ދިލަ ޖެއްސި މަސް ނޫނީ ވަޅޯ މަހަކީ އަހަރެމެން ކެއުންތަކުގައި އެންމެ މުހިންމު އެއް ބައެވެ. ވަޅޯ މަހުގެ މަސް ފެނާއި ވަޅޯ މަހު ކިރު ގަރުދިޔައަކީ ދިވެހިންނާ ވަކި ކުރެވޭވެނެ ރަހަ ތަކެއް ނޫނެވެ. ދިވެހި ކޮންމެ ބަދިގެއެއްގައި ވެސް ވަޅޯ މަސް ހުސްނުވެ ހުންނަނީ އެހެން ވެގެނެވެ. މިހާރު ކިޔާ ގޮތަށް ވިއްޔާ "ސްމޯކް ފިިޝް" ނުލައި ކެއްކުމަކީ ލޮނު ނުލައި ބަތް ކެއްކުން ފަދަ ކަމެކެވެ.
އެކަމަކު މިހާރު ލައްވާލައިގެން މިއުޅެނީ އާއްމުކޮށް ލިބެން ހުންނަ ދިލަ ޖެއްސި މަސް ނޫނީ ވަޅޯ މަހުގެ ވާހަކަ އެއް ނޫނެވެ. މިއީ އާ ޒަމާނުގެ ވަޅޯ މަހެވެ. ނޫނީ ޒަމާނީ ވަޅޯމަހެވެ. ސަރުކާރު މަސް ކުންފުނި މިފްކޯ އިން މި ފަހަރު ރޯދަ މަހަށް ހާއްސަކޮށް ނެރުނު ޒަމާނީ ވަޅޯ މަހުގެ ވާހަކަ އެވެ. މިފްކޯގެ ޒަމާނީ ވަޅޯ މަސް، ނުވަތަ މިފްކޯ ސްމޯކް ފިޝް ތައްޔާރުކޮށްފައި ވަނީ ތަފާތު އެކި ފްލޭވާތައް އޭގައި ހިމަނައިގެންނެވެ. ކުރިން ދިވެހިން ކައި އުޅޭ ވަޅޯ މަހުގައި ދިލައިގެ ރަހައާއެކު ހަމައެކަނި އެއް ރަހައެއް ހިމެނުނު ނަމަވެސް ޒަމާނީ ވަޅޯމަހުގައި ތަފާތު ރަހަތައް ހުރެއެވެ.
"މުޅިން ތަފާތު ވަޅޯ މަހެއް މިއީ. މީގައި އެބަހުރި ސޭންޑް ވިޗް ފަދަ އެއްޗިހި ތައްޔާރު ކޮށްލަން ހާއްސަ ރަހަ ތަކެއް ވެސް،" މިފްކޯގެ ކަނޑުއޮތް ގިރީގައި ތައްޔާރު ކުރާ، މި އުފެއްދުމުގެ މައުލޫމާތު ދެއްވަމުން، މިފްކޯގެ ލޯކަލް ޕްރޮޑަކްޓް މެނޭޖަރު، ނަހީޒް އަބްދުލް ގަފޫރު (ނާބެ) ވިދާޅުވި އެވެ.
މިފްކޯއިން ޒަމާނީ ވަޅޯ މަސް އުފެއްދީ ޓެސްޓަކަށެވެ. ވަޅޯ މަހުގެ 15 ރަހަ އުފެއްދުމަށްފަހު ދިވެހިން އެންމެ ބޭނުންވާ ދިވެހިންގެ ރަހަ މިހާރު ވަނީ މިފްކޯގެ ހަރުގަނޑަށް ލައިދީފައެވެ.
"އާއްމުން ނަށް އެންމެ ބޭނުންވާ އެތި ގެނެސް ދޭން އަޅުގަނޑުމެން ބޭނުން ވަނީ. އެހެންވެ، މި ފްލެވަރުތައް މި ގެނެސް ދިނީ. މި ބާވަތް ތަކަށް ބޮޑު ޑިމާންޑެއް މިހާރު އެބައޮތް،" ނަހީޒު ވިދާޅުވި އެވެ
މިފްކޯ މަސް ފިހާރައަށް ވަންނަ އިރު މިފްކޯ ސްމޯކް ފިޝް ވިއްކާ ކައުންޓަރު މިހާރު ފެންނާނެ އެވެ. ކަންނެލި މަހުގައި ތައްޔާރު ކުރާ ޒަމާނީ ދިލަޖެއްސި މަހުގެ އުފެއްދުމުގައި ބޭނުންކޮށްފައި ހުންނަ ދިވެހިންގެ ކެއުންތަކުގައި އާއްމުކޮށް ބޭނުން ކުރާ ބާވަތް ތަކެވެ. މި އަހަރު މިފްކޯއިން ވަނީ "ސްޕައިސީ މޯލްޑިވިއަން ސްމޯކް ފިޝް" އާއި "ޕިކްލްސް ފްލޭވާޑް ސްމޯކް ޓޫނާ" އަދި ގެ އިތުރުން "ބްލެކް ކަމިން ފްލޭވާޑް ސްމޯކް ޓޫނާ" އާއި "ޗީޒް ފްލޭވާޑް ސްމޯކް ފިޝް" ގެ ނަމުގައި ރަހަތަކެއް ނެރެފަ އެވެ.
ބްލެކް ކަމިން ފްލެވާޑް ސްމޯކް ޓޫނާ
ބްލެކް ކަމިން ފްލެވާޑް ސްމޯކް ޓޫނާ ތައްޔާރު ކޮށްފައި ހުންނަނީ ކަޅުދިރި އާއި ޓޮމާޓޯ ސޯސް އަދި އަސޭމިރުހާއި ޗިލީ ސޯސް އާއި ލޮނު ބޭނުން ކޮށްގެންނެވެ. ކަޅުދިރި އަޅައިގެން އުފައްދާފައިވާ ދިލަ ޖެއްސި މި މަހަށް އާއްމުންގެ ބޮޑު ތަރުހީބެއް އެބައޮތެވެ.
"މީގައި ގިނައިން ބޭނުންކޮށްފައި މި ހުންނަނީ ކަޅު ދިރި. އެހެންވެ މިއީ ބަނޑަށް ވަރަށް ފަސޭހަ އެއްޗެއް. ގޭސް ޓްރިކް މައްސަލަ ހުންނަ މީހުންނަށް ވަރަށް ހާއްސަ ވާނެ މި ޕްރޮޑަކްޓް،" ނަހީޒު ވިދާޅުވި އެވެ.
ސްޕައިސީ މޯލްޑިވިއަން ސްމޯކް ފިޝް
ރޯދަ މަހެއް ކަމަކު ކުޅިކޮށް ކާ މީހުން ހަމަ ކަނީ ކުޅިކޮށެވެ. އެހެންވެ، ކުޅިކޮށް ކާން ބޭނުންވާ މީހުންނަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ "ސްޕައިސީ މޯލްޑިވިއަން ސްމޯކް ފިޝް" އެ ފަދަ މީހުނަށް މީރުވާނެ އެވެ. މި ވަޅޯމަސް ތައްޔާރު ކޮށްފައި ހުންނަނީ ކަންނެލި މަހާއި ފިޔާ އަދި ލޮނާއި މުގުރި އަސޭމިރުހާއި ހިކި މިރުހާއި ލުނބޯ ހިމަނައިގެންނެވެ. މިއީ ވަރަށް ކުޅި މަހެކެވެ.
ޕިކްލްސް ފްލޭވާޑް ސްމޯކް ޓޫނާ
ދިލަޖެއްސި މަހުގެ މި ބާވަތް ތައްޔާރު ކޮށްފައި ހުންނަނީ ކަންނެލި މަހާއި ލުނބޯ އަދި އަސާރަ އަދި ލޮނު ބޭނުން ކޮށްގެނެވެ. މިއީ ކުޅި މަޑުކޮށް ކާން ލޯބި ކުރާ މީހުންނަށް ހާއްސަ އެއްޗެކެވެ. ހާއްސަކޮށް ގަރު ދިޔަ އާއި ބަތް ކާއިރު އަސާރަ ކާނަމަ މި މަސް ބޭނުން ކުރެވިދާނެ އެވެ. ސަބަބަކީ މިއީ އަސާރައިގެ މަހަކަށްވުމެވެ.
ޗީޒް ފްލޭވާޑް ސްމޯކް ފިޝް
ޗީޒީކޮށް، ޗީޒް ކެއުން ތަކަށް ލޯބި ކުރަން ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިއީ ހާއްސަ ބާވަތެވެ. މި ޗީޒް ފެލެވާޑް ސްމޯކް ޓޫނާ އަޅައިގެން ޕާސްތާ އާއި ސްޕެގެޓީ ތައްޔާރު ކުރެވިދާނެ އެވެ.
ޕެޕަ ފްލޭވާޑް ސްމޯކް ފިޝް
ސޯޔާ ސޯސްގެ އަޅައިގެން ކާން ލޯބި ކުރާ މީހުންނަށް ހާއްސަ މި ބާވަތް ތައްޔާރު ކޮށްފައި ހުންނަނީ އަސޭ މިރުސް އަދި ސީޒަނިން ސޯސް އާއި ސޯޔާ ސޯސް އަޅައިގެންނެވެ.
މިފްކޯއިން މި ރޯދަ މަހު ގެނެސްދޭ މި ހާއްސަ ވަޅޯ މަސް ވެެގެން ދަނީ ޒަމާނީ ދިރިއުޅުމަށް ފަސޭހަކޮށްދޭ އެއްޗަކަށެވެ. ކުރިން ދިލަ ޖެއްސި ވަޅޯ މަހުގެ އެންމެ ރަހައެއް ލިބުނުނަމަވެސް މިފްކޯއިން މިވަނީ ދިލެޖެއްސި ވަޅޯމަހުގެ އާ ޒަމާނެއް ގެނެސްދީފަ އެވެ.