އިއްޔެ އޮފީހުން ނިކުމެވުނީ ބަންގި އިރު ފޮހޭން ދަނިކޮށެވެ. މާލޭގެ ވަރުގަދަ ޓްރެފިކްުގައި ބަންގި ގޮވުމުގެ ކުރިޔަށް ގެއާ ހަމައަށް ނުފޯރާނެތީ ދެން ބެލީ މިސްކިތުން ކޯ ދޮވެލައި މަޣްުރިބު ކޮށްލައިގެން ގެއަށްދާށެ. އެހެންނާ މަޣުރިބަށް އަރަނީ ގެއިން ރޯދަ ވީއްލައިގެނެވެ. އިއްޔެ އެގޮތް އެކޮޅުކޮޅުން ޖެހުނީ އެވެ. މިސްކިތާ ދިމާއަށް ބެހެއްޓީ މިސްކިދޮށުން ރޯދަ ވީއްލަން ގޮސް ތިބޭނެ މީހުންނާ ސަލާންކޮށްލައި އެ މީހުންނާއެކު އިށީނދެލައި ހިތް ހަމަޖެހިލައިގެން ރޯދަ ވީއްލަން ވެސް ހިތުލައިގެނެވެ. އަދި މިސްކިތު ރޯދަވީއްލުމެއްގެ ތަޖުރިބާ ލިޔެލާ ވެސް ހިތުންނެވެ. މި ހިޔާލުތަކުގައި ގޮސް ސޯސަން މަގު އިބްރާހިމް މިސްކިތާ ހަމަކޮށްފީމެވެ.
އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މިސްކިތު ގޯތި ތެރެއިން ފެށިގެން ގޮސް ބޭރުން ދުވާހާރާ ހަމަޔަށް ދަމާލާފައި އޮތް ދިގުު ކިއޫ އެކެވެ. އެ ސަފުގެ އެއްކޮޅުން އަނެއްކޮޅަށް ތިބީ ހުސް ބިދޭސީންނެވެ. ބައެއް މީހުން ތިބީ ހުސްއަތާ، ރޯދަ ވީއްލާނެ އެއްޗެއް ހޯދަން މަޑުކޮށްގެނެވެ. އަނެއްބައި މީހުންގެ އަތުގައި ހުރި ކޮތަޅުތަކުގައި ހެދިކާ އާއި ކަދުރާއި ޖޫސް ޕެކެޓްތަކާއި ފެންފުޅިތައް ހުއްޓެވެ. އެކަމަކު ވެސް ތިބީ ކިއޫގެ ފަހަތުގައި ވިއްދައިގެނެވެ.
މިސްކިތު ހަރިންމެ ތެރެއަށް ވަދެ ތަންކޮޅެއް ކުރިޔަށް ޖެހިލުމުން އެ ކިއޫގެ ކޮޅު ފެނެ އެވެ. އެންމެ ކުރީގައި ހުންނަނީ އުމުރުން ދުވަސްވީ ދިވެއްސެކެވެ. އޭނާއަކީ ހެދިކާއާ ޖޫހާއި އެކި ފަރާތްތަކުން މިސްކިތަށް ހަަދިޔާކޮށްފައި ހުންނަ ފެނާއި އެހެނިހެން ގިނަ އަދަދެއްގެ ތަކެތި ބަހާ މީހާ އެވެ. ކިއޫގެ ކުރީގައި ހުންނަ މީހާ އަތް އުފުލާލުމުން މުސްކުޅި މީހާ ކައިރީ ހުރި ހެދިކާ ފޮށިން ހެދިކާ މުށަކާއި ކަދުރުކޮޅެއް އަތަށް ލައިދެ އެވެ. އަދި ފެންފުޅިއެއް ވެސް ދިއްކޮށްލަ އެވެ.
ނަމަވެސް މިއިން އެއްވެސް ކަަމެއް މިތާނގައި މި ހިނގަނީ އެހާ އޮމާންކޮށެއް ނޫނެވެ. މިސްކިތުގެ މުޅި ގޯތި ތެރޭ ފުރާ ބިދޭސީން އޮންނަ އިރު މުޅި އެ ސަރަހައްދުގައި އޮންނަނީ އެ މީހުންގެ ގަދަބާރާއި ކޮއްޕާ ގެޅުވުމާއި ތަޅާ ފޮޅުމާއި ބާރު އަޑެވެ. ބިދޭސީ ލޭބާ ކްއާޓަރަކަށް ވުރެ މިތާނގެ ހާލު މާ ގޯހެވެ.
މި ކިއޫއިން އެހެން މީހަކު ކުރިޔަށް އަރާފާނެ ހެން ހީވިޔަސް ހަޅޭއްލަވައިގަނެ އެވެ. ޖޫސް ކޭސްތަކަށާއި މިސްކިތަށް ހެދިކާ އާއި ތައްޔާރީ ބާވަތްތައް ހަދިޔާ ކުރާ ގޭގެއިން ގެނެސްފައި ހުންނަ ތަކެއްޗަށް ބިދޭސީން ބައެއް ފަހަރު އަރައިގަނެ އެވެ. މިސްކިތަކަށް ރޯދަ ވީއްލަން އައިސް ތިބި ބަޔަކަށް ވުރެ ބޮޑަށް ސިފަ ވަނީ ބޭރު ގައުމުތަކުގައި ފަގީރުން ތިބޭ ސަރަހައްދަކަށް ރެޑްކްރޮސް ކަހަލަ ޖަމާއަތަކުން ކާބޯތަކެތީގެ ސަޕްލައި ހިފައިގެން ދިއުމުން އަރައިގަނެގެން އުޅޭހެނެވެ. މީހަކަށް މިސްކިިތަކަށް މަގުމައްޗަކަށް ބެލުމެއް ނެތެވެ. އެންމެ ގިނައިން އެންމެ މީރު އެއްޗެހި ހޯދަން ބިދޭސީންގަނޑު ތެޅި ފޮޅެނީ އެވެ.
ބިދޭސީންގެ އަޑުގަދަ ކުރުމާއި ކިއޫގައި ތިބި މީހުން އެކަކު އަނެކަކު ކޮއްޕާ ގަޅުވާ ހެދުމުގެ އިތުރުން ޖޫސް ޕެކެޓުތަކާއި ފެންފުޅިތައް ބަހާ މީހަކު އެއިން ކިއޫއާ ކައިރިވެލައިފި ނަމަ ވަނީ އެ މީހަކުވެސް ވެސް ރޮލައި ކާލައިފާނެ ހެންނެވެ. ޖޫސް ޕެކެޓުތައް ހޯދުމަށް ބިދޭސީން އަރައިގަނެ އެ ހުސްކޮށްލި އެވެ. ނުލިބުނު މީހުން ފަހަތުން ހަޅޭއްލަވައި ޝަަކުވާ ކުރެ އެވެ.
ކާ އެއްޗެއްސަށް ކެތް މަދުވެފައި ތިބި ބިދޭސީންގެ އިއްޔެ އިބްރާހިމް މިސްކިތުގެ ހަރިންމައިގެ ތެރޭގައި އުޅުނު ގޮތުން ހެދި ހެދިކާ ބަހަން ހުރި ދުވަސްވީ މީހާ ވެސް ހުރީ ވަރަށް ޕްރެޝަރުގަ އެވެ. ކިއޫ ފަޅާފައި އައިހެން ހީވާ މީހެއް ވެއްޖެއާ ބަވާލާފައި އަނބުރާ ފޮނުވާލެވޭތޯ ބެލިއަސް ރުޅި ގަދަ ވެގެން ގޮސް ގޮވާ ހުތުރު އެއްޗެހީން އެ ބޭބެގެ ރޯދައަށް ގެއްލުވާނެއޭ ވެސް ހިތަށް އެރި އެވެ.
"މިއީ އާ ކަމެއް ނޫން، މިހާރު ކޮންމެ މިސްކިތެއްގައި ވެސް ރޯދަ ވީއްލާ ވަގުތު ރަސްކަން ކުރާނީ މި މީހުން, އަދަބެއް އަހުލާގެއް ވެސް ނޯވޭ،" ބިދޭސީން އުޅޭ ގޮތް ބަލަހައްޓައިގެން ހުރި ދިވެއްސަކު ބުނެލި އެވެ. އަދި މިސްކިތް ތެރެއަށް ވަނތް ކުރު ސޯޓެއް ލައިގެން ހުރި ބިދޭސީއަކު ދެއްކުމަށް ފަހު އޭނާ އިތުރުކޮށްލި އެވެ "މި ހުރީ ހަމަ ނަމާދު ކުރުމުގެ ނިޔަތުގައި އަންނަ މީހުންބާއޭ ވެސް ހިތަށް އަރާ. މި މީހުންގެ އަރާރުންވުންތަކާއި ކާއެއްޗެއްސާ ހެދި ކޯޅުން ވަރަށް ބޮޑު. މުޅި މިސްކިތް ހަރާބުކޮށްފާ ދާނެ، މިކަން ބަލާނެ ބަޔަކު ނެތް. މި ސަގާފާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ކޮންމެވެސް ކަމެއް ކުރަންޖެހޭ، މިހެން ނޫޅުނަސް ރޯދަ ވީއްލޭނެ"
ކާ އެތިކޮޅު ލިބުމުން ކިއޫއިން ނެއްޓިގެން ދާ މީހުން ދެން ދުއްވައިގަންނަނީ މިސްކިތު ގޯތި ތެރެއިން އިށީންނާނެ ޖާގައެއް ހޯދާށެވެ. މިސްކިތުގެ ކަންކަނުގަ އާއި ސިޑި ބަރީގެ އެތަން މިތާ ގްރޫޕު ހަދައިގެން ތިބެ އެވެ. ބައެއް މީހުން ކާ އެއްޗެހި ބަހައްޓަނީ ފެން ކޭސް ހުސްކުރި ކަރުދާސް ފޮށިގަނޑު މަތީގަ އެވެ. އޭގެ މަތީގައި ކާ އެއްޗެހި އަތުރައިގެން އެ ވަށާލައިގެން ބިދޭސީންތައް ބަންގީގެ އިންތިޒާރުގައި މަޑުކޮށްގެން ހަރު އަޑުން އޮލަކޮށް ވާހަކައި މެހި ފޮޅާލަ ފޮޅާލައި ތިބެ އެވެ. ޖާގައެއް ނުލިބޭ ނުވަތަ އެކަނި މިތަނަށް އުޅޭ ބައެއް މީހުން އަތް މައްޗަށް ދެތިން ހެދިކާ ލައިގެން ކޮޅަށް ވެސް ތިބެ އެވެ.
ހަމައެކަނި ދިވެއްސެއްގެ ވާހަކަ އަޑު އަހައިގެން މިކަން ނިންމާލެވޭކަށް ނެތެވެ. ސިޑި ބަރީގައި ތިބި ބިދޭސީންތަކެއް ކައިރީ އަހަރެން އިށީންދެލައި ނިތް އަރުވާލައިފީމެވެ. އަދި މިސްކިތަށް ރޯދަ ވީއްލަން އަންނަނީ ކީއްވެތޯ ވެސް އަހާލީމެވެ.
"ގެސްޓް ހައުސްގައި ވެސް ކާން ހުރޭ އެކަމަކު ކާ ނިންމާލައިގެން ސީދާ ނަމާދު ކުރަން އަންނަނީ. އެކަމަކު ބައެއް މީހުން މިތަނަށް އަންނަނީ،" ވަރަށް ކުރުކޮށް ބިދޭސީއަކު ޖަވާބު ދިނެވެ. ނަމަވެސް މީގެ ބޮޑު މަންޒަރު ރަނގަޅަށް އޮޅުން ފިލީ ދިނީ ޖެހިގެން ހުރި ވަރަށް ފަރިތަކޮށް ދިވެހި ބަހުން ވާހަކަ ދައްކާ ބިދޭސީ މީހާ އެވެ.
"މިތަނަށް އަންނަ ގިނަ މީހުން އެހާ ރަނގަޅެއް ނޫން އުޅޭ ގޮތެއް. ގިނަ ވާނީ ވިސާ ނެތް މީހުން. އެ މީހުން އަތުގައި މާ ގިނަ ލާރި ނެތީމަ ގިނަ ފަހަރަށް ހިލޭ ލިބޭ ތަނަކުން ކާން އަންނާނީ، އައިސް އުޅެނީ މިގޮތަށް. އެކަމަކު އެ މީހުން ވެސް ރޯދަ ވީއްލާނެ ރަނގަޅު މީރު ކާ އެއްޗެހި ބޭނުންވާނެ ދޯ. އެހެންވެ އެ އަންނަނީ،" އޭނާ ބުންޏެވެ.
ވާހަކަ އަޑު އަހަން އިނދާ ބަންގި ގޮވަން ދެތިން މިނެޓަށް ވެއްޖެ އެވެ. އޭރު އަދި އަހަރެން ރޯދަ ވީއްލާނެ ގޮތަކާ މެދު ވިސްނާ ވެސް ނުލެވެ އެވެ. ޔަގީނުން ވެސް ކިއޫއަށް އެރުމަކީ އޮޕްޝަނެއް ނޫނެވެ. އެއަށް ވުރެ އެތަން ހަލަަބޮއްޔެވެ. ކިއޫއަށް އަރައިގެން ރޯދަ "އަނގައި ބޭރުވާކަށް" ބޭނުމެއް ނުވި އެވެ. އެހެންވެ ވުލޫކޮށްލައިގެން ވަނީ މިސްކިތުގެ ނަމާދު ކުރާ ބައިގެ ތެރެއަށެވެ. ބޭރުގައި ހުރި ގަދަ އަޑުފަށްގަނޑު މިސްކިތް ތެރެއަށް ވެސް އިވެ އެވެ. އެތެރޭގައި އެންމެން ތިބީ ވަރަށް މަޑު މަައިތިރި ކަމާއެކު އަޅުކަމާއި ދުއާ ކުރުމުގަ އެވެ. މުޅީން ވެސް ދިވެހިންނެވެ، ކޮންމެ މީހެއް ކައިރީ ފެންފުޅިއެއް ހުއްޓެވެ. އަހަރެން ވެސް ސަފުގައި އިށީންދެލުމުން މީހަކު އައިސް ހިނިތުންވުމަކާއެކު ތިން ކަދުރާއި ފެންފުޅިއެއް ދިއްކޮށްލި އެވެ.
ބަންގި ގޮވުންވީ އަޖައިބަކަށެވެ. ބޭރުގައި ހުރި އަޑުފަށްގަނޑު އެކަށް އެ ކެނޑުނީ އެވެ. އެންމެން ކެއުމަަށް ގޮސް ހުސްވެފަ އެވެ. އަރާރުންވުމާއި ހަލަބޮލިކަމެއް ނެތެވެ. ވަރަށް ވެސް ހަމަހިމޭން ވެއްޖެ އެވެ. މިސްކިތް ތެރޭގެ މާހަައުލު ފެނި ވަރަށް ވެސް ހިތް ހަމަޖެހުނެވެ. އެންމެން ވެސް ކަަދުރުކޮަޅަކާއި ފެންފޮދަކުން ރޯދަ ވީއްލާލަަނީ އެވެ. ބައެއް މީހުން ތެދުވެ ފަހަތު ސަފުތަކުގައި ތިބި މީހުންނަށް ކަަދުރު ބަހާ ހަަދަ އެވެ. ސަލާމްކޮށްލައި ވެސް ހަދަ އެވެ. އުންމީދުކޮށްގެން ހުރި އަމާން މަންޒަރު ފެނުނީ އަދި ކިރިޔާ އެވެ. ކާ ނިމުމަށް ފަހު އިރުކޮޅެއްގެ ތެރޭގައި ބޭރުގައި ތިބި ބިދޭސީންތައް ވެސް މިސްކިތަށް ވަދެ، ސަފުތައް ފުރާލި އެވެ. އެއަށް ޖަމާއަތުގައި ނަމާދު ކުރަން ފެށި އެވެ.
ނަމާދަށް ފަހު މިސްކިތުން ނިކުތް އިރު ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. ބިދޭސީންތައް ކައި ހެދުމަށް ފަހު ކުނިތައް މިސްކިތު ގޯތި ތެރެއަށް އުކާލައިފަ އެވެ. ފެންފުޅި ހުސްކުރި ފޮށިތަކާއި ކަރުދާސްތަށިތަކާއި ޕްލާސްޓިކް ފެންތަށިތަކެވެ. މިނޫން ގޮތެއް ހޯދައިދޭން އިސްލާމިކް މިނިސްޓްރީން ބާރެއް އަަޅަން އެބަޖެހެ އެވެ.