ގިނަ އަދަދެއްގެ ޑްރަގާއެކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ކޮޗިން އެއާޕޯޓްގެ ކަސްޓަމްސް ބިޔުރޯއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނަނީ ކޮޗިން އެއާޕޯޓުން މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި ދިވެހި މީހާގެ އަތުގައި އޮތް ދަބަހަކުން ތިން ކިލޯގެ ހަޝިސް އޮއިލް ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު، 15 ކްރޯ ރުޕީސްއަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
އެ ބިއުރޯއން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ދިވެހި މީހާއާމެދު ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރި އިރު ހަޝިސް އޮއިލް ފެނިފައި ވަނީ އޭނާގެ ދަބަހެއްގެ ތެރޭގައި ހުރި ކޮންޕާޓްމަންޓެއްގައި ތެރެއަށް ލައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
ދިވެހި މީހާ އަކީ އިންޑިއާ ގޯ ފްލައިޓްގައި ރާއްޖެ އަންނަން އުޅުނު މީހެކެވެ.
އެ މައްސަލައާ ގުޅޭ އެހެން ބަޔަކު ހޯދަމުން ދާތީ ދިވެހި މީހާގެ ވަނަވަރު އިންޑިއާއިން ހާމައެއް ނުކުރެ އެވެ. ބަޔާނުގައިވާ ގޮތުގައި އެ މީހާ މިހާރު ވަނީ، އިތުރަށް ތަހުގީގު ހިންގުމަށް ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއާ ހަވާލުކޮށްފަ އެވެ.