މިއީ އަހަރެމެންގެ ރަށް، ދިޔަމިގިލީގެ މަދަރުސާގެ ކުރީގެ ނާޒިރެވެ. އަދި ކުރީގެ ބޮޑު ކަތީބު ހުސައިން ހަސަން މަނިކު (ހުސައިން މަނިކު) މަދުރަސާ އާއި އޮފީހުގައި ދެއްވާ ނަސޭހަތްތަކުގެ ހަނދާންތައް އާވާއާވެ ހުންނަ އިރު އެއީ އަހަރެމެން ރަށުގެ މީހުނަށް އަބަދުވެސް ވަރަށް ހާއްސަ ޝަހްސިއްޔަތެކެވެ. މި ޝަހުސިއްޔަތު މުޅި ރާއްޖެއަށް ވެސް ހާއްސަވާ ސަބަބެއް އެބައޮތެވެ. ހުސައިން މަނިކަކީ އިނގިރޭސި ހިމާޔަތުން ރާއްޖެ މިނިވަން ވުމަށްފަހު، ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ޕާސްޕޯޓް ލިބިވަޑައިގަތް ބޭފުޅާ އެވެ. މިނިވަން ވުމުގެ އެއް އަހަރު ކުރިންވެސް ރާއްޖޭގައި ޕާސްޕޯޓް ހައްދާފައި ވެއެވެ. އެންމެ ފުރަތަމަ ދިވެހި ޕާސްޕޯޓް ލިބިވަޑައިގެންނެވީ ނތ. ހަސަން ދީދީ އަށެވެ. އެއީ އޭޕްރީލް 12، 1964 ވަނަ އަހަރު އެވެ. ރާއްޖެ މިނިވަންވެ ރަސްމީކޮށް ޕާސްޕޯޓް ހަދަން ފެށިތާ 60 އަހަރު ފުރެން ދަނީ އެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި، ދިވެހި ކިޔަވާ ކުދިންގެ ކަންކަން ބަލަހައްޓަން ހުންނެވި ބޭފުޅަކު، ދުވަސް ކޮޅަކަށް މާލެ ވަޑައިގަންނަވާތީ އޭނާގެ ބަދަލުގައި ފޮނުވާނެ މީހަކު ހޯދަން ސަރުކާރަށް ޖެހުމުން އޭރުގެ ހޯމް މިނިސްޓަރު ކަރަންކާ އިބްރާހިމް ރަޝީދަށް އެންމެ އިތުބާރު ކުރެވޭ ބޭފޅަކަށް ފެނިވަޑައިގެންނެވީ ދިޔަމިގިލީ ހުސައިން މަނިކެވެ. ކަރަންކާ ރަޝީދާއި ހުސައިން މަނިކުއަކީ އޭރުވެސް ގާތް ގުޅުމެއް އޮތް ދެ ބޭފުޅުންނެވެ.
"އެއް ދުވަހަކު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ ހުސައިން އޭ ކޮޅުނބަށް ދާން ކެރިދާނެހޭ، އަޅުގަނޑު އާނއެކޭ ދެންނެވުމުން ވިދާޅުވެއްޖެ މާދަމާ ދާށޭ ނެދުންގެއަށް ޕާސްޕޯޓްގައި ޖަހަން ފޮޓޯއެއް ނަންގަން،" 50 އަހަރު ކުރީގެ ހަދާންތައް ހުސައިން މަނިކު އަވަސް އާ ހިއްސާ ކޮށްދެއްވި އެވެ.
ރަޝީދުގެ އެންގެވުމަށް ނެދުންގޭ އަލީ ނަޖީބު ކައިރިއަށް ޕާސްޕޯޓްގައި ޖަހާނެ ފޮޓޯއެއް ނަގަން ދިއުމުން އޭނާއަށް ވެސް ލިބުނީ ހައިރާން ކަމެވެ.
"ނެދުންގޭ އަލީ ނަޖީބު ކައިރިއަށް ފޮޓޯއެއް ނަގަން ގޮސް އަޅުގަނޑު ބުނެފިން ޕާސްޕޯޓްގައި ޖަހަން ފޮޓޯއެއް ނަގައިދީބަލާށޭ، ނަޖީބު ވިދާޅުވެއްޖެ ރާއްޖޭގައި އަދި ޕާސްޕޯޓެއް ނުހައްދާ ނޫންހޭ!" ހުސައިން ވިދާޅުވި އެވެ. "އެހެން ވިދާޅުވެފަ ވެސް ފޮޓޯ ނަންގަވާފަ ވިދާޅުވެއްޖެ ދެ ދުވަސް ފަހުން ބަލާ އަންނާށޭ!"
މި ޒަމާނުގެ ކެމެރާތަކުން ކުލަ ފޮޓޯ ނެގުނަސް ނަޖީބު ގެންގުޅުއްވި ކެމެރާއިން ނަގާ ފޮޓޯތަކުގައި އޭރަކު އަދި ކުލައެއް ނުޖެހެ އެވެ. އެ ފޮޓޯގަނޑު ތައްޔާރު ކުރަން ދެ ދުވަސް ހޭދަވި އެވެ. އެއީ ވަގުތުން ފޮޓޯ ލިބޭ ޒަމާނެއް ނޫނެވެ. ދެ ދުވަސް ފަހުން ހުސައިން މަނިކު ވަޑައިގެންނެވިއިރު ނަޖީބު ވަނީ ދެ ފޮޓޯ ތައްޔާރުކޮށް ދެއްވާފަ އެވެ.
ޕާސްޕޯޓް ހައްދަން ވަޑައިގެންނެވީ، ރަޝީދު އެންގެވި އޮފީހަކަށެވެ. ޕޯސްޕޯޓަށް އެދިލެއްވިތާ ދުވަސްތަކެއް ފަހުން ޕާސްޕޯޓް ލިބިވަޑައިގަތެވެ. އޭ-0001 ނަންބަރު ޕާސްޕޯޓްގައި ތައްގަނޑު ޖައްސަވައި "މިނިވަން ދިވެހި ރާއްޖޭ" ގެ ފުރަތަމަ ޕާސްޕޯޓް ދޫކުރެއްވި އެވެ. އެ ޕާސްޕޯޓް ލިބި ވަޑައިގެންނެވީ ހުސައިން މަނިކަށެވެ.
ނތ. ހަސަން ދީދީއަށް ވެސް ދޫކޮށްފައި ވަނީ އޭ-0001 ނަމްބަރުގެ ޕާސްޕޯޓެވެ. މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގެ ރިސާޗް އެނަލިސްޓް އަދި އިސްލާމީ ޔުނިވާސިޓީގައިވެސް ތާރީހް ކިޔަވައި ދެއްވާ އަލާ ދީދީ ވިދާޅުވި ގޮތުގައި އޭގެ ކުރިން ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުންނަށް އިނގިރޭސި ސަރުކާރުގެ ޕާސްޕޯޓް ދޫކޮށްފައިވެ އެވެ.
އޭރު ރާއްޖެއިން ބޭރަށް ކިޔަވަން ވަޑައިގެންނެވި ބޭފުޅުންނަށްވެސް ދޫކޮށްފައި ވަނީ އިނގިރޭސި ޕާސްޕޯޓެވެ. ދެ ބޭފުޅަކަށް އެއް ނަންބަރެއްގައި ޕާސްޕޯޓް ދޫކޮށްފައިވާ ސަބަބަކީ ރާއްޖެ މިނިވަން ވުމަށް ފަހު އަލުން އެއް ވަނަ ނަންބަރުގައި ޕާސްޕޯޓް ހަދަން ފެށުމެވެ.
އިނގިރޭސި ބަހުން އޭރު ރާއްޖޭގެ ނަމަކަށް ކިޔަނީ ދަ މޯލްޑިވް އައިލެންޑްސް އެވެ. ޕާސް ޕޯޓްގައި ހުސައިން މަނިކު އާ ބެހޭގޮތުން ހިމަނުއްވާފައިވާ މައުލޫމާތުތައް ތަފްސީލެވެ. އޭރު އަދާ ކުރެއްވި ވަޒީފާ އާ ބެހޭ މައުލޫމާތު ވެސް ޕާސްޕޯޓްގައި އޮތެވެ. ފުރަތަމަ ޕާސްޕޯޓް ދޫކޮށްފައި ވަނީ ޑިސެމްބަރު 12، 1965 ގަ އެވެ.
ސްރީ ލަންކާއަށް ފުރާ ވަޑައިގަންނަވަން ޖެހުމުން، ޕާސްޕޯޓް ހިއްޕައިގެން ހުސައިން މަނިކު ވަޑައިގެންނެވީ، މިހާރު ރައްޔިތުންގެ މަޖިލީސް ހުންނަ ބިމުގައި އޭރު ހުރި ހަކުރާގެ އަށެވެ. އެއީ ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަން ހުންނަވާތީ ހަން ކަނޑުއްވަން ވެގެންނެވެ. އެކަން ކުރެއްވީ ބަންދު އިސްމާއީލް ފުޅެވެ.
"ހަން ކެނޑުމަކީ އޭރު ބޭރަށް ދަންޏާ ޖަހާ ފާހަގައެއް،" ހުސައިން މަނިކު ވިދާޅުވި އެވެ. "އެއީ ރޭޒަރު ތިލައަކުން އަތުގެ ތަންކޮޅެއްގައި ހަންކޮޅެއް ނަގައިގެން ޖަހާ ފާހަގައެއް، އެކަން ކުރެއްވީ ބަންދު އިސްމާއީލް ފުޅު!"
ލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ، އޭރު ލަންކާއަށް، ދިވެހި ކަނޑުމަހާއި ހަކުރު ގެންދާ ބޯޓް "އަދަރަންފަރު" ބޯޓްގަ އެވެ. ލަންކާއަށް ވަޑައިގެންނެވުނީ ތިން ދުވަހުގެ ދަތުރަކަށް ފަހު އެވެ.
"އަޅުގަނޑު ދިޔަ ތަނުން، ސޯސަންވިލާގައި އުޅުވާ ބޭފުޅަކު ކާރެއްގައި ވަޑައިގެންނެވި، ކާރުގައި އަޅުގަނޑު ގެންދިޔައީ ލަންކާގެ އިމިގްރޭޝަން އޮފީހަށް، އެތަނުން އަޅުގަނޑުގެ ޕާސްޕޯޓްގައި ތައްގަނޑު ޖަހައިގެން ދެން ދިޔައީ ސޯސަންވިލާ އަށް." ހުސައިން މަނިކު ވިދާޅުވި އެވެ.
އޭރު ސޯސަން ވިލާގައި ރާއްޖޭގެ 48 ދަރިވަރަކު ކިޔަވަން ތިއްބެވެ. އެ ކުދިންގެ ކަންކަން ބަލަހައްޓަން ހަ މަސް ދުވަސް ވަންދެން ހުސައިން މަނިކު ހުންނެވި އެވެ. އޭރު އިނގިރޭސިންނާއެކު ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމާ ހަމައަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވި އަބްދު ސައްތާރު މޫސާ ދީދީ ހުންނެވީ ސިލޯނުގަ އެވެ.
"އަޅުގަނޑު އެނބުރި މާލެ އަންނަން އުޅުނީމަ، ސައްތާރު ވިދާޅުވި ކީއްކުރަންތޯއޭ ވަޑައިގަންނަވަނީ، މަޑު ކުރަންވީ ނޫންތޯއޭ ވެސް،" ހުސައިން ވިދާޅުވި އެވެ.
ލަންކާގައި އޭނާ ގެ މަސައްކަތް ނިމުމުން ހުސައިން މަނިކު މާލެ ވަޑައިގަންނަވަން ތައްޔާރު ވެއްޖެ އެވެ. އޭނާ މާލެ ވަޑައިގެންނެވީ "ތިންގަނޑު ވިނަ" ބޯޓްގަ އެވެ. އެ ދަތުރުގައި ވެސް ތިން ދުވަސް ހޭދަވި އެވެ. އެ ތާރީހީ ދަތުރަށްފަހު ހުސައިން މަނިކު ވަނީ، ދިޔަމިގިލީގެ ކުޑަ ކަތީބުކަމާއި ކަތީބު ކަމާއި ބޮޑު ކަތީބުކަން ކުރެއްވި އެވެ. ހުސައިން މަނިކުގެ މާ ބޮޑަކަށް ޕާސްޕޯޓްގެ ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު އޭނާ އާއި އަތްޕުޅުގައި އޮތް އޮތް ޕާސްޕޯޓްގެ ސަބަބުން އޭނާއަކީ ދިވެހިން ހާއްސަ ބޭފުޅެކެވެ.