ހަބަރު

"ކެރެލާއަށް އެތެރެކުރާ ޑުރަގުގެ ބޮޑުބައެއް ފޮނުވަނީ ރާއްޖެއަށް"

Aug 1, 2019

އިންޑިއާގެ އަންދުރަ ޕްރަދޭޝްއިން ހައްދައިގެން ކެރެލާއަށް ވަގަށް އެތެރުކުރާ މަސްތަކުވާތަކެތީގެ ބޮޑު ބައެއް ބޭރު ކުރަނީ ރާއްޖެއަށް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން ބުނެފި އެވެ.

ސްޓޭޓް އެކްސަސައިޒް އެންފޯސްމަންޓް ސްކޮޑް (އެސްއީއީއެސް) އާ ހަވާލާދީ އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނި ގޮތުގައި ކެރެލާގެ ޕަލައްކާޑު ނަމަކަށް ކިޔާ އަވަށެއްގައި ހުރި ގެޔަކުން އިއްޔެ 21 ކިލޯގެ ހަޝިޝް އަތުލައިގެންފައިވާ ކަމަށާއި އެއީ ރާއްޖެއަށް ގެންދަން އުޅުނު ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެއަށް ހަޝިޝް ބޭރުކުރަން ކެރެލާ ހަބެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް އެންމެ ފުރަތަމަ އެނގުނީ ޓްރިވެންޑްރަމްގައި ރެސްޓޯރަންޓް ވިޔަފާރިކުރާ މަޝްހޫރު މީހެއްގެ ދަރިއެއްގެ އަތުން 2018 ވަނަ އަހަރު 11 ކިލޯގެ ހަޝިޝް އަތުލައިގަތް ހިސާބުން ކަމަށް ވެސް އެސްއީއީއެސް އިން ބުނެފައިވެ އެވެ.

އެ އިދާރާއިން އިތުރަށް ބުނި ގޮތުގައި، ރާއްޖެ އަށް މުދާ ފޮނުވާ އެޖެންސީއަކާ މެދު ޝައްކުވެގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އެ އެޖެންސީ އަކީ ވިޒިންޖަމް ބަނދަރުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ ސަޕްލައިކުރާ ބައެއް ކަމަށްވެ އެވެ.

ޝައްކު އުފެދުނު ރެސްޓޯރަންޓާއި އެކްސްޕޯޓް އެޖެންސީ އަށް ފާރަލައި ބެލި އިރު އެ ރެސްޓޯރަންޓަކީ އެތަނުގެ ނިވަލުގައި ޑްރަގް ވިޔަފާރިކުރަން ބޭނުންކުރި ތަނެއް ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ރެސްޓޯރަންޓަށް ފާރަލާ ކަމަށް އެތަނުގެ ވެރިންނަށް ޝައްކުވެގެން ފަހުން އެތަން ބަންދުކޮށްފައިވާ ކަމަށް އެސްއީއީއެސް އިން ބުނެފައިވެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ފޮނުވާ ޑްރަގްސް އާންމު ގޮތެއްގައި ފޮރުވާފައި ހުންނަނީ މޭވާ އާއި ތަރުކާރީ އަޅާފައި ހުންނަ ކަރުދާސް ފޮށީގައި އިތުރަށް ޝީޓްތަކެއް އަޅައި، އޭގެ ތެރޭގައި ކަމަށް ބެލެވޭތީ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަމާލު ކަމަށް އެކަން ގެނެސްފައި ވާނެ ކަމަށް އެސްއީއީއެސް އިން އިތުރަށް ބުންޏެވެ.

އިންޑިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނަށް ފައިސާ ހޯދައި ދޭން ޕާކިސްތާނުން މަސްތުވާތަކެތި ފޮނުވުމަށްޓަކައި ރާއްޖެ އާއި ސްރީލަންކާ މެދުވެރިއަކަށް ހަދާފައިވާކަމަށް ދާދިފަހުން އިންޑިއާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.