ރައީސަށް މުންނާރު އެނގިވަޑައިގަންނަވާތޯ؟

ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ، މި ފޮޓޯގަނޑު ޓްވީޓް ކުރެއްވުމުން ފޮޓޯގަނޑަށް ބަލަހައްޓައިގެން އިދެވުނެވެ. ދެން އެކަމަނާގެ ޓްވީޓްގައި އޮތް އެއްޗެއް ވެސް ކިޔައިލެވުނެވެ. އެކަމަނާ ލިޔުއްވަ އެވެ؛ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެންގެ ތަރިކައަށް ދެއްވާ އަހަންމިއްޔަތު ފެނިފައި އުފާ ވެއެވެ. އަދި ހެރިޓޭޖް މިނިސްޓަރުގެ މަސަކަތް ފެނުމުން ހިތަށް ހަމަޖެހުން ލިބެ އެވެ." އަދިވެސް އެކަމަނާ ލިޔުއްވަ އެވެ. "އަޅުގަނޑުމެންގެ ތަރިކަ އާލާކޮށް ދިރުވައި ޖީލުތަކަށް ގެންގޮސް ދިނުމަކީ އަޅުގަނޑުމެންގެ އަމާނާތެކެވެ."

ބައެއް ކުދި ސާވޭތަކުން ދައްކާ ގޮތުން އަދި ލޮލަށް ފާޅު ނުވާވަރުގެ ގެނބުމަކާއެކު އަރިއަޅަމުންދާ މުންނާރު ހާލަތު ބައްލަވާލައްވަން "މާލޭގެ އެންމެ އުހަށް" މުންނާރު މައްޗަށް، ސީދާ ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރާ ވަޑައިގެންނެވުމުން ހިތަށް ވަރަށް ފަސޭހަވި އެވެ.

ތާރީީހީ މައުލޫމާތު އެއްކުރެވި އެއްގޮތް ކުރެވިފައިވާ މިންވަރުން، މިއީ "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު" މުންނާރު މައްޗަށް އަރާވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ކުރީން މުންނާރު މައްޗަށް ރައީސް މުހައްމަދު އަމީން އެރުއްވެވި އެވެ. އެކަމަކު އޭރު ގާނޫނުއަސާސީގައި ރައީސޫލްޖުމްހޫރިއްޔާއޭ ލިޔެފައެއް ނޯވެ އެވެ. އޮންނަނީ ރައީސް ކަމަށެވެ. އަދި ނިސްބަތް ކުރަނީ ވަލިއްޔުލް އަމްރުގެ ގޮތުގަ އެވެ. އޭގެ ފަހުން ރައީސް އިބްރާހިމް ނާސިރު ވެސް މުންނާރަށް އެރުއްވެވި އެވެ. އެހެން ނަމަވެސް އެއީ އެ ރަންނަ ބަނޑޭރި ކިލެގެފާނު ބޮޑު ވަޒީރު ކަމުގައި ހުންނަވައިގެނެވެ. -- އަދި ރަނގަޅަށް ހޯދަައި ބަލައި ފިނަމަ މި ގޮތް ފުރޮޅުމަކީ ނެތް ކަމެއް ނޫނެވެ. މިތާނގައި މި އޮތް ހަވާލާއަކީ ސިއްކަގޭ މުހައްދު ނަސީމާއި ނޮވެލްޓީ އަލީ ހުސައިނާއި އިޔާޒް މުހައްމަދު ނަސީމެވެ.

މިނިސްޓަރު މާރިއާ ޓްވީޓް ކުރެއްވި ފޮޓޯގެ އެންމެ ވާތް ފަރާތުގައި އެ ހުންނެވީ މިނިސްޓަރު ޔުމްނާ މައުމޫނެވެ. އެކަމަނާއަށް މުންނާރުގެ ހަގީގަތް ރަނގަޅަށް އެނގިވަޑައިގެންނަވާނެ އެވެ. ދެން ހުންނެވީ ރައީސް ސޯލިހެވެ. އެމަނިކުފާނުފާ ޖެހިގެން އެ ހުންނެވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު (އެމްއެމްޓީ) އެވެ. ޔަގީނާ ގާތަށް މުންނާރުގެ ހުރިހާ ވާހަކައެއް "ޔާއިން އަލިފަށް" ވިދާޅުވެ ދެއްވަން އެމްއެމްޓީއަށް ވުރެ ވަކީން ފުރިހަމަ ބޭފުޅެއް ނުލިބޭނެ އެވެ.

ދެން އެ ހުންނެވީ ހެރިޓޭގެ މިނިސްޓްރީގެ އިސްވެރިއެކެވެ. އޭނާއަށް މުންނާރު އެނގި ވަޑައިގަންނަވަނީ ކިހާވަރަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު އެއް ކަމެއް ޔަގީނެވެ. މި ހާއްސަ ބިނާގެ ވަޑާމާއި އިންޖިނިއަރިން ހުރި ގޮތް ވިދާޅުވެ ދެއްވާން އޭނާއަށް ވަރަށް ފަސޭހަ ވާނެ އެވެ. ސަބަބަކީ އިހުގެ ވީޓީސީން ނުކުތް ކުޅަދާނަ ވަޑިންނާއި އިންޖިނޭރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ރައީސް ސޯލިހަކީ ވެސް ތާރީހަށް ލޯބި ކުރައްވާ އަދި އެ ރޮނގުން އާމުންނަށް އެނގިވަޑައި ނުގަންނަވާ ހަގީގަތްތަކެއް ވެސް އޮތް ބޭފުޅެކެވެ. ރައީސަށް މުންނާރު ވެސް އެނގިވަޑައިގަންނަވާނެ އެވެ. އެކަމަކު ފުރަތަމަ ފަހަރަށް މުންނާރަށް އަރާވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާއަށް މުންނާރު އެނގިވަޑައިގަންނަވަނީ ކިހާވަރަކަށްތޯ ސުވާލު ކޮށްލެވިދާނެ އެވެ.

މުންނާރަށް އަރާވަޑައިގެންނެވި ދުވަހު އެތާނގެ ހަގީގަތްތަކާއި ތަފުސީލްތައް ރައީސަށް ކިޔައި ދެއްވި ބާއެވެ؟ ދިވެހިންގެ މި ހާއްސަ ބިނާގެ ސާފު މައުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހެނީ ރައީސަށެވެ.

ފޮޓޯއަށް ބަލައިލުމުން މުންނާރުން ކުރަމުން އައި ބޭނުންތަކަކީ ކޮބައި ހެއްޔޭ؟ ރައީސް އައްސަވާން އުޅުވާހެން ހީވެއެވެ! އަދި މުންނާރުގެ އުސް މިނަކީ ކޮބައިތޯއޭ ވެސް ހިތްޕުޅަށް އަރާވަޑައިގެންފާނެ އެވެ! މުންނާރު ބިނާކުރީ ކޮން ދުވަސްވަރެއްގައި ކާކުތޯ ބައްލަވައިލައްވަން ވެސް ޝައުގުވެރިވެ ވަޑައިގެންފާނެ އެވެ. މި ނޫނަސް މުންނާރާ ބެހޭ ގޮތުން ރައީސް ކުރައްވައިފާނެ ބައިވަރު ސުވާލުތައް ހުންނާނެއޭ ވަރަށް ހީވެ އެވެ. -- ނޫން ޔަގީނެވެ.

ރާއްޖޭގެ އިސްލާމީ ދަންމަރާއި ހައިބަތު ދައްކައިދޭ އެންމެ ދުވަސްވީ މި މުހިއްމު "ލޭންޑްމާކް" ގެ މައުލޫމާތު އޭގެ އަހުލުވެރި ދިވެހިންގެ ކިބައިގައި ވަރަށް ނެތެވެ. އަދި އާސާރީ މި ހާއްސާ ބިނާއާ ބެހޭ ވާހަކަ މިހާރަށް އޮތީ ވެސް ވަރަށް "ކޮށި" ވެފަ އެވެ.

ދިވެހިން ފަހުރުވެރިވާ މި ބިނާގެ އުހަށް ރައީސް އަރާވަޑައިގެންނެވުމުން އުފާވަނީ ވެސް އެހެންވެގެނެވެ. އަދި މުންނާރުގެ ޓްއާއެއް ރައީސަށް މުހިންމުވަނީ ވެސް އެހެންވީމަ އެވެ.

މާލޭގައި އިމާރާތްތައް ބުރިބުރިއަށް އުފުލެމުން ގޮސް މިހާރު 25 ބުރީގެ އިމާރާތް ވެސް އެބަހުއްޓެވެ. ނަމަވެސް ދިވެހިންނާއެކު ތިން ގަރުނު ފުރިހަމަ ކޮށްފައިވާ މުންނާރަކީ މީގެ ބައި ގަރުނަށް ވުރެ ކުރިއަށް ދާއިރު ވެސް ރާއްޖޭގައި ހުރި އެންމެ އުސް އިމާރާތެވެ. މުންނާރުގެ އުސް ކަމަކީ އެ މުންނާރު އުސް ކަމުން އޭރުގެ ދިވެހިން ހައިރާންވާވަރުގެ އުސް މިނެކެވެ.

އެ އުސް ބިނާގެ އުސްމިން ކިހާވަރެއް ވާނެ ކަމަށް ރައީސް ހީފުޅު ކުރަންވަންތޯ އެވެ؟ އިރެއްގައި ރާއްޖޭގެ އެންމެ އުސް އަދި އެންމެ މުހިންމު މި އިމާރާތް، މުންނާރުގެ އުސްމިނަކީ 35 ފޫޓު ނުވަ އިންޗި އެވެ.

ތާރީހުން ސާފުވާ ގޮތުގައި މިހާ އުސް އިމާރާތެއްގެ ގޮތުގައި މުންނާރު ބިނާ ކުރެއްވީ މަޝްހޫރު ބޮޑު ރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު ނުވަތަ އައްސުލްތޯނު އިބުރާހިމް އިސްކަންދަރު ސްރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އިސްކަންދަރު ރަސްގެފާނު، މުންނާރު ހައްދަވައި ނިންމެވީ މީލާދީން 1674 ގަ އެވެ. އެ ނަމްބަރާ ހަމައިން ހިސާބު ހެދީމާ މިހާރު މި 2019 އަހަރަށް މުންނާރުގެ އުމުރަކީ 345 އަހަރެވެ.

ރައީސަށް އެނގިވަޑައިގަންނަވާތޯ އެވެ؟ އާންމުން ކަންބޮޑުވެގެން އެ ވާހަކައެއް ދައްކައިގަތީމާ ނޫނިއްޔާ ފެހި ސާފުކޮށްލައި ކުލަ އުނގުޅައިލުމެއް މިހާރު ނޯންނަ މުންނާރަކީ އެ މުންނާރު ބިނާ ކުރީއްސުރެ ދައުލަތުގެ އެންމެ އިސްވެރިޔާ ބެއްލެވުމުގެ ދަށުގައި ބެހެއްޓި އިމާާރާތެކެވެ.

ރައީސަށް އެނގިވަޑައިގަންނަވާތޯ އެވެ؟ އާސާރީ އަދި އިސްލާމީ "ލޭންޑްމާކެ" އްގެ ގޮތުގައި އެކަނި މިހާރު ބެލޭ ތަނެއް ނަމަވެސް އިސްކަންދަރު ރަސްގެފާނު، މުންނާރު ފަރުމާކޮށް ބިނާ ކުރެއްވީއްސުރެ އެ ބިނާ ބެލެވެމުން އައީ ދިވެހި ދައުލަތުގެ ހާއްސަ މުއައްސަސާއެއްގެ ގޮތުގަ އެވެ.

މުންނާރުން ގޮވާ "މުންނާރު ކަލޭގެ" އަކީ ދިވެހި ދައުލަތުގެ ވަރަށް ބޮޑު މުސާރައެއް ލިބި ވަޑައިގަންނަވާ ވަރަށް ހާއްސަ ބޭފުޅެކެވެ. އެ އިމާރާތާ މެދު އެންމެން ދެކެމުން އައީ ހާއްސަ ނަޒަރަކުންނެވެ. ވަކީން ހާއްސަކޮށް ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސްގެ ހިތާ އެންމެ ކައިރިކޮށްފައިވާ ބިނާއަކީ މުންނާރެވެ.

މި ޖީލާ ހަމައަށް މުންނާރު ފެންނަން ހުއްޓަސް ތާރީހީ އެ ބިނާއާ ބެހޭ ގޮތުން އެންމެ ސާފު މައުލޫމާތު އާންމުކޮށް އެންމެނާ ހަމައަށް ފޯރުކޮށްދެވިފައި ނެތްކަން އެއީ ވަރަށް ބޮޑު އުނި ކަމެކެވެ.

ރައީސަށް އެނގިވަޑައިގަންނަވާތޯ އެވެ؟ ވަރަށް ސާފުކޮށް ޖަވާބު ދެވޭވަރަށް މައުލޫމާތު ލިބިފައި ހުންނަންޖެހޭނެ ހާއްސަ ބިނާއަކަށް މުންނާރު ވިޔަސް އެއީ "މުންނާރު" ކަމާއި އެއީ މާލޭގައި ހުންނަ ތަނެއްކަން އެނގޭ އެނގުމެއް ފިޔަވައި މާ ބޮޑު މައުލޫމާތެއް އެތައް ސަތޭކަ ޓޫރިސްޓުން ގޮވައިގެން ކޮންމެ ދުވަހަކު މުންނާރު ވަށައި "ތޮވާފު" ކުރާ ޓޫރިސްޓު ގައިޑުންނަކަށް ވެސް ނޭނގެ އެވެ. އަދި މުނާރުގައި އެފަދަ ލިޔުމެއް ހަރުކޮށްފައެއް ވެސް ނުހުރެ އެވެ. އެބައި މީހުން ވެސް "މިއީ މާލޭގެ މުންނާރޭ" ބުނެލާފައި ފޮޓޯއެއް ނަގައިގެން ހިނގައި ދެއެވެ.

މުންނާރާ ބެހޭ ގޮތުން އިހުގައި ވެސް މާ ބޮޑު ހޯދުންތަކެއް ހޯދައި އެއްކޮށްފައެއް ނުވެ އެވެ. ނަމަވެސް މަޝްހޫރު ލިޔުންތެރިޔާ އަދި މިހާރުވެސް ރައީސްގެ އޮފީސްކޮޅުގައި ވަޒީފާ އަދާ ކުރައްވާ ހުސައިން އާމިރުގެ ބައްޕާފުޅު މާދޫގޭ އަލީ އަހުމަދު މުންނާރާ މެދު ބެހެއްޓެވި ޝައުގުވެރި ކަމެއްގެ ތެރެއިން ބައެއް މައުލޫމާތު އޭނާގެ ނޯޓް ފަޮތްތަކުގައި ލިޔުއްވި އެވެ. އަދި އެއިން ބައެއް ވާހަަކަ ސަރުކާރުގެ ހަބަރުގައި ވެސް އޭނާ ލިޔުއްވެވި އެވެ. މީގެ އަސްލު ނޯޓްތައް އަދިވެސް އެބަހުރިތޯ ރައީސަށް އާމިރު ގާތު ރައީސަށް އައްސަވައިލެއްވިދާނެ އެވެ. އެނގިފައިވާ ގޮތުގައި ނޯޓްތަކުގެ އަސްލު ސިއްކަގޭ މުހައްމަދު ނަސީމްގެ އަތްޕުޅަށް ވެސް ދެއްވެވި އެވެ.

ރައީސަށް އެނގިވަޑައިގަންނަވާތޯ އެވެ؟ މަނިކުފާނު އަރާވަޑައިގެން ހާލަތު ބައްލަވައިލެއްވި މުންނާރުގެ ތިރީ ބުރީގެ އުސްމިނަކީ 25 ފޫޓު ހަ އިންޗި އެވެ. މުންނާރުގެ މަތީ ބުރީގެ އުސް މިނަކީ 10 ފޫޓު ތިން އިއްޗި އެވެ. އެހެންކަމުން މުޅި މުންނާރުގެ ދެ ބުރީގެ އުސްމިނަކީ 35 ފޫޓު ނުވަ އިންޗި އެވެ.

މުންނާރުގެ އެންމެ ތިރިން ވަށައިގެން ފަލަ މިނަކީ 65 ފޫޓެވެ. ތިރީ ބުރީގެ މަތީގެ ވަށަމިނަކީ 60 ފޫޓެވެ. މަތީބުރީ ވަށައި ފަލަމިނަކީ 40 ފޫޓު އަށް އިންޗި އެވެ. މަތީ ޗެންޗޭނުގެ އުސް މިނަކީ ތިން ފޫޓެވެ. އެ ޗެންޗޭނު އެކުލެވިގެން ވަނީ ޖުމްލަ 11 ދަގަނޑުގެ މައްޗަށެވެ. ތިރީ ޗެންޗޭނުގައި 15 ދަގަނޑު ހިމެނޭއިރު އުސް މިނަކީ ތިން ފޫޓު ފަސް އިންޗި އެވެ.

އަދި ފާހަގަ ނުކުރެވޭ އެހެން ކަމެއް ރައީސަށް ދަންނަވަންތޯ އެވެ؟ މުންނާރުގެ ތިރީ ބުރީގައި ވަށާއި ހަ ބަންދު ހުންނާނެ އެވެ. މަތީ ބުރީގައި ދެ ބަންދު އަދި ޖުމްލަ އަށް ބަންދެވެ. ރައީސަށް އެނގިވަޑައިގަންނަވާތޯ އެވެ؟ މި ހުރިހާ ބަންދެއް ވެސް ހަދާފައި ވަނީ ލޮއިންނެވެ. އެހެން ނަމަވެސް އެ ލޮއި ބަންދުތައް ކުރިން ހަދާފައި ހުރީ ބޮޑު ރޯނުންނެވެ. ރޯނުން ބަންދު ހަދާފައި ހުންނައިރު އޭގެ މަތީގައި އުނގުޅާފައި ހުންނަނީ ބާރު ކަނޑުވާފައިވާ ހުނި އުވަ އެވެ.

ރައީސަށް އެނގި ވަޑައިގަންނަވާތޯ އެވެ؟ އެ ހުނި އުވަ ތައްޔާރު ކުރީ ދިވެހި ދައުލަތުގެ ފައިސާގެ ސިއްކަ ޖެހި ސަރުކާރުގެ ކަނބުރުގެ، ސިއްކަގޭގެ އެވެ. މަނިކުފާނު 25 އަހަރު ހޭދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުޑަތަކާ ދިމާއިން ބޭރަށް އޮންނަ ގޯޅީގައި އެހުރި ހ. ސުނާރު އެއީ އެ ބިމެވެ.

ރައީސް މުންނާރަށް އަރާ ވަޑައިގެންނެވި އިރު ފެންނަން އެހެރަ ގޮތަށް ލޮއި ބަންދުތަކެއް މުންނާރުގައި އެޅީ މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގަ އެވެ. އެ މަސައްކަތް ކުރީ ހުކުރު މިސްކިތުގައި ޓިނު ޖެހި ދުވަސްވަރު އަތިރީގޭ އިބުރާހިމް ދޮށިމޭނާ ކިލެގެފާނެވެ.

މުންނާރުގެ މަތީ ބުރީގައި ޗެންޗޭނު ޖެހީ ވެސް އިބުރާހިމް ދޮށިމެނޭ ކިލެގެފާނުގެ ސިޔާސީ ބާރުވެރިކަން އޮތް ދުވަސްވަރު އެވެ. އެމަނިކުފާނު އެޅުއްވި ފިޔަވަޅެއްގެ ގޮތުންނެވެ.

މުންނާރަށް އަރާވަޑައިގެން ރައީސް ހިފަހައްޓަވައިގެން ތިޔަ ހުންނެވި ޗެންޗޭނު ޖަހަން ސަރުކާރުން ނިންމައި އެކަން ކުރީ "މުންނާރުން ގޮވަން" ބޮޑޭ ހަސަންފުޅުކޮޔާ ހަވާލުވެފައި އޮތް ދުވަސްވަރު ވަރަށް ގަދަފަދަ ހޮނު ގުގުރި އާއި ބާރު ވަޔާއެކު ވާރޭ އޮއްސަމުންދިޔަ ވިއްސާރަ ރެއެއްގައި މުންނާރަށް އަރައި މުނާޖާ ގޮވަން ހަސަންފުޅު ހުންނަވަނިކޮށް އިންތިހާއަށް ވައިބާރުވެ އޭނާ އަރި އަޅައިލުމުން، މުންނާރުގެ މަތިން ނުރައްކާތެރި ހާދިސާއެއް އަތުވެދާނެ ކަމަށް ބަލައިގެން ސަލާމަތީ ފަށަލައެއް ލުމުގެ ގޮތުންނެވެ. -- މުންނާރުގެ ތިރީ ބަރަފޯހުގައި ޖެހި ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގައި މީހެއްގެ ސިކުންޑި ފާރަށް ޗިސްޗިސްވެ މަރުވެފައި ވެއެވެ.

މުންނާރުގެ ތިރީބުރީގައި ޗެންޗޭނުން ޖެހީ އޭގެ މާފަހުން ދިވެހި ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ހަސަން ފަރީދު ސަރުކާރު ހިންގެވި ދުވަސްވަރު ޝައިހު އިބުރާހިމް ރުޝްދީ "ޕަބްލިކް އެންޑޯމަންޓް މިނިސްޓްރީ" ނުވަތަ ވުޒާރަތުލް އައުގާފުގެ މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުންނެވެ.

ރައީސަށް އެނގިވަޑައިގަންނަވާތޯ އެވެ؟ މުންނާރުގެ ދޮރު ކުރިން ހުންނަނީ ތަޅެއް ނުލައި ދޫކޮށްލައިފަ އެވެ. އެކަމަކު ދޮރުފަތް ހިފެހެއްޓުމަށް ހައްޔަރުކުރެވޭ ޒާތުގެ ތަންޑެއް ލައިފަ އެވެ. ދޮރު ތަޅުލާ ގޮތަށް ހަމަޖެހުނީ ދޮރުގެ އެތެރޭ ކައިރިއަށް ކޮންމެވެސް މީހަކު ފުޅިތޮށިތަކެއް އަޅައިގެންނެވެ.

މުންނާރުގެ ތިރީގައިވާ ހަރުފަތް ބަރީގެ ފުޅާމިނަކީ އެއް ފޫޓު ތިން އިންޗި އެވެ. އެތެރެއަށް ވަންނަ އުތުރު ފަރާތަށް ވާގޮތަށް ހުންނަ ދޮރު ކައިރީގައި ވަނީ ހަތަރުގަނޑު ހަރުފަތެވެ. އެއީ ގަލުގެ ހަރުފަތްތަކެކެވެ. ތިރީ ބުރީގައި 34 ގަނޑު ހަރުފަތާއި މަތީބުރީގައިވާ 15 ހަރުފަތްގަނޑެވެ. އެ ހަރުފަތްތަކުން މައްޗަށް އެރޭނީ އެއް ރިޔަނުގެ ފުޅާ މަގަކުން އެނބުރެމުންނެވެ. މުޅިން ވެސް 15 އިންޗީގެ ބޯމިން ހުރި ހިރިގަލުން ހަދާފައިވާ މުންނާރަށް ވަންނަ ހުންނަ ދޮރުގެ ފުޅާމިނަކީ ދެ ފޫޓު ދެ އިންޗި އެވެ. އުސްމިން ލިބެނީ ހަ ފޫޓު ހަ އިންޗިއަށެވެ.

ވަރަށް ހާއްސަ މައުލޫމާތު ކޮޅެއް ރައީސަށް އަދި އަރުވަންތޯ އެވެ؟ މުންނާރުގެ ވަށައިގެން ލިޔެފައިވަނީ ބަންގި ނަމަވެސް ފެށުމާއި ނިންމުމުގައި ތަފާތެއް ވެއެވެ. ފަށަނީ ބިސްމިނުންނެވެ. ނިންމާފައި ވަނީ މުންނާރު ނިސްބަތްވާ ރަސްގެފާނު، އިސްކަންދަރު ރަސްގެފާނުގެ ނަންފުޅާއި މުންނާރު ހަދާ ނިންމި ތާރީހުންނެވެ. މި ލިޔުންތަކުގެ އަކުރު ހަދާފައި ވަނީ ގަލުން އުފުލިފައިވާ ގޮތަށް ފަންނުވެރިކަން ނެރެގެންނެވެ. އަކުރުތަކުގަ އާއި އޭގެ ތިރިއާ މަތިން ފާޅުކޮށްދޭ މާތަކުގައިލާފައި ވަނީ ނޫ ކުލަ އެވެ. ބަންދުތަކުގައި އަޅިކުލަ އެވެ. ދޮރުތަކުގައި އެ ޒާތުގެ ދަވާދެކެވެ. އެހެން ދިމަދިމާގައި ލާފައި ވަނީ ސަފޭދު އެވެ. -- ސަފޭދު ކިޔައި އުޅެނީ ހުދު ދަވާދަށެވެ.