ރޯދަމަހު އެކުވެނި ޓްރެކަށް ބާރުބޮޑު!

ރޯދަވީއްލާ މަޣުރިބު ނަމާދަށް އަރައިލައިގެން މާލޭ ކުޅިވަރު އެކުވެނީގެ ޓްރެކާއި ދިމާލަށް ހިނގާއިގަތީމެވެ. ޓްރެކް ދަނޑުގެ ހުރިހާ ބޮކިތަކެއް އޭރު އަދި ނުދިއްލަ އެވެ. އެ ދަނޑުތަކުގެ ބޮކިތައްވެސް އެކަށް ނުދިއްލާތީ މާ ބޮޑު އަލިކަމެއް ނެތެވެ. ރޯދަ މަހު މިތާނގެ ހުރިހާ ބޮކިތަކެއް ދިއްލާފައި ނެތަސް ކަސްރަތު ކުރާށާއި ދުވަން އެތައް ބަޔަކު ތިބިއެވެ. ޓްރެކަށް ވަދެ ކަސްރަތު ކުރުމާއި ދުވުމުގައި ވެސް މީހުން އަވަދި ނެތިއުޅެ އެވެ. ފުރިބާރުވެފަ އެވެ.

ކޮންކްރީޓް ޖަންގައްޔެއްގައި ދިރިއުޅޭ ބަޔަކަށް ތާޒާ ވައި ލިބޭ "އޯޕަން ގްރައުންޑެއް" ސަރާސަރު ބިމެއް ލިބުމަކީ ރަންހާ އަގު ބޮޑު މުދާގަނޑެއް ލިބުމެވެ. މިފެންނަނީ އެ މަންޒަރެވެ. ގެއިން ނިކުމެ ކަމަަކަށް ހިޔާލުކޮށްލައި ނުވަތަ ދުވެލާ ކަސްރަތުކޮށްލައި ވައިޖައްސާލާ ހިނގާލަން ވެސް މާލޭގައި އޮތީ ޓްރެކެވެ. އެވަރު ތަނެއް ނެތެވެ. ރޯދަ މަހުގެ ފުރަތަމަ ދިގައެއް ނިމިދިޔައި އިރު ޓްރެކްވެފައި ވަނީ މާލޭގައި އެންމެ ހަލަބޮލި އެއް ދިމާއަށެވެ.

ކައިރިން އަޅާފައި ދިޔައީ ދަންނަހެން ހީވާ މީހެކެވެ. ދެވަނަ ފަހަރަށް ވެސް ބަލައިލެވުނެވެ. އެއީ ގޭދޮށުން ދެކެ ފަރިތަ މީހެކެވެ.

އޭނާ ބުނި ގޮތުގައި ރޯދަވީއްލުމާއެކު ހަށިގަނޑަށް ވެރިވާ ލޮޑުކަން ދުއްވާލަން ދުވަނީ އެވެ. އަދި އެއީ އެކަމަށް އެންމެ ރަނގަޅު ގަޑިއެވެ.

"ކަދުރާއި ކަޅުސައިން ރޯދަ ވީއްލައިގެން ދުވަން އަންނަނީ... އަބަދުވެސް މީހުން ގިނަވެފައި ބާރު ބޮޑު،" އޭނާ ބުންޏެވެ.

ނަމާދުކޮށްލައިގެން ގޮސް އަނދިރީގައި ދުވެލާ މީހުން ވެސް ގިނަ އެވެ. އިރުއޮއްސޭ ގަޑީގެ އަނދިރީގައި ހަށިގަނޑުގެ ބަރުކަމެއް ނެތީސް ދުވެލާ ކަސްރަތު ނިންމާލަން ގިނަ ބަޔަކު ޖަމާވެފައި އޮވެއެވެ.

ރޭގަނޑު 8:30 އެހާކަންހާއިރު ޓްރެކްގެ ހުރިހާ ބޮކިތަކާއި ކައިރީގައި އޮތް ދަނޑު ދިއްލައިލަ އެވެ. ދުވާ މީހުން އިތުރުވާން ފަށައިފިއެވެ. ޒުވާނުންނާއި އުމުރުން ދޮށީމީހުންނެވެ. ޓްރެކްގެ ވަށައިގެން ހިނގާފައި އާއި ދުވެފައި ބުރުޖަހަނީ އެވެ. އަރިމަތީގައި އެކި ކަހަލަ ސްޓްރެޗިން ހެދުމާއި ސިމެންތި އަޅާފައި ހުރި ޕްލާސްޓިކް ފުޅިތަކަކުން ހަދާފައި ހުރި ބަރުތަކެއް އުފުލާ ބަޔަކާއި ބެންޗްގައި އޮށޯވެގެން އެމީހަކަށް ވީ ވަރެއް ކުރަނީ އެވެ.

ގަޑީން 9:30 ގައި ދެން އަންނަން ފެށި ގުރޫޕް ތަފާތެވެ. މި މީހުންގެ މިސްރާބު ހުރީ އެކުވެނި ޓްރެކްގެ ވިނގަނޑާއި ދިމާއަށެވެ. ޔޯގާ މެޓުތަކާއި ސަމާނުތަށް ހިފައިގެން އައި މީހުންތެރޭގައި ގިނައީ އަންހެނުންނެވެ. އެކި ވައްޓަފާޅިއަށް ހެދުން އަޅާފައި ތިބި މީހުންނެވެ. ފިރިހެނުން މުޅިންހެން ނެތީއެއް ނޫނެވެ. މި މީހުން އައިސް ވިނަގަނޑު މެދުގައި ވަށްބުރެއް ހަދާލާ ބޫޓް ކޭމްޕާއެކު މި މީހުންގެ ކަސްރަތުތަށް ފެށީއެވެ. ބޮޑެތި ގުރޫޕްގެ ތިން ބައެއް އުޅުނެވެ.

ދެ އިންސްޓްރަކްޓަރުންނާއި އެކު މި މީހުން ކަސްރަތު ކުރިއަށް ގެންދާ ތަން ފެނެއެވެ. ހަދާލި ބޮޑު ބުރާއި އެކު އިންސްޓްރަކްޓަރަށް ނުފެންނަ ތާނގާއި ނުބައިކޮށް ހަދާ ބަޔަކާއި ކަޓުގައި އުޅޭ ބަޔަކުވެސް ފެނެ އެވެ. ހޭ މީހުންނާއި "މަށަށް މިކަން ނުވާނޭ" ގޮވާ މީހުން ވެސް ފެނުނެވެ. މިހާރު އަނދިރީގައި ދުވި މީހާ އެހެން ބުނީ ކީއްވެ ކަންވެސް ވިސްނިއްޖެ އެވެ. މިތަނަކީވެސް ޕީކު ގަޑީގައި މާލެތެރެގޮތަށް ތޮއްޖެހި ބާރުބޮޑުވާ ތަނަކީ އެވެ.

ބޫޓު ކޭމްޕް ނިންމާ މީހުން ޓްރެކްގެ ދެ ދޮރާށިން ނިކުމެ ގެއަށް މިސްރާބު ޖަހާތަން ފެނުނެވެ. އަދިވެސް ދުވާ މީހުން އުޅެއެވެ. ވިންދެއްހާ ޖާގައެއްގެ ގެއެއްގައި އުޅެފައި އަލުން ޖިމަކަށް ގޮސް ކަސްރަތު ކުރުމުގެ ބަދަލުގައި އެކުވެނި ޓްރެކް ސަޅީ އެވެ. ގުރޫޕަކާއެކު ކަސްރަތު ކޮށްލުމުން އެކަކު އަނެކާއި އޮންނަ ގުޅުން ބަދަހިވުމާއި މިކަމަށް އޮންނަ ފޯރި ގަދައީއެވެ.

މި ރޯދަމަހު ދުވާ ޓްރެކަކީ ކޮންމެހެން ދާންޖެހޭ އެއްތަނެވެ. ތަނުގެ މާހައުލަކީ ކޮންމެ މީހަކަށްވެސް ދުވަން ގޮސްލާ ހިނގާލްއި ނުތަނަވަސްކަމެއް އޮތް ނަމަވެސް ފިލުވާލަން ދާން ހަމަ ސަޅިތަނެކެވެ. އަދި ގްރޫޕްތަކުން ކަސްރަތު ކުރާތަން ފެނި މީހާ ފިސާރި މޯޓިވޭޓްވާނެ ކަން ޔަގީނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް "ސެލްފް ޓައިމް" ހޯދާލުމަށްވެސް މި ވަރު ތަނެއް ނެތެވެ.

މި މީސް މީހުން އުޅޭ ގޮތް ބަލަން ވިނަގަނޑު މަތީ ހުއްޓި ހުރި އިރު ފަޔަށް އެރި ރަތް ހިނިތަކެއްގެ ސަބަބުން ފައި ކަހައިގަތުމުން ހިނިތަކުން ސަލާމަތްވާންވެގެން ގެއާއި ދިމާލަށް ދިއުމަށް މިސްރާބު ޖެހީ އަހަރުމެންގެ ތެރޭގައި ކުރިޔާ ހިލާފަށް ކަސްރަތަށް މީހުން ސަމާލުކަންދޭ މިންވަރާއި މެދު އުފަލުން ހުރެއެވެ.