ކޮލަމް

ބޭދީނީއޭ ބުނުމުން ޓެރަރިސްޓަކަށް ވަނީ ކިހިނެއް؟

Jul 29, 2021
4

ތަރައްގީވެފައިވާ ގިނަ ގައުމުތައް ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައި އިސްލާމް ދީނާއި މުސްލިމުންނަށް ތަފާތު ކުރުންތައް އިންތިހާއަށް އޮވެ އެވެ. އެ މީހުން ދެކެނީ ފަސް ވަގުތު ނަމާދު ކޮށް ތުނބުޅިއެއް ހުންނަ މީހަކީ ޓެރަރިސްޓެއްގެ ގޮތުގަ އެވެ. މުސްލިމުންގެ ތެރެއިން ދުނިޔޭގަ ލެއްވިހައި ފާހިޝް އަމަލްތައް ކުރާ ދީނުގެ ނަހީތަކަށް އަރައިގަންނަ މީހާއަކީ އެމީހުންނަށް އިސްލާމްދީނުގެ "މެދު މިނު" ގެ މީހެކެވެ. މިގޮތަށް މުސްލިމުންނާމެދު ދެކޭ ގޮތް އިތުރަށް ފުޅާކޮށް ބޮޑު ކޮށްލީ "ނައިންއިލެވެން" ގެ ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ. ފާޅުގައި އެކަން އެގޮތަށް ފުޅާ ކުރަން އެމެރިކާ އާއި ހުޅަނގު ބޭނުން ވެގެނެވެ.

ދިވެހި ރާއްޖޭގެ އިހު ރަށްވެހީން، ކާބަފައިންނާ ހަމައިން މި ރާއްޖެއްޖެ 1153 ގައި އިސްލާމްވެ، ދިވެހި ރައްުޔިތަކީ އިސްލާމް ދީނަށް ލޯބި ކުރާ ގައުމާއި ދީނާއި ވަތަނަށްޓަކައި މޭ އަށްޑަނައަކަށް ހަދައިގެން ގައުމުގެ އިސްތިގްލާލާއި އަމަން ކަން ހޯދައިގެން ދިރިއުޅެމުން ދިޔަ އެކުވެރި އެއްބައެއްވަންތަ ދިރިއުޅުމަކަށް ލޯބި ކޮށްގެން އުޅެމުން އައި ބައެކެވެ. މާތް ވެގެންވާ އިސްލާމް ދީނުގެ މަތީގައި އޭރު އުނގެނިފައިވާ މިންވަރުން ދީނުގެ ކަންކަމަށް ބޯ ލަނބައި ރީއްޗަށް އުޅުނު ރައްޔިތެކެވެ.

މިހާރު މިވަނީ ދުނިޔެ ބަދަލުވެފަ އެވެ. މުއަސަލާތާއި ދަތުރުފަތުރާއި ޓެކްނޯލޮޖީގެ ގޮތުން ދުނިޔެ ފަސޭހަ ވެފައި ވާއިރު އިލްމީ ގޮތުން ދުނިޔެ ވަނީ އުހަށް ގޮސް އޯބިޓް ހުރަސް ކޮށްފަ އެވެ. މީގެ އިހަށް ވަކި ކަމަކީ ރަނގަޅުކަމެއް ކަމަށް ހީވެފައިވާ އެތައް ކަމަކީ މިހާރު ގޯހަށް އަދި ބިދުއަށް ވެފައި ވެއެވެ. އަދި އިހަށް ގޯހެއް ކަމަށް، ކަމު ނުދާ ކަމެއް ކަމަށް ހީވެ ދޫކޮށްލައިގެން ތިބި ކިތަންމެ ކަމެއް މިހާރު އެއީ ރަގަނޅު ކަންކަމަށް ވެސް ބަދަލު ވެފައި ވެއެވެ.

ދީނީ ކަންކަން ވެސް ހުރިހާ ދީންތަކެއްގެ މީހުނަށް ވެސް ކުރިއަށްވުރެ ބޮޑަށް ކަންކަން އެނގި ތަންދޮރު ފިލާފައި ވެއެވެ. -- ހުރިހާ ދީންތައް ބޭނުންކޮށްފައި ވަނީ އާންމުކޮށް ކިޔާ އުޅޭ ގޮތަށް ލިޔާން ވެގެނެވެ. އެހެނެއް ކަމަކު ހަމައެކަނި ހައްގު ދީނަކީ މާތް ވެގެން ވާ އިސްލާމް ދީނެވެ.

މި އޮއިވަރުގެ ތެރޭގައި ދީނީ ގޮތުން ބައެއް މީހުން ރަސްމީކޮށް އެކަށީގެންވާ މިންވަރަށް އިލްމު އުގެނުމަކާ ނުލައި އެމީހުން އަމިއްލަ ގޮތްތަކަކަށް ކަންކަން ކުރަން ފަށާފައި ވެއެވެ. މިއީ އިސްލާމުންގެ ތެރޭގައި ނުހިމެނޭ ޣައިރު މުސްލިމުންގެ ތެރޭގައި ވެސް މިހާރު ތަޖުރިބާ ކުރާ ކަން ކަމެވެ.

މިތާ ކައިރީ މި އޮތް އިންޑިޔާގައި ގެރިއެއް ކަތިލައިގެން ވެސް ލޭ އޮހުރުވުންތައް ހިނގުމަކީ މިހާރު ހިނގަ ހިނގާ ބާވެފައިވާ ކަމެކެވެ. މުސްލިމުން ތެރޭގައި ވެސް ތިމަންމީހާ ނޫނީ ދެން އެތިބީ "ކާފަރުން" ކަމަށް ބަލައި ލޭބަލް ކޮށްގެން ބަޔަކު އެބައުޅެތެވެ. އަދި އަނެއް ބަޔަކު އެފަދަ މީހަކަށް ވިއްޔާ އަނިޔާ ކުރާށާއި ގެއްލުން ދޭން ހިތްވަރުދީ ހަދަ އެވެ. ޖާނު ގޮއްވާލައިގެން އަނެކާ މަރާލަން ދޭ ނުރައްކާތެރި ހަމަލާތަކާއި އެއާ އެއްފަދަ އެހެން ވެސް ހަމަލާތައް ރާވައި، ހަމަލާ ދެމުން ވެސް އެބަދެ އެވެ.

ރާއްޖޭގައި މިފަހުން ދިން އެފަދަ ބޮޑު ހަމަލާ އަކީ "ހައެއްފަހެއް" ގެ ޓެރަރިސްޓް ހަމަލާއެވެ. އެއީ ކުރީގެ ރައީސް އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާން ދިން އަނިޔާވެރި ބިރުވެރި ހަމަލަ އެކެވެ. ދިވެހި ރައްޔިތުން ސިއްސުވާލި ހިތާމައިގެ ކޮޅެއް ނެތް ޖަރީމާއެކެވެ.

އެކަމަކު އެއް ކަމެއް ޔަގީނެވެ؛ އެއީ ހުލްގު ހެޔޮ މުސްލިމުންގެ ގޮތާއި ސިފައެއް ނޫނެވެ. އެ ހަމަލާ ދިން ބަޔަކާ އެ ހަމަލާ ރާވައި ދިން ބަޔަަކާއި ބައިވެރި ބަޔަކު ހޯދައި ރައީސް ނަޝީދަށް އިންސާފު ހޯދައި ދޭން ޖެހޭނެ އެވެ. ޓެރަރިޒަމްގެ ބިރު ފިލުވައި ރާއްޖެއަށް އާމާން ކަމާއި ހަމަޖެހުން ގެންނަން ޖެހޭނެ އެވެ. މި ރާއްޖޭގެ މުސްތަގުބަލް އުޖާލާ ކުރަން އެއްބައެއްވަންތަ ޖީލެއްގެ އުފެއްދުމަށް އާ ޒަމާނެއްގެ ގެންނަން އެފަދަ ހަމަލާތައް ހުއްޓުވޭނެ ގޮތަކަށް ސިޔާސަތުތަކާއި ނިޒާމްތައް ބައްޓަން ކުރަން ޖެހެ އެވެ. ގާނޫނުތައް ހަދައި ތަންފީޒު ކުރާން ޖެހެ އެވެ. ވެރިންގެ އެ ހިތްވަރު ހުންނަން ޖެހެ އެވެ.

މުސްލިމް މުޖުތަމައުތަކުގައި މިހާރު ގަސްދުގައި އުފައްދާ ބޭދީނީ އޮއިވަރުގެ ތެރޭގައި މީހުން ބައްސާލަ އެވެ. އަދި ދުނިޔެ އުޅެން ފަސޭހައަކަށް ނޫނީ އަމިއްލަ ޒާތަށާއި ނަފާ، މަންފާއަށް ބަލައި ވަކި ކަމެއް ހާސިލް ކުރަން އެހެންނާ ނޭނގި ނަމަވެސް މާތް ވެގެންވާ އިސްލާމް ދީނަށާއި ކީރީތި ނަބީ ރަސޫލާއަށް ފުރައްސާރަ ކުރާ ބަޔަކު އެބަ އުޅެތެވެ. ދީނުގެ ހުކުމްތަކަށާއި ކީރިތި ގުރުއާނަށް ގޮންޖަހައި ކުޑައިމީސްކޮށް ވާހަކަ ދެއްކުން އެއީ މިހާރު މާ މިނިވަން ޑިމޮކްރެޓިކް، އަދި ގަޓް ކަމެއް ކަމަށް ދެކެގެން އުޅޭ ދިވެހިން ވެސް މިނިވަން ކަމާއެކު މި ރަށުގައި ބާރު ބާރަށް ހިނގާފައި އުޅެތެވެ.

މިހާރުވެސް ރާއްޖެ މިއޮތީ ކޮވިޑުގެ ބަލާއާފާތާއެކު އުނދަގޫ، އަދި ހާސްކަމާއި ބަންދު ބޮޑު އަހަރެއްގެ ތެރެއަށް ކުރުގެޅިފަ އެވެ. އެކަމަކު މިހާރުވެސް ކޮވިޑާ ގުޅިގެން އަންނަ ކަންކަމަށްވުރެ ބޮޑަށް ރައްޔތިންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ ވާހަކަ ގިނަ ވެގެން އުޅޭ އެއް މައްސަލައަކީ ސަރުކާރު ފޮނުވުމުން ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ސްޕޮންސާ ކުރައްވާ ހުށަހެޅުއްވި ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ބިލެކެވެ. އެއީ ޕީނަލް ކޯޑް ނުވަތަ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް އަކުރެއް، ބައެއް އިތުރު ކުރުމުގެ ބިލެކެވެ. މިހާރު އެ ބިލު "ހިސާން ބިލު" ގެ ގޮތުގައި ލޭބަލް ކުރާ ބަޔަކު ވެސް އުޅެތެވެ. އެއީ ކުރާވެސް ކަމެކެވެ.

މިތާނގައި ވެސް "ހިސާނު ބިލޭ" ކިޔަމާ ހިނގާށެވެ؛ އެ ބިލްގެ ބަސްމަގަށް ބަލާއިރު މާތް ވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ކުރެއޭ ބުނުން މަނާ ކުރުމާއި، މި ރާއްޖޭގައު ވަކި ގައުމެއްގެ ބާރު ހިނގައޭ އެމީހުން ބޭރު ކުރަހަރޭ ބުނުން، މިސާލަކަށް "އިންޑިއާ އައުޓް" އޭ ބުނުން ފަދަ ކަންކަން މަނާ ކުރުމާއި އެފަދަ މީހަކު ވިއްޔާ ހިފައިގަނެ އޮބި އެޅުން ހިމެނެ އެވެ.

"ހައެއްފަހެއް" ގެ ހަމަލާއަށް ފަހު އައި މި ބިލް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ކަމުދެ އެވެ. އަދި އެއީ ވަރަށް މުހިންމު ބިލެއް ކަމަށް ދެކެ ވަޑައިގެން އެމަނިކުފާނު ރެއާ ދުވާލު ސޯޝަލް މީޑިއާގައި ވަރުބަލިފުޅު ނުވެ އެ ވާހަކަ ބަންޑުން ކުރައްވާ ބިލް ދިފާއު ކުރައްވަ އެވެ. އެ ވާހަކަތައް ދައްކަވައިގެން މެއިން ސްޓްރީމް މީޑިއާއިން ސުރުހީ ހޯއްދަވަ އެެވެ. އަދި އެ ބިލް ފާސް ކުރަނީ، ކުރާން ޖެހެނީ އެމަނިކުފާނަށް ދިން ހަމަލާ ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމަށް ވެސް ވިދާޅު ވެއެވެ.

"ހިސާން ބިލު" ގައިވާ ގޮތަށް މީހަކަށް އަނިޔާއެއް ދޭން ބިރު ދެއްކުން ނުވަތަ ޓެރަރައިޒް ކުރުން ފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް މިހާރު ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ އުފުލޭނެ އެވެ. އެހެން އޮއްވާ ރައީސް ނަޝީދު މި ބިލް ފާސް ނުވެގެން ސަރުކާރު ކަމު ނުގޮސްގެން ރައީސުލް ޖުމްހޫރިއްުޔާއަށް ދޭ ތާއީދު އަނބުރާ ގެން ދަވައި އެމްޑީޕީގެ ޗާޓުގެ ބޭރުން އަމިއްލަފުޅަށް 2023 ގެ ރިޔާސީ ކެންޑިޑޭޓަކަށްވެ ވަޑައިގެންފި އެވެ.

"ހިސާން ބިލާ" އެއްކޮޅު ނުވަންޏާ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ދެއްވާ އިދިކޮޅު ޕީޕީއެމާއެކު އާ ކޯލިޝަން ހަދައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެއްކޮށް ދެން ސިޔާސީ މަސައްކަތް ނުކުރައްވަން ރައީސް ނަޝީދު މި ދައްކަވަނީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އެ ހުރިހާ ވާހަކަތައް މި ދައްކަވަނީ 2023 ގެ ރިއާސީ ރޭހުން ޖާގަ ހޯދަން އެމްޑީޕީގެ އާންމު މެންބަރުން ބޮލަށް ސަވާރުވެ ވަޑައިގަތުމަށް ކަމަށް ދެކޭ މީހުން އުޅެ އެވެ. އަދި އެއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލާ ގޮތަށް ނަފުރަތު އުފައްދާށާއި ބަޔަކު މީހުން ބޭނުންވާ ވަކި ކަމަކަށް ރާއްޖެއިން ޖާގަ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

އަބަދު މީހުން ބިރު ގަންނަވައި ކޭއޯސް އުފެއްދުމާއި ހަމްދަރުދީ ހޯދަން މީހުން ޖަޒުބާތުގައި ޖައްސައިގެން، ދޫ ފަސޭހައަށް ރީތިހާ ފަށުވި ޅެންފަރިއްސާއި ކެމްޕޭން މެޓީރިއަލްތައް ހަދައި ޕޮޕިއުލާ ބޭފުޅަކަށް ވެ ވަޑައިގަންނަވާން ރައީސް ނަޝީދު ޖައްސަވާ ސަކަރާތް ރައްޔިތުންނަށް ވެސް މިހާރު އެނގެ އެވެ. އަދި ރައްޔިތުންގެ މެދުގައި ކުރިން އޮތް ޕޮޕިއުލަރިޓީ ވެއްޓެމުން ދަނީ ބާރަށެވެ. އެހެން ވެގެން ރައީސް ނަޝީދުގެ ޅެންފަރިހީގެ އަސަރުގައި ޖެހި އަރުމާޒަށް އަރާނެ ފަޅުވެރިން މިހާރަކަށް އައިސް ވަރަށް ވަރަށް މަދުވެއްޖެ އެވެ. އެކަން އަމިއްލަފުޅަށް އެނގިވަޑައިގަންނަވާބާވަ އެވެ. އެކަން މިދިއަ އާދީއްތައިގެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުންގެ ވެސް އެއޮތީ ސާފުވެފަ އެވެ.

ހަގީގީ ތަރައްގީ އާއި ސާފުސީދާ ސިޔާސަތު ތައް ގެންގުޅުއްވާ ވަރުގަދަ ލީޑަރުން، ރައީސް ސޯލިހު ފަދަ ބޭފުޅުން ރައްޔިތުންނަށް މިހާރު މާ ކަމު ދާން ފަށައިފި އެވެ. އިހު އޮތް މާޒީ އަބަދު ތަކުރާރު ވާނެ ކަމަށް އުންމީދުކޮށް ވެރިކަމަށް ވަޑައިގަތުމަށް އަބަދު އުޅުއްވުމާއި އިސްލާމީ ގައުމެއްގެ އިސްލާމް ވަންތަ ކަމާއި އެހެން ހުރިހާ ކަމެއްގެ ކުރިޔަށް ބޭދީނީ ކަންކަން އިސް ވެދާނެ ކަންކަަމަށް ޖާގަ ނުދެއްވައި ލިބި ވަޑައިގެންފައިވާ ފުރުސަތުގައި ހެޔޮހިތުން ގައުމަށާއި އަމިއްލަފުޅު ޕާޓިއަށް އަދި މަޖިލީސް ތެރެއިން ވެސް ސަރުކާރު ހިންގަން ފަސޭހަކޮށް ދިނުމަށް އުޅުން ރައީސް ނަޝީދަށް މާ ބުއްދިވެރި އެވެ.

އެމަނިކުފާނާއި ސަޕޯޓަރުންގެ ވާހަކަތަކުގެ ގޮތް ފޮތާއި މޭރުން ހުންނަ ގޮތުން ފަހުމްވާ އެއްޗަކީ "ހިސާނު ބިލަ" ށް ތާއީދު ނުކުރާ މީހުންނަކީ ޓެރަރިސްޓުން ނޫނީ "ޑީޕް ސްޓޭޓް" ގެ މީހުނެވެ. ގައުމަށާއި ހާލަތަށް ވެސް ބަލައިލުމެއް ނެތި ސްޓޭޓް އޮފް އިމާޖެންސީ އިއުލާންކޮގެން ޓެރަރިސްޓުންނަށް ހަދަން ބޭނުންވާ އެންމެން ހިފައި ހައްޔަރު ކުރާންވީ އެވެ.

އެހެނެއް ކަމަކު ފެށުމުގައި ވެސް އެމްޑީޕީ ބުނަމުން އައީ ހިޔާލު ފާޅުކުރެވެން ވާނެ އޭ އެވެ. ފާޑު ކިޔެން ވާނެ އެވެ. ބުނެވެން ވާނެ އެވެ. ނުރުއްސަވާ އެއްޗެއް ބުނާ މީހާއަކީ އެމްޑީޕީގެ މެންބަރަކަށް ވިޔަސް އެއީ އެމްޑީޕީގެ މީހަކަށް ނުވާ ކަމަށް ހަދައި އަގު ވައްޓާލައި ކެރެކްޓާ އެސެސިނޭޓް ކުރުމުގެ ގޮތުން ދުނިޔޭގެ އެންމެން އެންމެ ބޮޑަށް ރުޅި އަންނާނެ ބަޔަކީ ޓެރަރިސްޓުން ނަށް ވާތީވެ އެމީހުންނަކީ ޓެރަރިސްޓުންނަށް ހަދަމުން ދަނީ އެވެ.

މިފަދަ މޭރުމުން ވާހަކަތައް ބައްޓަންކޮށް މި ދިވެހި މުޖުތަމައުގައި ނަމާދަށް ފަރުވާތެރިވާ ތުނބުޅިއެއް ހުންނަ ކޮންމެ މީހާއަކީ ޓެރަރިސްޓަކަށް ހަދައި، އަބަދު ހަމައިގެ ނުތިބޭ މީހުނަކީ ޣާޒީންނަށް ހަދަން މަސައްކަތްކުރާތަން ދަނީ ފެންނަމުންނެވެ. މި ދިވެހި ރާއްޖޭގައި އިސްލާމް ދީނަށް އުޅުން އެއީ ކަޓުކަމަށް ހެދުން އެއީ ޑިމޮކްރަސީތޯ ނޫނީ މިހާރު ކުރިޔަށް ނެރޭ އަސާސްތަކަކީ. ޑިމޮކްރެޓިކް ކަމަށް ދައުވާ ކުރާ އިރު އަނެކާގެ ރައުޔަށާއި ދެކޭގޮތާއި ވިސްނުމަށް އިހުތިރާމް ކުރެވޭ ގޮތް ނުވަނީ ކިއެއް ވެގެން ހެއްޔެވެ؟

ރާއްޖޭގައި އެއްބައިވަންތަކަން ނަގާލާ އިސްލާމްދީނުގެ ނަމުގައި ގައުމު ބިރުވެރިކަމަށް ވައްޓާލަން އުޅޭބަޔަކު ތިބުމަކީ ވެސް ހިތާމައެކެވެ. އުނދަގުލަސް އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެކަން ހައްލު ކުރަން މަސައްކަތް ކުރަށްވާ ކަމަށް ރައީސް ނަޝީދު ވިދާޅު ވިޔަސް ހަޤީގީ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރާތަނެއް ނުފެނެ އެވެ. އަދި ކުރައްވާފައެއް ވެސް ނެތެވެ.

ފުލުހުން ފާހަގަކޮށްދޭ ގޮތަށް ވަކި ޖަމާއަތް ހަދައިގެން ދިވެހި ދައުލަތަކީ ކުފުރު ދައުލަތެއްގެ ގޮތުގައި ސިފަކޮށް އެމީހުން ނޫން އެހެނެ އެންމެހާ މީސްތަކުންނަކީ ލޭ ހުއްދަ ބައެއް ކަމަށް ދެކޭ މީހުންނަކީ ކޮން ބައެއްކަން ދިފާއީ ބާރުތަކަށް ނޭގި އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. މިފަދަ މީހުންނަށް ޓާގެޓް ކުރުމުގެ ބަދަލުގައި ތުނބުޅިއެއް ހުންނަ ފަސް ވަގުތު ނަމާދަށް މިސްކިތަށް އަރާ އެންމެންނަކީ ޓެރަރިސްޓުންނަށް ހެދުން އެއީ މިކަން ހައްލު ކުރެވޭނެ ގޮތް ކަމަކަށް ނުފެނެ އެވެ. އަދި އެއީ ފިތުނަވެރިކަން އިތުރު ވުމަށް މަގުފަހިވުން ނޫން ކަމަކަށް ވެސް ނުވާނެ އެވެ.

ހަމަ އެ ބީދައިން ދީނަށް ލޯބި ކުރާ މީހުން ވެސް އެމީހުންގެ ވިސްނުމާ ހިލާފު ބަހެއްބުނާ ކޮންމެ މީހަކީ ދީނަށް ފުރައްސާރަ ކުރާ އިސްލާމްދީން ފޮހެލަން އުޅޭ ބައެއް ކަމަށް ދެކެ ވާހަކަ ދެއްކުމުން ވެސް ފަސާދަ ވުން ނޫން ކަމެއް އެބައޮތް ތޯއެވެ؟ މީހާގެ ހިތާ އަގީދާ އަކީ މީހުނަށް ފެންނަން އޮންނަ އެއްޗެއް ނުވާއިރު އަނެކާއަށް ނަފުރަތު ކުރުމުގެ ބަދަލުގައި ހެޔޮކޮށް ވިސްނައިގެން ނޫނީ މި ގައުމަށް ހަމަޖެހުމާ އެއްބައެއްވަންތަ ކަމެއް ނެތެވެ.

އެއާ ހިލާފަށް ބޭނުންވީމާ، ބޭނުން މީހަކު ޓެރަރިސްޓަކަށް، ވަގަކަށް ލުޓޭރަކަށް ކަޓު މީހަކަށް ހެދުން އެއީ އެމްޑީޕީގެ އިންސާފެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސިޔާސީވެރިން އެތަނެއްގެ މެޖޯރިޓީގެ އިހުސާސްތައްދަނެ އެބައެއްގެ އަގީދާއަށް ތަރުހީބުދީ ކުރިއަރުވައިދޭނެ ކަމަށް ބުނެގެން ނޫނީ ވެރިކަމަކަށް ނާދެވެ އެވެ. އިންޑިޔާގައި ހިންދޫ ދީނުގެ މީހުން ނުފޫޒު ގަދަވާ އިރު ސްރީލާންކާގެ ބުދު ދީނުގެ މީހުންގެ ނުފޫޒު ހިނގަ އެވެ.

ނުރުހޭ މީހުން ނުރުހިގެން ތިބޭށެވެ. ސައްތައިން ސައްތަ މުސްލިމް ދިވެހި ރާއްޖޭގައި ދިވެހިން އިސްމާ ދީން ކުރި އަރުވާނެ އެވެ. އެ ކަށަވަރު ކަމެކެވެ. ދީނީ ކަންކަމުގެ ވާހަކަތައް އިންތިހާބުތަކާ ދިމާކޮށް ދައްކާނެ ވެސް މެއެވެ. އެކަން ހުއްޓުވަން ޖެހޭ ކަމަށް ދުށުމަކީ ކީހާ ޅެން ފަރިއްސަށްވެ ހިޔާލުފާޅުކުރުން ހަނި ކުރުމަށް ނޫނީ ނުވާނެ އެވެ. ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅަށް ކަންކަން ކުރާ، ފުރައްސާރަ ކުރާ މީހުންގެ ވާހަކަ ބުނެވޭން ވާނެ އެވެ. އެހެން ދީނަކަށް ފުރުސަތު ނުދޭނެ އަދި އެގޮތަށް ނިންމައިގެން ތިބި އިސްލާމް ދީނުގެ ސިމްބޮލް އެއް ކަމަށް އިސްލާމީ ދުނިޔެ ދެކޭ ދިވެހި ރާއްޖޭގައި ބޭދީނީ ކަންކަންކަމަށް އިސްކަން ދޭން މަސައްކަތް ކުރަނީ ކޮން ހަމަޔަކުން ހެއްޔެވެ؟