މަސްތުވާތަކެތި

ނެޕީގައި ފޮރުވައިގެން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު މީހަކު އިންޑިއާ އިން ހައްޔަރުކޮށްފި

ނެޕީ ޖަހައިގެން އޭގެ ތެރޭގައި ފޮރުވައިގެން 300 ގްރާމުގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ކޮޗިން އެއާޕޯޓުން މިމައްސަލައިގައި ހައްޔަރުކުރީ އުމުރުން 35 އަހަރުގެ ޔޫސުފް ފުވާދު ނަމަކަށް ކިޔާ ދިވެއްސެކެވެ.

މި މީހާގެ ހަށިގަނޑު ބަލައި ފާސްކުރާ ވީޑިއޯއެއް އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރީ ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އިން މިހާރު ވަނީ އާންމުކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ޖަހާފައި ހުރި ނެޕީ ނައްޓާލުމަށްފަހު ސެކިއުރިޓީ އޮފިސަރުންނާ ހަވާލުކުރާ މަންޒަރު ފެނެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން މި މީހާގެ އަތުން ފެނުނު 33 ކެޕްސޫލްގެ ބަރުދަނުގައި 325.5 ގްރާމް ހުއްޓެވެ. ފެނުނު މަސްތުވާތަކެތީގެ އަގު ދިވެހި ރުފިޔާ އިން ނަމަ 763،600 ރުފިޔާއަށް އަރަ އެވެ.

އިންޑިއާގެ ނާކޮޓިކްސް ސެންޓަރަލް ބިއުރޯ (އެންސީބީ)ގެ ބެލުމުގެ ދަށަށް މިހާރު އޭނާ ވަނީ ގެންގޮސްފަ އެވެ.