ކުޑަރިކިލު ނައިބުކަލޭފާނުގެ އެނބުރޭ ދޮރު!

ކުޑަރިކިލުން: ނާޒިމް ހަސަން
ކުޑަރިކިލުގެ ބާ މިސްކިތުގެ ފަންނުވެރިކަން ދައްކައި ދިނުމަށް އަވަސްގެ ނޫސްވެރިޔާ ނާޒިމް ހަސަން އުފައްދާފައިވާ ވީޑިއޯއެއް

ބައްދައި އޮޅުލާންވީ ހަމައެކަނި ކަޅުވަކަރު މިސްކިތާ ހެދި ހެއްޔެވެ؟ އެންމެން ވެގެން މާލޭގެ އާސާރުތަކުގައި ބައްދައިގަނެގެން އުޅޭ އިރު ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި މިސްކިތްކަށް ބަލައިވެސް ނުލައި ދޫކޮށްލައިގެން ތިބެނީ އެ ކިޔާ ގޮތަށް "އާރްޓީ" ވީމާ ހެއްޔެވެ؟ "ބެޓާ އިން ބާ" ގެ ގޮތުގައި ޑެސްޓިނޭޝަން ޕްރޮމޯޓް ކުރާ ބ. އަތޮޅުގެ މި ކުޑަރިކިލުގައި ވެސް ވާނެ ހައެއްޗެއް ވާން، ވީރާނާވާން، މީހަކު ލޯބިން މަރު ވާކަހަލަ އިހުގެ ރީތި މިސްކިތެއް އެބުއްޓެވެ.

ބައެއް ފާރުތައް ވެއްޓި، ވިނަ ބޯވެފައިވާ ދިރިމެއް ނެތް ކުޑަ ކުޑަ މި މިސްކިތުން އިހުގެ ދިވެހިންގެ މަސައްކަތްތެރިކަމާއި ހުނަރާއި ފަންނުވެރިކަން ފުރިހަމައަށް އެބަ ފެނެ އެވެ. އެކަމަކު ފަނާވެ ވީރާނާވަމުން، ފަހަރަކު ފާރެއް ފަހަރަކު ބެރިއެއް ވެއްޓެމުން މި ދަނީ އެވެ. ބައްދައި އޮޅުލައިގަންނާނެ މީހަކު ނެތެވެ.

މި މިސްކިތުގެ ތެރެއިން ފެނުނު އެންމެ މޮޅު އަދި ތަފާތު މަސައްކަތަކީ މިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ދެ ކުޑަ ދޮރެވެ. އެއީ އާދައިގެ ދެ ކުޑަ ދޮރެއް ނޫނެވެ. އުވައިން ރާނާފައިވާ މި މިސްކިތުގެ މި ދެ ދޮރު ވެސް ހަދާފައި ވަނީ އުވައިންނެވެ. މި ދެ ދޮރުވެސް ފަރުމާކޮށްފައި ވަނީ ކުކުޅު ބިހުގެ ބައްޓަމަށެވެ. އެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ. ފާރުގެ ތެރެއިން ކަނޑާ ނަގާފައިވާ އެ ދެ ދޮރު ވެސް އަތުން ވަރަށް ރީއްޗަށް ބުރެއްގެ ގޮތަށް އަނބުރާލެވެ އެވެ.

ފާރު ކަނޑާ ނަގާފައިވާ ދެ ދޮރު ފާރުގެ ތެރެެއަށް ފައްތާލައި ހަރުލައްވަން އިތުރު އާލާތެއް ބޭނުންކޮށްފައެއް ނެތެވެ. ހަމަ ހުނަރަކުން ފާރުން ކަނޑައި އުވައިން ހަދާފައިވާ ދޮރު އެތެރެއަށް ރީތިކޮށް ފިޓްކޮށް ފައްތާލާފައި އިނީ އެވެ. އެކަމަކު، އެއްވެސް އުނދަގުލަކާ ނުލާ ދޮރު އަނބުރާލެވެ އެވެ. އަޅައި ގަތުމެއް ނެތެވެ. އަޖައިބު ހަރާނެއް ނުވާނެ ހެއްޔެވެ؟

ކޮންމެ ޒަމާނަކަށް ބެލި އަސް މިއީ މަތީން މާކްސް ލިބޭނެ މަސައްކަތެކެވެ. މިހާރު ވެސް ނުފެންނަ ވަރުގެ މޮޅު އާކިޓެކްޗަރަލް ޑިޒައިނެކޭ ބުނެވިދާނެ އެވެ.

ނައިބު ކަލޭފާނުގެ ހަނދާނެއް

ކުޑަރިކިލުގެ މި މިސްކިތާއި މި ދެ ދޮރަކީ މި ރަށް ދުށް ގަލާއި އުވައިގެ ވަޑާމަށް އެންމެ ކުޅަދާނަ ބޭފުޅާ މުހައްމަދު އަލި މަނިކު (ނައިބު ކަލޭފާނު) ގެ ފަންނުވެރި ކަމެވެ. އޭނާގެ ޑިޒައިނެކެވެ. މި މިސްކިތް އިމާރާތް ކުރެއްވީ ވެސް ނައިބުކަލޭފާނެވެ. އޭނާގެ ވާހަކަ މިރަށުގެ މީހުން ކިޔައި ދެނީ ވަރަށް މަތީ ދަރަޖައިގެ އިހްތިރާމަކާ އެކު އެވެ. މިރަށުގެ ނައިބު ކަލޭފާނު މި އަތޮޅުގެ އެހެން ރަށްރަށުގައި މަޝްހޫރުވެފައި އޮންނަނީ "ހުދު ކަތީބު" ގެ ނަމުގަ އެވެ.

ނައިބު ކަލޭފާނަކީ ކުޑަރިކިލު ކަތީބު ކަމާއި މި އަތޮޅުގެ ކެންދޫ އާއި ކަމަދޫގެ ނައިބުކަން -- ފަނޑިޔާރުކަން -- ވެސް ކުރެއްވި ބޭފުޅެކެވެ. ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާއަށް ކަލޭފާނުގެ ލަގަބު ދެއްވީ ހަސަން ފަރީދާއި މުހައްމަދު އަމީނެވެ.

ނައިބު ކަމުގައި އުޅުއްވި ނަމަވެސް މަސައްކަތްތެރިކަމުގެ ދާއިރާގައި އޭނާ ވަރަށް ހުނަރުވި އެވެ. ތެދުއުއި ވަޑާމާއި ލިޔެލާ ޖެހުމާއި ރޭނުން ފަދަ ހުރިހާ ކަމެއްގައި އުޅުއްވެވި އެވެ.

ކުޑަރިކިލު މި ބާ މިސްކިތާއި މާލޭގެ މެދު ޒިޔާރަތާއި މުލިއާގޭގައި ފަހުން ހެދި ބައެއް ތަންތަން ހެދުމުގަ އާއި އޭދަފުށީ ބަހިއްޔާ ސްކޫލާއި ކިހާދޫގެ ބާ މިސްކިތާއި ހދ. ކުމުންދޫ މިސްކިތަކީ މި ރަށުގެ ނައިބު ކަލޭފާނުގެ ބައިވެރިވެ ވަޑައިގެންނެވި އެވެ. މުންނާރު މަރާމާތު ކުރުމުގެ މަސައްކަތާއި ރައީސް ނާސިރު ދިރިއުޅުއްވެވި ވެލާނާގެ އިމާރާތުގެ މަސައްކަތުގައި ވެސް ނައިބު ކަލޭފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ނައިބު ކަލޭފާނު ދެ ކައިވެންޏެއް ކުރެއްވި އެވެ. އެ ދެ ކައިވެންޏަށް 12 ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ހަ ބޭފުޅެކެވެ. ފަހުން އަރަބި ކިޔަވައި ދެއްވުމުގަ އާއި މާލޫދު ކިޔެވުން ފަދަ ކަންކަމުގައި އުޅުއްވި ނައިބު ކަލޭފާނު އަވަހާރަވީ 1970 ވަނަ އަހަރު އެވެ.

އަޅާލާނެ މީހެއް ނެތި، ވީރާނާ ވަނީ

ނައިބު ކަލޭފާނުގެ މި ހަނދާން، މި ރަށުގެ ބާ މިސްކިތާ މާ ދުރު ނޫން ހިސާބެއްގައި ނައިބު ކަލޭފާނުގެ ބޭފުޅެއް ކަމަށްވާ ހަސަން މުހައްމަދު މަނިކު ދިރިއުޅުއްވަ އެވެ. ބައްޕާގެ ކޮންމެ މަސައްކަތެއް އޭނާ ބަލައި ގަންނަނީ ޝަރަފެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވި ގޮތުން ބައްޕަ އަވަހާރަވިއިރު އޭނާއަށް 12 އަހަރެވެ. އެހެންވެ ހުރީ ފަނޑު ހަނދާންތަކެކެވެ. އެކަމަކު އޭނާގެ ހަނދާންތައް ބުނާ ގޮތުން މި ބާ މިސްކިތް ނައިބު ކަލޭފާނު ނިންމެވީ ހަތަރު އަހަރުގެ މަސައްކަތުންނެވެ.

މި މިސްކިތުގައި ނަމާދު ކުރަމުން އަންނަނިކޮށް މި މިސްކިތް އުވާލާފައިވަނީ 1980 އިގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭރު ވެސް އެއީ ބޭނުން ކުރާ ފެންވަރުގައި ހުރި މިސްކިތެކެވެ. މިސްކިތް އުވާލައި ނަމާދު ނުކުރަން އޭރުގެ ސަރުކާރުން ނިންމި ސަބަބެއް ނޭނގެ އެވެ. ހަސަން މުހައްމަދު މަނިކު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ އޭނާ ވަރަށް ދެރަވި ނިންމުމެކެވެ. މިހާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ނިންމުން އައި ގޮތާމެދު އަދިވެސް ސުވާލު އުފެދެ އެވެ.

ނައިބު ކަލޭފާނު އިމާރަތް ކުރެއްވި އެ މިސްކިތް އޭގެ ފަހުން އަދާ ހަމައަށް ވެސް ހުރީ ފަޅަށެވެ. އެ މިސްކިތާ އަޅާލާނެ ބަލަހައްޓާނެ މީހެއް ނެތެވެ. ނަމާދު ނުކުރާ ގޮތަށް އުވާލިއަސް ތާރީހަށްޓަކައި މި މިސްކިތް ރައްކާތެރިކުރުމަށް އެއްވެސް މަސައްކަތެއް ވެސް ކޮށްފައެއް ނުވެ އެވެ.

"އަހަރެމެން ހަނދާންވާން ފެށީސުރެ ވެސް މިތަން އޮންނަނީ މިހެން، ފަޅަށް، މީ ބާ މިސްކިތޭ ކިޔަނީ، މި ތަނަށް މާ ބޮޑު ސަމާލު ކަމެއް ނުދޭ،" މި ރަށުގެ ޒުވާނަކު ބުންޏެވެ. "އަހަރެމެން ވެސް ބޭނުންވޭ މާލޭގެ މިފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކޮށްފަ ހުންނަ ގޮތަށް މިތަން ވެސް ރައްކާތެރިކުރަން،"

ރާއްޖޭގައި އިހުގައި އިމާރާތް ކުރި ގިނަ އުވަ މިސްކިތްތައް މިހާރު ވެސް ވަނީ އެއްކޮށް ނެތިގޮސްފަ އެވެ. ފެންނަން ހުރީ ވަރަށް މަދު މިސްކިތްތަކެކެވެ. މިގޮތަށް ހުރި މަދު މިސްކިތްތަކަށް ވެސް އެއްވެސް އަޅާލުމެއް ނެތެވެ.

"މިއީ އާދައިގެ މިސްކިތެއް ނޫން، މިސްކިތުގެ ތެރޭގައި މި ހުރި ދެ ދޮރު، އެފަދަ ދޮރެއް ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ފެންނަން ނެތް، އެއީ ޖީލުތަކަށް ފޯރުކޮށްދޭން މަސައްކަތެއް، އިހުގެ ދިވެހިންގެ އެ ބުރަ، މޮޅު މަސައްކަތް ރައްކާތެރިކުރަން ޖެހޭ،" އެ ޒުވާނާ ބުނެލި އެވެ.