޯޓް ކުރާ ވާހަކަތަކަށް ރާއްޖެގެ ޓޫރިޒަމް އެކްސްޕާޓުން ދެކެ ވަޑައިގަންނަވާ ގޮތާއި ނަޒަރު މުޅީން ތަފާތެވެ. އެ ބޭފުޅުން ދެކެ ވަޑައިގަންނަވާ ގޮތުގައި "ޗީޕް ފްލައިޓް" ނުވަތަ "ބަޖެޓް ފްލައިޓް" އޮއްވައި އިންޑިއާގެ ވެސް ޓޫރިސްޓުންނޭ ކިޔާ މީހުނެއް ފެރީއެއްގައި ރާއްޖެ ނާންނާނެ އެވެ. އަޔަސް އަންނާނީ އެހެން ފާޑެއްގެ ބައެކެވެ. އަދި ރާއްޖެއަށް މައްސަލައަކަށް ވާނީ ވެސް އެފާޑު މީހުނެވެ. އެ ހަގީގަތް ޖެހޭނީ ގައުމީ ޔުނިވާސިޓީ ނޫނީ އިސްލާމިކް ޔުނިވާސިޓީ ކަހަލަ ތަނަކުން ރިސާޗް ކޮށްގެން ބަލާށެވެ.
ސައީދު ވިދާޅުވި ގޮތުގައި އިންޑިއާއިން މާލެއަށް ނޫނީ އުތުރަށް އަދި މާލެއިން އިންޑިއާއަށް ކަނޑުމަގުން މާ ގިނަ ޓޫރިސްޓުން ތަކެއް ދަތުރުކޮށްފާނެ ކަމަށް ބަލައި ހިސާބެއް ހެދުމަކީ ކުށް ހީއެކެވެ.
"ޓޫރިސްޓުން ރާއްޖެ މި އަންނަނީ ފަސް ވަރަކަށް ދުވަހަށް. އެ މީހުން މި ބަލަނީ ވީހާ އަވަހަށް ސޭފްކޮށް އައިސް، ރިސޯޓަށް ނޫނީ ގެސްޓްހައުސް އަށް ދާން. ސުވާލަކީ މި ފެރީގައި އެ މީހުން މާކަނޑުގައި ދުއްވާފައި އަންނާނެ ތޯ؟"
އެހެންވިއްޔާ މިއީ ކީއްކުރަން އަޅާ ފެރީއެއް ހެއްޔެވެ؟ މި ފެރީން އަންނާނީ އަދި ދާނީ ކޮން ބައެއް ހެއްޔެވެ؟ މީގެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ބޭނުމަކީ ވެސް ކޮބައި ހެއްޔެވެ؟ ދުނިޔޭގެ އެހެން ގައުމުތަކުގައި ބޯޑަރު ހުރަސްކޮށް ފެރީ ކުރުމުގެ ނަތީޖާ ކިހިނެއް ހެއްޔެވެ؟
ރާއްޖޭގެ ބޮޑު އެއް ވިޔަފާރިވެރިޔާ، އަދި ރާއްޖެގެ ވިޔަފާރިއަށް ބޮޑު ބަދަލެއް ގެނެސް ދެއްވާފައިވާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވި ގޮތުގައި ސިންގަޕޫރާއި އިންޑޮނޭޝިއާއި ދެމެދު ވެސް ފެރީ ބާއްވަ އެވެ. ބޯޑަރު ހުރަސްކޮށް ފެރީ ބޭއްވުމަކީ ދުނިޔޭގައި އާކަމެއް ނޫނެވެ. ނަމަވެސް ރާއްޖެ ތަފާތުވެ އެވެ. އެހެންވެ މި ދަތުރު ފަށާއިރު ފުރަތަމަ ޓްރަޔަލް އަކަށް ޕައިލެޓް ޕްރޮޖެކްޓެއް ޖެއްސުން ބުއްދި ވެރިއެވެ.
އޭގެ ސަބަބު ވެސް ޖަނާ ވިދާޅުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭނުމަކީ އެއިން ނުކުމެދާނެ ނަތީޖާއެއް ދުރާލައި ފަރުވާތެރި ކަމާއެކު ބެލުމެވެ. އޭގެ އިތުރުން ގައުމީ އެއާލައިން "މޯލްޑިވިއަން" އަށް އެއްވެސް ގެއްލުމެއް ވިޔަ ނުދީ ބޭއްވުމެވެ.
"އެއްވެސް ޒަމާނެއްގައި ޓްރާންސްޕޯޓް ލިންކެއް އަޅައިގެން ގެއްލުން ވެފައެއް ނެތް. މި ދަތުރުތަކެއް ފެށުމުން ފައިދާ ކުރާނެ. ހާއްސަކޮށް އެސްއެމްއީ ވިޔަފާރި ތަކަށް. އެކަމަކު މީގައި ބަލަން ޖެހޭނީ ނޭޝަނަލް އިންޓްރެސްޓަށް. ބޯޑަރު ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭ. އެކި ފާޑު ފާޑުގެ ކަންކަން ކުރަން ފުރުސަތު ދެވިގެނެއް ނުވާނެ. މި ކަންކުރާއިރު ފުރަތަމަ ކުރިއަށް ގެންދިއުމުގެ ކުރިން ވަކި ޑޭޓަކަަށް ޓްރަޔަލް އެއް ޖައްސަން ޖެހޭނީ. އޭރުން އެނގޭނެ މީގެން ނުކުންނާނެ ނަތީޖާ. ގެއްލުމަކީ ކޮބައިކަން ވެސް އެނގޭނެ، އާކަންކަން ފެންމަތިވާނެ،" ޖަނާހު ވިދާޅުވި އެވެ.
އެއްވެސް ޒަމާނެއްގައި ޓްރާންސްޕޯޓް ލިންކެއް އަޅައިގެން ގެއްލުން ވެފައެއް ނެތް. މި ދަތުރުތަކެއް ފެށުމުން ފައިދާ ވެސް ކުރާނެ، ހާއްސަކޮށް އެސްއެމްއީ ވިޔަފާރި ތަކަށް. އެކަމަކު މީގައި ބަލަން ޖެހޭނީ ނޭޝަނަލް އިންޓްރެސްޓަށް. ބޯޑަރު ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭ،މުހައްމަދު އަލީ ޖަނާހު| ވިޔަފާރިވެރިއެއް
އިންޑިއާ ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ މި ދަތުރުތައް ކުރި އަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފަށާނެ އެވެ. މިއަދު ވެސް އިންޑިއާގެ ގިނަ ނޫސްތަކުގައި "އީދު އައިސްގެން އުޅޭހެން" ބޮޑު ވާހަކައަކަށް އޮންނަނީ މި ފެރީގެ ވާހަކައެވެ.
އަދި ރާއްޖޭގެ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަފީރު، ސަންޖޭ ސުދީރު ވިދާޅުވި ގޮތުގައި ފެރީގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދެ އެވެ. އެގޮތުން ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ޓީމެއް ރާއްޖެ އައިސް ޑީޓެއިލް އެސެސްމެންޓެއް ހަދާ އެ މަސައްކަތުގެ ފައިނަލް ރިޕޯޓު ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އޭނާ ވިދާޅުވާ ގޮތުން މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ބޮޑު ލުއި ފަސޭހަ ކަމެއް ލިބޭނެ އެވެ. މި ނިޒާމުގެ ސަބަބުން ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެ އަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެކުރެވޭނެ އެވެ. މިކަމާ ގުޅޭ ގޮތުން ރާއްޖެއިން ހެދި ރިޕޯޓެއް އޮތް ކަމެއް ނޭނގެ އެވެ. އޭގެ ވާހަކައެއް ނުވެސް ދައްކަ އެވެ. ރާއޖޭގެ ގައުމީ މަސްލަހަތު އޮތް ކަމެއްގައި ރާއްޖެއިން ހަދާ ރިޕޯޓެއް ވެސް އޮންނާންވާނެ އެވެ. އެހެން ނޫނީ އާހިރުގައި ގައުމީ މަސްލަހަތު އޮންނާނީ ކޮމްޕްރޮމައިޒް ވެފައެވެ.
ޑަމްޕް ކުރުމުގެ ފުރުސަތު!
އިންޑިއާ ސަފީރު އެހެން ވިދާޅުވި ނަމަވެސް، ދިވެހި ގިނަ ވިޔަފާރިވެރިނާއި ތަޖުރިބާކާރުންގެ ނަޒަރު މުޅިން ތަފާތެވެ. މި ފެރީ ދަތުރުތަކުން ދިވެހިންނަށް ގެއްލުންވެ، އިންޑިއާއަށް ފައިދާވުމުގެ ފުރުސަތު ބޮޑު ކަމަށް އެމީހުން ގަބޫލު ކުރެ އެވެ. ފެރީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އިންޑިޔާގެ މުދާ ޑަމްޕް ކުރަން މަގު ފަހި ވެގެންދާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވަ އެވެ.
ދިވެހި ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ކުރިން އިންޑިއާ އިން ރާއްޖެއަށް ތަރުކާރީ ގެންނަނީ ދިވެހިން އިންޑިއާ މީހުންނަށް "ކޮމިޝަން" ދީގެނެވެ. ނަމަވެސް މިހާރު އެ މީހުން އެ މަސައްކަތް ކުރަނީ އަމިއްލަ އަށެވެ. ކޮޗިން ފެރީގެ ސަބަބުން ދިވެހި ކުދި ވިޔަފާރި ތަކަށް ލިބޭ ގެއްލުން މިހާރަށް ވުރެ ވެސް ބޮޑުވާނެ އެވެ. އަދި ދިވެހި ވިޔަފާރިތައް ރޫޅައިލާނެ އެވެ.
"މި [ރާއްޖޭގައި] ގެ ބޮޑެތި މަޝްރޫއުތަކުގައި އެ ދަނީ އިންޑިއާ ކުންފުނިތައް ގިނަ ކުރަމުން. ކުރިއަށް އޮތްތަނުގައި އެ މީހުންނަށް ސަޕްލައި ކުރާނީ ތިޔަ ފެރީން ގެންނަ އެއްޗިހި. މީގެ ނަތީޖާ މިއަދު ނުފެނި ދާނެ. އެކަމަކު ދެ އަހަރަކުން ފެށިގެން ނަތީޖާ ފެންނަން ފަށާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިޔަފާރި ވެރިޔަކު ވިދާޅުވި އެވެ. "މިހާރު ގެންނާނީ ތަރުކާރީ. މިއަދު އަންނާނީ ލުނބޯ ގޯނި ކޮނޑަށް ލައިގެން. މިއަދު އަންނާނީ 300 ފޫޓުގެ ފެރީ. އެކަމަކު މާދަމާ ފެރީ 1،000 ފޫޓަށް ބޮޑުކޮށްލައި ޕެސެންޖަރު ލައިނެއްގެ ގޮތުގައި ހާޑްވެއާ ވެސް ގެންނަން ފަށާނެ. އެ ހިސާބުން ދެން އެ ނިމުނީ. މީގެ ފައިދާ ލިބޭނީ ޓައީ އަޅައިގެން އުޅޭ މީހުންނަށް. ގެއްލުންވާނީ އެންމެ އާދައިގެ ކުދި ވިޔަފާރިކުރާ އާއްމު މީހާ އަށް."
އެހެން ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ކޮޗިން ފެރީ ލިންކް ފެށުމުގެ މަގުސަދެއް ކަމަށް އޭނާއަށް ގަބޫލު ކުރެއްވަނީ ޓިކެޓު ނަގައިގެން ނާދެވޭ ފެންވަރުގެ އިންޑިއާގެ ކުދި ވިޔަފާރި ތަކަށް ރާއްޖޭގެ ބާޒާރުން ފުރުސަތު ހުޅުވައި ދިނުމެވެ.
"ތިޔަ ފެރީ އިން ދަތުރުކުރާނެ ދިވެއްސަކު ވާނެ ކަމަށް ނުބެލެވޭ. ސަބަބަކީ ދިވެހިންގެ ދިރިއުޅުން ހުރި ހިސާބުން. ތިޔަ ފެރީ ފެށުމުގެ ބޭނުމަކީ ޓިކެޓު ނަގައިގެން ވައިގެ މަގުން ނާދެވޭ އިންޑިއާގެ ކުދި ވިޔަފާރިތަކަށް މަގު ފަހިކޮށްދިނުން. ފެންވަރު ދަށް ތަރުކާރީ އާއި މޭވާ ގެންނަން މަގު ފަހި ކުރުން. ލުނބޯ ގޯނި ކޮނޑަށް ލައިގެން އަންނަ ތިބި މީހުންނަށް މަގު ހޯދައި ދިނުން،" އޭނާ ވިދާޅުވި އެވެ.
ޖަނާ ވެސް ވަނީ ފެރީގެ ނިޒާމު ފެށި ނަމަވެސް މުދާ "ޑަމްޕް" ކުރަން ފުރުސަތު އޮވެދާނެތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
"ފުރަތަމަ ކަމަކީ ފެރީ ފަށާއިރު ޖެހޭ ގެނެވޭނެ އެއްޗިއްސާއި ނުގެނެވޭނެ އެއްޗިހީގެ ލިސްޓެއް އޮންނަންޖެހޭ އެނގެން. ރާއްޖޭގައި ކުކުޅު ބިސް ބޭނުންވާ ވަރަށް އަދި ނުއެއް އުފެއްދޭ. އެކަމަކު ބައެއް ތަރުކާރީ އާއި މޭވާ ހައްދާ. އެހެންވީމަ އެ ގެނެވިގެން ނުވާނެ. އެކަމަކު އެ ބާވަތްތައް ގެނެވޭ ގޮތަށް އޮވެއްޖެނަމަ ދަނޑުވެރިކަމުގެ އެސްއެމްއީ ތަކަށް ގެއްލުން ފޯރާނެ. އެގޮތަށް ރާއްޖޭގެ އެސްއެމްއީ ތަކަށް ގެއްލުންވިޔަ ނުދޭން ހުރިހާ މެޝާސް ތަކެއް ހުންނަން ޖެހޭނީ އިމްޕްލިމެންޓް ކުރެވިފައި،" ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ރައީސް ވިދާޅުވި އެވެ.
ކަނޑުގެ ބޯޑަރު ބެލެހެއްޓޭނެ ތަ؟
ވިޔަފާރީގެ އޭންގަލުން ދުރަށްޖެހިލައި އެހެން ނަޒަރަކުން ބަލައި ދުރުމި އަޅާލާއިރު މި ދަތުރުން މުޅީން ފެންނަނީ ނުތަނަވަސް ކަމެވެ. ކޮޗިންއަކީ މާފިޔާ އާއި ޑްރަގް ވިޔަފާރީ ގެ މައި ހަބެކެވެ. މި ވަރުގެ ބަނދަރަކުން ފެރީއެއް ރާއްޖޭގެ މާކަނޑު ހުރަސްކޮށް ރާއްޖޭގެ އެންމެ އެތެރެވެރިއަށް ވަދެގެން އަންނައިރު ބަލަންވީ ވަރަށް ނުބެލިއްޖެނަމަ ނުގަވައިދު އެތައް އެތައް ވިޔަފާރިއެއް ރާއްޖޭގެ ކަނޑަށާއި އައްސޭރިއަށް ބާލާނެ އެވެ.
ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރައްވައި މިހާރު ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ކޮޗިން ފެރީ ދަތުރުން ރާއްޖެ އިތުރު ނުރައްކަލަކަށް ހުށަހެޅުމުގެ މަގު ވަރަށް ބޮޑަށް އޮންނާނެ އެވެ. ހާއްސަކޮށް ޑްރަގް ވިޔަފާރި އިތުރުވެ އެހެން ހަރުފަ ތަކަށް ދިއުމުގެ މަގެއް ފުޅާވާނެ އެވެ.
ސެންޗޫރިއަންގެ ޗެއާމަން، މާނު ވިދާޅުވި ގޮތުގައި ކޮޗިން ދަތުރުން ވިޔަފާރީގެ މާ ބޮޑު ފުރުސަތެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ގޯހެވެ. އަދި އެންމެ ބޮޑު ނުރައްކަލަކީ މިކަން ރަނގަޅަށް މޮނިޓާކޮށް ނުބެލެހެއްޓިއްޖެނަމަ ދިމާވެދާނެ ނުރައްކާތަކެވެ. ހާއްސަކޮށް އަން ސްކިލް ލޭބަރުންގެ މައްސަލަ ގޯހުން ގޯހަށް ދިއުމުގެ ފުރުސަތު 100 ޕަސެންޓަށް އޮންނާނެ އެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަރަށް ބޮޑު. މިހާރު ވެސް މި އުޅެނީ މި ސަރަހައްދު ތެރެއަށް ވަދެގެން އަންނަ އުޅަނދުތައް ވެސް ނުބެލިގެން. އެހެންވީމަ ކިހިނެއްތޯ، އުތުރުން ވަދެގެން އަންނަ އުޅަނދު ތަކެއް އެތައް ރަށެއް ހުރަސްކޮށްފަ އަންނައިރު ބަލަހައްޓާނީ،" މާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަނޑު އުޅަނދު ފަހަރުގައި ސިފައިން ބައިތިއްބަން އެ ކުންފުނިން ކުރިން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އެކަން ނުވީ އެވަރުގެ ކެޕޭސިޓީއެއް ރާއްޖޭގައި ނެތިގެނެވެ.
"ރައީސް ޔާމީނާއި ރައީސް ނަޝީދު ވެރިކަމުގައި ވެސް މަސައްކަތް ކުރިން ވަންނަ އުޅަނދު ފަހަރުގައި ސިފައިން ބައިތިއްބަން. އެކަމަކު އޭރު ބުނެފައި ވަނީ ދިވެހި ސިފައިންގެ އަތުގައި އެ ވަރުގެ ކެޕޭސިޓީއެއް ނެތް ވާހަކަ. ދެން މިހާރު ކުއްލިއަކަށް އެ ކެޕޭސިޓީ ލިބުނީ ތޯ މިއީ ދެއްތޯ ސުވާލަކީ؟ މިހާރު އެ އުޅެނީ ހެލިކޮޕްޓަރެއްގައި ވެސް ދިވެހި ސިފައިންނަށް އަތް ނުލެވިގެން. ފެރީއަށް ވެސް ވާނީ އެހެން ނޫންތޯ؟" މާނު ވިދާޅުވި އެވެ.
ކޮޗިން ފެރީ ރާއްޖެއާ ދިމާލަށް އަންނައިރު ފެންނަނީ ހުސް ސުވާލެވެ. ފެރީ ބަނދަރު ކުރުމުން ކުރިމަތިވެދާނެ މައްސަލަތައް އެނގޭނީ އަދިި ފަހުންނެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.