މިފްކޯ

މިފްކޯއަށް ބައިނަލްއަގްވާމީ ފެންވަރުގެ ސީއީއޯ އެއް ހޯދަނީ

މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް)ގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކޮށްފައިވާ އިއުލާންކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މަސްވެރިކަމުގެ ދާއިރާގެ ހުނަރުވެރި އަދި މަސައްކަތަށް ފަރުވާތެރި މީހަކު މިފްކޯގެ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް)ގެ މަގާމަށް ބޭނުންވާ ކަމަށެވެ.

މި މަގާމަށް ޝައުގުވެރިވާ އަދި ކަމުގެ ތަޖުރިބާ ހުރި ބޭފުޅުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕީސީބީގެ އިއުލާން އޮތް ގޮތުން މި މަގާމަށް ހޮވާނީ ބޭރު މީހެއް ކަމަށް ބެލެވެ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހްމަދު ސަމާހް ރަޝީދު އެވެ. އޭނާ އެ މަގާމުން މެއި 21 ވަނަ ދުވަހު ވަކިކުރެއްވުމަށްފަހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަންކުރައްވާފަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ 1.2 ބިލިއަން ރުފިޔާއަށް ވުރެ ދަރަނި ބޮޑުވެފައި ވަނިކޮށެވެ.