ރައީސް އަމީންގެ ރެސިޕީ: ކޮފީ ކޭކް

ބޭނުންތަކެތި

ގޮދަންފުށްގާ 2
އުއްސަކުރުގާ 2
ބަޓަރުގާ 1
މޭބިސްކަދުރުގާ 1
ކުކުޅުބިސް 4
ބުން ސަމުސާ 2
ބޭކިންޕައުޑަރު ސައިސަމްސާ 1
ކުޑަކުޑަ ގެރިކިރުފޮދެއް

ފިހާނެގޮތް

އެންމެ ފުރަތަމައިން، ބަޓަރާއި ހަކުރު ރަގަޅަށް އެއްކުރައްވާށެވެ. ދެން.. އާދެ! ދެން ކުކުޅު ބިހަކަށް ފަހު ކުކުޅު ބިހެއް، ބަޓަރާއި ހަކުރުގެ ތެރެޔަށް އަޅުއްވަމުން ރަގަޅަށް އެއްކުރައްވާށެވެ. ބިސް އެއްކުރައްވަމުން ގެންދަވާއިރު ފުށްވެސް އަޅުއްވަމުން އެއްކުރައްވަމުން ގެންދަވާށެވެ. ކޮންމެ ބިހެއް އަޅުއްވާފައި، ވަރަށް ރަގަޅަށް އެއްކުރައްވަންވާނެ އިގޭތޯ އެވެ؟ ... މޭބިސްކަދުރުކޮޅަކާއި ބުންކޮޅު އެހެން އެއްޗިއްސާ އެއްކުރައްވާށެވެ. ބުންކޮޅު އަޅުއްވާނީ، ވަރަށް ހިމުންކޮށް މުގުރުއްވަވާފައި ފެންފޮދެއްގައި ގިރާލައްވަވާފަ އެވެ..

އާދެ! ކިރު އަޅުއްވަވާށެވެ. ކިރު އަޅުއްވަވާނީ، ހުރިހައި އެއްޗެއް ރަގަޅަށް އެއްވުމަށްފަހު ސަމްސަލުން ކިރިޔާ އޮހޭ ނުއޮހޭ މިންވަރަށް ދިޔާކޮށް ހުންނަވަރަށެވެ. އެންމެ ފަހުން، ބޭކިންޕައުޑަރު ކޮޅެއް އެއްކުރައްވާށެވެ. ކޭކު ފިހާ ކަހަލަ، ދަޅުގެ އެތެރޭގައި ބަޓަރު އުގުޅުއްވަވާށެވެ. އޭގެ ތެރެޔަށް ގޮދަންފުށްކޮޅާއި، ހަކުރުކޮޅެއް ބުރުއްސަވައިލައްވާށެވެ. ދަޅުގެ ހަތަރުބައި ކުޅަ ތިންބައި ފުރޭ ވަރަށް، ތަައްޔާރު ކުރައްވަވާފައިވާ ފުށް އަޅުއްވަވާށެވެ. އުދުންމަތީ ބަހައްޓަވައިގެން 25 މިނިޓް އިރުވަންދެން ފިއްސަވާށެވެ.