ފޭސްބުކުން ފެނުނު ޕޯސްޓެކެވެ؛ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން، އޭނާގެ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓެކެވެ. އޭގައި އޭނާ ވިދާޅުވެ ދެއްވާފައި ވަނީ ރޯދަ ކުރުކޮށްލަން އޭނާ އެ ދުވަހު އިންނެވީ އުފަން ރަށް، ބ. ކެންދޫގެ ރީތި ބީޗުގައި ކަމެވެ. އެ ވާހަކައެއް ނޫނެވެ. އެ ޕޯސްޓުގެ ދެ ޖުމްލަ ދޭތެރޭއިން ފެންނަ "ވެލިމަލަ" މި ލަފުޒުގައި އަޅައިގަންނަ ގޮތެއް އެބަވެ އެވެ.
"ވެލިމަލަ" ބޭނުންކޮށް ބްރެކެޓެއްގެ ތެރޭގައި "ބީޗް" ލިޔެފައި އޮވެ އެވެ. އެހިސާބުން "ވެލިމަލަ" ނިސްބަތްކޮށްފައި ވަނީ ބީޗަށަށްކަން އެނގުނެވެ. މީހަކު އެގޮތަށް އެ ލަފުޒު ބޭނުންކުރި ތަން މި ފެނުނީ ފުރަތަމަ ފަހަރަށެވެ. އެހެން ނުވިޔަސް މި ލަފުޒު ވަރަށް ކިޔާލަން ރީއްޗެވެ. ރަދީފުގައި އެ ބަހެއް ނެތެވެ. އެއީ އާ ބަހެއް ކަމަށް ބެލެވެ އެވެ.
ސޯޝަލް މީޑިއާގައި އެއީ ކެންދޫ ބީޗަށް ކިޔާ އުޅޭ ނަން ކަމަށް ދޭހަވާ ގޮތަށް މީހުން ކޮމެންޓްކޮށްފައި ހުއްޓެވެ. އެކަމަކު އެހެނެއްވެސް ނޫނެވެ. ކަންދިމާކުރި ގޮތުން ހަމަ އެ ދުވަހު ކެންދޫން އަލީ ހުސެއިނާ ބައްދަލުވި އެވެ؛ އެންމެ ފުރަތަމަ ވެސް އަހައިލެވުނީ "ވެލިމަލަ" އިގެ ވާހަކަ އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި "ވެލިމަލަ" އެ ލަފުޒަކީ ރާއްޖެ ވަށައި ކެޓަމަރާނެއްގައި ބުރު ޖަހައި މަޝްހޫރުކަން ހޯދި އަބްދުލް ގަފޫރު އަަލީ (ގައްބެ) އުފެއްދުމެކެވެ.
ރާއްޖޭގެ ރީތި ބީޗްތަކަށް "ގޮނޑުދޮށް" ނޫނީ "އަތިރިމަތި" ކިޔުމަކީ އޭނާއަށް ވެސް އަދި ގައްބެއަށް ވެސް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. ސާފުކޮށް ބަލަހައްޓަން ޖެހޭ ތަނަކަށް "ގޮނޑުދޮށް" ކިޔަން ޖެހޭ ސަބަބެއް ނެތެެވެ. އެއީ އަލީ ހުސައިން ގަބޫލު ކުރައްވާ ގޮތެވެ.
ރަދީފުގައިވާ ގޮތުން "ގޮނޑުދޮށް" އެއީ ދެފަސް ބެދުނު ހިސާބުން ފެށިގެން މޫދާ ދެމެދެވެ. ނޫނީ ބީޗެވެ. "އަތިރިމަތި" އެއީ އަތިރިޔާބެހޭ ހިސާބެވެ. "އަތިރިޔަށްދިޔުން" އަކީ ބޮޑުކަމު ދިއުމަށާއި ކުޑަކަމުދިއުމަށް އަތިރިމައްޗަށް ދިއުމެވެ.
އިހުގައި މި ބަސްތައް މިހެން އައިސްފައިވަނީ ހޭލުންތެރިކަން ކުޑުވުމާއި އޭރު ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން އަމަލުތައް ހުރި ގޮތުންނެވެ. އެގޮތުން އޭރު ރަށްރަށުގެ ބީޗަކީ ކުނި އަޅާ ތަނެވެ. ގޮނޑެވެ. ދެން އެއީ ފާހަނާ ކުރުމަށް ގޮސް އުޅުނު ތަނެވެ. އޭރަށް ބަލާނަމަ ބަސްތައް ދެރައެއް ނޫނެވެ. ފަހަރުގައި ބީޗަށް "ގޮނޑުދޮށް" ކިޔަން ބޭނުން ނުވާ މީހުން މިހާރު އުޅޭނެ އެވެ.
"ވެލިމަލަ" މި ބަސް ގައްބެ ގެނައީ އިހަށް ދުވަހަކު ނޫން ކަމަށް ވެއެވެ. ގައްބެ ބުނި ގޮތުގައި އޭނާގެ ޅަފުރާގައި ވެސް ބީޗަށް އޭނާ ކިޔައި އުޅުނީ ވެލިމަލަ އެވެ. އެ ބަަސް އޭނާ ހިޔާލަށް އައީ ރަށް ފެންނަ ފަށަށް "މަލަ މަތި" ކިޔާ އުޅޭތީ އެވެ. "މަލަ" އިގެ މާނައަކީ ދުރުން ފެންނަ ރަށެއްގެ ގަސްކަރަ އެވެ. އެހެންވެ، ގައްބެ ވިސްނުމަކީ ރަށުގެ ދޮންވެލިގަނޑަށް "ވެލިމަލަ" ކިޔުމެވެ.
ގައްބެ ބުނި ގޮތުގައި އޭނާ އުފެއްދި އެ ބަސް، ބަހުގެ އިސް ބައެއް ބޭފުޅުންނާ ވެސް ވާނީ ހިއްސާކޮށްފަ އެވެ. ނަމަވެސް އެކަމަށް އަދި އެންމެ އެދެވޭ ނަތީޖާއެއް ނުލިބެ އެވެ. ގައްބެ މި ބަސް، ބަސް ފޮތަށް އެރުމަކީ ވެސް އޭނާ އެދޭ ކަމެކެވެ.