ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮޗިން ފެރީ

ކޮޗިން ފެރީ: ދިވެހި އިގްތިސޯދު ބެދޭނެ މަޅިއެއް!

ރާއްޖެ- ކޮޗިން ފެރީ ދަތުރުތަކާ ބެހޭ ގޮތުން އަވަސް އިން ހަދާފައިވާ ވީޑިއޯއެއް: މި ދަތުރުތައް މިމަހުގެ 26 ގައި ފަށަން ދަނީ ރާވަމުން -- ވީޑިއޯ: އާއިމް ޒަމީރު | އަވަސް

"ފެރީ" ކުރަނީ މީހުން އުފުލާށެވެ. ނޫނީ މުދަލާއެކު ވިޔަސް މީހުން އުފުލާށެވެ. އިންޑި އާއި ދިވެހިން ސަރުކާރުން ވަނީ ރާއްޖެ - އިންޑިއާ ފެރީގެ ހިދުމަތް ފަށަން ނިންމާފަ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި މި މަހުގެ 26 ވަނަ ކޮޗިން ބަނދަރުން އަންނަ ފުރަތަމަ ފެރީ ރާއްޖެއަށް ބަނދަރުކޮށް ނަގިލި ވައްޓާލާނެ އެވެ. މި "ފެރީ" ގައި އިލެކްޓްރިކް މެޝިނަރީ އާއި ފަރުނީޗަރާއި ބޭހުގެ ބާވަތްތަކާއި ކާބޯތަކެތި ރާއްޖެއަށް އޮއްސާލާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ "ފޮނިކަނޑަމުން" ނެވެ. އެކަމަކު ޔަގީނުންވެސް މި ދަތުރުވާނީ ތާރީހީ ކަމަކަށެވެ. އަދި ތާރީހީ ފެށުމަކަށެވެ. ސަބަބަކީ މިއީ ރާއްޖެއާ އެހެން ގައުމަކާ ދެމެދު ފަށާ ފުރަތަމަ ފެރީގެ ހިދުމަތަށްވާތީ އެވެ.

އެކަމަކު މި ދަތުރުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާއި މި ދަތުރު އޮޑީގެ ވަތުގައި "ފޮރުވާފައިވާ" ހަގީގީ "ސިއްރު" އިންޑިއާގެ ރިސާޗް އެންޑް އެނާލިސިސް ވިންގު (ރޯ) އާއި އިންޑިއާގެ އިސްވެރިން ފިޔަވައި އެހެން ބަޔަކަށް ނޭނގެ އެވެ. މި ސިއްރުތައް ދިވެހި ސަރުކާރުގެ އިސްވެރިންނަށް އެނގޭ ކަމާމެދު ޝައްކެވެ. -- އެހެން ވާހަކަށް މަޖުބޫރެއް ނޫނެވެ.

އިންޑިއާގެ ފެރީގެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެ ފަދަ ގިނަ ބޭފުޅުންގެ ނަޒަރުގައި އިންޑިއާގެ ދަތުރުތައް ރާއްޖެއާ ދިމާއަށް އަނބުރާލުން ވެގެން ދާނީ ދިވެހި އިގްތިސޯދު ބެދޭނެ މަޅިއެއްގެ ތެރެއަށް ރާއްޖެ ވަދެގެން ދިއުމަށެވެ. އެހެންވެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި އަދި މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ހިތާވެގެން" އުޅޭ ކޮޗިން ފެރީން ނުކުމެދާނެ ނަތީޖާއާ މެދު ހިސާބަކަށް ބަލައިލާން ޖެހެ އެވެ.

ފުރަތަމަ ކަމަކަށް އިންޑިއާ އިން އިސް ނަގައިގެން މި ފަދަ ދަތުރުތަކެއް ރާއްޖެއަށް ފެށުމުގެ މަގުސަދަކީ ކޮބައި ހެއްުޔެވެ؟ މި ކަހަލަ ފެރީއެއްގައި ދިވެހިން އިންޑިއާއަށް ދަތުރު ކުރާނެ ހެއްޔެވެ؟ އަދި ނުކުރިޔަސް މި ފެރީގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓް އިތުރުވާނެ ހެއްޔެވެ؟ ފެރީގެ ހަގީގީ މަންފާ ލިބޭނީ ކޮން ބަޔަކަށް ހެއްޔެވެ؟

"ކީއް ވެގެންހޭ އިންޑިއާ ސަރުކާރުން އިސް ނަގައިގެން ފެރީއެއް ރާއްޖެއަށް ފަށަންވީ، މިއީ ސުވާލެއް ނޫން ތޯ؟ ދަތުރު ފަތުރުގެ ނިޒާމު ތަކަކީ ސަރުކާރު ތަކުން މަގު ފަހި ކުރީމަ ޑިމާންޑް އޮތިއްޔާ އުފެދޭނެ އެއްޗެއް. މިހާރު ވެސް އިންޑިއާގެ ކުންފުނި ތަކުން އިންޑިއާގެ ތޫތުކުޅިން ރާއްޖެއަށް މުދާ ގެނެސްދޭ. އެކަން ކުރަނީ ޑިމާންޑަށް. އެހެންވީމަ މި ފެރީ ހަމަ ގަދަބަވިކަން ދައްކާފަ ފެށުމުގެ މަގުސަދެއް ނޭނގެ،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ނޫހުގައި އޭނާގެ ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މި ފަށަނީ މަލިކު ފެރީ؟

އިންޑިއާގެ ކޮޗިނުން ރާއްޖެއަށް މި ފެރީ އަންނާނީ އެރޭބިއަން ސީ ހުރަސްކޮށްފަ އެވެ. މި ދޭތެރޭ ދިގު މިނަކީ ކޮޗިން އާ މާލެ އާ ދެމެދަށް 700 ކިލޯ މީޓަރު ނުވަތަ 493 ނޯޓިކަލް މޭލެވެ. އަދި ކޮޗިން އިން ކުޅުދުއްފުއްޓަށް 500 ކިލޯ މީޓަރު، 149 ނޯޓިކަލް މޭލެވެ. ވެރިރަށް މާލެއަށް ކޮޗިނުން ދެ ދުވަހުން އާދެވޭނެ ކަމަށް ބެލެވޭއިރު، ކުޅުދުއްފުށީ ދަތުރުގެ ދިގު މިނަކީ އެއް ދުވަހެވެ. ނަމަވެސް މިއަށް ވުރެ ލަސްވުމާއި އަވަސް ވުން އޮންނަނީ ދަތުރު ފަށާ ފެރީގެ ބާވަތަށް ބަލާފަ އެވެ. ގާތްގަނޑަކަށް ގަޑިއަކު 20 މޭލު ދުވާ އުޅަނދެއްނަމަ ދެ ދުވަހުން ރާއްޖޭގެ އައްސޭރިއާ ލައްވާލާފާނެ އެވެ.

އިންޑިއާއަކީ ދިވެހިން ތަފާތު ބޭނުންތަކުގައި ގޮސް އުޅޭ އަވަށްޓެރި އަދި ކައިރި ގައުމެކެވެ. ވިޔަފާރި އާއި ބޭސް ފަރުވާއަށް ދާންޖެހޭ އަދި ދިވެހިންނާ "ގާތް ގުޅުމެއް" އޮތް ގައުމެވެ. އިންޑިއާ ފެރީ ފަށަން ނިންމުމާއެކު އެއިން ދިވެހިން ދަތުރު ކުރާނެ ކަމަށް ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވާހަކަފުޅު ދެއްކެވި އެވެ. މި ވަރުގެ ބޮޑު ކަނޑެއް ހުރަސްކޮށް އިންޑިއާ ފެރީގައި ދިވެހިން އިންޑިއާ އިން ރާއްޖެ ހިނގައިދާނެ ހެއްޔެވެ؟ ހީއެއް ނުވެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު މިވަނީ ޓްރެވަލް "ބަބަލް" އުފައްދަން ނިންމާފަ އެވެ. މާނައަކީ ފަސޭހަ އިން ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތެއް އިންޑިއާގެ ގިނަ އެއާލައިން ތަކުން ތަނަވަސް ކޮށް ދޭނެވެ. އަދި ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން ވެސް އެ ގައުމަށް އަލުން ފަށަން ވަނީ ނިންމާފަ އެވެ. މީގެ ދަތުރެއްގެ ދިގު މިނަކީ ކޮޗިން އިން މާލެއަށް ފްލައިޓުގައި ބަލާނަމަ ދޮޅު ގަޑިއިރެވެ. އަދި އިންޑިގޯ އެއާލައިނުން ގާތްގަނޑަކަށް 200 ޑޮލަރަށް ކޮޗިންއަށް ރިޓާން ޓިކެޓި މީގެ ކުރިން ވިއްކި އެވެ. އަދި މޯލްޑިވިއަނުން ޓިކެޓު ވިއްކީ 150 ޑޮލަރު ވަރަަށެވެ. މިހާ ފަސޭހައިން ދެވެން އޮއްވާ ފެރީއެއްގައި ކަނޑު މަގުން ދަތުރުކޮށްފައި ދިވެހިން އިންޑިއަށް ހިނގައިދާނެ ތޯ މިއީ ސުވާލެކެވެ.

އެންމެ އުތުރުގެ ތުރާކުނަށް ނިސްބަތްވެ ވަޑައިގަންނަވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި މިހާރު ބަދަލުވެފައިވާ ގޮތުން ކަނޑު މަގުން އިންޑިއާ އަށް ދާނެ ކަމަށް ނުބެލެވެ އެވެ.

"ފެރީގައި ޑޮމެސްޓިކް ކޮށް ދަތުރުކޮށްލަން ވެސް މިވަނީ ދަތި ކަމަށް. އެހެންވެ 30 މިނެޓުން ދެވޭ ރާސްތާގައި މި އެއާޕޯޓު އަޅަނީ. ދިވެހިން އިންޑިއާއަށް ދާ މައިގަނޑު ސަބަބަކީ ބޭސް ފަރުވާއަށް. އާސަންދަ ލިބޭތީ. ގޮސްފައި ވެސް ބަލަނީ ބޭސް ކޮށްގެން އަވަހަށް އަންނަން. ސުވާލަކީ ފެރީގައި ދެ ދުވަހުން އެ ގައުމަށް ކުޑަކުދިން ގޮވައިގެން ދާނެ ހޭ؟" ސައީދު ވިދާޅުވެފައިވެ އެވެ.

ދެން އެހެންވީއިރު މި ފެރީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ދެމެދު ވެސް އިންޑިއާއިން ފެރީ ބާއްވަ އެވެ. މި ފަށަނީ "މަލިކު" ފެރީ ހެއްޔެވެ؟

"އެކި މީހުން ޖަވާބު ދޭނީ އެކި ގޮތަށް. މި ފެރީ އަަޅުގަނޑަށް ސިފަވަނީ މަލިކު ފެރީއަށް. މަލިކަކީ އިންޑިއާގެ ބާރު ހިނގާ، އެ މީހުންގެ ޓެރެޓަރީއެއް. މި ދޭން އުޅޭ ޖަވާބު ފުރިހަމަ ކަމަށް ފެނޭ. މިވެސް ހަމަ ޖަވާބު ދޭ ގޮތެއް،" ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

މި ފެރީ ނިޒާމުން ދިވެހިން ނުދިޔައަސް ދަތުރު ކުރާނެ މީހުން ވާނެ އެވެ. ދަތުރު ކުރާނެ މީހުން މަދު ވެގެން ހުއްޓާލާކަށް ވެސް ނުޖެހޭނެ އެވެ، މީގައި ގިނައިން އައިސް ގޮސްވާނީ އިންޑިއާގެ ރައްޔިތުންނެވެ. ފެރީގެ ސަބަބުން ބޮޑު މަންފާ ލިބޭނެ ބަޔަކީ ވެސް އެ މީހުންނެވެ. މިހާރު ވެސް ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގެ "ސަޕްލައި" ގެއްލިފައިވާ ދިވެހިންގެ އަތް ދަށުން އިތުރަށް މިކަން ފިރުކިގެން ދިއުމުގެ ބާރަކަށް މި ފެރީ ނިޒާމު ވުމުގެ ފުރުސަތު އެބައޮތެވެ. އިންޑިއާއިން ގިނަ އަދަދެއްގެ މުދާ ގެނެސް އަޅާލުމުން މުޅި އިގްތިސޯދު އިންޑިއާ މުދަލަށް ބަރޯސާ ވެގެންދާނެ އެވެ،

އިންޑިއާ މުދާ "ޑަންޕް" ކުރާނެ

ބޯޑަރު ހުރަސްކޮށް ފެރީ ބޭއްވުމަކީ ދުނިޔޭގައި އާކަމެއް ނޫނެވެ. އެކަމަކު އެކަން ކުރަން ރާއްޖެ ތަފާތުވެ އެވެ. އެހެންވެ ފުރަތަމަ ބަލަން ޖެހެނީ ނޭޝަނަލް އިންޓްރެސްޓަށެވެ. މިއިން ނުކުމެދާނެ ގައުމީ މައްސަލަ ތަކަށެވެ. މި ފެރީގެ ސަބަބުން އިގްތިސޯދީ ގޮތުން ރާއްޖެ މަޅި އެއްގައި ބަނދެވިދާނެ ބަލަން ޖެހެ އެވެ.

"ކޮޗިން، ކުޅުދުއްފުށި ފެރީން އުތުރަށް ތަރުކާރީ ގެނެވިދާނެ. އެކަމަކު އަޅުގަނޑަކަށް ނުފެނޭ އިގްތިސޯދީ ގޮތުން ބަލާއިރު މިއިން ރާއްޖެއަށް އޮތް މާ ބޮޑު ފުރުސަތެއް.... ދެން މައިގަނޑު އެއްޗަކަށް ވަނީ ތަރުކާރުކާރީއާ މޭވާ... އެހާ ހިސާބުން ސުވާލަކީ އޭގެ ސަބަބުން ރާއްޖޭގައި މިހާރު ވެސް އޮތް ނާޒުކު ދަނޑުވެރިކަމުގެ ޕްރޮޑަކްޝަނަށް ވާނީ ކިހިނެއް ތޯ؟،" ރާއްޖެއަށް މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ސެންޗޫރިއަންގެ ޗެއާމަން، އަހުމަދު މައުމޫން ވިދާޅުވި އެވެ.

އާއްމުންގެތެރޭ ނުތަނަވަސްކަން ބޮޑު

މި ދަތުރުރާ މެދު އާއްމުގެ ކަންބޮޑުވުމާއި ނުތަވަނަސްކަން ބޮޑެވެ. ހާއްސަކޮށް އަމިއްލަ އަށް ވިޔަފާރި ކޮށްލައިގެން އަމިއްލަ މަސައްކަތުން އުޅޭ ގިނަ ބައެއްގެ ހިޔާލުގައި މި ފެރީން ރާއްޖެ ގެންދާނީ ފަހަތަށެވެ. މީގެން ހަމައެކަނި ފައިދާ ކުރާނީ މި ދަތުރު ފަށާ އިންޑިއާގެ ސަރަހައްދުގެ މީހުންނަށެވެ. އެ މީހުން ހައްދާ ލުނބޯގެ ބަސްތާތަކާއި ފިޔާ ބަސްތާ އާއި މިރުސްކޮތަޅު ރާއްޖެ ގެންނަން ފަސޭހަ ވާނެ އެވެ. މީގެ ބަދަލުގައި ރާއްޖެއަކީ އިންޑިއާއަށް އެކްސްޕޯޓު އޮތް ގައުމަކަށް ނުވާތީ މީއީ އެއްކޮޅަށް ދުއްވާ ފެރީއަކަށްވާނެ އެވެ. އަދި މިކޮޅުން އަރާނީ ވެސް އިންޑިއާ މީހުނެވެ.

އަވަސް ވާހަކަ ދެއްކި މީހުން ތިބީ މި ދަތުރުތަކާ ރުހިގެން ނޫން ކަން އެނގެ އެވެ. އެ މީހުންގެ މެދުގައި މި ދަތުުރުތަކާ މެދު އޮތީ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ. މެދު އުމުރުގެ މީހަކު ނަން ނުޖެހުމަށް އެދި އިންޓަވިއު ފަށަމުން ފުރަތަމަ ވެސް ބުނީ މިއީ ދިވެހިން ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

"މިއީ 50 ގެ އަހަރުތަކުގައި ނަމަ އޯކޭ. އެކަމަކު މިއީ ވައިގެ މަގުން އެންމެ ކުރިއަރާފައިވާ ގައުމުތައް ވެސް ގުޅިފައިވާ އިރެއް. މި ނޫނީއްޔާ މިތާ އެތެރެ ވަރީގައި ނޯންނާނެ މި ފެންވަރުގެ ކޮލިޓީ މުދާ ގެންނަ ގައުމެއް. ހާއްސަކޮށް ކާބޯތަކެތި. ދިވެހިންނަކީ ކޮންމެ ކޮންމެ އެއްޗެއް ކައި އުޅުނު ބައެއް ނޫން. ދެވަނަ ބޮޑު ހަނގުރާމައިގެ ދަތީގައި ވެސް ދިވެހިންނަކީ ނަޖިސް ކައި އުޅުނު ބައެއް ނޫން. ކާނެ އެއްޗެއް ނުލިބިގެން މަރު ވެގެން ދިޔައިރު ވެސް،" އެ މީހާ ބުންޏެވެ.


"އެހެންވީމަ ކޮޗިން ފެރީ ފަށުމަކީ ރާއްޖޭގެ މެދުފަންތީގެ އާބާދީ އަށް، ބޮޑު ސިންގާހާ ދެރަ އިތުރުވުމުގެ ފުރުސަތެއް. މީގެ ސަބަބުން ދިރިއުޅުމުގެ ކޮލިޓީ ވެއްޓިގެން ދާނެ. އިންޑިއާއިން ހަނދަށް ވެސް އެއްޗިހި ފޮނުވާ، އަދި، ކަނޑަށް އެއްޗިހި ވެސް ބާލާ. އެކަމަކު އެ މީހުންގެ މައިގަނޑު އާބާދީ އޮތް ލެވަލް އެއީ މުސްތަގުބަލުގައި ދިވެހިން ވެއްޓޭނެ ލެވަލް. މި މީހުންގެ މުޅި މަގުސަދަކީ އަޅުގަނޑުމެންގެ ތަނަވަސްކަން ފޭރި ގަތުން."

މާރުކޭޓުގައި ގޮޅިއެއް ހިންގާ މީހަކު ބުނި ގޮތުގައި ކޮޗިން ފެރީއަކީ ގައުމަށް ކުރިމަތިވާނެ އިތުރު ނުތަނަވަސް ކަމަކާ، ދަތި ކަމަކަށްވާނެ އެވެ.

"މިއީ އިތުރަށް ނުރައްކާ ވެސް ކަމެއް. އޭރުން މަސްތުވާތަކެތި އެތެރެ ކުރިން ވެސް އިތުރު ވެގެން ދާނެ. އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގެ ހާލަތު މިހާރު ގޯސް. ކޮޗިން ދަތުރު ނުފެށިއަސް ކައިގެން ބޮއެގެން އުޅެވޭނެ. މިއީ އިތުރު ހަލަބޮލި ކަމެއް. މީގެން ހުރިހާ ފައިދާއެއް ކުރާނީ އިންޑިއާ މީހުންނަށް. އެއީ ޔަގީން ކަމެއް،" އެއީ އޭނާގެ ހިޔާލެވެ.

މި ދަތުރުތައް ފަށާއިރު ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތަކާއި މި ނޫން ވެސް ކަންކަން ހުއްޓުވިދާނެތޯ ވެސް ސުވާލު އުފެދެ އެވެ. މިހާރު ވެސް މި އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓިގެންނެވެ. މި ވޭތުވެދިޔަ އަހަރެއްހާ ދުވަހަށް ބަލާއިރު ކަނޑުމަގުން ޑްރަގް ސްމަގްލް ކުރުމުގެ އެތައް ހާދިސާއެއް ހިންގާފައިވެ އެވެ. އެންމެ ބޮޑު ނުރައްކަލަކީ މިކަން ރަނގަޅަށް މޮނިޓާކޮށް ނުބެލެހެއްޓިއްޖެނަމަ ރާއްޖޭގައި ގިނަ ކަންތައްތަކެއް ގޯހުން ގޯހަށް ދާން ފުރުސަތު އޮތުމެވެ. މީހުން އެތެރެކުރުމާއި ބޭރުން ކުރުން ފަދަ ވިޔަފާރިތަކުގެ މައި ހަބަކަށް ރާއްޖެ ވުމެވެ. ދެ ގައުމުގެ ގޭންގްތައް ގުޅި ނެޓްވޯކަކުން "ދާދާ ހެދިގެން" މާލެ ތެރޭ އުޅެން ފެށުމެވެ.

ދިވެހި ސަރުކާރުގައި ކަނޑުމަގު ބެހެއްޓުމުގެ ފުރިހަމަ ކެޕޭސިޓީއެއް އަދި ނެތެވެ. އެހެންވީމަ މިކަންވެސް ހަވާލު ކުރަން ޖެހޭނީ ފެރީގެ ބެލެނިވެރި ގައުމާ އެވެ.

އިގްތިސޯދީ ބޮޑު ވިސްނުމެއްގެ ފޮރުވުން

ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މި ފެރީ ދަތުރުތައް ވާނީ ރާއްޖޭން ގެންގުޅޭ އިގްތިސޯދު ފުޅާ ކުރުމުގެ ބޮޑު ވިސްނުމެއްގައި "އަތް އަޅައި" ފޮރުވުމަކަށެވެ. ނޫނީ ފަސް އަޅައި ފޮރުވާލުމަކަށެވެ. ބޮޑު ވިޔަފާރި ބަނދަރެއް ހެދުމަކީ ރާއްޖޭގެ 2020 ގެ ތަސައްވުރެކެވެ. އެކަމަކު ޓްރާންޝިޕްމަންޓް ބަނދަރެެއް ނުހެދުމެވެ. ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަސައްކަތް "އައިހެވަން" ގެ ނަމުގައި ކުރި ނަމަވެސް އެކަންވެސް ދިޔައީ ތޮޅިއަށެވެ. "އިންޑިއާގެ އޮއި ގަދަކަމުން" އެކަން ކުރިޔަށްދާ ގޮތެއް ނުވި އެވެ.

ރައީސް ޔާމީން ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސޯދު ފުޅާވެ ބޮޑު ވެދާނެ ކަމަށް އަވައްޓެރިން ވަރަށް ހަސަދަވެރިވެ އެވެ. އަދި މި ފެރީގެ ނިޒާމަކީ ވެސް ރާއްޖޭގެ އިގްތިސޯދީ މިނިވަން ކަމަށް އަޅާ ހުރަހެކެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ރާއްޖޭގައި ވިޔަފާރި ބަނދަރު ހަދަން މަޝްވަރާ ފަށާއިރަށް، އެ ބޭފުޅުން [އަވަށްޓެރިން] ވިސްނައިދޭން އުޅޭ ރާއްޖެއަކު ނުހެދޭނެއޭ. ފަށަންވީ ނޫންހޭ އެ ގައުމާއި ރާއްޖެއާ މެދު ޝަޓާ ދަތުރުތައް. ބޭނުމަކީ މިތަނުގަ ބޮޑު ބަނދަރެއް ހެދިޔަ ނުދިނުން. ސަރުކާރުތަކުގެ ވެރިންގެ ބޮލަށް މި ވައްދަައި ދެނީ ރާއްޖޭގައި ވަސީލަތްތައް މަދޭ. މިހެން ވަނީ ސަރުކާރުތަކުން ގެންގުޅޭ އިގްތިސޯދީ ނެރޯ ވިސްނުން. އެކަމަކު ހަގީގަތަކީ މިއީ އެއް ނޫން ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު ބަނދަރު ހެދޭނެ ގައުމު." ސައީދު ވިދާޅުވި އެވެ.

"ތި ބޭފުޅުން ވިސްނާލީމަ އެނގޭނެ ދުނިޔޭގެ ގިނަ ބްރޭންޑްތަކެއްގެ ސޯލް ޑިސްރިބިއުޓަރުކަން ވެސް ގެނގުޅޭނީ އަވަށްޓެރިން. ދެން އެ ސަޕްލައި ކުރާނީ ރާއްޖެ. އެ ވިސްނުން ހަމަ މި ފެރީއަކީ ވެސް.

ޝެޑިއުލް އޮތް މި މަހުގެ 26 ވަނަ ދުވަހު ކޮޗިން ފެރީ ރާއްޖެ އަށް ބަނދަރު ކޮށްފާނެ އެވެ. މި ބަނދަރު ކުރުންވާނީ މިގޮތަށް ރާއްޖެއާ ގައުމަކާ ދެމެދު ފަށާ ފުރަތަމަ ފެރީއަށެވެ. އެކަމަކު މި ދަތުރުތަކުން ފައިދާ ލިބޭނީ ދިވެހިންނަށް ތޯ ނޫނީ އިންޑިއާގެ "އުނގު ވިޔަފާރިވެރިން" ނަށް ތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި މިއީ ރާއްޖެ އިގްތިސޯދީ މިނިވަން ކަމަށް އޮތް ކިހާ ބޮޑު އަޅުވެތި ކަމަކަށްވެގެންދާނެތޯ ޖެހޭނީ ގައުމީ ދެ ޔުނިވާސިޓީން ދިރާސާ ކުރާށެވެ.