ހަބަރު

ޑްރަގާއެކު ރާއްޖެ އައި ދެ މީހަކު އަތުލައިގެންފި

ވައިގެމަގުން ބެންގަލޫރުން ރާއްޖެއައި އިންޑިއާގެ ދެ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ އައި އުމުރުން 24 އަހަރު އަދި 23 އަހަރުގެ ދެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން އެކްސްރޭ ކުރިއިރު، ފޮށި ތެރޭގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ފާހަގަކުރެވިގެން ބަލައި ފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ޕޮސިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން އިތުރަށް ބުންޏެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ދެ މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.146 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 5,72,982.00 (ފަސް ލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ދޭއް) ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހުނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.