ރޯދައިގެ ދަރުމަ

ފުރަތަމަ ރޭގެ ނިޔަތް މުޅި ރޯދަމަހަށް ފުދޭނެތަ؟

ރޯދަމަހުގެ ފުރަތަމަ ރޭ ރޯދައަށް ނިޔަތް ގަތުމުން އެނިޔަތް މުޅި ރޯދަމަހަށް ފުދޭނޭ ހެއްޔެވެ؟ ކޮންމެ ރެޔަކު ނިޔަތް އާކުރަންޖެހޭނެ ހެއްޔެވެ؟

ކޮންމެ ރެޔަކު ތެދުވެ، ހާރުކައި، ރޯދަ އަށް ތައްޔާރުވަނީ ނިޔަތް އޮތުމުންނެވެ. އެކަންކުރަނީ ރޯދަ ހިފަން ބޭނުންވާ މީހާ އެވެ. ބުއްދިހުރި މީހަކު ރޯދަ ނުހިފުމަށް މިކަމެއް ނުކުރާނެއެވެ. މިކަންކުރުމުން ދައްކުވާ ދެނީ ރޯދައިގެ ނިޔަތް އޭނާގެ ހިތުގައި އޮތް ކަމެކެވެ. ނިޔަތަކީ އެއީއެވެ. މިހެންކަމުން ރޯދަމަހުގެ ފުރަތަމަ ރޭ މުޅި ރޯދަމަހުގައި ރޯދައަށް ނިޔަތް ގަނެވިދާނެއެވެ. ކޮންމެ ރެޔަކު ނިޔަތް އާކުރުމަކީ ލާޒިމު ކަމެއްނޫނެވެ. ނަމަވެސް ޚިލާފުން ސަލާމަތް ވުމަށްޓަކައި ނިޔަތް އާކޮށްލުން ރަނގަޅު ކަމުގައި ދެކެމެވެ. ރޯދަމަހު ރޯދަ ދޫކޮށްލުން މެދުވެރިވާ ޢުޒުރެއް ދިމާވުމަށް ފަހު އަލުން ހިފަން ވެއްޖެނަމަ ނިޔަތް އާކުރަން ޖެހޭނެއެވެ.