ލޯ ހުޅުވިއްޖެ، ކަފިހި ހުރަސްތައް މިހާރު ފެނޭ!

ސޯސަން މަގާއި މަޖީދީ މަގާ ގުޅޭ ހަތަރުއަނގޮޅީގައި މަޑުކޮށްލައިގެން ހުރީ ތަފާތު މަަންޒަރެއް ފެންނާތީ އެވެ. އެ ސަރަހައްދަކީ ބޮޑު ހޮސްޕިޓަލަކާއި ބޭސް ފިހާރަތަކާއި މިސްކިތަކާއި ގިނަ ފިހާރަތަކާއި ރެސްޓޯރެންޓުތައް ހުންނަ ސަރަހައްދަކަށް ވާތީ މާލޭގައި އެންމެ ބާރު ބޮޑު އެއް ހަތަރު އަނގޮޅިއަށްވާނެ އެވެ. ރޯދަ މަހުގެ ހަވީރު، އެންމެ ޓްރެފިކް ބޮޑު ވަގުތުގައި ވެސް އެ ތަނުން މަގު ހުރަސްކޮށްލަން ދުވާރު ކައިރީ މީހަކު މަޑުކޮށްލާއިރަށް ހުރިހާ ސައިކަލަކާއި ކާރުތައް ސަމާލު ކަމަށް އައިސް ބްުރަކި ޖައްސަ އެވެ. ހިނގާ މީހާއަށް ޖާގަަ ދިނުމަށް ފަހު ނޫނީ ކުރިއަރައިގެނެއް ނުދެ އެވެ. ހިނގާ މީހުންނަށް ކަފިހިހުރަސްގެ ބޭނުން ހިފަން ފެށިއްޖެ އެވެ. މި މަންޒަރުން މިއީ ހަމަ މާލެ ބާއޭ ވެސް ހިތަށް އެރި އެވެ.

ލައްކައަކަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ މި މާލެތެރޭގައި ހިނގާފައި އުޅޭ މީހުން ވެސް ވަކި މަދެއް ނޫނެވެ. އެމަކު މީގެ ކުރިން ހިނގާ މީހަކު މަގު ހުރަސް ކޮށްލުމަކީ ކުޅަދާނަ އަދި ފަސޭހަ ކަމެއް ނޫނެވެ. ކަފިހިހުރަހަށް ދުއްވާ މީހުން އަޅައި ނުލާތީ އޮންނަނީ އެއީ ބޭކާރު ނިޝާނަކަށް ވެފަ އެވެ. އެހެންވެ ހިނގާ މީހުން ވެސް މަގު ހުރަސް ކުރަނީ ޖެހުނު ދިމާއަކުންނެވެ. ކަފިހިހުރަސް ރައްކާތެރި ނުވުމުން އޭގެ ބޭނުމެއްވެސް ނެތީމަ އެވެ. އެ މައްސަލައަށް ހައްލެއް ނުގެނެވި ތިއްބާ ދިމާވީ ހިތާމަވެރި ހާދިސާއެކެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސެނަހިޔާ ކައިރީ ކަފިހިހުރަސް މަތިން ދެ އަންހެނަކު ހުރަސް ކުރަނިކޮށް އެ ދެ މީހުން ގައިގަ ޓެކްސީއަކުން ޖެހި ބޮޑު އެކްސިޑެންޓެއް ހިނގި އެވެ. އެ ހާދިސާގައި ދެ މީހުންނަށް ވެސް އަނިޔާވި އިރު އެކަކު ވެއްޓުނު ގޮތަށް ބޯ ޖެހުނީ ސްޕީޑް ބްރޭކަރުގަ އެވެ. އޭނާ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ސިކުނޑިއަށް ވެސް ލޭ އެޅުނެވެ. ހޮސްޕިޓަލުގައި ވަރަށް ސީރިޔަސް ހާލުގައި ފަރުވާ ދެމުން ދިޔަ އެ މީހާއަށް ހޭ އެރީ މަހެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް އެ ހާދިސާއިން ފުލުހުންނާއި މުއައްސަސާތައް ވެސް މީހުން ވެސް "ހޭލައިފި" އެވެ.

އެ ހާދިސާއަށް ފަހު ފުލުހުން މާލޭގެ ކަފިހިހުރަސްތައް ކައިރިން ބަލަން ފެށި އެވެ. ކަފިހިހުރަސް ކައިރީ މީހަކު މީހަކު މަޑުކޮށްލުމުން ފުލުސް މީހާ ހުރިހާ އުޅަނދުތައް ހުއްޓުވާ ހިނގާ މީހާއަށް ޖާގަ ހަދައިދެ އެވެ. އެތައް ދުވަހެއް ވަންދެން އެ މަސައްކަތް ހުއްޓާ ނުލައި ކުރިޔަށް ގެންދިޔަ އެވެ. މިހާރު ވެސް ބާރު ބޮޑުވާ ސަރަހައްދުތަކާއި މުޅި މާލޭގައި ވެސް ބައެއް ފަހަރު ފުލުހުން ކަފިހިހުރަސްތައް ކައިރީ މަޑުކޮށްގެން ތިބެ އެވެ.

މިފަހަރު ހުރިހާ މުއައްސަސާއަކުން ވެސް ފިޔަވަޅު އެޅި އެވެ. ދެވަނަ ފަހަރަށް ކަފިހިހުރަސް "ފެންނަ" ވަރު ކުރި އެވެ. ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް އެ މައްސަލަ ފޮނުވި އިރު ޓްރާންސްޕޯޓުން ލައިސަންސް ބާތިލު ކުރި އެވެ. އަދި ޓެކްސީ ކުރުމުގެ ހުއްދަ ވެސް އަތުލި އެވެ.

އެ ފިޔަަވަޅުތަކާ ހެދި މަގުތަކުގައި ދުއްވާ ހުރިހާ އުޅަނދުތަކަށް މިހާރު ކަފިހިހުރަސް ފެންނަން ފަށައިފި އެވެ. ނުހުއްޓާ ދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ. ހުރަސް ކުރަން ތިބޭ މީހުންނަށް ބަލާ، ޖާގަ ދެ އެވެ.

ހިނގާ މީހުންގެ ސަމާލު ކަމަށް!

ދުއްވާ މީހުން މިހާރު ކުރާ ވަރަށް ބޮޑު ޝަކުވާއެއް އޮވެ އެވެ. ގިނަ މީހުން އެ މީހުންގެ ޒިންމާ އަދާ ކުރިޔަސް ހިނގާ މީހުންވެސް ކޮންމެވެސް ވަރަކަށް ދުއްވާ މީހުންނާ ދޭތެރޭ ވިސްނާލަން ޖެހެ އެވެ. އެހެން ބުނަން ޖެހެނީ ބައެއް މީހުން ކަފިހިހުރަސް މަތީގައި "ފިރުކޭތީ" އެވެ. އަދި ފޯނުގައި ތިބޭތީ އެވެ.

"ދުއްވާ މީހުންގެ ޒިންމާއެއް ކަފިހިހުރަސްއަށް ޖާގަ ދިނުން. ހަމައެގޮތަށް ހިނގާ މީހާ ވެސް ޖާގަ ދިނީ މަ މަޑު މަޑުން ހިނގާލާފައި އަނެއް ބަޔަކު ފޯނަށް ބަލައިގެން މަޑުމަޑުން އެއްވެސް ހިޔާލެއް ފިކުރެއް ނެތި ހިނގަނީ. އެގޮތް ވެސް ރަނގަޅެއް ނޫން،" ސައިކަލުގައި އުޅޭ މީހަކު ބުންޏެވެ.

މާލޭގެ ބާރު ބޮޑު ޓްރެފިކްގައި ސައިކަލެއް ކިރިޔާ މަޑުކޮށްލިޔަސް ފަހަތުން އޮންނަނީ ވަރަށް ބޮޑަށް ޖޭމް ވެފަ އެވެ. އެކަމާމެދު ސަމާލުވެ ހުރަސް ކުރާ މީހާ ވެސް ބަލަންވީ ލަސްލަަހުން އަރާމާއި އިއްޒަތުގައި ހުރަސް ކުރާކަށް ނޫނެވެ. މަގު ބޭނުން ކުރާ އެހެން މީހުންނަށް ވެސް އުނދަގޫ ނުވާނެ ގޮތަށް އަވަހަށް ހުރަސްކޮށްލާށެވެ. ވަކި ގަވައިދެއް ހަދާ ފިޔަވަޅު ނޭޅިޔަސް މިއީ ވެސް ކުރަން ރަނގަޅު ކަމެކެވެ.