ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީތެރޭގައިވެސް ހަރުކަށި ވިސްނުން އެބައުޅޭ: ނަޝީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވެވި މެސެޖްތަކެއްގައެވެ. އެ ގްރޫޕަށް އެމަނިކުފާނު ވަނީ ވަރަށް ގިނަ މެސެޖްތަކެއް ލިޔުއްވާފައެވެ. ރައީސް ނަޝީދުގެ އެއް މެސެޖްގައި ވިދާޅުވީ "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

"އެ ވެރިންގެ ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަންއަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ނަޝީދުގެ މެސެޖެއްގައި ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ބޭރުގެ އެޖެންސީތަކުން ލިބިވަޑައިގަންނަވާ މައުލޫމާތުތަކުން އެނގޭ ގޮތުން ހަރުކަށި ފިކުރުގެ މީހުން ތައްޔާރުވަމުންދަނީ ހަނގުރާމައަކަށް ކަމަށެވެ. އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބާ އެތަން ތާލިބާނުންނަށް ދިނީމަ އެކޮޅާއި މިކޮޅާ މާ ގުޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގައި އެމީހުންގެ ހާހެއް [ގާތްގަނޑަކަށް 1000] އެބަ ތިބި. ފަޅު ރަށްރަށަށް ގޮސް ތަމްރީން ވަނީ. ކަންނެލި އޮޑިތަކާއި ޑިންގީ އަދި ލޯންޗު ފަހަރުގައި އުޅެނީ،"

އަދި ވިދާޅުވީ އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭނެ ކަމަށާ އެމަނިކުފާނު ބޭނުން ވަނީ ވެރިކަން ނޫން ކަމަށެވެ. ވެރިކަން ކުރައްވާފައިވާ ކަމަށާ ނުކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު ވިދާޅުވީ "ރައީސުލްޖުުމްހޫރިއްޔާ އެ ހުރީ ތާށިވެފައި" ކަމަށެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ، މީހުން މަރަން ފަސްނުޖެހޭ މިންވަރަށް ހަރުކަށިވެފައިވާ 1400 ވުރެ ގިނަ މީހުން އެބަތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް މިއަދު ނުކޮށްފިނަމަ ރާއްޖެ އަނބުރާ ނުހޯދޭނެ ކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.

މިފަހުން ސަރުކާރުން ވަނީ ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ހަރުކަށި ފިކުރު ނައްތާލުމަށް ވަރުގަދަ މަސައްކަތްތަކެއް ފަށާފައެވެ. އެ މަސައްކަތްތަކުގެ ދަށުން ބައެއް މީހުން ހައްޔަރުކޮށް، ބައެއް އިލްމުވެރިންނަށް ދީފައިވާ ހުއްދަތައްވެސް ވަނީ ހިފަހައްޓާފައެވެ.