ހިޔާލު

ކުންފުނިތައް ވިއްކުން އެއީ ހަދާ އަނެއް ގޯސް!

5

ދެ ހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން މުޅީން ބުނަމުން ދިޔައީ ދިވެހި ސަރުކާރުން ވިޔަފާރި ކޮށްގެން ނުވާނެއޭ އެވެ. ވިޔަފާރި ކުރަންވާނީ ޕްރައިވެޓް ސެކްޓަރުން ނުވަތަ އަމިއްލަ ފަރާތްތަކުންނޭ އެވެ. އެއީ އެކަން ކުރަންވީ ގޮތް ކަމަށް އެއް ބަޔަކު ދޭކޭއިރު އަނެއް ބަޔަކު ދެކެނީ މުޅީން އެހެން ގޮތަކަށެވެ. އެފަދަ މީހުން ބުނާ ގޮތުގައި އެއީ ދައުލަތުގެ ހަރު މުދާ ނުއަގުގައި ވިއްކަމުން ދިއުމެވެ. އެއީ ގައުމަކަށް އަދި އިގްތިސޯދަކަށް އޮތް ރަނގަޅަކަށް ނުވާނެ އެވެ. އެކަމަކު އެއީ ހަމަ ހަގީގަތުގައި ވެސް ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކަމުން ދިއުންތޯ އެއީ ބަހުސް ކުރެވިދާނެ ސުވާލެކެވެ.

ނޫނީ އެއީ ރައްޔިތުންނަށް ކުންފުނިތަކުން ދުރު މުސްތަގުބަލްގައި ވެސް ލިބިދާނެ ފައިދާއަކާ ގެއްލުމެއް ބެލުމަށް ފަހު ހަމަ އަގުގައި ރަނގަޅު މާހައުލެއްގައި ވިޔަފާރި ކުރަން މަގު ފަހި ކުރަން ކުރާ މަސައްކަތެއް ނޫން ބާވަ އެވެ. އެވެސް ހަމަ ސުވާލެކެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް ދައުލަތުގެ ކުންފުނުތަކުގެ ހިއްސާތައް ވިއްކާފައި ވެ އެވެ. އެއީ އާ ކަމެއް ވެސް ނޫނެވެ. އެގޮތަށް ހިއްސާތައް ވިއްކުން އެއީ ގައުމިއްޔަތު ވިއްކުން ކަމަށް ނުވަތަ އެއީ ވަކި ގައުމެއްގެ އަޅުވެތި ކަމަށް ދިއުން ކަމަށް އެފަދަ ގައުމުތަކުގެ ރައްޔިތުން ދެކަފައެއް ވެސް ނުވެ އެވެ. މި ހަގީގަތް ވެސް ގަބޫލު ކުރަން ޖެހެ އެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ބްރިޓިޝްއާ ވޭސް ވަނީ ޕްރަވެޓައިޒް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ސަބަބާހުރެ އިނގިރޭސީންގެ އަތުން އިނގިރޭސި ވިލާތް ގެއްލި، ބީވެގެނެއް ނުދެ އެވެ. އަދި އޭގެ އިދިކޮޅަށް އެ ގައުމަށް އޭރު ރަނގަޅު ފައިދާއެއް ވިއެވެ. ކުންފުނި އިތުރަށް ހަރުދަނާވުމާއެކު ކުންފުނިން ފައިދާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވި އެވެ. ޓެކްސް އާމްދަނީން ދައުލަތަށް ވަންނަ މިންވަރު ވެސް ދިޔައީ އިތުރު ވެގެނެވެ.

ކައިރިން އަވަށްޓެރި އިންޑިޔާ އިން، އިންޑިޔަން ރެއިލްވޭ ކޯޕަރޭޝަން ފަދަ ދައުލަތަށް މާލީ ބުރަ ބޮޑު އަދި އެ ކުންފުނިތައް ތަރައްގީ ކޮށްގެނެވެސް، ދައުލަތުން އެކުންފުނި ތައް ހިންގަމުންދާނަމަ ރަނގަޅު ފެންވަރަކަށް ހިދުމަތްތައް ދެވި ތަރައްގީ ކުރުމުގައި ގޮންޖެހުން ހުރުމުން ޕްރަވެޓައިޒް ކުރުމުގެ މަސައްކަތް ފަށާފައި ވެއެވެ، އެ ކުންފުނި ތަކަކީ ކޮންމެ އަހަަރަކު ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކުންފުނިތަކެވެ.

ރާއްޖޭގައި ވެސް ސަރުކާރު ހިއްސާވާ ސާޅީހަކަށް ކުންފުނި އެބައޮވެ އެވެ. އެކަމަކު ރާއެޖޭގައި ވެސް ޕްރަވެޓައިޒު ކުރަން މަސައްކަތް ކުރަމުން މިދަނީ މިފްކޯ އާއި އައިލެންޑު އޭވިއޭޝަންސް ފަދަ ދައުލަތަށް މާލީ ގޮތުން ބޮޑު ބުރައަކަށް ވެފައިވާ ކުންފުނިތައް ހެއްޔެވެ؟

ރަނގަޅު އާމްދަނީ ހޯދަމުން އަންނަ އަދި ރަނގަޅަށް ހިނގާ ރައްޔިތުންނަށް އެ ކުންފުނިތަކުން އިޖުތިމާއީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި މަންފާ ވެސް ލިބެމުން އަންނަ ކުންފުނިތަކެއްގެ ހިއްސާ ވިއްކާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް ނުފެނެ އެވެ.

ސަރުކާރުން ހިންގާނަމަ ސަރުކާރުގެ ބިއުރޯކްރެސީގެ ސަބަބުން ނޫނީ ކުންފުނިތަކުގެ މެނޭޖްމަންޓް ގޯސް ނަމަ އެކަން ރަނގަޅު ކުރެވެން އޮންނަނީ އޭރަކު އޮންނަ ސަރުކާރާށެވެ. ކުންފުނިތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލައި ކުންފުނިތަކާބެހޭ ގާނޫނުން ލިބިން ޖެހޭ މިނިވަން ކަމާއި މުސްތުގިއްލުކަން ދިނުމުން ކުންފުނިތައް ހަމަ ރަނގަޅަށް އެބަ ހިނގަ އެވެ. ނުހިނގާތޯ އެވެ؟ މިހާރު ވެސް ބޭންކް އޮފް މޯލްޑިވްސް އަކީ އޭގެ ނަމޫނާ ކުންފުންޏެކެވެ.

މިހާރު ސަރުކާރުން ކުންފުނިތައް ވިއްކާލަން ނޫނީ ޕްރަވެޓައިޒް ކުރަން މިއުޅެނީ ދައުލަތަށް މާލީ ގޮތުން އެ ކުންފުނިތައް ހިންގައިގެން ގެއްލުންވާތީ ކަމަށް ގަބޫލު ކުރަން ވަރަށް ދަތިވެ އެވެ. މިހާރު ވެސް ބޭކާރު ގޮތުގައި މޯލްޑިވްސް ރީޖަނަލް އެއާޕޯސްޓްސް އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފަދަ ކުންފުނިތައް ވަނީ އުފައްދާފަ އެވެ. މި ދެކުން ފުނިން ކުރަމުންދާ މަސައްކަތް ކުރާ ކުންފުނިތައް އެބަ ހުއްޓެވެ. ވީއަިއީ އާ އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތް ކުރަން އާ ކުންފުނިތަކެއް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ގޮަތަށް ހަދާފައި ވުމުން ދައުލަތަށް އޭގެ މާލީ ބުރަ ބޮޑުވެފައިވާއިރު އެތަންތަން ޕްރަވެޓައިޒު ކުރުމުގެ މަސައްކަތް ކުރާތީއެއް ނުފެނެއެވެ. .

ވިއްކަން ޖެހޭ ނުވަތަ ޕްރަވެޓައިޒް ކުރަންޖެހޭ ސަބަބެއް ކަމަށް ބައެއް މީހުން ދެކެނީ ޕްރައިވެޓް ސެކްޓާ ވަރުގަދަކޮށް ހަރުދަނާ ކުރާށެވެ. އަދި އާންމު ރައޔިތިުންގެ ހިއްސާ އިތުރު ކުރާށެވެ. ނަމަވެސް ދައުލަތުގެ ކުންފުނިތައް ވިއްކާލަން ސަރުކާރުން އުޅެނީ އެގޮތަށް ހެއްޔެވެ؟ ނޫނީ މިއީ ބޭރުގެ ކޮންމެވެސް ބޮޑު ކުންފުންޏަކަށް ނުވަަތަ ދިވެހި ކޮންމެވެސް މަހުޖަނަކަށް ބައި އެޅުމެއް ނޫން ހެއްޔެވެ؟

ދިވެން އެދެނީ ނު އަގުގައި ރައްޔިތުންގެ މުދާ ނުވިއްކާށެވެ. އަނެއްކޮޅުން މިދަނޑީވަޅުގައި ކުންފުނިތަކަށް ހަމަ އަގެއް ލިބިދާނެ ވެސް ބާވައެވެ. އެހެނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގެ އިގްތިސޯދާ ކުރިމަތިވި އެންމެ ދަތި ދުވަސްވަރަކީ މިއީ އެވެ. އެހެން ތަހުޒީބު ގައުމުތަކުން އަމަލު ކުރި ގޮތަށް ކަމަށް ބުނެ ރާއްޖޭގައި ހިންގަމުންދާ ރަގަޅު ފައިދާ އެއް ނެރެމުންދާ ދައުލަތުގެ ކުންފުނިތައް ވިއްކުމަކީ އަދި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.