އަބަދުމެ ނިއުމަތްތަކަށް ޝުކުރުވެރިވާންޖެހޭ!

ކަންކަމުގައި ޝުކުރުވެރިވުމާއި ބެހޭގޮތުން ކުދިންނަށް ފިލާވަޅު ނަގައި ދެވިދާނެ އެވެ. އަދި އެއީ ވަރަށް މުހިންމު ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމަށާއި، ދިރިއުޅުމާއި ދޭތެރޭ ދެކޭގޮތް ހެޔޮގޮތަކަށް ބައްޓަންކޮށް، ދިރިއުޅުން އުޖާލާ ކުރުމަށް ޝުކުރުވެރިވުމަކީ ވަރަށް މުހިއްމުކަމަކަށްވާއިރު ދަރިންގެ ކިބައިގައި އަބަދުވެސް ޝުކުރުވެރިވުމުގެ އާދަ އަށަގެންނުވުމަކީ ވަރަށް މުހިއްމުކަމެވެ.

ޝުކުރުވެރިވުމަކީ ކޮބާ؟

ޝުކުރުވެރިވުމަކީ މީހަކު ކޮށްދޭ ކޮންމެ ކަމެއް ހިތުން ގަބޫލުކޮށް ދުލުން އެވާހަކަ ބުނުން ނުވަތަ އަމަލުން އެކަން ބަލައިގަންނަކަން ދެއްކުމެވެ. ހަޔާތުގައި ދެރަކަމެއް މެދުވެރިވެރިވިއަސް ކުރިން މެދުވެރިވެފައިވާ ރަނގަޅުކަންކަން ހަނދާންކޮށް އެކަންކަމަށް ޝުކުރުވެރިވެ، ދެރަކަމެއް ދިމާވުމުން ވެސް އެއަށްވުރެ ގޯސް ހާލަތެއް މެދުވެރި ނުކުރެއްވި ކަމަށްޓަކައި ޝުކުރު ކުރުމަކީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމެވެ.

ޝުކުރުވެރިވުމަކީ ކޮބައިކަން ކުދިންނަށް ކިޔައިދޭށެވެ. ޝުކުރުވެރިވެވޭ ތަފާތު ހާލަތްތަކާއި ބެހޭގޮތުން ކުދީންނާއިއެކު މަޝްވަރާކޮށްލުމަށްފަހު، މި ހަރަކާތްތައް ކުރިއަށް ގެންދާށެވެ.

މާތް ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝުކުރުވެރި ވާނީ ކިހިނެއް ހެއްޔެވެ؟

"...ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ" -(ޤުރުޢާން 14:7)

ދެން އެކްސްޕެރިމެންޓެއް ކުރުވާށެވެ. މޭޒުމައްޗަށް ކޮއިންތަކެއް އަޅާލާށެވެ. އަދި ޓައިމަރު ޖައްސާފައި ކުދިން ގާތު އެ ކޮއިންތައް ހޮވާލުމަށް ބުނެ، އެކަމަށް ހޭދަވާ ވަގުތު ބަލާލާށެވެ. އެއަށްފަހު ކުދިންގެ ބޮޑުވާ އިނގިލި ޓޭޕުން ޝަހާދަތް އިނގިއްޔާ ތަތް ކޮށްލާށެވެ. ދެން އަނެއްކާވެސް ކޮއިންތައް ހޮވަން އިރުޝާދު ދޭށެވެ. ބޮޑުވާއިންގިލި ބޭނުން ނުކުރެވުމުގެ ސަބަބުން ކުދިންނަށް ކޮއިންތައް ހޮވަން އުނދަގޫ ވާނެއެވެ. ކުރިއަށްވުރެ ގިނަ ވަގުތުވެސް ނަގާނެ އެވެ.

ހަމަ މިގޮތަށް ބޮޑުވާ އިނގިލި ބޭނުން ނުކޮށް ޖޫސްތައްޓެއްގައި ހިފާނޭ ގޮތް، އަދި ކާނޭގޮތް ސިފަކޮށްލަން ކުދިން ގާތު ބުނާށެވެ، މިހާ ހިސާބުން، ހަށިގަނޑުގެ މިކުޑަ ކުޑަ އިނގިލީގެ މުހިއްމުކަން ކުދިންނަށް އިޚްސާސް ކުރެވެން ފަށާނެ އެވެ. މާތް ﷲ ދެއްވެވި މި ނިއުމަތަށް ޝުކުރުވެރިވާން އަވަހަށް ހަނދުމަކޮށްލައި ދޭށެވެ. އަލްހަމްދުﷲ އެއްކޮށް ކިޔާލާށެވެ. މިހާހިސާބުން ހިތުން ޤަބޫލޮކޮށް، ދުލުން ޝުކުރުވެރި ވެވުނީ އެވެ.

ދެން މީހުނަށް ޝުކުރުވެރި ވާނީ ކިހިނެއް ހެއްޔެވެ؟

ކީރިތި ރަސޫލާ ހަދީޘް ކުރެއްވިއެެވެ. "މީސްތަކުންނަށް ޝުކުރުވެރި ނުވާ މީހާ ﷲ އަށް ޝުކުރުވެރި ނުވެއެވެ" - (އަހްމަދު)

މިހަރަކާތް ކުރިއަށް ގެންދިއުމަށް، ދަރިފުޅު ގާތު އޭނާގެ ޚަޔާތުގައިވާ މީހުންނާއި، އެމީހުން ކޮށްދޭ ކަންތައްތަކާއި މެދު ސުވާލުކޮށްލާށެވެ. މަންމަ ކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ ބޭބެ ކޮށްްދެނީ ކޮންކަމެއް ހެއްޔެވެ؟ ތުއްތުބެ ދަރިފުޅާއިއެކު ފުޓުބޯޅަ ކުޅޭތީ އުފާވޭ ހެއްޔެވެ؟ ކާފަ މީރުހާ ފުރުޓާއި ޗޮކުލެޓު ދޭތީ އުފާވޭ ހެއްޔެވެ؟

އެއަށްވުރެ ދުރަށްވެސް ސުވާލުކޮށްލެވިދާނެ އެވެ. ބޭބެ ބަލިވުމުން ޑޮކްޓަރު ބޭސް ދެއެވެ. ކުނި އުކައި ދޭ ބޭބެމެންނާއި ދައްތަމެން ދިރިއުޅޭ މާހައުލު ސާފުކޮށް ބޭއްވުމަށް އެހީވެ ދެއެވެ. ޓީޗަރުން އަގުހުރި ފިލާވަޅުތައް ނަގައިދެއެވެ. މި މޭރުމުން ވާހަކަދެއްކުމަށްފަހު މިހުރިހާ އެންމެން ކޮށްދޭ ކަންތައްތައް ނުކޮށްދޭނަމަ، ދަރިފުޅުގެ ޚަޔާތަށް އަންނާނެ ބަދަލުތައް ވިސްނައި ދޭށެވެ.

ދެން ކުދިންލައްވާ އެ ކުދިން ޝުކުރުވެރިވާ ފަރާތަކަށް ރީތި ކާޑެއް ތައްޔާރުކޮށްލުވާާށެވެ. ނުވަތަ އެމީހުން ކޮށްދޭ ކަންކަން ފާހަގަކޮށް، ޝުކުރުއަދާކޮށް ސިޓީއެއް ލިޔުއްވާލުމަށްފަހު، އެ ސިޓީ ރައްދުވާ ފަރާތަށް ހަދިޔާ ކޮށްލާށެވެ. މިހާ ހިސާބުން އަމަލުން ޝުކުރުވެރިވެވިދާނެ ގޮތެއް ބުނެދެވުނީ އެވެ.

މިހާ ހިސާބުން ނިއުމަތްތަކާއި ލިބޭ އެހީތެރިކަމާމެދު ފުންކޮށް ވިސްނާ ފިކުރުކުރެވޭނެ އެވެ. ދެން "ގްރެޓިޓިއުޑް ބެނާ" އެއް ތައްޔާރުކޮށްލަމާ ހިނގާށެވެ.

މިބެނާ ތައްޔާރުކޮށްލުމަށް ކުދިން އެކަންކަމަށްޓަކައި ޝުކުރުވެރިވާ ދިހަވަރަކަށް ކަމެއް ގަނޑުކޮޅެއްގައި ލިޔުއްވާށެވެ. އެއަށްފަހު މި ކަރުދާސްކޮޅުތައް ވާފަށެއްގައި އަމުނާލާ ގޭތެރޭގައި ރީތިކޮށް އެލުވާލާށެވެ. ބައެއް މީހުން ބެނާ އެއްގެ ބަދަލުގައި ފަތްތަކެއް ސިފަ ވާކޮތަށް ކަރުދާސްކަފައި އޭގައި ލިޔެ ފާރުގައި ގަހެއްހެން ތަތްކޮށްލައެެވެ. އަނެއްް ބައިމީހުން ގަހެއްގެ ގޮފިކޮޅެއްގައި ކަރުުދާސްކޮޅުތައް އެލުވާލާފައި ވެސް ބަހައްޓައެވެ.

މީގެ ބޭނުމަކީ ކުދިންގެ ދިރިއުޅުމުގައިވާ ނިއުމަތްތައް ފާހަގަކޮށް އެއިން އިބްރަތް ލިބިގަނެ ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމެވެ. ރަސޫލާ (ސ.އ.ވ)ގެ ހަދީޘެއްގައި ވެއެވެ. "ތިޔަބައިމީހުންނަށްވުރެ ނިޢުމަތުގެ ގޮތުން ދަށް މީހުންނަށް ބަލާށެވެ. އަދި ތިޔަބައިމީހުންނަށްވުރެ ނިޢުމަތުގެ ގޮތުން މަތީ މީހުންނަށް ނުބަލާށެވެ" (މުސްލިމް)

އެހެންކަމުން ކުދިން ނޯޓުކޮށްފައިހުރި ކަންކަމާއި މެދު ކްރާފްޓުހަދާލުމަށްފަހު ވާހަކަ ދައްކާލާ، އެކުދިންނަށް ލިބިފައިވާ ނިއުމަތްތައް ނުލިބޭކުދިންގެ ވާހަކަތަށް ކިޔާދީ، ހިތުގައި ހަމްދަރުދީ އުފައްދުވާ، އަމިއްލަ މީހާއަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުން އިތުރުކުރުމަށް ނަސޭހަތްތެރިވާށެވެ.

ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ކުދިންނާއި އެކު އެދުވަހެއްގައި ދިމާވި ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކާލުމަށް އާދަކުރާށެވެ. އެދުވަހަކު ދިމާވި ކަންތައްތަކުގެ ތެރެއިން ޝުކުރުވެރިވާ ކަންކަން ނޯޓުކޮށްލާފައިބަހައްޓާށެވެ. ހަފްތާއެއް ނުވަތަ މަސް ދުވަސް ފަހުން ނޯޓުކުރެރުނު ކަންކަން އަލުން ކިޔާލާ ހަނދާން އާކޮށްލާށެެވެ. ﷲ ސުބުހާނަހޫ ވަތައާލާ ޤުރުއާނުގައި އެންގެވީ އެކަލާނގެއަށް ހަމްދުކޮށް ޝުކުރު ކުރުމަށެވެ. ﷲ އަށް ހަމްދުކުރުމަށް އެންމެ މުހިއްމު ސްޓެޕަކީ އެކަލާނގެ ދެއްވެވި ނިއުމަތްތަކާއި މެދު ވިސްނާ ފިކުރުކޮށް، ގިނަގިނައިން ހަނދާން އާކުރުމެވެ.