ދަތުރުވަރެއްގައި ކެންދޫއަށް ދާންވާނެ!

ކެންދޫން: ނާޒިމް ހަސަން

"ބެޓާ އިން ބާ"ގެ މާޅޮހުގެ ވެލިމަލައިގެ ވާހަކަ ކިޔައިދޭ ގޮތަށް މި އަތޮޅުގެ ކެންދޫގެ ވާހަކަ ވެސް ދެއްކިދާނެ އެވެ. މި ކެންދޫގެ ބަނދަރު މަގާއި ވެލިމަލައަކީ "ޖަޒީރާ ރާއްޖޭ" ގެ އަސްލު މަންޒަރުތަކޭ ވެސް ބުނެވިދާނެ އެވެ.

ރަށުގެ ބަނދަރު މަގަކީ މި ރަށުގެ އެންމެ ހިތްގައިމު އަދި އެންމެ މުހިންމު މަގެވެ. ބަނދަރާ ޖެހިގެން އޮންނަނީ މަގުގެ އެންމެ ހިތް ފަސޭހަ ބައެވެ. މި މަގަކީ ރަށަށް ވަރަށް މުހިންމު މަގަކަށްވާ އަނެއް ސަބަބަކީ ރަށުގެ ކައުންސިލް އިދާރާ ލައްވާލަނީ މި މަގަށް ކަމަށްވާތީ އެވެ.

މިއީ ހިމުން ވެލިގަނޑެއް އޮންނަ އަދި މާ ފުޅާ ނޫން މި މަގު އޮންނަނީ އެއްކޮށް ހިޔާވެފަ އެވެ. މަގުގެ އެއް ފަރާތުގައި ގޯތިތަކެއް އޮތް އިރު އަނެއް ފަރާތުގައި އޮތީ ރުއް ގަހެވެ. ފިނި މައިޒާންތަކާއި ޖޯލިފައްޗެވެ. ދެން ވެލިމަލަ އެވެ. މަގާއި ވެލިމަލައާ ދެމެދު ހުރި ރުއް، ގަސްތަކުގެ ތެރެއިން އަންނަ ރޯޅިތައް ގައިގައި ޖެހިލާފައި ދެ އެވެ.

ފޮޓޯ ނަގަން ލޯބި ކުރާ މީހުން އަންނަންވީ މިތަނަށެވެ. މި މަގުގެ ކޮޅުގައި ހުރެ ފޮޓޯއެއް ނަގާލުމުންވާނީ ހަމަ ވަރަށް ފުރިހަމަ ފޮޓޯއަކަށޭ ހިތް ބުނެ އެވެ. އަހަރެން ވެސް ކެމެރާއަށް ފުރަގަސްދީގެން މި މަގުގައި ހުރެ ފޮޓޯ ނަގާލީމެވެ. އެވީ މިހާތަނަށް ނެގުނު އެންމެ ހިތްހަމަޖެހޭ އެއް ފޮޓޯ އެވެ.

ދުވާލެއްގެ ހެނދުނު ވަރަށް ގިނަ ވަގުތު މި މަގުގައި ހޭދަކުރެވުނު އިރުވެސް ފޫއްސެއް ނުވެއެވެ. ހިޔާދީފައިވާ ބޮޑު ގަހެއްގައި އެލުވާފައި އޮތް އުނދޯއްޔެއްގައި އޮވެވުނު ގޮތް ހިޔާލަށް ގެންނަން ދައްޗެވެ. މި ކެންދޫގެ މި ގަސް ދޮށުގެ މި އުނދޯލީގައި ކިތަންމެ އިރަކު އިންނަން ޖެހުނަސް ފޫއްސެއް ނުވާނެ އެވެ.

މިއީ ކެންދޫގެ ޖަޒީރާ ދިރިއުޅުމުގެ ބައެކެވެ. ކުރިމަތީގައި ހުރި އަށްޓެއްގައި އަހަރުވެސް ނުވާ ތުއްތު ދަރިފުޅު ގޮވައިގެން މަންމައަކު އިނެވެ. އޭނާގެ ވަށައިގެން އުމުރުން ފަސް ވަރަކަށް އަހަރުގެ އަނެއް ދަރިފުޅު ދުވެލައި ކުޅެލައި ހަދަ އެވެ. ކާނި ގަހަށް ފައިވާން އެއްލަ އެވެ. އެ ފައިވާން ކިބަ ނަގަން ހަލުއިކޮށް ގަހަށް ވެސް އަރައި އުޅެ އެވެ.

އަނެއް ކޮޅުގައި ހުރި ޖޯލީ ފަތީގައި ދެބައި އުމުރުގެ ޖަމާއަތެއް ތިބީ އޮލަ ވާހަކައެއްގަ އެވެ. ބެލެވޭ ގޮތުގައި ސިޔާސީ ބަހުސެކެވެ. ޖެހިގެން ހުރި ޖޯލި ފަތީގައި ވެސް އާއިލާއެއް އޮތެވެ.

ކެންދޫ ވެލިމަލައިގެ ބޮޑު ބޮޑު، ހުދު ހުދު، ވެލިގަނޑު މަތީ ކުޅެން އެހެން ކުދިންތަކެއް ވެސް އުޅެ އެވެ. ރަތްދައްކާ އަވީގަ އެވެ. އެކަމަކު ފަރުވާލެއް ނެތެވެ. ގޭގައި ސްކްރީނަކަށް ބަލަހައްޓައިގެން ތިބެން އެ ކުދިން ބޭނުން ނުވަނީ ކަން ނޭނގެ އެވެ. ޖޯއްޔެއްގައި ގިޓާ ކުޅެލަން ތިބި ޒުވާން ގުރޫޕެއް ވެސް ފެނުނެވެ. ވަލު ތެރޭ ކުކުޅު ފިޔޮއް ދުވާ ތަން ވެސް ފެނެ އެވެ.

މި މަންޒަރުތަކަކީ ރާއްޖޭގެ އެހެން ގިނަ ރަށްރަށުން އަދި ވެސް ފެންނާނެ މަންޒަރުތަކަށް ވެދާނެ އެވެ. އެކަމަކު، ކެންދޫގައި ހިތްގައިމު ކަމެއް އެބަ ހުއްޓެވެ. މާބޮޑު މަޝްހޫރު ކަމެއް ނެތް، ނޫނީ ޕްރޮމޯޓްވެފައި ނެތް މި ރަށަކީ ވެސް ދަތުރުވަރެއްގައި ޖައްސާލައި ހިތުގެ ނުތަނަވަސްކަން ބޭރުކޮށްލަން ހަމަ އެއްވަނައިގެ ރަށެކެވެ. ލިސްޓްގެ އެންމެ ކުރިއަށް ކެންދޫލާފައިވާ ބާއްވާށެވެ.