ގެއްލިފައިވާ ރޯދަ ހުއްޓާ ޝައްވާލު މަހުގެ ހަ ރޯދަ ހިފިދާނެތަ؟

ރޯދަ މަހުގެ ގެއްލިފައިވާ ރޯދައެއް ހުއްޓާ ޝައްވާލު މަހުގެ ހަ ރޯދަ ހިފިދާނެ ހެއްޔެވެ؟

ދަންނަބޭކަލުންގެ މެދުގައި މިކަމާމެދު ޚިލާފެއް އެބަ އޮތެވެ. އެބަސްފުޅުތަކުގެ އަލީގައި ދެންނެވޭނީ އެންމެ ހެޔޮކަން ބޮޑު ގޮތަކީ ޤަޟާކުރަންޖެހޭ ފަރުޟު ރޯދަ ސުންނަތް ރޯދައިގެ މައްޗައް އިސްކުރުމެވެ.

ޙަދީސްގައިވެސް އައިސްފައިވަނީ "ފަރުޟު ރަމްޟާން މަހު ރޯދަ އަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ."

މިހެންކަމުން ރަމަޟާން މަހުގެ ރޯދަ ތަކުގެ ތެރެއިން ޤަޟާކުރަން ޖެހޭ ރޯދައެއް ވެއްޖެ ނަމަ، އޭނާ ޖެހޭނޭ އެރޯދަތައް ފުރިހަމަ ކުރުމަށެވެ. އެހެނީ އެއީ ފަރުޟެވެ. ހަ ރޯދަ އަކީ ސުންނަތް ރޯދައެކެވެ. ﷲ ގެ ދަރަނި އަދާކުރުން ވާޖިބެވެ. މިދެންނެވީ އައުލާވެގެންވާ ގޮތެވެ. ފަރުޟު ރޯދަ ޤަޟާކުރުމުގެ ކުރީން ސުންނަތް ރޯދަ ހިފުމަކުން ވެސް މައްސަލައެއް ނެތެވެ.