ޕާލިމެންޓް އިންކުއަރީ

ސިފައިންގެ ނޫސްބަޔާނާއި ޕާލަމެންޓްގެ ހުރުމަތް

6

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވާފައިވާ ޑރ. ޝަމްސުލް ފަލާހަކީ، ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަދި ދިވެހި ދުސްތޫރީ ނިޒާމު ދިރާސާ ކުރައްވާ އެ ދާއިރާއިން އިލްމީ ލިޔުންތައް ލިޔުއްވާ ތަޖުރިބާކާރެކެވެ. ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރުކަމާއި، ލީގަލް އެފެއާޒް ސެކްރެޓަރީކަމާއި، ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ ލީގަލް އެޑްވައިޒަރުގެ މަގާމު އަދާ ކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ.
________________________________________


މި ލިޔުމުގައި މިބަލާލަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮޓީއަށް، ވަކިވަކި ސިފައިން ހާޒިރުވާން އެންގުމުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން 3 ޖޫން 2021 ގައި ނެރުނު ނޫސްބަޔާނާއި، އެއާގުޅިގެން ހިނގާދިޔަ ކަންތައްތަކާގުޅޭގޮތުން ފާހަގަކުރެވޭ ދުސްތޫރީ އަދި ގާނޫނީ ނުކުތާތަކަށެވެ.

ޕާލިމެންޓުގެ އިމްތިޔާޒާއި، އެތަނުގެ ހުރުމަތްކެނޑުން

ޕާލަމެންޓުގެ ހުރުމަތްކެނޑުމަކީ، އެތަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމާއި، އެތަނުގެ ގަދަރުކުޑަކޮށް ކުޑައިމީސްކުރުމެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި، އެކަން ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައިފައިވެއެވެ. ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކާއި، ރިޔާސީ ނިޒާމު އޮންނަ ޤައުމުތަކުގައިވެސް މިކަމަކީ ކުށެއް ކަމަށް ކަނޑައަޅައިފައިވެއެވެ.

ދިވެހިރާއްޖޭގައި، "ޕާލަމެންޓުގެ ހުރުމަތްކެނޑުން" މިހެން ސަރީހަކޮށް ބަޔާންކޮށްފައިނެތަސް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި، މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭފަދަ ޢަމަލުތައް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވާގޮތުން، މަޖިލީހުގެ އިމްތިޔާޒަށާއި، ޤަދަރަށާއި، އެތަނުގެ މަސައްކަތަށް އުނިކަމެއް ލިބިދާފަދަ ނުވަތަ ހުރަހެއް އެޅިދާފަދަ ކޮންމެ އަމަލަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބިދިނުމުގެ އަމަލެކެވެ.

ގައުމީ ދިފާއީ ބާރުން ނެރުނު ނޫސްބަޔާން

އެ ނޫސްބަޔާނުގައި ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) ފާހަގަކުރުމަށްފަހު، "ނަމަވެސް" މިހެން ބުނެފައި، 99 މާއްދާއިން މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން އެންގި އެންގުން، އެ އެންގި ގޮތަށް (މާނައަކީ، ވަކިވަކި ސިފައިން ހާޒިރުކޮށްދޭން އެންގިއެންގުމަށް) އަމަލުކުރާން ނުޖެހޭ ބަހުރުވައިން އެތައް ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. މިހާރު މިބަލާލަނީ ނޫސްބަޔާނުގައިވާ އެނުކުތާތަކަށެވެ.

1. ނޫސްބަޔާނުގައި ގާނޫނުއަސާސީގެ 242 ވަނަ މާއްދާ (ވަޒީރުން ޖަވާބުދާރީކުރުވުން) ފާހަގަކޮށްފައިވިޔަސް، އެ މާއްދާއަކީ، އަސްކަރިއްޔާއާއި ފުލުހުންގެ މައްޗަށް މަދަނީ ފަރާތެއްގެ ބާރު ހިންގޭގޮތަށާއި، އެ ހިދުމަތްތަކާ ހަވާލުވެހުންނަ ވަޒީރު ޖަވާބުދާރީކުރެވޭގޮތް ހަދައިދޭ މާއްދާއެވެ. އެ މައްދާއިން ފަހަރެއްގައިވެސް، އެއިން ހިދުމަތެއްގެ ވަކިވަކި ފަރުދުން ޖަވާބުދާރީވާން ނުޖެހޭނެކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންނަމަ، އެ މާއްދާގެ ނިމޭބައި އޮންނާނީ، "އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ހަމައެކަނި ވަޒީރެވެ." މިހެންނެވެ. 242 ވަނަ މާއްދާއަށްވުރެ 99 ވަނަ މާއްދާއިން، މަޖިލީހަށް ލިބޭ ބާރުގެ ދާއިރާ ފުޅަލެވެ.

2. ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން، ސިފައިން "ޖަވާބުދާރީވާން ޖެހޭނީ"، ޗީފް އޮފް ޑިފެންސް ފޯސްއަށްކަމަށް ބަޔާންކޮށްފައިވިޔަސް، ހަވާލާދީފައިވާ އަކުރުގައި ބަޔާންކުރަނީ، ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްއަށް ޖަވާބުދާރީވާން "ޖެހޭނެ" ކަމުގައެވެ. ޖަވާބުދާރީވާނީ ހަމައެކަނި ޗީފް އޮފް ޑިފެންސް ފޯސްއަށްކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

3. ޗީފް އޮފް ޑިފެންސް ފޯސް ޖަވާބުދާރީވާންޖެހޭނީ މިނިސްޓަރަށް ކަމަށް ސިފައިންގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި ވާކަމަށް ބަޔާނުގައިވިޔަސް، މި އަކުރުގައި އޮތީ މިނިސްޓަރަށް ޖަވާބުދާރީވާން "ޖެހޭނެ" ކަމަށެވެ. މިހެން އޮތުމާއި، ޖަވާބުދާރީވާން "ޖެހޭނީ" އޭ އޮތުމާ މުޅިން ތަފާތެވެ.

4. ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެނަސް، ފާހަގަކުރެވޭ ކަމަކީ، މިކަންކަމަށްވުރެ ގާނޫނުއަސާސީ މަތިވެފައި ދުސްތޫރީ އުސޫލުތަކާއި މަބާދީތައް ބާރުގަދަވާނެކަމެވެ.

އަދި، ގާނޫނުއަސާސީގެ 238 ވަނަ މާއްދާގައިވާގޮތަށް، ސަލާމަތީ ހިދުމަތްތަކުން މަސައްކަތްކުރާންވާނީ ޖަވާބުދާރީވަނިވި ގޮތެއްގައިކަމަށް އޮތުމުން، އަސްކަރީ ހައިރާކީއާއި، ޗެއިން އޮފް ކޮމާންޑާއި، ކޮމާންޑް އެންޑް ކޮންޓްރޯލް، ޖަވާބުދާރީވަނިވިގޮތަކަށް ރޭވުމަކީ، އެ ރޭވުންތައް ރާވާން، އެތަނާ ހަވާލުވެތިބޭ މީހުންގެ ޒިންމާއެކެވެ.

އަދި، ކޮންމެ ގާނޫނަކީވެސް އެ ގާނޫނެއްގެ ކުރީގައި ހިނގައިދިޔަ ކަމެއް ރަނގަޅުކުރުމަށްޓަކައި، ނުވަތަ ދިމާވި އުނިކަމެއް ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި، ތަޢާރަފުކޮށްފައިވާ ގާނޫނެއްކަމަށް ބެލުމަކީ، ގާނޫނު މާނަކުރުމުގައި ގަބޫލުކުރެވޭނެ ހަމައެއްކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ސިފައިންގެ ގާނޫނު ފާސްކުރިއިރު، ގާނޫނުއަސާސީގައި މިހާރު އޮތްގޮތަށް، ސިފައިން ޖަވާބުދާރީ ކުރެވޭނޭ ނިޒާމު ކަނޑައެޅިފައިވަނީ ޖަވާބުދާރީ ކުރުމަށް ހޯދައިދިން ހައްލެއްގެގޮތުގައިކަން ބަލާންޖެހެއެވެ.

ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުސޫލުތަކާއި ހިލާފް ކަމެއްކުރާން ސިފައިންނަށް އެންގީކަމަށް އެ މުއައްސަސާއަށް ގަބޫލުކުރެވޭނަމަ، ސިފައިންގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ދ) ގައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މަޖިލީހާ މަޝްވަރާ ކުރިކަމެއް އެނގިފައެއްނެތެވެ. އެ އަކުރުގައިވާގޮތުން، ސިފައިންގެ ހިދުމަތް އޭގެ އެންމެ އެކަށީގެންވާ ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ދިރާސާކުރުމާއި، މިކަމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާ މަޝްވަރާކުރުމަކީ ސިފައިންގެ މަސްއޫލިއްޔަތެކެވެ.

5. ސިފައިންގެ އާންމު ގަވާއިދާ ހަވާލާދީ، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިހުތިޔާރު ލިބިފައި ނުވާކަމަށް ބަޔާންކުރި ނުކުތާއަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ. (1) ސިފައިންގެ ގަވާއިދަކަށްވުރެ ގާނޫނުއަސާސީން ލާޒިމްކުރާ ކަންކަން އިސްވާނެކަން؛ (2) ވަކިވަކިން ސިފައިން މަޖިލީހަށް ޖަވާބުދާރީވިޔަސް އެކަން އެ ކުރެވެނީ ރަސްމީ ކަމެއްގައި ފަރުދީ ޒިންމާ އުފުލުމުގެ ގޮތުންނެވެ.

6. ނޫސްބަޔާނުގައި ބަޔާންކުރި އުސޫލުތަކާ ޚިލާފަށް އަމަލުކުރުމަށް ސިފައިންގެ މުއައްސަސާގެ މައްޗަށް ލާޒިމްކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތްކަން ފާހަގަކުރި ނުކުތާއަކީ، މުޅި ނޫސްބަޔާނުގެވެސް ގާނޫނީގޮތުން އެންމެ ފޭރާންދެރަ ނުކުތާއެވެ. އެހެނީ، ގާނޫނަކުން އަމަލުކުރާންޖެހޭކަމަށް ބަޔާންކުރާ ކަމެއް ކުރާން ކޯޓުން ނިހާއީ ހުކުމެއް ކުރާންދެން ދައުލަތުގެ މުއައްސަސާތަކުން މަޑުކުރަންޏާ، ގާނޫނުގެ ބޭނުން ކެނޑިގެން ދެއެވެ.

7. ދެން ފާހަގަކުރެވޭ އަނެއް ނުކުތާއަކީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢްލޫމާތެއް، ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވާ ނުކުތާއެވެ. މިތަނުގައި ފާހަގަކުރެވޭ އެއް ނުކުތާއަކީ، ހަވާލާދެވިފައިވާ މާއްދާގެ އަރިމަތީ ސުރުހީއަށް ބެލުމުން، އެ މާއްދާ މަގުސަދަކީ، ގައުމީ ސަލާމަތާބެހޭ މައުލޫމާތު އެއްކުރުމާއި އެ މައުލޫމާތު ހިފެހެއްޓުންކަން އެނގެއެވެ. މުޅި މާއްދާގެ ރޫހަކީ، ކަމާނުބެހޭ ފަރާތަކަށް އެފަދަ މައުލޫމާތެއް ހިއްސާކުރުން މަނާކުރުންކަން ސާފުކޮށް ދޭހައެވެ. އެފަދަ މައުލޫމާތެއް ހިއްސާކުރެވެނީ ހަމައެކަނި (ނ) ގައިވާ ފަރާތްތަކަށްކަމަށްވާނަމަ، ނޫސްބަޔާނުގައިބުނާގޮތަށް އެމުއައްސަސާއިންވެސް މަޖިލީހަށް އެފަދަ މައުލޫމާތެއް ހިއްސާކުރުމަކީ މަނާކަމެކެވެ. އެހެނީ، އެ އަކުރުގައި މަޖިލިސް ހިމެނިފައެއް ނުވެއެވެ.

އެއްވެސް ގާނޫނަކީ، ހާއްސަކޮށް، އެގާނޫނެއްގައި ސަރީހަބަހުން އެހެން ލިޔެފައިނެތްހާލަތުގައި، އެހެން އެއްވެސް ގާނޫނަކަށް ނުބަލައި، މުސްތަގިއްލުކޮށް މާނަކުރެވިގެންވާނެ ގާނޫނެއް ނޫނެވެ.

ގާނޫނުއަސާސީގެ 269 ވަނަ މާއްދާގައިވާގޮތުން، ގާނޫނުއަސާސީއަށް އަމަލުކުރާން ފެށުނުއިރު އަމަލުކުރެވެމުންދިޔަ ގާނޫނުތަކުގެ ތެރޭން އަމަލުކުރަމުންދާންވާނީ ގާނޫނުއަސާސީއާ ތައާރަޒުނުވާ ގާނޫނުތަކަށެވެ. އެހެންކަމުން، ސިފައިންގެ ގާނޫނުގެ އެއްވެސް މާއްދާއެއް ނުވަތަ ބައެއް ގާނޫނުއަސާސީއާ ތައާރަޒުވާނަމަ އެ މާއްދާއަކަށް ނުވަތަ ބައަކަށް އަމަލެއް ނުކުރެވޭނެކަން، މި މާއްދާއާއި، ގާނޫނުއަސާސީގެ 268 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ.

އަދި ފާހަގަކުރެވޭ އަނެއްކަމަކީ، ސިފައިންގެ ގާނޫނާއި ކޮންމެ ގާނޫނެއްވެސް މާނަކުރާއިރު، މަޖިލީހުގެ ނިޔަތަށް ބަލަންވާނެކަމެވެ. މިގޮތުން، ގާނޫނުއަސާސީގެ 242 ވަނަ މާއްދާއަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކުރެވުނުއިރު، ވަޒީރު، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެކަމަށް އޮތްބައި އުނިކުރާން ހުށައެޅުނެވެ. އެކަން އެގޮތަށް ފާހެއް ނުވިއެވެ. އަދި، ޤާނޫނުއަސާސީގެ 239 (ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް އޮންނަ މަޖިލީހުގެ ބާރު) ގެ (ށ) އަށް ބަހުސްކުރެވުނުއިރު، އެ މާއްދާއޮތްގޮތުން ވަކި ހުދޫދެއްނެތި މަޖިލީހުގެ ބާރު ހިންގޭނެކަމަށް ހުށައެޅުނު އަކުރު އޮތަތީ، އެކަން އިސްލާހުކުރުމަށް ހުށައެޅުނެވެ. އެހެނަސް، އެ އިސްލާހު ފާހެއް ނުވިއެވެ. އަދި، ޤާނޫނުއަސާސީގެ 99 ވަނަ މާއްދާ އެކުލަވާލިއިރު، މައިގަނޑު ކަންބޮޑުވުމެއްކަމަށްވެފައިއޮތީ، ވެރިކަން ހިންގާ ފަރާތް ޖަވާބުދާރީ ކުރުވުމަށްޓަކައި މަޖިލީހުން ކުޅޭ ރޯލަކީ މުހިންމު ރޯލެއްކަމުން އެކަން ޤާނޫނުއަސާސީގައި ކަނޑައެޅުމެވެ. ޤާނޫނުއަސާސީގެ 99 ވަނަ މާއްދާ އެކުލަވާލިއިރު، މަޖިލީހަށް ހާޒިރުވާން އެންގޭ މީހަކު ހާޒިރުނުވެއްޖެނަމަ އެމީހަކާމެދު މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅުއެޅޭގޮތަށް، އެ މާއްދާއަށް އަކުރެއް އިތުރުކުރާން، އައްޑުއަތޮޅު މެންބަރު މުހައްމަދު އަސްލަމް ހުށައެޅުއްވިއެވެ. އެކަމަކު، އެ އިސްލާހު ފާހެއް ނުވިއެވެ. މަޖިލީހުގެ ގަވާއިދުގެ 166 ގައި މިކަން މިހާރުއޮތީ ބަޔާންކޮށްފައެވެ.

ހާޒިރުނުވެއްޖެނަމަ އެކަމެއް ފުރަތަމަ ހުށައަޅާނީ، ފުލުހަށްތަ؟

އިމްތިޔާޒުތަކާ ބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (6) ން އެނގެނީ، ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގުކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނެރަލަށް ހުށައަޅަންޖެހެނީ، ހަމައެކަނި އެ މާއްދާގެ (5) ގައި ބަޔާންކުރާ މަޖިލީހުގެ މުވައްޒަފުންގެ (މެންބަރުންނެއް ނޫން) ގޮތުގައި މަސައްކަތްކުރާ މީހުން ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމާއި ދަތިކުރުމުގެ އަމަލުތައްކަމެވެ. އެ ގާނޫނުގެ 29 ވަނަ މާއްދާގައިވާގޮތުން، އެގާނޫނުގައި ބަޔާންކުރާ އެހެން ކުށްތަކާއި ކަންކަމާމެދު ފިޔަވަޅުއަޅާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައަޅައިގެން ޝަރީއަތް މެދުވެރިކޮށްކަމެވެ. އެހެންކަމުން، މިފަދަ ކަމެއްގައި ތަހުގީގު އިތުރަށް ކުރާން ފެންނަކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިއްޖެނަމަ، އެކަމެއް ފުލުހުން މެދުވެރިކޮށް ކުރުވުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. އެއީ، މަޖިލީހުން ކުރާންޖެހޭ ކަމެއް ނޫނެވެ.

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު މަޖިލީހަށް ހާޒިރުނުވި މައްސަލައިގައިވެސް، ޕްރޮސިކިއުޓާ ޖެނެރަލްވަނީ، އެކަން ތަހުގީގުކުރުމަށް ފުލުހުންނަށް ހުށައަޅައިފައެވެ. އޭނާ ހަވާލާދެއްވާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއަށެވެ. މިކަމުން އެނގެނީ، އެއްބާވަތެއްގެ ކަމެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލް ދެގޮތަކަށް ޢަމަލުކުރައްވާފައިވާކަމެވެ.

މިތަނުގައި އެހެން ނުކުތާއެއް ފާހަގަކޮށްލާނަމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ފާސްކޮށްފައިވަނީ، އިމްތިޔާޒުގެ ޤާނޫނުގެ ކުރިންކަމުގައިވިޔަސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެނީ، އިމްތިޔާޒުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްވާނޭކަމެކެވެ.
އަނެއްކަމަކީ، މަޖިލީހަކީ ދައުލަތުގެ ވަކި ބާރެއްކަމުގައިވީހިނދު، މިވަރުގެ ބުންޔާދީ، ނުވަތަ އެތަނުގެ މުސްތަޤިއްލުކަމާއި ވިރާސީ ހިމާޔަތްތެރިކަމުގެ މިވަރުގެ ކަމެއްގައި، ޕްރޮސިކިއުޓަރ ޖެނެރަލް އަށް، މައުޟޫޢީގޮތުން މި ކަމުގެ ތެރެއަށް އެހައިބޮޑަށް ވަދެވޭގޮތަށް ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކޮށްގެން ނުވާނެކެމެވެ.

ޑެޕިއުޓީ މިނިސްޓަރު ސޮއިކޮށް މަޖިލީހަށް ސިޓީއެއް ފޮނުވުން

މިހާ ސާފު ކަމެއްގައި، އެކަމެއް ނުކުރެވޭނެކަމަށް ޑިފެންސް މިނިސްޓްރީން އެންގުމަކީ، އެއީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭފަދަ އަމަލެކެވެ. އެއީ، ސިފައިންގެ ލަފާދޭ މަޖިލީހުން ނިންމައިގެން އެއަށް ބިނާކޮށް ފޮނުވި ސިޓީއެއްކަމަށްވިޔަސް، އެކަމުގައި ވަޒީރު ޒިންމާ ނަގާންޖެހެއެވެ.

ނޫސްބަޔާނަށް، ޗީފް އޮފް ޑިފެންސް ފޯސް ޒިންމާ ނަގާން ޖެހެއެވެ. ޖަވާބުދާރީވަނިވިގޮތަށް ސިފައިންގެ ހިދުމަތް ހިންގާކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެކެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާ ސިޓީތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރުމާއި، ވުޒާރާއަކުން ފޮނުވާ ސިޓީއެއްނަމަ ސީދާ ވަޒީރު ސޮއިކުރުމަކީ ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތް އެންމެ ދަންނަ ގޮތެވެ. އެ މަޖިލީހަށް، ވުޒާރާއަކުން ވަޒީރުނޫންމީހަކު ސޮއިކޮށް ލިޔުމެއް ފޮނުވަންވާނީ، އެނޫންގޮތެއް ނެތިގެންނެވެ. އެހެންނޫންނަމަ، އެއީ އެ މަޖިލީހުގެ ޤަދަރުކުޑަކުރުންކަމުގައި ބެލެވިދާނެއެވެ.

މުޅި ނޫސްބަޔާނުން ފެނުނީ، އަސްކަރިއްޔާތަކުގެ ޒިންމާތައް އަދާކުރުމުގައި ބަލައިގަނެވޭ އުސޫލުތައްކަމުގައިވާ، ފަރުދީ ޒިންމާ (އިންޑިވިޑުއަލް ރެސްޕޮންސިބިލިޓީ) އާއި، ސުޕީރިއަރ ނުވަތަ ކޮމާންޑް ރެސްޕޮންސިބިލިޓީ ފަދަ އަސްކަރިއްޔާގެ ޖަވާބުދާރީކުރުވުމާއި ޒިންމާއުފުލުމާގުޅޭ އުސޫލުތަކާ ބީރައްޓެހިކޮށް ގާނޫނު މާނަކުރިތަނެވެ.

މަތީގައި ބަޔާންކޮށްފައިވާ ކަންކަން މިހެން ހުރީތީ، ވަކިވަކި ސިފައިން ހާޒިރުކުރާން އެންގުމުން އެކަމަށް އިޖާބަ ނުދިނުމަކީ، ގާނޫނުއަސާސީއާއި، އިމްތިޔާޒުގެ ގާނޫނާ ހިލާފުވުމެވެ. އަދި، ސިފައިންގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ލާޒިމްކުރާ ވާޖިބުތައް އަދާކުރުމުން ބަރީއަވުމެވެ. އަދި، ނޫސްބަޔާނާގުޅިގެން ހިނގާދިޔަ ކަންކަމުން ފެނުނީ، ދުސްތޫރީ އަދި ޕަބްލިކް ލޯ މާނަކުރުމުގެ އުސޫލުތަކާއި ބީރައްޓެހިކޮށް، ހަނިވިސްނުމަކުން އެފަދަ ގާނޫނުތައް ރާއްޖޭގައި މާނަކުރާކަމެވެ. އަދި މަޖިލީހަށްވެސް، މަޖިލީހުގެ އަސްލު ބާރުތަކާއި ޒިންމާތަކާއި ހައިބަތު ރަނގަޅަށް އޮޅުންނުފިލާކަމެވެ.