ކުޅުދުއްފުށިން: ޓަގެއްގައި މަށިމާލިތައް ދެއްކި މެސެޖްތައް!

ހދ. ކުޅުދުއްފުށީ ކޮންމެ ބޮޑު އީދަކު ބާއްވާ މަށިމާލި ޕެރޭޑަކީ އަބަދުވެސް މުޅި ރާއްޖެ ސަމާލުކަން ހޯދާ ޕެރޭޑެކެވެ. ވަޅު އީދު ދުވަހު ބާއްވަމުން އަންނަ މި ޕެރޭޑަށް އެތައް ޒަމާނެއްވެފައިވާއިރު މި ޕެރޭޑުން ފެނިގެން ދަނީ ކުޅުދުއްފުއްޓަށް ހާއްސަ މަށިން މާލި ހެދިގެން ތިބޭ މާލިތައް ދޭ ތަފާތު މެސެޖްތަކެވެ. ކުޅުދުއްފުށީ މީހުންގެ ސަމާސާ ފުޅަނދުތަކުން ސަރުކާރަށް ވަރުގަދަ މެސެޖްތައް ދެ އެވެ. އެއީ ވަކި ސަރުކާރެއް އޮވެގެނެއް ވެސް ނޫނެވެ. އަބަދުވެސް އޮންނަ ގޮތެވެ. އެގޮތުން މިފަހަރު ވެސް ކުޅުދުއްފުށީގެ ޝަކުވާތައް މާލިތައް ވަނީ ދައްކާލާފަ އެވެ.
"ޗޮކުން ފެރީ"ގައި ބައެއް މާލިތައް: ކުޅުދުއްފުށީ މާށި މާލި ޕެރޭޑްގައި ކޮންމެ އަހަރަކު ވެސް ސަރުކާރަށް މެސެޖްތަކެއްދޭ - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
ކުޅުދުއްފުށީގެ ހޮސްޕިޓަލަކީ ތިން އަތޮޅުގެ މީހުން ޖަމާވެ ފަރުވާ ހޯދާ ތަނެކެވެ. އެކަމަކު އެ ތަނުގެ ހާލަތު އެއާ ގާތަށް ވެސް ރަނގަޅު ނުކުރެވެ އެވެ. މި ސަރުކާރު ވެރިކަމަށް އައީ ވެސް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރު ކުރާނެ ކަމުގެ ވައުދާއެކު އެވެ. އެމްއާރްއައި މެޝިނެއް ވެސް ގެނަ އެވެ. އަދި ހިދުމަތެއް ނުދެ އެވެ. އެކަންކަން ފާހަގަކޮށް ފުޅަނދުތައް ވަނީ ނެރެފަ އެވެ. ސިއްހީ ހާލަތު ރަނގަޅު ކުރަން ސަރުކާރަށް ގޮވާލުމަށެވެ.
ކުޅުދުއްފުއްޓަށް މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ގެވަޅު ދޭނެ ބިން ހުސްވެފައިވާއިރު މީގެ ހަތް އަހަރު ކުރިން އެމްޑީޕީ ސަރުކާރުގައި ހެދި ފްލެޓްތައް ހުއްޓި އެތަންތަން ވަނީ ފަޅުވެފަ އެވެ. އެ މަންޒަރު "ގުނބޯ ދަޅަ"ގެ ނަމުގައި މާލިތައް ދައްކާލި އެވެ. އަދި ގަނުތަޅުވާ ކަމަށް ބުނެ ވެސް މާލިތައް ނުކުތެވެ. އޭގެ އިތުރަށް "އެއް އެނދުގެ ޖާގައިގެ ދެ އެނދު" ކަމަށް ބުނެ ފްލެޓްކުގެ ސައިޒަށް ވެސް މާލިތައް ނޫނެކޭ ބުންޏެވެ.
ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފެރީގެ ހިދުމަތް ފަށާނެ ކަމަށް ބުނެ މި ސަރުކާރުން ދައްކަން ފެށި ވާހަކައަށް ވެސް މާލިތައް ވަނީ ސަމާސާކޮށްފަ އެވެ. އެއީ މީގެކުރީ އެމްޑީޕީ ސަރުކާރުގައި ވެސް ދެއްކި ދަޅައެކެވެ. އެކަމަކު އެކަމެއް ނުވި އެވެ. މި ސަރުކާރުގައި ވެސް އަދި ހުސް ވާހަކަ އެވެ. އެހެންވެ މާލިތައް ބުނީ "ޗޮކުން ފެރީ" ކަމަށެވެ.
ރަށުގެ ކަންބޮޑުވުންތަކުގެ އިތުރަށް އެހެން ސަމާސާތައް ވެސް މާލިތައް ވަނީ ކޮށްފަ އެވެ. ރަށުން ބޭރު ގިނަ ބައެއްގެ ސަމާލުކަން ވެސް ހޯދީ އެކަމަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާއަށް ޓަގު ބޯޓުގައި ކުރި ދަތުރެވެ. "ބްރޯ ޓަގު" އާއި "ސޫތުކުޅި" ފެރީގައި މާލިތައް ކުޅުދުއްފުށީގެ ބޮޑު މަގުތަކަށް ނުކުތެވެ.
އަދީބުގެ އިތުރުން ކުޅުދުއްފުށީގެ ހުސެއިން އާދަމް، ޝަހީދުކޮށްލި ހަމަލާގައި އިސްކޮށް ހުރި އަބްދުﷲ ލުތުފީ ރާއްޖެ ގެނައިި ގޮތް ވެސް މާލިތަކަށް އޯކޭއެއް ނުވި އެވެ. އެހެންވެ އެކަމަށް ވެސް ސަމާސާ ޖެހުމަށް ލުތުފީ އިންޒަތުގައި ގެނައި މަންޒަރު ދެއްކި އެވެ.
މަށި މާލީގެ ހަގީގީ މާއްޔަކީ ކުޅުދުއްފުށީ ކުޅިން ނަގާ މަށި ގައިގާ ހާކައިގެން ހަދާ މާއްޔެވެ. އެ މާލިތައް ހެދެނީ މިހާރު ގިނައިން ކުޑަކުދިންނެވެ. އެމީހުން ދުންމާރީ ފުމެމުން ޕެރޭޑްގެ ފޯރިގަދަކޮށްލަ އެވެ. ތަފާތު ދުންމާރިތައް އެ މާލިތައް ގެންގުޅެ އެވެ.
މަށި މާލިތައް - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
މަށި މާލިތައް - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން