"ކާފާ ބުނީ އެ މީހާ ގައިގާ ހުރީ ރެދަނލި ޖަހާފައޭ،" ވާހަކަ އަޑު އަހާން އިން ކުޑަ އަންހެން ކުއްޖާ ބުނެލި އެވެ.
ބ. ތުޅާދޫގެ ވާހަކައެއް އަޑު އިވުމުން ހިތަށް ވެސް ދުލަށް ވެސް ފުރަތަމަ އަންނާނީ މި ރަށުގެ ލިޔެލާޖެހުމާއި ލާފެންކުރުުމުގެ ހުނަރެވެ. އެކަމުގައި ދެން މިވަރެއް މީގެ ދެވަނައެއް ވެސް ނޯންނާނެ އެވެ. މިރަށް މުޅި ރާއްޖެއަށް ވެސް މަޝްހޫރު ވަނީ އެގޮތުގަ އެވެ.
މި ތުޅާދޫއަކީ އެކި ފަހަރު މަތީން އެކި ވަރަށް ހިއްކައި، ހެޔޮވަރުގެ ރަށަކަށް ހަދާފައިވާ ތުޅާދޫއެކޭ ކިޔާމާ ހިނގާށެވެ. ކުރިންސުރެ އެނގިފައި އޮންނަ ގޮތުން މި ރަށަކީ ވަރަށް މަސައްކަތްތެރި ވަރަށް ހީވާގި، އަދި ވަރަށް ފުދުންތެރި ވެސް އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުން ފެންނަ އެއްވެސް މީހެއްގެ މޫނުމަތީގައި ބީރައްޓެހި ކަމެއް ނުހުރެ އެވެ. އަލަށް ފެންނަނީ ވެސް އެކުވެރި، ރަހުމަތްތެރީންނެވެ. ސަމާސާ މިޒާޖުގެ ރައްޓެހީންނެވެ. ކޮންމެ ފަދަ ... ވެސް ގޮވާފާނެ އެވެ.
މި ރަށަށް އާދެވުމުން ކުރަން އޮތްކަންތައް ކޮށް ނިމިފައިވާތީ މި ރަށުން ފުރައިގެން "ކަމަދޫ ފަތިގަނޑަށް" ދިއުމާ ދޭތެރޭ ވަގުތު ދުއްވާލާން ކަމަށް އަހަރެން އިހުތިޔާރު މިކުރީ މި ރަށު މި ފިނި މައިޒާނެކެވެ. މި ޖޯއްޔެވެ. ޖޯލީގައި އިށީނުމާއެކު އެންމެން މި ރައްޓެހިވީ އެވެ. މިތާނގައި ބީރައްޓެއްސަކު ނެތެވެ.
ވާހަކައިން ކުރިފަޅަމުން ގޮސް މިރަށާ ބެހޭ ގޮތުން ކުރިން ވެސް މިންވަރަކަށް އިވިފައި އޮންނަ "ކަނޑުވި މަހުދޫ"ގެ ވާކައިގައި ވެސް ކުރިލައި ރޯވެއްޖެ އެވެ. އެކި މީހުން ވެގެން މަހުމޫދު ގެއްލުނު ގޮތް ކިޔައިދެނީ އެވެ. ބުނެވޭ ގޮތުގައި މިއީ މިރަށަށް އަރާ ބީރައްޓެހިންނަށް ކިޔައިދޭން މި ރަށުގައި އޮންނަ އެންމެ ބޮޑު ވާހަކަ އެވެ.
"މަހުމޫދުބެއަކީ ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެއް، އެކަމަކު މަހުދޫބޭގެ ހަޔާތުގެ ގިނަ ދުވަސްތަކެއްގައި ދިރި އުޅުނީ ތުޅާދޫގަައި، ތުޅާދޫއަކީ އޭނާއަށް އާ ހަޔާތެއް ހޯދައިދިން ރަށް،" އެހި ސުވާލަކައި ނުލައި މަހުމޫދުބޭގެ ވާހަކަ އެ ފެށުނީ އެެވެ.
މި މައިޒާނުގައި މިވަގުތު ތިބި މީހުންގެ ތެރޭގައި ވަރަށް ދުވަސްވީ މީހުން އެބަތިއްބެވެ. އެ މީހުން ކިޔައިދޭ ގޮތުގައި މަހުމޫދުބެއަކީ ފިސާރި ރަނގަޅަށް ކަނޑުވި މީހެކެވެ. ކަނޑުމަތީން އޭނާ ނަގައި ސަލާމަތްކުރީ މަހަށް ނުކުމެ އުޅުނު ތުޅާދޫގެ މަސް ދޯންޏަކުންނެވެ.
"އެ ހާދިސާ ހިނގި ކަމަށް އަހަރެމެނަށް އެނގެނީ މީގެ އެތަކެއް ޒަމާން އަހަރު ކުރިން ހިނގި ކަމެއްގެ ގޮތުގައި،" ފޯރި އަރައިގެން އެކެއްގެ ވާހަކައިގެ ތެރެއަށް ވަން އަނެކަކު ބުނެލި އެވެ. އޭނާ ބުނެލި ގޮތާއި ރާގާއި ބާރު މިނުން އަހަންނަށް ވެސް "ދޯ" އެއް ދޭން ޖެހުނެވެ. އަދި "އަސްލުވެސްތަ؟" އޭ ވެސް ބުނެވުނެވެ.
އަހަރެން ހަމަ އެއްވެސް ސުވާލެއް މިތާކު ނުކުރަމެވެ. އެކަމަކު އޭނާގެ ވާހަކަ ނުނިމެނީސް އެހެން މީހެކެވެ: "މަހުމޫދުބެ ބޮޑު އީދަށް ދެ އަންހެން ދަރިން ގޮވައިގެން މާލެ ދާން ދަނިކޮށް، މިތާ ކެންދޫ ކައިރީގައި އޮންނަ ކެޔޮދޫ ފަރަށް އަރައި ދޯނި ބިންދައިގެން ދިޔައީ ކަމަށް ވަނީ، އެހެންވެ އެ ތިން ބަފައިން ކަނޑުވީ،"
އޭނާ ބުނި ގޮތުގައި އެއީ މަހުދޫބޭ ގެއްލުނު ގޮތުގެ ވާހަކަ ތުންތުން މަތިން ދެމެމުން ދެމެމުން އައިސް މިހާރު ރަށުތެރޭގައި އޮތް އެންމެ އިތުބާރުހިފޭ ގޮތެވެ.
އޭނާއަށް އިވިފައި އޮންނަ ގޮތަށް އެވާހަކަ ކިޔައިދޭއިރު އެހެން ބައެއް މީހުން "އެއީ ތެދެކޭ، އެ ބުނީ ރަނގަޅަށޭ" ވެސް ބުނެލަ އެވެ. އަހަރެން ވެސް "އެހެންދޯ" އޭ ބުނަމެވެ.
މިރަށުގެ މެދު އުމުރުގެ އެކަކު މި މައިޒާނުގެ ތަންކޮޅެއް ދުރުގައި އިނދެފައި މަޑުމަޑުން ކައިރިއަށް ޖެހެމުން ޖެހެމުން އައިސް ވާހަކައިގެ ތެރެއަށް ރީތިކޮށް ވަދެއްޖެ އެވެ. އޭނާ ބުނި ގޮތުގައި ދަތުރުމަތީގައި މަހޫދުބޭ ކަނޑުވުމުން ފެންމަތީގައި އޮތީ ދެ އަންހެން ދަރިން ފިލާގަނޑެއް މަތީ ބާއްވައިގެނެވެ. ނަމަވެސް ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިގެން އޭގެ ތެރެއިން އެއް ކުއްޖަކު ވަރަށް އަވަހާ ކަނޑުމަތީގައި މަރުވެއްޖެ އެވެ.
"މަހޫދުބެގެ އެ ދަރީގެ ހަށިގަނޑު ކަނޑަށް ދޫކޮށްލީ. އޭރު އަނެއް ދަރީގެ ހާލު ވެސް ވަރަށް ގޯސް! ފަހުން ކަނޑުމަތީގައި ސަލާމަތެއް ލިބޭތޯ އުޅެނިކޮށް އެ ދަރި ވެސް މަހުމޫދުބެ އަތުން ދޫވެގެން ކަނޑަށް ގެއްލުނީ! މިއީ ތުންތުން މަތިން ކިޔާ އުޅޭ ގޮތް،" އޭނާ ބުންޏެވެ.
މި އެންމެން ބުނާ ގޮތުން ވިއްޔާ ދެ ދަރީން ކަނޑަށް ގެއްލުމުން ކަނޑު މަތީން އެހީއެއް ލިބޭތޯ މަހުމޫދުބެ ތިން މަސް ވަންދެން އޮތެވެ! ފިލާގަނޑެއް މަތީ ބަނޑު އަޅައި ކަނޑަށް ދެ ފައި ލައިގެން ޖަހަޖަހާ އޮތް އިރު މަހުމޫދުބެގެ ކާނާ އަކީ ކަނޑުމަތިން ފެނުުނު ކޮންމެ އެއްޗެކެވެ. އެކަމަކު މި ރަށުގެ ވަރަށް ގިނަ މީހުން އެކަމާ ސުވާލު އުފައްދަ އެވެ.
"އަހަރެންނަށް ގަބޫލެއް ނުކުރެވޭ ތިން މަސް ވަންދެން މީހަކު ކަނޑު މަތީ އޮވެވިދާނެ ކަމަކަށް، ތިން ދުވަސް ކަމަށް ވާނީ،... ގަބޫލެއް ނުކުރެވޭ! އެތަނުގައި އެކަކު ހިޔާލު ތަފާތެވެ.
"އެހެނެއް ނުވާނެ، މަހުމޫދުބެ ނެގިއިރު ގައިގާ ފެހި ޖަހައި، ރިނދަލި ޖަހާފައިވާ ކަމަށް ބުނަނީ، ތިން ދުވަހަކުން އެވަރެއް ނުވާނެ، މަހުމޫދުބޭގެ އެއްވެސް އަންނައުނެއް ނެތްއިރު އޮރިޔާން ނިވާވާ ވަރަށް ފެހި ޖަހާފައޭ ކިޔަނީ އޮތީ!" ތަންކޮޅެއް ދުވަސްވީ އެހެން މީހަކު ކަށަވަރުކޮށްދޭން ވެގެން ތަފުސީލެއް ދިނެވެ. މިއިން ކަނޑާންވީ ކިހާވަރެއްކަން އަމިއްލައަށް ފަހުން ނިންމާނީއޭ ހިތައި އަހަރެންވެސް ހެވިފައި އިނީ އެވެ.
މަހުމޫދުބެ ދުނިޔޭގައި ހުއްޓާ ފެނުނު ކަމަށް ބުނާ މީހުން މި ރަށުގައި ވަރަށް ގިނަ އެވެ. އެމީހުން ބުނާ ގޮތުން އެއީ ވަރަށް ހަރަކާތްތެރި މީހެކެވެ. ނަމަވެސް އޭނާ ސަލާމަތްކުރި މަސް ދޯނީގައި އެ ދުވަހު މަހަށް ދިޔަ އެކަކު ވެސް މިހާރަކު ދުނިޔެއަކު ނެތެވެ.
"ކަލޭމެނަށް އާދެވުނުލެއް ތަންކޮޅެއް ލަސްވީ އެންމެ ފަހަށް ދުނިޔޭގައި ހުރި މީހާ ވެސް މަރުވެ ދިޔައީ ދާދިފަހުން" އެކަކު ބުނެލި އެވެ.
މަހުމޫދުބެ ސަލާމަތްކުރި މަސް ދޯންޏަކީ ތުޅާދޫ އެންމެންގެ ބަހުން ނަމަ، "ކުޑަބޭގެ ދޯންޏެ" ވެ. އެ ދޯނި އެ ދުވަހު މަހަށް ނުކުމެ އުޅެނިކޮށް ކަނޑުމަތީން މަހުމޫދުބެ އެހީއަށް އެދި ހަނާ އަޅާ ތަން ފެނުނީ އެވެ.
ކުޑަބޭގެ ދޯންޏަށް މަހުމޫދުބޭ ފެނުމުން ފަޅުވެރީންގެ ގިނަ ބަޔަކު ބޭނުންވީ ދޯނި އަނބުރާލައި އަޅައި ނުލާ ދާށެވެ. އަދި އެންމެން ވެސް ހީކުރީ ކަނޑުމަތި އެޅީ ކަމުގަ އެވެ.
"އެއީ ދެން ނާމާން ކަމެއްވީމާ ނޫނީ ކަނޑު ފޭރޭ މީހެއް ކަމަށް ބެލުނީ!؟"
ފަހުން ކުޑަބޭ ދޯންޏަށް ދާން ނުކެރުނީ އެވެ. އެހެންވެ ދޯނި މަހުމޫދުބެއާ ކައިރިކޮށް އޭނާ ދޯންޏަށް އެރުވީ ކުޑަބޭ އެވެ. އެކަމަކު ގިނަ މީހުންގެ ހިޔާލާ ދެކޮޅަށެވެ.
މި އެންމެން ބުނާ ގޮތުން ވިއްޔާ ދޯންޏަށް އެރުވުމާއެކު މަހުމޫދުބޭ ހޭނެތުނީ އެވެ. މިރަށުގެ ދުވަސްވީ މީހުން ކިޔައިދެނީ ވެސް އެހެނެވެ. ފަހުން ހޭ އެރުމުން މަދު މަދުން ކާއެއްޗެހި ދޭން ފެށުމުން މަހުމޫދުބޭ ހަމައަކަށް އެޅި އޭނާއަށް ދިމާވި ހާދިސާ އެކަށް ކިޔައި ދިނީ އެވެ.
"އޭގެ ފަހުން މަހުމޫދުބޭގެ ހާއްސަ ލޯތްބެއް ތުޅާދޫއަށް އޮންނަނީ. ހާއްސަކޮށް ކުޑަބެއަށް އޭނާ މި ރަށުގައި ހުންނަނީ ވެސް އެ ގޭގަ އަދި، ކުޑަބޭގެ ފަޅު ރަށަކަށް ވެސް އޭނާއާއެކު ވަރަށް ގިނައިން ގޮސް އުޅުނު،" މަހުމޫދުބޭގެ ކޮންމެވެސް މައުލޫމާތެއް ނެތް މީހަކު މިތާނގައި ނެތެވެ.
އެކަމަކު މަހުމޫދުބޭގެ އާއިލާއާ ގުޅޭ މައުލޫމާތު އެނގޭ މީހަކާ މި ތުޅާދޫއަކުން ދިމައެއް ނުވި އެވެ. އެންމެވެސް ބުނަނީ އޭނާއަކީ އެ ރަށުގައި އުޅުނު މީހެކޭ އެވެ. އޭނާ މަރުވެފައި ވަނީ މީގެ އަހަރުއެތަކެއް ކުރިންނޭ އެވެ. އަދި ބައެއް މީހުން ބުނާ ގޮތުންވިއްޔާ ދެ ދަރީންނާއެކު ކަނޑުވި ހާދިސާގެ ކުރީން ވެސް މަހުމޫދުބޭ ކަނޑުވެފައި ސަލާމާތްވި އެވެ.
މި ވާހަކަތައް އަޑު އަހާން އަހަރެން އިންދާ އޭގެ ތެރެއިން މީހެއްގެ އުނގަށް އެރިއެރިފައި ނުކުމެ ނުކުމެ، އުޅުނު އުމުރުން ހައެއްކަ އަހަރުގެ އަންހެން ކުއްޖަކު ބުނެލި އެވެ: "ކާފާ ބުނީ އެމީހާ ގައިގާ ހުރީ ރެދަނލި ޖަހާފަ އޭ!"