މި އަޑަކީ ދިވެހިންގެ ގިނަ ބަޔަކަށް އަޑު އަހަން ފަސޭހަ އަދި ވަރަށް ބޮޑަށް ހިތު ދަސްވެފައިވާ އަޑެކެވެ. އެ އަޑު އިވުމުން އެއީ މުހައްމަދު ޒަހީނޭ ބުނަން ނޭންގުނަސް "އެއީ އަޑުގަ އުޅޭ ޒަހީނުގެ އަޑޭ" އެނގޭނެ ކިތަންމެ ދިވެއްސެއް ރާއްޖޭގައި އުޅޭނެ އެވެ. އިލެކްޓްރޯނިކްސް ދާއިރާއިން ކިޔަވައިގެން ސަރުކާރަށް ހިދުމަތް ކުރަން އޭނާއަށް ފުރުސަތު ލިބެން އޮތީ އެއާޕޯޓްސް އެތޯރިޓީންނެވެ. ނަމަވެސް އެއާޕޯޓަށް ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެއާޕޯޓަށް ނުދާން، ފިލައިގެންވެސް އުޅުނެވެ. ސަަބަބަކީ އޭނާ ވަންނަން ބޭނޫންވީ ޓީވީ އަށެވެ. އަބަދުވެސް ހިތް ދީފައި އޮންނަނީ ޓީވީ އަށެވެ. ޒަހީން ސަރުކާރަށް "ފިލައިގެން" އުޅެނިކޮށް އެންމެ ފަހުން ހިތާ ދެކޮޅަށް ގެންގޮސް ވެއްދީ ރޭޑިއޯ އަށެވެ.
"އެދުވަސްކޮޅު ވީގޮތަކީ އެކޮޅުގައި [ޓީވީ މޯލްޑިވްސްގައި] އޭރު ހުންނަވާނީ ހުސައިން ޝިހާބް ހަވާލުވެ، އޭރު ހުސައިން ޝިހާބް ރަށަކު ނޫޅުއްވާ، ދެން ވަޑައިގަންނަދެން ވެސް މަޑު ކުރާކަށް ބޭނުމެއް ނުވޭ އެމީހުންނެއް، އޭރު އަޅުގަނޑާއެކު އެ ބެޗުގެ ކިޔެވި ކުދިންވެސް ވަޒީފާތަކަށް ވަދެއްޖެ،" ޒަހީން ވިދާޅުވި އެވެ. "ދެން އަޅުގަނޑު ޖެހުނީ ހިތާ ދެކޮޅަށް އަޑަށް ދާން، އޭރު މައިޒާން އަހްމަދު މަނިކު ރޭޑިއޯގައި ހުންނަވަނީ އެތަނަށް ދިއުމާއެކު އަހަންމަދޭއަށް އަޅުގަނޑުގެ މަސައްކަތް ވަރަށް ކަމުގޮސްފި، އެއީ ރޭޑިއޯގެ ކެރިއާ ފެށުނު ގޮތަކީ ގޮތަކީ."
ރޭޑިއޯގެ ކަވަރޭޖް މީޑިއަމް ވޭވްގައި މުޅި ރާއްޖެއަށް އޭރު ހިދުމަތެއް ނުލިބެ އެވެ. އުތުރާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ރޭޑިއޯގެ ހިދުމަތް ލިބުމުގައި ދިނުމުގައި ވެސް ދަތިތަކެއް ހުއްޓެވެ. ޒަހީންގެ ނަސީބު ވެސް ގަދަ އެވެ. މެސްކޯ އަހްމަދާއި މައިޒާން އަހަންމަދޭއާއެކު ރޭޑިއޯގައި މަސައްކަތް ކުރުންވީ އޭނާއަށް ކުރިއަށްދާން ލިބުނު ތަނަވަސް ފުރުސަތަކަށެވެ. މުޅި ރާއްޖެއަށް ރޭޑިއޯ އަޑު ފޯރުކޮށް ދިނުމުގައި ހުރިދަތިތަކާއެކު، ޒަހީން އަޒުމަކަށް ވީ އޭނާގެ ބައިވެރިވުން ފުރިހަމައައް ދީގެން މުޅި ރާއްޖެއަށް ރޭޑިއޯގެ ހިދުމަތް ފޯރުކޮށްދޭށެވެ.
ރޭޑިއޯގެ ކަވަރޭޖް މީޑިއަމް ވޭވް އަދި އެފްއެެމް ބޭންޑް މެދުވެރިކޮށް ދިނުމުގައި 80 ޕަސަންޓް އޭނާ ކާމިޔާބު ކުރުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. އޭރު ޓީވީ އާއި ރޭޑިއޯއަކީ ވާދަވެރި ދެ މުއްސަސާ އެވެ. ރާއްޖޭގެ ގައުމީ ރަސްމީ ބްރޯޑްކާސްޓަރުން ކަމުގައިވިޔަސް އެއްވެސް ގުޅުމެއް ނެތެވެ.
އެ ދެ މުއައްސަސާ އެއް ފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް ފެއްޓެވީ، ކުރީގެ އިންފްމޭޝަން މިނިސްޓަރު މުހައްމަދު ނަޝީދެވެ. އެ މާހައުލުގެ ތެރެއިން މުޅި ރާއްޖެއަށް އެއް ކަވަރޭޖެއް މެދުވެރިކޮށް ހިލޭ ޓީވީ ހިދުމަތް ފޯރުކޮށް ދިނުމަށް އެކުލަވާލި ޓެކްނިކަލް މަސައްކަތްތަކުގައި ޒަހީން ވެސް މުހިންމު ދައުރެއް އަދާ ކުރެއްވި އެވެ.
އޭރު، 2006 ވަނަ އަހަރުގެ ވޯލްޑްކަޕު ވެސް އޮތީ ބޯމަތިވެފަ އެވެ. މުޅި ރާއްޖެއަށް ޓީވީގެ ހިދުމަތް ފޯރުކޮށް ދިނުމަށް، އެ ޓާސްކްފޯހަށް ދިން ކުރު މުއްދަތު ތެރޭގައި ޓީވީގެ ކަވަރޭޖް މުޅި ރާއްޖެއަށް ފޯރުކޮށް ދިނެވެ. އަޑުގެ އިސް މުވައްޒަފަކު ޓީވީގެ މަސައްކަތެއްގައި އޭރު އުޅުން އޮންނަނީ ނާދިރު ކަމެއްގެ ގޮތުގަ އެވެ.
"ވޯލްޑް ކަޕަށް މުޅި ރާއްޖެއަށް ޓީވީ ފޯރުކޮށްދޭން ވެގެން، ވަރަށް ކުރު މުއްދަތެއް ލިބުނީ ވެސް، ދެން ނެންގެވީ ޓާސްކްފޯހެއް، އަޅުގަނޑުވެސް އޭގެ ތެރޭގައި ހިމެނޭ،" ޓީވީގެ ހިދުމަތް މުޅި ރާއްޖެއަށް ދިނުމަށް ކުރި މަސައްކަތުގެ ހަދާން ޒަހީން އާ ކުރި އެވެ. "އެއީ ހަމަ ކުރެވުނު ވަރަށް ބޮޑު މަސައްކަތެއް، ކުރު މުއްދަތެއްގެ ތެރޭގައި މަދު ބަޔަކު ތިބެގެން ކާމިޔާބުވެސް ކުރެވުނު އެ މުއްދަތުގެ ތެރޭގައި." އޭނާ ވިދާޅުވި އެވެ.
ރޭޑިއޯ މެދުވެރިކޮށް ދެމުން ގެންދިޔަ ހިދުމަތް ޒަމާނާ އެއްގޮތަށް ބަދަލު ގެނައުމަށް ޒަހީން އިސްކަން ދެއްވި އެވެ. މުޅި ރާއްޖެއަށް އެފްއެމް ބޭންޑުގެ ޒަރިއްޔާއިން ރޭޑިއޯ ހިދުމަތް ދިނުމުގެ މަސައްކަތުގެ ކޮންސެޕްޓް ޑިޒައިން ކުރީވެސް އޭނާ އެވެ.
"އެންމެ ފުރަތަމަ ޓާގެޓަކަށް ހެދީ، މުޅި ރާއްޖެއަށް ރޭޑިއޯ ލިބުން، އޭރު ރޭޑިއޯގެ ހިދުމަތް ނުލިބޭ ހިސާބުތަކަށް އެފްއެމް ބޭންޑުގެ ޒަރިއްޔާއިން ރޭޑިއޯގެ ހިދުމަތް ދިނުމާއެކީގައި، މިހާރު ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުންދާ އެފްއޭއެމް މުޅި ރާއްޖެއަށް ލިބޭނެ ގޮތް ހެދުމުގެ ނެޓްވޯކް ޑިޒައިން ކުރީވެސް އަޅުގަނޑު،" ޒަހީން ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ މަސައްކަތުގެ 80 ޕަސަންޓް އަޅުގަނޑަށް ކާމިޔާބު ކުރެވުނު ކަމަށް."
ހެނދުނަށް އަލިވިލިގެން އައިސް، ދިވެހިންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ، ދިވެހިރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމެވެ. އެއީ ރާއްޖޭގެ އެންމެ ކާމިޔާބު މޯނިންގް ޝޯ އަށް ވާނެ އެވެ. ރޯދަމަހު ރޯދަ ކުރުކޮށްލަން ސުވާލުތަކާއެކު ޖަވާބު ދިމާ ކުރާ ފަތާތްތަކަށް އިނާމު ލިބޭ "ރޯދަ ކުރުކުރުން" ޕްރޮގްރާމަކީވެސް ރާއްޖޭގެ ރޭޑިއޯ ހަޔާތުގައި އެންމެ ހާއްސަ ޕްރޮގްރާމްތަކެވެ. އެ ދެ ޕްރޮގްރާމް ހުށަހެޅުމުގެ ފުރުސަތަކީ އަޑުގެ ކޮންމެ ކޮންމެ މުވައްޒަފަކަށް ލިބޭ ފުރުސަތެއް ނޫނެވެ. އަޑުގެ އިންޖިނިއަރިން ހެޑްގެ ގޮތުގައި ހުންނެވިއިރު ޒަހީން ވަނީ އެ ދެ ޕްރޮގްރާމް ވެސް ހުށަހަހަޅާފަ އެވެ.
ބާއްޖަވެރި ހެދުނެއް ޕްރޮގްރާމުން ޒަހީންއަށް ފުރުސަތު ލިބޭނެ ކަމަކަށް އޭނާ އުންމީދެއްވެސް ނުކުރެ އެވެ. އެކަމުގައި، މިއަދާ ހަމައަށް އޮތް ސިއްރެއް އެބައޮތެވެ. އެ ޕްރޮގްރާމް އެންމެ ގިނަ ދުވަހު ހުށަހެޅުއްވި ބަދުރު ނަސީރާއި އިބްރާހިމް މަނިކަށް ހާއްސަވާ އެ ސިއްރު އެ ދެ ބޭފުޅުންނަށް މިހާތަނަށް ވެސް އޮތީ ނޭނގި އެވެ. އެކަން ކުރީވެސް ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމާ މެދު އޮންނަ ޝައުގުވެރި ކަމެއްގެ ސަބަބުންނެވެ.
"ބަދުރާއި އިބްރާހިމް މަނިކު އެ ޕްރޮގްރާމްގެ ރެކޯޑް ކޮށްފައި ދިޔައީމަ، އަޅުގަނޑާއި [މުހައްމަދު] ރަމީޒާ ދެމީހުން ކުރާ ކަމަކީ ކޮންމެ ރެޔަކުވެސް ސްޓޫޑިއޯއަށް ވަދެ އެ ދެ ބޭފުޅުންނަށް [ބަދުރާއި އިބްރާހިމް މަނިކަށް] ހެދިގެން ވާހަކަ ދައްކަނީ، އޭރު އަޅުގަނޑުމެން ހިތަކަށް ނާރާ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުން ފުރުސަތު ލިބޭނެއެކޭ ވެސް." ޒަހީން ވިދާޅުވި އެވެ. "އަދި އަޅުގަނޑަކީ އިންޖިނިއަރިންގައި އުޅޭ މީހަކަށް ވީމަ އަޅުގަނޑަށް އެ ޕްރޮގްރާމުން ފުރުސަތު ލިބޭނެ ކަމަކަށް ހީވެސް ނުކުރަން އަަބަދުވެސް އެ ޕްރޮގްރާމް ހުށަހައްޅުއްވާނީ އަޑުގައި ތިއްބެވި އެންމެ ސީނިއާ ބޭފުޅުން."
އެހެންނަމަވެސް، ބަދުރު ހުޅުވައި ދެއްވި ދޮރުން ރޭޑިއޯ އިމާރާތުގެ ހަކުރާފެއާ ހޯލަށް ވަދެ ވަދެ، ޒަހީން ވަނީ ބާއްޖަވެރި ހެދުނެއް ޕްރޮގްރާމް ހުށަހަޅާފަ އެވެ. ބަދުރު އާއެކުވެސް ހުށަހެއްޅި އެވެ. ފަހުން ރަމީޒާއެކު ވެސް އެ ޕްރޮގްރާމް ހުށަހެޅި އެވެ. "ރޯދަ ކުރުކުރުން" ޕްރޮގްރާމް ހުށަހެޅުއްވުމުގެ ފުރުސަތުވެސް އޭރު ލިބިވަޑައިގަންނަވީ އަޑުގެ އެންމެ ތަޖުރިބާކާރު ބޭފުޅުންނަށެވެ. ރޯދަކުރުން ކުރުން ޕްރޮގްރާމް ހުށަހެޅުމުގެ ފުރުސަތުވެސް ޒަހީންއަށް ހުޅުވައި ދެއްވީ އަޑުގެ ސީނިއާ ބޭފުޅުންނެވެ.
"ރޭޑިއޯ ހަޔާތުގައި އަޅުގަނޑަށް އެންމެ ހާއްސަ އުފަލެއް ލިބުނު ކަމަކަށްވީ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމް ހުށަހަޅަން ފުރުސަތު ލިބުން," ޒަހީން ހިއްސާ ކުރެއްވި އެވެ.
"ރޯދަ ކުރުކުން ޕްރޮގްރާމް އެންމެ ފުރަތަމަ އޮންނަނީ ކުޑަ ކުދިންނަށް ހާއްސަ ވެފަ، އަޅުގަނޑުމެން ބޭނުންވީ އަޑުގެ އެންމެ ބޮޑު މުބާރާތަށް އެ ޕްރޮގްރާމް ހަދަން، އަޅުގަނޑަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު އެ ޕްރޮގްރާމް އުފެއްދުމުގައި ވެސް."
ޒަހީންގެ އަޑު އިވުނީ ހަމައެކަނި ރޭޑިއޯއިން އެކަންޏެއް ނޫނެވެ. ރާއްޖޭގައި ނެރުނު އެންމެ ކާމިޔާބު ދެ ފިލުމު ކަމަށްވާ، "ދެރިޔާ" އާއި "އަމާނާތު" ގައި ޒަހީން ވަނީ، ފިލުމުގެ ބަތަލު އަލީ ޚާލިދު ކުޅުނު ރޯލަށް އަޑު ޑަބްކޮށްފަ އެވެ. އެ ފުރުސަތު އޭނާ އަށް ލިބުނީ، ޕްރޮޑިއުސާ މުހައިމިންއަށް އެންމެ ކަމުދިޔަ އަޑަކީވެސް ޒަހީން ކަމަށް ވުމުންނެވެ
އަޑުގައި 29 އަހަރު ހޭދަ ކުރުމަށް ފަހު ޒަހީންގެ ހިދުމަތް އޭނާ ފެއްޓެވީ ވީ މީޑިއާގަ އެވެ. ވީޓީވީގައި ޒަހީން މަސައްކަތް ކުރަމުން ދަނީ ވީޓީވީގެ ޕްރޮގްރާމްގެ ހެޑެއްގެ ގޮތުގަ އެވެ. ވަޒީފާ އާއި މަގާމު ބަދަލުވިޔަސް އެ އަޑަށް ބަދަލެއް ނެތެވެ.