ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ އަށްވަނަ ރައީސަކަށް ޑރ. މުއިއްޒު

ޕީ ޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިމަހުގެ ނުވަވަނަ ދުވަހު ޑރ. މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އެއީ 46.06 ޕަސަންޓެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް މުއިއްޒު އެވެ.

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިހާތަނަށް ގުނާފައިވާ ގިނަ ވޯޓް ފޮށިތަކުގައިވެސް ކުރީގައި އުޅުއްވަނީ މުއިއްޒު އެވެ. އަދި ޖުމްލަ ނަތީޖާ ލިބިފައި ނުވި ނަމަވެސް މުއިއްޒުއަށް އިންތިހާބު ކާމިޔާބު ކުރެއްވުނުކަން މިހާރު ވަނީ ޔަގީންވެފަ އެވެ.

މިހާތަނަށް 585 ވޯޓް ފޮށި ގުނާފައިވާއިރު، 396 ވޯޓް ފޮށިން 127,342 ވޯޓާއި އެކު ކުރި ހޯއްދަވާފައިވަނީ މުއިއްޒު އެވެ.

ޑރ. މުއިއްޒުގެ ތައާރަފް

ޑރ. މުހައްމަދު މުއިއްޒު އުފަންވެ ވަޑައިގަތީ ޖޫން 15، 1978 ގައެވެ. އުމުރުފުޅުން މިހާރު 45 އަހަރެވެ. މުއިއްޒުގެ ބައްޕާފުޅަކީ ރާއްޖޭގައި މަޝްހޫރު ދީނީ އިލްމުވެރިޔެއް އަދި ގާޒީއެއް ކަމުގައިވާ ހުސައިން އަބްދުއްރަހްމާން އެވެ. މުއިއްޒު އަކީ ޝައިހް ހުސައިންއަށް ލިބިވަޑައިގެންނެވި ހަމައެކަނި ދަރިކަލުންނެވެ.

ތައުލީމީ ގޮތުން އަބަދުވެސް މަތީ ވަނަތަކެއް ހޯއްދަވަމުން ގެންގޮސްފައިވާ ޑރ. މުއިއްޒު ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ، ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންއިންނެވެ. އެމަނިކުފާނު ޕީއެޗްޑީ ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވެވީވެސް އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލީޑްސްއިންނެވެ.

ޑރ. މުއިއްޒު ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ އަދާލަތު ޕާޓީންނެވެ. އެމަނިކުފާނު އާންމުންނަށް ފާހަގަވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެބްރުއަރީ 7، 2012 ގައި ހައުސިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.

ޑރ. ވަހީދުގެ ވެރިކަމަށްފަހު އިންތިހާބުވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހައުސިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ ޑރ. މުހައްމަދު މުއިއްޒު އެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސްލޮޓެއްގައި ރައީސް ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވީ ނޮވެމްބަރު 17، 2013 އިން ނޮވެމްބަރު 17، 2018 އަށެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޭރު އޮތް މާލޭގެ މޭޔަރު ކަމަށެވެ. އެންމެން ހައިރާންކޮށްލުމަށްފަހު ބޮޑު އަގުލަބިއްޔަތަކުން މާލޭގެ މޭޔަރުގެ މަގާމުވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ފުރަތަމަ ފަހަރަށް ހޯއްދަވައިދެއްވީ މުއިއްޒު އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ސާފު އަގުލަބިއްޔަތުވެސް ހޯއްދެވި އެވެ. މާލޭގެ މޭޔަރު ކަމަށް އޭޕްރީލް، 2021 ގައި އިންތިހާބުވުމަށްފަހު މުއިއްޒު މިއަދުވެސް ހުންނެވީ އެ މަގާމު ގައެވެ.

މުއިއްޒުގެ ގައުމީ ހިދުމަތްތައް

ރާއްޖޭގައި މިފަހުން ކުރިއަށް ގެންދިޔަ ތަރައްގީ އެންމެ ބޮޑެތި މަޝްރޫއުތަކުގެ މޭސްތިރިޔަކީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒު އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކާ އެ ތަނުގައި 7،000 ހައުސިން ޔުނިޓް އެޅުއްވި އެވެ. ސިނަމާލެ ބްރިޖުން ހުޅުލެއާއި މާލެ ގުޅާލައި ހުޅުލެއާއި ހުޅުމާލެ ހައިވޭ އަކުން ގުޅާލި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލ. އަތޮޅުގައި ހަދާފައިވާ ރާއްޖޭގެ އެންމެ ދިގު ލިންކް ރޯޑްވެސް ހަދާފައިވަނީ މުއިއްޒުގެ މިނިސްޓަރު ކަމުގައެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން މާލެއަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށާއި މާލޭގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް މުއިއްޒު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެފަދަ މުހިއްމު ބޮޑެތި މަޝްރޫއުތައް ސަރުކާރުގެ އެއްބާރުލުން ލިބިފައި ނުވާތީ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެކަމަކު ޕްލޭނިން މަސައްކަތްތައް ނިންމާ، މަސައްކަތް ފެށޭ ހިސާބަށް ހުރިހާ ކަމެއްހެން ހުރީ ނިންމަވާފަ އެވެ.

މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ މަގުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މަގުފާރަވެރިންގެ ފައުޖެއް އެކުލަވާލައި އެމީހުން މަގުތަކަށް ވަނީ ނެރެފަ އެވެ. މާލޭގެ މަގުތައް މަރާމާތުކޮށް، ޕާކްތައް ޒީނަތްތެރިކޮށް، ގައުމީ މުނާސަބަތުތަކަށް މާލެ ޒީނަތްތެރިކުރުމުގެ ތަފާތު މަސައްކަތްތަކެއް ވެސް މުއިއްޒު ވަނީ ކުރައްވާފަ އެވެ.

ރިޔާސީ ޓިކެޓް ލިބިވަޑައިގަތުން

ޑރ. މުއިއްޒަށް އެންމެ ބޮޑު އިދިކޮޅު ކޯލިޝަން -- ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ އެ ކޯލިޝަންގެ ވެރިޔާ ރައީސް ޔާމީން ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކޯލިޝަން ތެރޭގައި ބޮޑެތި ކޯޅުންތަކެއް ހިނގުމަށްފަހު އެވެ.

ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި މުއިއްޒު ވަނީ ސިޔާސީ ގޮތުން މޮޅަށް ކުޅުއްވާ ރަނގަޅު ވަގުތުގައި މުހިއްމު ނިންމެވުންތަކެއް ނިންމަވާފަ އެވެ. އެގޮތުން ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓަކު ނެރުން ފަސްކުރަން ފެށުމުން ކޯލިޝަން ޕާޓްނަރުގެ ގޮތުގައި އޮތް ޕީއެންސީއަށް މުއިއްޒުގެ މެންބަޝިޕް ކުއްލި ގޮތަކަށް ބަދަލުކުރެއްވި އެވެ. ޕީއެންސީއަށް މުއިއްޒު ބަދަލުވެވަޑައިގަތީ ޕީޕީއެމްގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވުމަށްފަހު އެވެ.

މުއިއްޒު ޕީއެންސީއާ ގުޅިވަޑައިގެންނެވި ދުވަހު -- އޮގަސްޓް 3، 2023ގައި އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒު ހޯއްދެވީ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރުއާ ވާދަކުރައްވައިގެންނެވެ.

މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ދިނީ އެ ޕާޓީގެ ކައުންސިލްގެ 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ އޮގަސްޓް 7، 2023 ގައެވެ. އެމަނިކުފާނުގެ ކެންޑިޑެސީ އެ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.

ރިޔާސީ އިންތިހާބުތަކުގެ ތާރީހާއި ނަތީޖާ

  • މުހައްމަދު އަމީން | ފުރަތަމަ ރައީސް | 1 ޖަނަވަރީ 1953
  • އިބްރާހިމް ނާސިރު | 96 ޕަސަންޓް | 27 ސެޕްޓެމްބަރު 1968
  • އިބްރާހިމް ނާސިރު | 76 ޕަސަންޓް | 2 އޮކްޓޯބަރު 1973
  • މައުމޫން އަބްދުލްގައްޔޫމު | 92 ޕަސަންޓް | 28 ޖުލައި 1978
  • މައުމޫން އަބްދުލްގައްޔޫމު | 95 ޕަސަންޓް | 4 އޮކްޓޯބަރު 1983
  • މައުމޫން އަބްދުލްގައްޔޫމު | 96 ޕަސަންޓް| 26 ސެޕްޓެމްބަރު 1988
  • މައުމޫން އަބްދުލްގައްޔޫމު | 92 ޕަސަންޓް| 1 އޮކްޓޯބަރު 1993
  • މައުމޫން އަބްދުލްގައްޔޫމު | 84 ޕަސަންޓް | 18 އޮކްޓޯބަރު 1998
  • މައުމޫން އަބްދުލްގައްޔޫމު | 90 ޕަސަންޓް | 17 އޮކްޓޯބަރު 2003
  • މުހައްމަދު ނަޝީދު | 54.21 ޕަސަންޓް | 28 އޮކްޓޯބަރު 2008
  • ޑރ. މުހައްމަދު ވަހީދު | ދައުރުގެ މެދުތެރެއިން ވެރިކަމެއް ފުރިހަމަ ކުރެއްވި | 7 ފެބްރުއަރީ 2012
  • އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު | 51.39 ޕަސަންޓް | 16 ނޮވެމްބަރު 2013
  • އިބްރާހީމް މުހައްމަދު ސޯލިހް | 58.38 ޕަސަންޓް | 23 ސެޕްޓެމްބަރު 2018

ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވުމާ އެކު އެމަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ އަށެވެ. މުއިއްޒުއާ އެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ މުއިއްޒު ކުރައްވާނީ ނޮވެމްބަރު 11، 2023 ގައެވެ.