އި އްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަކީ ކާމިޔާބު ސިޔާސީ ލީޑަރެކެވެ. މަޑުމައިތިރި ބަސް މަދު އެކަމަކު ކަންކަން މޮޅަށް ނިންމެވި ހިކުމަތްތެރި ލީޑަރެކެވެ. ވެރިކަން ކުރާ އެމްޑީޕީ ނަގައި ކޮޅަށް ޖަހައި އެ ޕާޓީއަށް ދެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިދެއްވުމުގައި މުގުލުގައި ހުންނެވި އެއް ބޭފުޅަކީ ރައީސް ސޯލިހެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ހުންނަވައިގެން އެމްޑީޕީން ބޭނުންވި މުހިއްމު ވަގުތުތަކުގައި ވާދަވެރިންނާ ވާހަކަދައްކަވާފަ އެވެ. ޕާޓީއާއި ގައުމަށް އެންމެ ފަހި ގޮތްގޮތަށް ކަންކަން ނިންމެވުމުގައި މޮޅު މޮޑަރޭޓެއްގެ ޒިންމާ އެތައް ފަހަރަކު އުފުއްލެވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ މިނިވަން ހިޔާލަށް ވަކިން ހާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައި އޮންނަންވާނެ ކަމަށް ގަބޫލުކުރެއްވި ލީޑަރެކެވެ. އެކަން އެނގެނީ ސިޔާސީ ހަޔާތްޕުޅު ފެއްޓެވުމުގެ ކުރިން އެމަނިކުފާނު ނޫސްވެރިކަމުގެ ބައެއް މަސައްކަތްތަކުގައި ޝާމިލްވެފައިވާތީ އެވެ. އަދި ސިޔާސީ ހަޔާތްޕުޅު ފެއްޓެވި ފަހުން ބައެއް ނޫސްތަކުގައި ހިއްސާވެ ވަޑައިގެން ހަރަދުވެސް ކުރެއްވި އެވެ. ރައީސް ސޯލިހްގެ ވެރިކަމުގައިވެސް ފެނިގެން ދިޔައީ ނޫސްވެރިންނަށާއި ހިޔާލުފާޅުކުރާ މީހުންނަށް ވަރަށް ބޮޑަށް މިނިވަންކަން ދެއްވި ވެރިއެއްގެ ގޮތުގައެވެ. ދޮގު ހަބަރުތަކުން ސަރުކާރު ބަލިކޮށްލި ވަގުތުވެސް އެއްވެސް ނޫހަކަށް ނޫސްވެރިޔަކަށް ފިޔަވަޅެއް އެޅުމަށް ރައީސް ސޯލިހް ބޭނުންފުޅެއް ނުވި އެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ވާދަކުރައްވައިގެން އިއްޔެ ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަކީ މިހާތަނަށް އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ލިބިވަޑައިގެންނެވި ހަމައެކަނި ނާކާމިޔާބީ އެވެ.
ރައީސް ސޯލިހް ސިޔާސީ ހަޔާތްޕުޅުން ފެއްޓެވީ އުމުރުފުޅުން 31 އަހަރުގައި 1994 ވަނަ އަހަރު އެވެ. އެ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައިގެން ފާދިއްޕޮޅު -- ޅ. އަތޮޅުގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އެވެ. އޭގެފަހުން 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު ފިޔަވާ ކޮންމެ އިންތިހާބެއްގައި ވާދަކުރައްވައި މަޖިލިސް ގޮނޑި ދިފާއު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ވަނަ އަހަރު ބޭއްވިއިރު އެމަނިކުފާނު ހުންނެވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ގައެވެ. އެހެންވެ އެ އަަހަރުގެ ސިޔާސީ ކުޅިބައި އަތުރާލެއްވީ އެމަނިކުފާނުގެ ސަރުކާރާއި އިސް ލީޑަރުކަން ކުރައްވަމުން ގެންދަވާ ޕާޓީ -- އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތަށެވެ. ނިމިގެން ދިޔަ މަޖިލިސް އިންތިހާބަކީ ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވި އިންތިހާބުތަކުގެ ތެރެއިން މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ނެގި އިންތިހާބެވެ. އެމްޑީޕީއަށް މިހާރު މިއޮތް މަޖިލީހުގައި 65 ގޮނޑި ހޯއްދަވައިދެއްވި ކެޕްޓަނަކީ ރައީސް ސޯލިހެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖެހިޖެހިގެން ފަސް ދައުރު މެންބަރުކަން ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ މިހާތަނަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައެވެ. ރައީސް ސޯލިހް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 134،705 ވޯޓު ހޯއްދަވާފަ އެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ 58.38 ޕަސަންޓެވެ. މިއީ ކައިރި މުސްތަގުބަލެއްގައި އެހެން ބޭފުޅަކަށް އިންތިހާބެއްގައި ހޯދިދާނެ ކާމިޔާބީއެއް ކަމަކަށްވެސް ނުބެލެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނަށް ސިޔާސީ ގޮތުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވީ މިއަހަރުގެ ޖުލައި 21 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. ޕާޓީގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ރައީސް ނަޝީދު ގެންދެވީ ސިޔާސީ އެކި އުކުޅުތައް ބޭނުންކުރައްވައިގެން ރައީސް ސޯލިހް ބަލިކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބޭއްވި އެވެ. އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ވެސް ބޭއްވި އެވެ. މި ދެ އިންތިހާބުގައިވެސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވީ ރައީސް ސޯލިހް އެވެ. ރައްޔިތުންގެ މަޖިލީހާއި ޕާޓީގެ ކަމާ ގުޅޭ ހުރިހާ ގުނަނެއްގެ ފުރިހަމަ ބާރާއި ކޮންޓްރޯލް ރައީސް ސޯލިހްގެ އަތްމައްޗަށް ނަންގަވައި އެމްޑީޕީގެ ތެރެއިން ސިޔާސީ ގޮތުން ރައީސް ނަޝީދު ބަލިކުރެއްވި އެވެ. މަޖިލީހާއި ޕާޓީގެ ފުރިހަމަ ބާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމަށް ރައީސް ސޯލިހް އާންމުކޮށް އިއުލާންވެސް ކުރެއްވި އެވެ.
ރައީސް ސޯލިހް ހޯއްދެވި އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިއަހަރުގެ ޖެނުއަރީގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވައިގެން ހޯއްދެވި ބޮޑު ކާމިޔާބީ އެވެ. އެ އިންތިހާބަށްފަހު ރައީސް ނަޝީދަށް އެމްޑީޕީގެ ތެރެއިން ކުރިއަށް ވަޑައިނުގެންނެވޭކަން އެނގިވަޑައިގަތުމާ އެކު މިއަހަރުގެ ޖުލައި 21 ވަނަ ދުވަހު އެމްޑީޕީން ދޫކޮށް ވަޑައިގެންނެވީ އެވެ. އޭގެފަހުން ނަޝީދު ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ސިޔާސީ ދަނޑުގައި ފާޅުކަން ބޮޑުކޮށް ރައީސް ސޯލިހަށް ސިޔާސީ ގޮތުން ގެއްލުން ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އިއްޔެ ލިބިވަޑައިގެންނެވި ނާކާމިޔާބީގެ އަސްލަކީ ރައީސް ނަޝީދު ކަމަށް ގަބޫލުކުރާ މީހުން ގިނައީ އެ ސަބަބާ ގުޅިގެންނެވެ.
ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއްގެ އުއްމީދު ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން އެވަނީ ގެއްލުވާލާފަ އެވެ. ނަމަވެސް ރައީސް ސޯލިހަކީ މިއަދު ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީ މިއަދުވެސް އޮތީ ރައީސް ސޯލިހްގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް ސޯލިހް ކޮންމެ ގޮތަކަށްވެސް އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލް ނިންމަވާފާނެ އެވެ. އެކަމަކު ގައުމުގެ ކަންކަން ނިންމުމުގައި އެމަނިކުފާނުގެ ލަފާ ހޯއްދަވަންޖެހޭ ވަރުގެ ސިޔާސީ ބޮޑު ބާރުވެރިކަމެއް އެވަނީ ހޯއްދަވާފަ އެވެ. ދިވެހި ހުރިހާ ރައްޔިތުން މިހާރު އިންތިޒާރު ކުރަނީ ރައީސް ސޯލިހް ދެން ނިންމަވާނެ ގޮތެއް ބެލުމަށެވެ.