ހާރު ކެއުމާ ނުލައި ރޯދަ ހިފުމުގެ ހުކުމަކީ ކޮބައި؟

އަޅުގަނޑު އާއްމު ގޮތެއްގައި ރޯދަ ހިފަނީ ހާރު ކެއުމަކާ ނުލަ އެވެ. މި ކަމުގައި ދީނުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ހާރު ކެއުމަކީ މުސްތަޙައްބު ވެގެންވާ ކަމެއް ކަމުގައި ދަންނަބޭކަލުން އިއްތިފާޤު ވެވަޑައިގަންނަވަ އެވެ. ނަމަވެސް ހާރު ނުކާ މީހާ އަކަށް ފާފަވެރި ކަމެއް ނެތެވެ. ދަންނާށެވެ! ހެޔޮކަން ވަނީ މާތް ނަބިއްޔާގެ ސުންނަތުގައި ހިފުމުގަ އެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "ތިޔަބައި މީހުން ހާރު ކާށެވެ. ފަހެ ހަމަ ކަށަވަރުން ހާރުކެއުމުގައި ބަރަކާތް ލެއްވިގެން ވެއެވެ." އެހެނީ އެއިގެ ސަބަބުން ރޯދަ އަށް ހުންނަ އިރު ހަށިގަނޑަށް ވަރުގަދަ ކަން ލިބި، ވަރުބަލިކަމުން ދުރު ކުރެއެވެ.

ވީމާ ހާރު ކެއުން އާދަ ކުރާށެވެ. އެއީ ބަރަކާތްތެރިކަން ހުރި ކަމެކެވެ.