އުމުރުން އެންމެ 18 އަހަރުގައި މީނާ ހިފާ ހައްޔަރުކޮށް ކުޑަގޮޅިއަށްލައިފި އެވެ. އޭރު އެއީ އެންމެން ދަންނަ ނޫސްވެރިޔާ، މުހައްމަދު ވިސާމްއެއް ނޫނެވެ. އެއީ ހަމައެކަނި އެކުވެރިން ދަންނަ "ސަންޕަތު ވިސާމެ" ވެ. އޭރު އޭނާ ގޮޅިއަށް ވެއްދީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. ކޮންމެވެސް ބަޔަކު އޭނާ ސައިކަލް މަޑި ދަށަށް މަސްތުވާތަކެތި އެޅީ އެވެ. އެއީ ކީއްވެގެން ކަމެއް އަދި އަދަށް ވެސް ސާފުނުވިޔަސް އެކަމުން އޭނާ މާބޮޑަށް ވެސް ވަނީ އަރައިގެންފަ އެވެ.
އެ ފަހަރު ވިސާމް ހައްޔަރުކޮށް ކުޑަ ގޮޅި ތެރެއަށް ކޮއްޕާލީ 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭރު ގަމު ދާއިރާގެ ކެންޑިޑޭޓް، މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިންގައި އުޅެނިކޮށެވެ. ސިޔާސީ ކަންކަމަށް މާބޮޑަށް ލޯހުޅުވިފައި ނެތް ވިސާމް، އެ ފަހަރު ގޮޅީގައި 15 ދުވަސް ހޭދަކުރި އެވެ. އެ ދުވަސްތަކަކީ އޭނާގެ ހަޔާތުގެ ބިންގާ އެޅުނު ދުވަސްތަކެވެ.
"އުމުރުން 18 އަހަރުގައި ޖަލުގެ ކުޑަ ގޮޅީގެ ތޭރިތަކުގެ ފުރަގަހުގައި ނުކުރާ ކަމެއްގެ ތުހުމަތުގައި ހޭދަކުރަން ޖެހުމަކީ އަޅުގަނޑުގެ ހަޔާތުގެ ފެށުމޭވެސް ބުނެވިދާނެ، އެ ދުވަސްތަކުގައި އަޅުގަނޑު އަޒުމްކަނޑައެޅީން ނުކުރާ ކަމެއްގެ ތުހުމަތުގައި އަޅުގަނޑު ހައްޔަރުކުރުމުން، މުޖުތަމައު ބަލައިގަންނަ މީހަކަށްވާން، ނޫސްވެރިކަށްވުމަށް، ބޭއިންސާފުން އަނިޔާ ލިބޭ މީހުންގެ ވާހަކަ ދެއްކުމަށް،" ވިސާމް ވިދާޅުވި އެވެ.
އެ 15 ދުވަސް ނިންމައި، މުޖުތަމައުއަށް ނުކުންނެވި އިރު ހުރިހާ ކަމެއް އޮތީ ބަދަލުވެފަ އެވެ. އޭނާއާމެދު މީހުން ދެކޭ ގޮތް ބަދަލުވި އެވެ. ނުރުހުމާއި ތުހުމަތުގެ ލޯތައް އަމާޒުވާން ފެށީ އެވެ. ވިސާމް ނިންމީ އެ ނުތަނަވަސްކަމުން ބޭރަށް ވަޑައިގަންނަވާށެވެ. ދިރިއުޅުން މާލެ ބަދަލުކުރެއްވީ އެވެ. ބޭނުންފުޅުވ ނޫސްވެރިއަކަށްވާން ދެކެވަޑައިގެންނެވި ހުވަފެނުގައި ކުލަ ޖައްސާށެވެ.
އެ އަޒުމުގައި އޭނާއަށް ވަދެވަޑައިގެންނެވުނީ ރާއްޖެޓީވީއަށެވެ. އެއީ ފައްޔާޒު އިސްމާއިީލް ހޯދައިދެއްވި ފުރުސަތެއްގަ އެވެ. އެކަމަކު އެއީ ނޫސްވެރިޔަކަށް ނޫނެވެ. އޮން އެއާ އޮޕަރޭޓަރެއްގެ މަގާމެވެ. އެ ވަޒީފާގެ ޓެސްޓަށް ވަޑައިގެންނެވި އިރު ރާއްޖެ ޓީވީގެ ޕްރެޒެންޓަރުން ހަބަރު ކިޔާތަން ކައިރިން ފެނުނެވެ. އެހިސާބުން ނޫސްވެރި ކަމުގެ ޝައުގުވެރިކަން ވަކީން ބޮޑުވީ އެވެ. އެކަމަކު އޮންއެއާ އޮޕަރޭޓަރުގެ ޓެސްޓުން ފެއިލްވެ ރާއްޖެޓީވީގެ ފުރުސަތު ގެއްލުނީ އެވެ. ހުވަފެން ހަގީގަތަކަށްވުން މަޑުޖެހުނީ އެވެ.
"ދެންވެސް ނިންމީ، ރާއްޖެޓީވީގައި ވަޒީފާއެއް ލިބޭތޯ، ވަޒީފާއަކަށް އިއުލާން ކުރާނެ ދުވަހެއްގެ އިންތިޒާރުގައި ހުއްޓަ، އޭރު ރާއްޖެޓީވީގެ ސީއޯ އަސްވާޑްގެ އެހީތެރިކަމާއެކު ފުރުސަތެއް ލިބިއްޖެ، އެއީ ގަމު ޕޮލިސް ސްޓޭޝަންގެ ކުޑަ ގޮޅީގައި އޮވެ ނޫސްވެރިކަށްވާން ކަނޑައެޅިު އަޒުމް ހާސިލްވި ދުވަސް،" ވިސާމް ވިދާޅުވި އެވެ.
ލިބި ވަޑައިގެންނެވި ފުރުސަތުގެ ބޭނުން ވިސާމް ހިއްޕެވި އެވެ. އާއިލާއާ ދުރުގައި ހުންނަވަން ޖެހި ވަޑައިގަތުމުން އުނދަގޫތަކާ އެކުގަ އެވެ. ކުއްޔަށް 2،500 ރުފިޔާ ދައްކައިގެން އޭނާ ހުންނެވީ މީހުން ބައިތިއްބާ ގެއެއްގަ އެވެ. އެއް ކޮޓަރީގައި އެތައް ކުދިންނެކެވެ. އެ ހާލުގައި ވެސް އޭނާ ބޭނުންފުޅުވީ ކުރިއަށް ވަޑައިގަންނަވާށެވެ. މަޝްހޫރު ނޫސްވެރިއަކަށްވާށެވެ. އެކަން އޭނާ ކާމިޔާބު ކުރެއްވި އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެޓީވީގެ އެންމެ މަގުބޫލް އެއް މޫނަށް ވިސާމްވެ ވަޑައިގެންނެވި އެވެ.
"ނޫސްވެރިކަން ކުރަން ފެށީ ބޮޑު މުސާރަ ހޯދާކަށް ނޫން، އެ ދާއިރާއިން ކުރިއަށް ދިއުމަށް، ނޫސްވެރިކަމަކީ ރައްޔިތުންނަންދޭ ހިދުމަތެއްގެ ކަމުގައި ދެކެގެން. ކުރި މަސައްކަތަކުގެ ނަތީޖާއިން ނަން މަޝްހޫރު ނޫސްވެރިއަކަށްވެވުނު! ރައީސް މުހައްމަދު ނަޝީދު ޖަލަށްލާން ހުކުމް ކުރުމާއި ގުޅިގެން ރައީސް ޔާމީން ވެރިކަމުގައި މާލޭގައި ކުރިއަށް ގެންދިޔަ މުޒާހާތަށް ކަވަކުރުމަށް ރާއްޖެޓީވީގެ މައިކް ހިފައިގެން މަސައްކަތް ކުރަން ލިބުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން، ވަގުތުން ވަގުތަށް ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ގެނެސް ދިނުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ރައްޔިތުން އަޅުގަނޑު ބަލައިގަތުން، އަޅުގަނޑަށް އިތުބާރުކުރުން،" ވިސާމް ވިދާޅުވި އެވެ.
އެއް އިރެއްގައި މުޒާހަރާއެއް އޮތިއްޔާ ކޮންމެ މީހަކު ވެސް ބޭނުން ވަނީ އެތަނަކު ވިސާމް ހުންނެވުމަށެވެ. އޭނާ މުޒާހަރާތަކާއި އެއްވުންތަކުގައި ހިނގަމުންދާ ކަންކަން ރައްޔިތުންނަށް ވަގުތުން ކިޔައިދެއްވާ ގޮތުންނެވެ.
ރައީސް ނަޝީދު ކުރިމިނަލް ކޯޓަށް ހާޒިރުކުރި ދުވަހެއްގައި އޭނާއަށް އިންޓަވިއު ދެއްވަން އުޅުއްވަނިކޮށް ކޮށްޕާ ވައްޓާލި ދުވަހަކީ ވިސާމްގެ ނޫސްވެރިކަމުގައި ބޮޑު ދުވަހެވެ. އެ ދުވަހު އޭނާ ބިން މައްޗަށް ވެއްޓުމުން ތެދުވެ ވަޑައިގެންނެވީ ދެން އޭނާއަށް ދިމާލަށް އަންނާނެ ރާޅުތަކުގެ ބޮޑުކަން އެނގިވަޑައިގެނެއް ނޫނެވެ. އެކަމަކު، ވެއްޓިޖެހިފައި އޮތުމަކީ އޭނާގެ ތޮބީއަތް ކަމަށް ދެކެވަޑައި ނުގަންނަވާތީ އެވެ.
ނޫސްވެރިއެއްގެ ގޮތުގައި ވިސާމް ފަސް އަހަރު ދުވަހު ރާއްޖެޓީވީގައި މަސައްކަތް ކުރެއްވި އިރު ހަތް ފަހަރު ހައްޔަރުކުރި އެވެ. ސާޅީސް ދެ ދުވަހަށް ވުރެ ގިނަ ދުވަސް ޖަލުގެ ކުޑަ ގޮޅީގައި އޮންނަން ޖެހި ވަޑައިގަތެވެ. ފެހި ގާނޫނު އާސީސީގެ ތަންފީޒުކުރަން ފެށި ފަހުން ރާއްޖޭގެ ނޫސްވެރިކަށް އެންމެ ފުރަތަމަ ޖިނާއީ ހުކުމެއް އިއްވީ ވެސް ވިސާމަށެވެ.
"މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވުމުގެ ތެރޭގައި ހައްޔަރުކުރުމަށް ފަހުގައި ހުކުމް އިއްވި، ނޫސްވެރިކަމުގައި އަޅުގަނޑު އެތަކެއް ފަހަރު ހައްޔަރުކުރި އިރު، އެއީ އަޅުގަނޑަށް އާ ކަމެއް ނޫން، ޖަލުގެ ކުޑަ ގޮޅިވެސް ވީ އާތަނަކަށް ނޫން، އެއީ އުމުރުން 18 އަހަރުގައި ނުކުރާ ކުށެއްގައި ހައްޔަރުކޮށް، އެތަކެއް އަދަބުތަކެއް ލިބިފައި ހުރުމުން،" ވިސާމް އޭނާގެ އިހުސާސްތައް ހިއްސާކުރެއްވި އެވެ.
ނޫސްވެރިއެއްގެ ގޮތުގައި ވިސާމް ހަމައެކަނި މައިކް ހިއްޕަވައިގެން ހިންގެވީއެއް ނޫނެވެ. ހަމައެކަނި ޖަލަށް ލެއްވީއެއް ވެސް ނޫނެވެ. ނޫސްވެރިއެއްގެ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށަކަށް އޭނާ ވަޑައިގެންނެވި އެވެ. ރައްޔިތުންގެ ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އެތަކެއް ރިޕޯޓްތަކަކާއި ލައިވް ކަވަރޭޖްތަކެއް ގެނެސްދެއްވި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވެސް 100 އަށް ވުރެ ގިނަ ރަށް އޭނާ ދަތުރު ކުރެއްވި އެވެ. ނޫސްވެރިކަން އެއްކައިރިކޮށްލާ، އެހެން ދިމާލަކަށް ވަޑައިގެންނެވުމުގެ ވިސްނުން އޭނާއަށް ލިބި ވަޑައިގެންނެވީ އެ ދަތުރުތަކުންނެވެ.
"ރައްޔިތުންގެ ކަންބޮޑުވުންތަކަށް ގާނޫނީ ހައްލެއް ހޯދެން އަންނަނީ ރައްޔިތުންގެ މަޖިލީސް ތެރެއިން ކަމަށް ވާތީ، އަޅުގަނޑު މަޖިލީހަށް ކުރިމަތިލުމަށް ވިސްނީ، އެގޮތުން އުފަން ރަށް ކަމަށްވާ ލ. ގަމު ދާއިރާގެ މަޖިލީހަށް ގޮނޑިއަށް އަޅުގަނޑު ކުރިމަތިލާން ނިންމީ ދާއިރާއަށް ހިދުމަތް ކުރުމަށް، ދާއިރާއަށް އުފަން މެމްބަރަކު އިންތިހާބު ކުރުމަށް ގަމު ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދިނުމަށް،" ވިސާމް ވިދާޅުވި އެވެ.
ވާދަވެރި ޕްރައިމަރީއަކަށްފަހު އެމްޑީޕީ ޓިކެޓް ހޯއްދަވައި އަދި އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވި ވިސާމަކީ މިހާރު އިންތިހާބުވެފައިވާ ގަމު ދާއިރާގެ މެންބަރެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ހަގު މެންބަރެވެ. އުމުރުން 24 އަހަރުގައި އޭނާ އެ ވަންނަވަނީ ރައްޔިތުންގެ ގެއަށެވެ. މުޅި ދެކުނު އޭޝިއާގައި ވެސް ހުންނެވި އެންމެ އުމުރުން ހަގު މެންބަރުގެ ޝަރަފާއެކު އެވެ.
"އެންމެ ޒުވާން މެންބަރަށްވެ، ލިބިފައިމިވާ ފުރުސަތަކީ ސިޔާސީ ގޮތުން ކުރިއަށް ދާން ލިބިފައި އޮތް ވަރަށް ރަނގަޅު ފުރުސަތެއް، މިއަދު ގައުމު ހަމަ މަގަށް އަޅުވައި ތަރައްގީގެ ކަންކަމުގައި ބަސް ބުނަން ޖެހިފައިވަނީ ޒުވާނުންނަށް، ޒުވާނުން ނުކުންނަންވީ، އެ ޒުވާނުންނާއެކު އަބަދުވެސް ހުންނާނެ ކަމުގެ ޔަގީންކަން ދެން،" ވިސާމް ވިދާޅުވި އެވ
އެންމެ ޒުވާން މެންބަރަށް ވެވަޑައިގެންނެވި ނަމަވެސް އޭނާ ނޫސްވެރިންނާ ދުރަށްވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ވިސާމްގެ ނެތެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އެންމެ ގާތުން އައްސަވާނީ އޭނާ އެވެ.
"ނޫސްވެރިކަން ކުރުން ހުއްޓާލަން ވެސް ގަސްދެއް ނުކުރަން، ދަތުރުތައްކޮށް ޑޮކިއުމެންޓްރީތަކާއި އިޖުތިމާއީ މައްސަލަތައް ސަމާލު ކަމަށް ގެނައުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރާނަން، ހާއްސަކޮށް ރާއްޖޭގެ ތާރީހު ދިރާސާކޮށް އެކަމާ ގުޅޭ ޑޮކިއުމެންޓްރީތައް އުފެއްދުމުގެ ވަރަށް ބޮޑު ވިސްނުމެއް އެބަހުރި،" ވިސާމް ވިދާޅުވި އެވެ.
ނޫސްވެރިންގެ އިތުރުން އޭނާގެ އެންމެ ބޮޑު ޔަގީންކަމެއް އޮތީ އޭނާގެ ދާއިރާ ރައްޔިތުންނަށެވެ. އޭނާ މަޖިލީހަށް ވެންނެވީ އެ ރައްޔިތުންގެ އަޑު އުފުލާށެވެ. މިހާތަނަށް ގަމު ދާއިރާގެ އަޑު މަޖިލީހުގައި އިވިގެން ނުދާ މިންވަރަށް އޭނާ އެކަން ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ. ރައްޔިތުންގެ ހައްގުގައި ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ގުރުބާނީއަކަށް އޭނާ ހުންނެވީ ތައްޔާރަށެވެ. ހަޔާތުގެ ޅަފުރާގައި ޖަލު ގޮޅީން ދަސްވި ފިލާވާއެކު ރައްޔިތުންގެ ގެއަށް އެނާ ވަދެވަޑައިގަންނަވަނީ ވަރުގަދަ އުންމީދުތަކަކާއެކު އެވެ.