ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހި ކަސްޓަމްސް ހިދުމަތް ގުޅިގެން ފަށާފައިވާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާކުރި ކޮންޓެއިނާއެއްގައި މަސްތުވާތަކެެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކޮންޓެއިނާ ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ވަނީ ބުނެފައެވެ.
ކަސްޓަމުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހި ކަސްޓަމްސް ހިދުމަތް ގުޅިގެން ފަށާފައިވާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގަނީ އެ ޝިޕްމަންޓްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝަކުވާ ދެ ބާވަތެއް ފެނިގެން ކަމަށްވެސް ބުންޏެވެ.
"މި އޮޕަރޭޝަން ނިމުނުހާ އަވަހަކަށް މި އޮޕަރޭޝަނާއި ގުޅޭ ތަފްސީލް މައުލޫމާތު ހިއްސާ ކުރާނެ ވާހަކަ ދަންނަވަން،" ކަސްޓަމުން ނެރުނު ކުރު ބަޔާނެއްގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ޓޮމާޓޯ ޕޭސްޓް އަޅާފައިހުރި 40 ފޫޓްގެ ކޮންޓެއިނާއަކުންނެވެ. އެ ކޮންޓެއިނާއިން މަސްތުވާތަކެތި ފެނި ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ފަތިހުން ފެށިގެން މައުލޫމާތު ފެތުރުނެވެ. އެނގިފަައިވާ ގޮތުގައި މިއީ އިންޑިއާ މަގުން ރާއްޖެ ގެނައި ޝިޕްމަންޓެކެވެ.