ދަތުރު ނުކުރަން ނިއްމައި ރޯދައަށް ހުރުމުން ޞައްޙަ ވާނެތަ؟

ދުވާލު ދަތުރު ކުރުމަށް ވިސްނައި ރޭގަނޑު ރޯދައަށް ނިޔަތް ނުގަނެ ހުރެ ދުވާލު ވުމުން ދަތުރު ނުކުރުމަށް ނިއްމައި ރޯދަ އަށް ހުރެއްޖެ މީހާގެ ރޯދަ ޞައްޙަ ވާނޭ ހެއްޔެވެ؟

ރޭގަނޑު އޭނާ ޤަޞްދު ކޮށްފައިވަނީ ދުވާލު ދަތުރު ކުރުމަށެވެ. މިހެން ކަމުން އޭނާގެ ނިޔަތެއް ނެތެވެ. ރޯދައަށް ނިޔަތް ނުގަތުމުގެ ސަބަބުން އޭނާގެ ރޯދަ ޞައްޙައެއް ނުވާނެ އެވެ. ދުވާލުގައި ފަރުޟު ރޯދައަށް ނިޔަތް ނުގަނެވޭނެ އެވެ. އޭނާ އެ ރޯދަ ޤަޟާ ކުރުން ލާޒިމު ވެގެން ވެއެވެ. މިއީ އިމާމުއްޝާފިޢީ އާއި އިމާމު މާލިކާއި އިމާމު އަޙްމަދުގެ ރައުޔެވެ.