އިހުގެ ނޫހުން: ލޯންޗު ދަތުރަަކަށް ހާއްސަ ހެދުމެއް!

ދިވެހިންނަކީ އަަބަދުވެސް ފެޝަނަށް ލޯބި ކުރާ ބައެކެވެ. އެކަމާ ދެބަސްވެވޭކަަށް ނޯންނާނެ އެވެ. އެންމެ ޓްރެންޑްވާ ފެޝަަން ސްޓައިލްތައް ބަލާ އެ ކަހަލަ ސްޓައިލްތަކަށް މީހާ އެއްކޮށް ބަދަަލު ކޮށްލަ އެވެ. ވަކި ކަމަކަށް ހާއްސަަ ހެދުމެއް ވަކި ވަގުތަކަށްވެސް ހާއްސަ ހެދުމެއް ހޯދަ އެވެ. އެ ހެދުންތަކާއެކީ ދެން ގެންގުޅޭ ސާމާނުތައް ވެސް ހަމަ އެ ފަދަ އެވެ.

ހަތްދިހައިގެ އަހަރުތަކަކީ މިހާރުވެސް އަހަރުމެން ފެޝަން ސްޓައިލްތަކުގެ ވާހަކަ ދައްކާއިރު ރަން ހަނދާންތައް އާ ކުރާ ޒަމާނެކެވެ. ފައިކުރި ފުޅާ ފަޓުލޫނާއި ފާޑު ފާޑުގެ ބެލްޓާއި ކުރު ހެދުންކޮޅުތަކަކީ އޭރު ދިވެހިންގެ ތެރޭގައި މަގުބޫލުވި ދިވެހިިންނާ ގާތް ސްޓައިލެކެވެ. ހޮލީވުޑާއި ބޮލީވުޑު ފިލްމުތަކުންނާއި، ގޭގޭ ސިޓިންގް ރޫމު މޭޒުމަތީ އަބަދުވެސް އޮންނަަ ފެޝަން މެގަޒިންތައް ހާވައިގެން ބޭރުގެ މަޝްހޫރު ސެލެބްރިޓީން ހެދުންއަަޅާފައި ތިބޭ ގޮތް ބަލާ ހޯދި އެވެ. އަދި އެއްވައްތަރުކޮށް އެ ސްޓައިލްތައް ދިވެހިންނާ ވެސް ގުޅުވިި އެވެ. ހަވީރީ ހެދުމަށް ވަކި ސްޓައިލެއް ޕާޓީ ހެދުމަށް ވަކި ސްޓައިލެއް ކިޔެވެ. ތަންތަނަށް ދާން ހާއްސަ ސްޓައިލްތައް ހޯދި އިރު ކަނޑުދަތުރު ކުރާ އުޅަަނދެއްގައިި އިނުމަށްވެސް ވަކި ކަހަލަ ސްޓައިލެއްގެ ހެދުމެއް ހޯދިކަން އެނގޭ ހެއްޔެވެ؟

މި ދައްކަނީ 1971 ވަނަ އަހަރު ފެބްރުއަރީ މަަހު މޫންލައިޓް ނޫހުގައި ޗާޕު ކުރި "ފެޝަން ޓިޕް" އެއްގެ ވާހަކަ އެވެ. މޫންލައިިޓްގެ އެ ފެޝަން ސަފްހާގައި ފެހި ކުލައިގެ ބޯލްޕޮއިންޓް ގަލަމަކުން އަންހެން ކުއްޖެއް ކުރަހާ ހެދުން އަޅުވާ އެ ކުރެހުމުގެ ސުރުހީ އަކަށް ޖަހާފައިވަނީ "ލާންޗު ދަަތުރަކަށް ....." މިހެނެވެ. އެއާއެކު ކުރު ޕެރެގްރާފެއްގައި އެ ސްޓައިލް ތަފްސީލު ކޮށްދީފައިވެ އެވެ.

"މިއީ ލާންޗު ދަތުރަކަށް ވަރަަށް އެކަށީގެންވާ ހެދުމެކެވެ. ފައިކުރި ކުޑަކޮށް ފުޅާ ހަރުވާޅާ ހަމަ އެފޮތީގެ ޓިޔްނިކް އެއް ނުވަތަ ދިގު ބްލައުޒް އެކެވެ. ކުރިމަތި ފަޅާފަަ ގޮށްލާފަ އެވެ. އިސްތަށިގަނޑު އައްސާލުމަށް ހަމަ އެއާ ގުޅޭ ސްކާފެއް ބޭނުންކޮށްލައްވާށެވެ"

ލޯންޗަށް އަރާއިރު ލެވިދާނެ ވަކި ހާއްސަ ހެދުމެއްގެ ވާހަކަތަކެއް މި ސަފްހާގައި ދައްކާފައިވެ އެވެ. އޭރު ލޯންޗު ދަތުރު ކޮށް އުޅޭނީ އާދައިގެ މީހުންނަށްވުރެ ތަންކޮޅެއް ފޯރާ މީހުން ކަމަށް ދޮށީ އުމުރުގެ މީހުން ބުނެ އެވެ. އެެއީ ކިތަންމެ ކައިރީގައި އޮތް ރަށަކަށް ލޯންޗުގައި ދިޔުން ކަމުގައި ވިޔަސްމެ އެވެ. މާލޭގެ ކޮންމެ ކޮންމެ މީހަކު ދަތުރެއް ކުރުމަށް އިންޖީނުލީ ބޮޑު ލޯންޗަށް އަރާ ނީންނާނެ އެވެެ. މި "ލަގްޒަރީ" ދަތުރުގައި ބައިވެރިވާނީ ހާއްސަ ބޭފުޅުންނެވެ.

ލޯންޗު ދަތުރަކަށް ހާއްސަ މި ހެދުމަކީ އޭރު ދިވެހިން އެޅި ހެދުންތަކާ ދާދި އެއްކަހަލަަ ގޮތްތަކެއް ހުރި ހެދުމެކެވެ. ވަކިން ހާއްްސަކޮށް ފަައިކުރި ފުޅާ ފަޓުލޫނާއި ޓިއުނިކް ނުވަތަ ބްލައުޒްގެ މެދުގައި ހަރުކޮށްފައި ހުރި ގޮށްބަރި އެވެ. މުޅި "އަައުޓްފިޓް"ވެސް އެއް ފޮށްޗަކުން ފަހާ އެ ހެދުމާ ގުޅުވައިގެން ބޮލުގައި އައްސާފައި ހުންނަ ހިމަ ސްކާފްވެސް ހުންނާނީ ހެދުމުގެ ފޮތިންނެވެ. ނޫހުގައި ކުރަހާފައި ތަސްވީރުގައިވެސް ހުރީ އެހެނެވެ.

މޫންލައިޓް ނޫހުގައި ގެނެސްދިން މި ފެޝަންޓިޕް މިހާރު ބަލައިގަންނާނެ ހެއްޔެވެ؟ އިހުގެ ސްޓައިލްތައް މިހާރު އަލުން އާ ކުރާއިރު އިއްްތިފާގަކުން މިކަހަލަ ހެދުމަކާ ވައްތަރު ހެދުމެއް ލައިގެން ލޯންޗަކަށް އެރުން އެކަށީގެންވެ އެވެ.