އެމްޑީޕީ

ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ގޮވާލާ ގަރާރު ފާސްކޮށްފި

ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ހުށައެޅުއްވުން ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

ނަޝީދު މިރޭ ހުށައެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފުލުހުންނާއި ޕީޖީން ރޭ އާންމު ކުރި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީއަށް ފެންނަ ގޮތްތަކެއް ނިންމަން ހުށައަޅުއްވާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް ވެސް ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 139 މެންބަރުންް ހިމެނިވަޑައިގަންނަވައެވެ. އެހެން ނަމަވެސް މިރޭގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ 41 މެންބަރުންނެވެ. ގަރާރު ފާސްކުރެއްވީ 39 މެންބަރުންގެ ވޯޓުންނެވެ. ވޯޓްގައި މުޅީންވެސް ބައިވެރިވެވަޑައިގެންފައިވަނީ ރައީސް ނަޝީދުގެ ވަފާތެރިން މެންބަރުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގައި ފުލުހުންނަށް ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އެހެން ނުކޮށްފިނަމަ ގައުމު ސަލާމަތް ނުކުރެވޭ ހިސާބަށް ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފުލުހުންނަށް މި މަސައްކަތް ކުރުމަށް ޖާގަ ހޯދާ ދިނުމަށް އަޅުގަނޑު މި ގަރާރު ހުށައަޅަނީ،" ގަރާރު ހުށައެޅުއްވި ސަބަބައި ގުޅޭގޮތުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް އޮތް ނުރައްކަލުން ދިވެހިން ސަލާމަތްކޮށް ދިނުމުގައި ފުލުހުންނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދެއްވޭނެ ކަމަށާ އެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެދިޔަތަން ދިޔައީ ކަމަށް ބަލާ ދެން އޮތީ އެފަދަަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުން ކަމަށެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ބަހުސް ކުރެއްވި މެންބަރުން ވަނީ ރައީސް ނަޝީދުގެ ގަރާރަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި މެއި ހައެއްގެ ޓެރަރިސްޓް ހަމަލާ ދިން ރެއަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ ވަގުތު ކަމަށެވެ. އަދި އެކަން އެ ވަގުތު ނުކުރެވި އޮތް ނަމަވެސް ފުލުހުންނާއި ޕީޖީ އޮފީހުން ރޭ ހާމަކުރި މައުލޫމާތާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން މަޖުބޫރު ކަމަށެވެ.