އިހުގެ ނޫސް: އަގުބޮޑުކޮށް ވިއްކާ މުދާ ސަރުކާރަށް ނަގާނެ!

މިހާރު މިދުވަސްވަރު އެންމެ ބަހުސް ކުރެވެނީ ކަނޑުދޫ މިރުހަށެވެ. ރޯދަަމަހާ ދިމާކޮށް ކަނޑޫދޫ މިރުހަށްވީ ގޮތެވެ. ރޯދަަމަހަށް އެއްޗެހީގެ އަގު އުފުލުމަކީ އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ކަނޑޫދޫ މިރުސް އަގު ބޮޑުވީ މީހަކު ހިޔާލަށްވެސް ގެންނާނެ ވަރަކަށް ނޫނެވެ. ބައެއް ދުވަސްވަރާ ދިމާކޮށް ވިޔަފާރިވެރިން އެއްޗެހީގެ އަގު މަތިކޮށް ދަށް ކުރާތީ އަގު ކޮންޓްރޯލް ކުރުމުގައި މީގެ ކުރީން ހަރުކަށި ގޮޮތްތަކެއް ގެންގުޅުނު ކަމަށް ކުރީގެ ނޫސްތަކުން އެނގެ އެވެ. އަގު ބޮޑުކޮށް މުދާ ވިއްކާ މީހުންގެ މުދާ އޭގެ އަގު ވިޔަފާރި ވެރިންނަށް ނުލިބޭ ގޮތަށް ސަރުކާރަށް ނަގާފައި ވެސް އެބަ ހުއްޓެވެ. އެއީ ސަރުކާރުން ވަކި އަގެއްގައި ވިއްކުމަށް ނިންމާފަައިވާ މުދަލުންނެވެ. އެފަދަ ގޮތަކަށް އަގުބޮޑު ކޮށްގެން ވިޔަފާރި ކުރުމުން ސަރުކާރަށް މުދާ ނެގި ކަމަށް މީގެ ކުރިން ބައެއް ހަބަރުތަކުގައި ލިޔެފަައި ވެސް ވެއެވެ.

މި ކުރު ކުރު ހަބަރަކީ 1971 ވަނަ އަހަރު މޫންލައިޓްގައި ޝާއިއު ކުރި ހަބަރެކެވެ. މި ހަބަރުގެ ސުރުހީގައި އޮންނަނީ "މުދާ އަގު ބޮޑުކޮށް ވިއްކައިފި" ކަމަށެވެ. ދެން އޮންނަނީ ހަބަރެވެ. "މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުން ހަބަރު ލިބިފައިވާ ގޮތުގައި އެމް.ޖީބީއެސްގެ އަގަށް ވުރެ އަގު ބޮޑުކޮށް މުދާ ވިިއްކި ދެފަރާތެއްގެ މުދާ އެ މިނިސްޓްރީން ކޮންފިސިކޭޓް ކުރައްވައިފި އެވެ. އާދެ! އަގު ނުދެއްވާ ގޮތުގައި ނަންގަވައިފި އެވެ. މިދެންނެވި ގޮތުން މުދާ ނެންގެވީ ހ. ސްނޫޕީ މަހުމޫދު ހުސައިންގެ މުދަލާއިގެން ވިޔަފާރިކުރާ ހެންވޭރު މޮޑެލް ސްޓޯރުންނާއި ގަލޮޅު ޗާންދަަނީ މާގޭ މުހައްމަދު އަބްދުﷲގެ މުދަލައިގެން ވިޔަފާރި ކުރާ ގަލޮޅު ހަދުވަރު ސްޓޯރުންނެވެ.

މޫންލައިޓުގައި ޖެހި މި ހަބަރުން އެނގެނީ އެ ދުވަސްވަރު ސަރުކާރުން ބައެއް މުދާ ރައްޔިތުންނާ ހިސާބަށް ހަމަ އަގުގައި ފޯރު ކޮށްދިނުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅި ކަމެވެ. އަދި އެ އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ސަރުކާރުން ފަސް ނުޖެހޭ ކަމެވެ. އެގޮތުން ސަރުކާރުން ކަނޑައަަޅާފައި ހުރި ފިޔަވަޅުތަކަށް އަމަލު ކުރާ އިރު، އަގުބޮޑުކޮށް މުދާ ވިއްކި ފަރާތްތަކުގެ ނަންތައްވެސް ވަނީ ނޫހުގައިވެސް އާންމުވެސް ކުރައްވާފަ އެވެެ.

މިހާރުވެސް ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފަައި ހުރި މުދާތައް ބޮޑު އަގުގައި ވިއްކާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅަ އެވެ. ކާޑުގެ ބާވަތްތަައް ކަމުގައި ބަލާ، ހަނޑޫ ހަކުރު ގޮދަންފުށް ވިއްކަން ޖެހޭނީ އާއްމުކޮށް ވިއްކަން ނިިންމާފައިވާ ރޭޓުންނެވެ. އަގުބޮޑުކޮށް ވިއްކާނަމަ ޖޫރިމަނާކޮށް އެކަން ހުއްޓުވަން ނޫހުގައި ޖަހާ އާއްމުކޮށް އިއުލާން ނުކުރިއަސް ހުއްޓުވަ އެވެ.