މީ ދިވެހި ބޭސްވެރިކަމުގެ ރާނީ!

ކެންދޫން: އަލީ އަފާފް

ބ. ކެންދޫއަކީ ދިވެހި ތާރީހާއި ވަރަށް ބޮޑަށް ގުޅިފައިވާ ރަށެކެވެ. ކެންދޫގެ ނަން އިވުމާއެކު މިރަށުގައި ހުންނަ ތަބްރޭޒްގެފާނުގެ މަގާމުފުޅުގެ މަތީން ހަނދާންވާނެ އެވެ. އެއީ 800 އެތައް އަހަރެއްވެފައިވާ އެ މަގާމްފުޅުގެ ވާހަކަ މުޅި ރާއްޖެއަށް މަޝްހޫރު ކަމުންނެވެ. މަގާމްފުޅުގެ އިތުރުން މިރަށަކީ ތާރީހީ ގޮތުން އިހުއްސުރެ ދިވެހި ބޭސްވެރިކަމަށް ވެސް އަރާއޮތް ރަށެކެވެ. މި ރަށުގައި ޖީލަކަށްފަހު ޖީލަކަށް ދިވެހި ބޭސްވެރިކަން ދެމިގެން އެބަ އާދެއެވެ. މިރަށުގައި ދިވެހި ބޭސްވެރިކަމުގައި ރަނިކަން މިހާރު އޮތީ އާމިރާ ސުލައިމާނަށެވެ.

ރަށްރަށުގައި އިހުއްސުރެ ދެމިގެން އައިސްފައިވާ ގިނަ ކަންކަމަކީ އާއިލީ ދަރިކޮޅުތަކުން ވާރުތަވެގެން އައިސްފައި ހުރި ކަންކަމެވެ. އާމިރާގެ ބޭސްވެރިކަމަކީ ވެސް އާއިލީ ވާރުތައެކެވެ. ދުނިޔެއަށް އޭނާގެ ލޯ ހުޅުވައިލި އިރުވެސް އޭނާގެ މާމަ މަންމަމެނަކީ ހުނަރުވެރި ބޭސްވެރިންނެވެ. އެ މީހުންގެ އުނގުގައި ބޮޑުވެގެން އާއިރު ދިވެހި ބޭސްވެރި ކަމަށް އާމީރާގެ ހިތުގައި ވެސް ލޯބި އުފެދި ބޮޑުވަމުން އައެެވެ. އެކަމަކު ރާއްޖެ ދަންނަ ވަރުގަދަ ދިވެހި ބޭސްވެރިއެއްގެ ގޮތުގައި އޭނާ ނެރެދިނީ ބައްޕައާ އެއްބަނޑު އެއްބަފާ އޭނާގެ ދޮންބޭބެ އެވެ. އެ ހިސާބުން ފެށިގެން އާމިރާގެ ބޭސްވެރިކަމުގެ ދުނިޔެ އާއި ދަތުރު އޮތީ ފެށިފަ އެވެ.

"ފުރަތަމަ މާމަ ގެންދިޔައީ ބޭސްއަޅާއިރު މީހުންގެ ގައިގަ ފިލާގަނޑު ހަރުކުރާއިރު ހިފަހައްޓަން، ދެން މަންމަވެސް އެގޮތަށް، ބައްޕައާ އެއްބަނޑު އެއްބަފާ ދޮންބޭބެ [ބޮޑުބޭބެ] އަކީވެސް ބޭސްވެރިކަން ކުރާ މީހެއް. ދޮންބެ ކައިރިއަށް އަންނަ އަންހެނުންނަށް ބޭސްކުރަން ފުރަތަމަ ފެށުނީ. އެއީ އަސްލު ބޭސްވެރިކަމަށް ވަދެވުނު ގޮތް،" އާމިރާ، އޭނާގެ ބޭސްވެރިކަމަށް ހާއްސަކޮށްފައިވާ ކޮޓަރީގައި އިނދެ ކިޔައިދިނެވެ.

އުމުރުން މިހާރު 54 އަހަރު ވެފައިވާ އާމިރާ މެދު ނުކެނޑި ދިވެހި ބޭސްވެރިކަން ކުރާތާ ބާވީހަކަށް އަހަރު ވަނީ އެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގެ ހުރިހާ އުމުރު ފުރައެއްގެ މީހުނަށް ވެސް އާމިރާ ބޭސްކޮށްދެ އެވެ. ފެށުނީއްސުރެ ހުއްޓާ ނުލައި އެކަމުގައި އުޅޭ އިރު މިހާތަނަށް ބޭސް ކޮށްދެވިފައިވާ މީހުންގެ އަދަދުވެސް އޭނާއަކަށް ނޭނގެ އެވެ.

އެ އަދަދުގެ ބޮޑުކަން ސިފަކޮށްލައިދޭން އާމިރާ އިޝާރާތް ކުރަނީ އޭނާގެ ދަތުރުތަކަށެވެ. އޭނާ ބުނި ގޮތުގައި ބޭސްވެރިކަމުގައި ހއ. ކެލާއިން ފެށިގެން ދެކުނުގެ ފުވައްމުލަކާއި ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އޭނާގެ ބޭސްވެރިކަމުގެ އަތްތިލަ ހޭކިފައި ވާނެ އެވެ.

"ގާތްގަނޑަކަށް މަހެއްގެ މައްޗަށް އެންމެ މަދުވެގެންވެސް 10 މީހުން 12 މީހުންނަށް ބޭސް ކޮށްދެން، ޗުއްޓީ ތެރޭގައި 20 މީހުންނަށްވުރެ ގިނަ ވާނެ... ދަތުރުތަކުގައި ހއ. ކެލާއިން ފެށިގެން ފުވައްމުލަކާއި ހަމައަށް ހިޔެއްނުވެ ހަމަ އެއްވެސް ރަށެއް އޮންނާނެހެން ބޭސް ކުރަން ނުދާ. ވަރަށް ގިނަ ރަށްރަށަށް ހުންނާނެ، ބޭސް ކުރަން ދެވިފައި އަދި ވަރަށް ގިނަ ރަށްރަށުން ބޭސް ކުރަން އާދޭ،" އޭނާ ބުންޏެވެ.

ވަރަށް ގިނަ ބަލި ބައްޔަށް އާމިރާ ބޭސްކޮށްދެ އެވެ. އެކަމަކު އޭނާގެ ހާއްސަ ދާއިރާއަކީ ރާއްޖެ ބައްޔަށެވެ. ދުލި އަޅައިގެން ކުރާ ފަރުވާއަކީ އާތްރައިޓްސް ބައްޔަށް އޭނާ ދޭ ހާއްސަ ފަރުވާ އެކެވެ. މީގެ އިތުރުން ކުދިން ލިބުމުގައި މައްސަލަތަ ދިމާވެފައިވާ މީހުނަށް ވެސް އޭނާ ބޭސްކޮށް ދެއެވެ. މައިގަނޑު ގޮތުގައި ލޮލު ބޭސް ފިޔަވާ އެހެން ހުރިހާ ބައްޔަކަށްވެސް އާމިރާގެ ލޯ ހުޅުވެ އެވެ.

"ރާއްޖެ ބަލި ޖެހިގެން ގިނައިން އަންނަނީ އަންހެނުން، އެކަމަކު ދެ ޖިންސުވެސް އޮވޭ ގިނައީ އަންހެނުން... ފިރިހެނުންވެސް އާދޭ، އަދި މީގެ ތެރެއިން ވެސް ޅަ ކުދިން ގިނައީ، 30 އަހަރުން ދަށުގެ ޒުވާނުން ގިނައީ ރާއްޖެ ބައްޔަށް ބޭސްކުރަން އަންނަލެއް، މިހާރު ވަރަށް ގިނައިން އާދޭ އެ ބައްޔަށް ބޭސްކުރަން، އެބަލި ވަރަށް ގިނަ، ހާއްސަކޮށް ޒުވާނުންގެ ތެރޭގައި" އާމިރާ ބުންޏެވެ.

ފަތްޕިލާވެލީގެ ބާވަތްތަކުން ތައްޔާރުކުރާ ދިވެހި ބޭސްތައް އާމިރާއަށް މި ރަށުން ލިބެ އެވެ. އެކަމަށް ބޭނުންވާ ގިނަ ފަތްޕިލާވެލީގެ ބާވަތްތައް އެއްވެސް ދައްޗެއް އޭނާއަކަށް ނެތެވެ. އެހެން ނަމަވެސް ރާއްޖެ ބައްޔަށް ބޭސްކުރަން ބޭނުންވާ ކަނދޮޅު ލިބުމުގައި އޭނާއަށް މިހާރު ދައްޗެވެ. ކަނދޮޅުގެ ދުއްޔާއިނުލާ އެ ފަރުވާއެއް ނުއެއް ދެވެއެވެ.

"ރާއްޖެ ބައްޔަށް ފަރުވާ ކުރަން ބޭނުންވާ ކަނދޮޅު ލިބެން އެންމެ ދަތީ، ކައިރި ފަޅު ރަށްރަށުން ވެސް އޮންނަނީ ނުލިބިފަ، ނ. އަތޮޅުން ނޫނީ ލ. އަތޮޅާއި މާލެ އަތޮޅު ކާށިދޫއިން މިޖެހެނީ ގެންނަން، އެއީ ފުދޭ ވަރަކަށް އުނދަގޫ ކަމެއް. ފަޅުރަށެއް ލިބޭނެ ނަމަައޭ ހިތައް އަރާ ކަނދޮޅު ހައްދަން،" އާމިރާ ބުންޏެވެ.

ބޭސްކުރަން އާމިރާ ގާތަށް މިރަށަށް އައިސް ތިބޭ މީހުނަށް އާމިރާގެ ގޭގައި ދެ ކޮޓަރިއެއް ހާއްސަކޮށްފައި ވެއެވެ. ބަލި މީހުން ގިނަ ވެއްޖެނަމަ ރައްޓެހިންގެ ގޭގޭގައިވެސް ތިބުމުގެ އިންތިޒާމްތައް ހަމަޖައްސައި ދެއެވެ. އަދި އިތުރު ގޮތެއް ނެތްނަމަ އާމިރާގެ އަމިއްލަ ކޮޓަރީގައި ވެސް ބަލި މީހާ ބާއްވަ އެވެ.

"މިގޭގަ ހުންނާނެ ބޭސްކުރާ މީހުން ތިބޭނެ ދެ ކޮޓަރި! އިތުރަށް މީހުން އައިސްފިނަމަ މިރަށުގެ ރައްޓެހިން ގާތުގައި ބުނެގެން އެ ގެއެއްގައި ބައިތިއްބަނީ. ޗުއްޓީ ތެރޭ ގުޅާފާނެ ފަސް ހަ ގްރޫޕެއްގެ މީހުން އެއްފަހަރާ... މި ބޭހަކީ ވަރަށް ހަޑިވެ ގަދައަށް ވަސް ވެސް ދުވާ ބޭހެއް، ވަރަށް ގާތް ރަހުމަތްތެރިއެއް ނޫނިއްޔާމު މީހުންނެއް ނުބަހައްޓާ، މާލޭގައި ބޭހަށްދާ މީހުން ތިބެނީ ގިނަ ފަހަރަށް ވަރަށް އަގު ބޮޑުކޮށް ތަންތަން ހިފައިގެން، އަޅުގަނޑު މި ގޭގައި މި ބަހައްޓަނީ 150 ރުފިޔާއަށް، އަދި ކެއުމަަށް އަގެއް ނުލަން،" އާމިރާ ބުންޏެވެ.

އަޅުގަނޑު މިހާތަނަށް ބޭސްވެސް ކުރަނީ އަގެއްވެސް ކިޔައިގެނެއް ނޫން، އެމީހަކު ހިތުން ރުހުމުން ދިން އެއްޗެއް، ދުވަހަކުވެސް ހިތަކަށް ނާރާ އަގެއް ކިޔައިގެން މިކަން ކުރާނަމެކޭ، އަޅުގަނޑު ކުރާ މަސައްކަތަށްވުރެ އަގު ބޮޑިއްޔާމު ނުވެސް ހިފަން، ބޮޑަށް މިކުރަނީ އިންސާނީ ހިދުމަތެއް، އާންމުދަނީއެއް ހޯދުމަށްވުރެ ބޮޑަށް، ތެޔޮ ދަމަން ވެސް ވަރަށް ގިނައިން މީހުން އަންނާނެ، އެކަމަށް އެއްވެސް އަގެއް ނުނަގަން،
ކެންދޫ އާމިރާ | ދިވެހި ބޭސްވެރިޔާ

އާމިރާގެ ނަޒަރުގައި ދިވެހި ބޭހުގެ މަސައްކަތަކީ އާންމުދަނީއެއް ހޯދުމަށްވުރެ ބޮޑަށް އޭނާ އިންސާނިއްޔަތަށްޓަކައި ކޮށްދޭ ހިދުމަތެކެވެ. އޭނާ އެކަމަށް ވަކި އަގެއް ވެސް ކަނޑައަޅާފައެއް ނޯވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަގު ކިޔުމުގެ ވިސްނުމެއް ނެތެވެ. އޭނާ ބުނާ ގޮތުގައި ބޭސް ކޮށް ދިނުމުން ހިތްހާލެއްގެ ގޮތުގައި މީހަކު "ހިތުން ރުހުމުންދޭ އެއްޗެއްގައި ހިފާނީ" އެބެ.

"ކޮށްދިން މަސައްކަތަށްވުރެ ދޭ އަގު ބޮޑުވެއްޖެނަމަ އެ ފައިސާގައި މިހާތަނަށް ވެސް ހިފާފައެއް ނުވާނެ،" އޭނާ ބުންޏެވެ.

"އަޅުގަނޑު މިހާތަނަށް ބޭސްވެސް ކުރަނީ އަގެއްވެސް ކިޔައިގެނެއް ނޫން، އެމީހަކު ހިތުން ރުހުމުން ދިން އެއްޗެއް، ދުވަހަކުވެސް ހިތަކަށް ނާރާ އަގެއް ކިޔައިގެން މިކަން ކުރާނަމެކޭ، އަޅުގަނޑު ކުރާ މަސައްކަތަށްވުރެ އަގު ބޮޑިއްޔާމު ނުވެސް ހިފަން، ބޮޑަށް މިކުރަނީ އިންސާނީ ހިދުމަތެއް، އާންމުދަނީއެއް ހޯދުމަށްވުރެ ބޮޑަށް، ތެޔޮ ދަމަން ވެސް ވަރަށް ގިނައިން މީހުން އަންނާނެ، އެކަމަށް އެއްވެސް އަގެއް ނުނަގަން،" އާމިރާ ބުންޏެވެ.

މި ރަށު އަންހެނުން މިސްކިތުގެ އިމާމްކަން ވެސް ކުރާ އާމިރާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފަރުވާ ހޯދަން އަންނަ މީހުން ބަލި ފަސޭހަވެގެންދާ މަންޒަރު ފެނުމެވެ. ހާއްސަކޮށް ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ފަރުވާތަކަށް ބޭސްކޮށް ރަނގަޅު ކޮށްދެވުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އޭނާ ބުނި ގޮތުގައި އޭނާގެ އަތުން ފަރުވާކުރި އެއްވެސް މީހަކު މިހާތަނަށް ނާއުންމީދު ވެގެނެއް ނުދެ އެވެ.

"އަތުލަފި ކޮށްގެން މިރަށަށް ގެންނަ މީހުން ވެސް ހިނގާލާފަ ދާމަންޒަރު ފެނުމުން އެއީ އެންމެ އުފާވާ ކަމަކީ، ޑޮކްޓަރުން އުންމީދު ކަނޑާލާފައިހުރި މިސާލަކަށް ކަށިގަނޑު ގުދުވެފައި ހުރީމަ ރަނގަޅެއް ނުވާނޭ ބުނެފައި ހުރޭ. އެހެން ތިބި ވަރަށް ގިނަ މީހުންގެ އެ ކަންކަން ރަނގަޅުވެގެން ދާތީ ވަރަށް އުފާވޭ، މިވީހާ ތަނަށް އަޅުގަނޑު ބޭސްކުރި މީހަކު ނާއުންމީދުވާން ޖެހިފައެއް ނެތް" އާމިރާ ބުންޏެވެ.

ދިވެހި ބޭސްވެރިކަން ކޯސްތައް ވެސް ފުރިހަމަކޮށް އެ ދާއިރާއި އިތުރަށް ކިޔަވާފައިވާ އާމިރާގެ އެންމެ ބޮޑު އަމާޒަކީ އާއިލާގެ ތެރެއިން އޭނާއަށް ވާރުތަވި ބޭސްވެރިކަން އޭނާގެ ދަރިންނަށް ވެސް ދަސްކޮށްދިނުމެވެ.

"ދަރިން މި ދާއިރާއަށް ވާނީ މިހާރު ވެސް ނެރެފަ، އެއް ކުއްޖަކު ކޯސް ހަދައިގެން މިހާރުވެސް މާލޭގައި ތެޔޮ ދަމާނެ، އަނެއްކުއްޖާ އިންޑިއާގައި ބޭހުގެ ކޯސް ހަދައިގެން އުޅެނީ، ވަރަށް އުފާވޭ ކުދިންވެސް މިކަމުގައި އުޅޭތީ،" އާމިރާ ބުންޏެވެ.

މާޅޮސް މަޑުލު ދެކުނުބުރިއަށް ޝަރަފުވެރި ހިދުމަތްކޮށްދެއްވާ ފަރާތްތަކަށް ދޭ "ރަންނަ އެވޯޑް" ހާސިލްކޮށްފައިވާ އާމިރާ އުންމީދުތައް ހުރީ ދިވެހި ބޭސްވެރިކަން ފުޅާކޮށް އަންނަ ޖީލުތަކަށްވެސް ވާރުތަކޮށްދޭށެވެ.