ކުށްކުރުން

އެއް ކިލޯ ޑްރަގާއެކު ދެ ދިވެހިން ކޮޗިނުން ހައްޔަރުކޮށްފި

ރާއްޖެއަށް ކިލޯއެއްގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި ދެ ދިވެއްސަކު އިންޑިއާގެ ކޮޗިންގެ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނީ އެ ދެ މީހުން ރާއްޖެއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެތެރެ ކުރަން އުޅުނީ ޝޭމްޕު ފުޅި ތަކެއްގެ އެތެރެއަށް އަޅައިގެން ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ، އަބްދު އައިމަން ކިޔާ 22 އަހަރުގެ މީހަކާއި 24 އަހަރުގެ ޝަމްސިއްޔާ މުހައްމަދު ކިޔާާ މީހެކެވެ.

މި ދެ މީހުނަކީ ވެސް މީގެ 20 ދުވަސް ކުރިން އިންޑިއާއަށް ދަތުރުކުރި މީހުންނެވެ. އިންޑިއާގެ ޓްރިވެންޑްރަމްގައި މަޑުކުރުމަށްފަހު ޗެންނާއީގެ އެގްމޯ ކިޔާ ހޮޓަލަށް އެ ދެމީހުން ވަނީ ގޮސްފަ އެެވެ. އެއަށް ފަހު ޗެންނާއީގެ މީހެއްގެ އަތުން ޑްރަގްސް ހޯދުމަށްފަހު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެންސީބީއަށް ލިބުމުން މި ދެމީހުނަށް ފާރަލީ އެވެ.

ކޮޗިން އެއާޕޯޓަށް އެމީހުން ދިޔުމުން، ފާރަލަމުން ދިޔަ އެންސީބީގެ އޮފިސަރުން ވަނީ އެމީހުން މަޑު ކުރުވައި އެމީހުންގެ ދަބަސްތަށް ބަލައި ފާސްކޮށްފަ އެވެ. ޝޭމްޕު ފުޅީގައި މަސްތުވާތަކެތި ފޮރުވާފައިވާ ކަމަށް ޝައްކު ކުރެވުނީ އެއީ އާ ޝޭމްޕު ފުޅިއަކަށް ވެފައި އޭގެ ސީލް ނެތުމުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ގޮތުން މި ދެމީހުން ވަނީ ހަޝިޝް އޮއިލް ފޮައިލް ތަކެއްގައި ބަންދު ކުރުމަށްފު ޝޭމްޕު ފުޅީގެ އެތެރެއަށް ލާފަ އެވެ. އެ އެއްޗެހީގެ އަގަކީ ދިވެހި ފައިސާއިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. މި މައްސަލައިގައި ހިމެނޭ އިތުރު މީހުން ހައްޔަރުކުރުމުގެ މަސައްކަތް މިހާރު އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ފަށައިފަ އެވެ.